ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޭސް ސިލެންޑަރެއް ގޮވައި ހިނގި ހާދިސާގައި މަރުވި ދެ ބިދޭސީ މީހުންގެ ހަށިގަނޑުގެ ބައިތައް އާއިލާ އާ ހަވާލު ކުރުމަށްޓަކައި އިންޑިއާއަށް ފޮނުވާލައިފިއެވެ.

މިދިޔަ ހޮނިހިރު ހަވީރު ހިނގި ހާދިސާގައި މަރުވީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް ކުރާ ބިގް ފިޝް ކުންފުނީގެ ދެ ބިދޭސީ ފިރިހެނުންނެވެ. އެ ދެމީހުންނަކީ ވެސް އަވަށްޓެރި އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.

އެ މީހުންގެ ހަށިގަނޑުގެ ބައިތައް އެއްކޮށް، އިތުރު ތަހުލީލުތައް ކުރުމަށްޓަކައި ފުރަތަމަ ގެނައީ މާލެއަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެރަށުގައި ހިނގި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމަށްޓަކައި އިއްޔެ އިންޑިއާއަށް ފޮނުވާލާފައިވާ ކަަމަށެވެ.

އެރަށުން "ވަގުތު"އަށް މައުލޫމާތުދިން މީހަކު އެ ހާދިސާ ހިނގީ ސިލިންޑަރެއް ހިފައިގެން ދަނިކޮށެވެ.

"އެ ދެ މީހުން ގޭސް ފުރޮޅަމުން ގެންދަނިކޮށް ގޮވީ. ބައެއް މީހުން އެ މީހުން ގޭސްފުޅި ފުރޮޅަމުން ދަނިކޮށް ފެނުނު" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެެވެ.

މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފައެވެ. ހަށިގަނޑުގެ ގުނަވަންތައްވެސް ވަކިވެ، އެ ސަރަހައްދުން ފެނިފައިވާއިރު، ދެ މީހުންވެސް އޮތީ ކާކުކަން ވަކި ނުވާހާ ވަރުވެފައެވެ. އެގޮތުން އެކަކުގެ ބޮލެއް ނެތެވެ. ދެ މީހުންގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެެވެ.