ދައުލަތުގެ ބަޖެޓް ހިންގުމަށްޓަކައި ދަރަނި ނުވަތަ ލޯނުތައް ނެގުމުގެ ބަދަލުގައި ރިސޯޓްތަކުން ސަރުކާރަށް ދައްކަން ޖެހި ނުދައްކާ ހުރި ކުލިތައް އަތުލަން މަސައްކަތް ކުރިނަމަ މާ ރަނގަޅުވީސް ކަމަށް ޕީއެންސީގެ ސެނެޓް މެމްބަރު މުހައްމަދު ޖަލާލް ވިދާޅުވެއްޖެއެވެ.

ޖަލާލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓު ހިންގަން ދަރަނި ނެގުމަށްވުރެ، ރިސޯޓުތަކުން ނުދައްކާ ހުރި ކުލި އަތުލިނަމަ، ރައްޔިތުންނަށް ލުއިވީީސް ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، އަންނަ އަހަރުގެ ބަޖެޓު ހިންގުމަށް 17.2 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމާއި ގުޅިގެންނެވެ.

ޖަލާލް ވިދާޅުވި ގޮތުގައި ރިސޯޓްތަކުން ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ނުދައްކާ ކުލި 17 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އޭނާ ވަނީ އޮންލައިން ނޫހަކުން ޝާއިޢު ކުރި ލިޔުމެއްގެ ސްކްރީންޝޮޓެއް ވެސް ޕޯސްޓުގައި ހިމަނުއްވައިފައެވެ.

މީރާގެ 2016 އިން 2020 ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ވަނީ 21.6 ބިލިއަން ރުފިޔާ ފަހަނަ އަޅައިފަވެ. އަދި މީގެތެރޭގައި އެންމެ ބޮޑު ހިއްސާއެއް ހިމެނެނީ ރިސޯޓް ތަކުން ދައްކަން ޖެހޭ ކުއްޔެވެ. އެގޮތުން ރިސޯޓުތަކުން ދައްކަން ޖެހޭ ކުލި 17 ބިލިއަން ރުފިޔާއަށް އަރާއިރު، އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ނުލިބިހުރި އާމްދަނީގެ 78 އިންސައްތަ ހިއްސާވަނީ ރިސޯޓުތަކުގެ ކުއްޔެވެ.

ރިސޯޓް ކުލި ނުދައްކާ ވިޔަފަރިވެރިންގެ ތެރެއިން ރީކޯ މޫސަގެ ނަން ބޯހިޔާވަހިމުގެ މައްސަލައިގައި އަޑުއުފުލާ އާއްމުންގެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ. އެޖަމިއްޔާ އިން ބުނީ ރީކޯ މޫސަގެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ 51 މިލިއަން ރުފިޔާ ދައްކާފައި ނެތް ކަމަށާއި އޭގެތެރޭގައި ރިސޯޓު ބިމު ކުލީގެ ގޮތުގައި ދައްކަން ޖެހޭ 43 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

އެ ޖަމިއްޔާއިން މިހެން ބުނެފައިވަނީ ކުލި ނުދައްކާ ރިސޯޓްތަކުގެ ހުއްދަ ބާތިލް ކުރަން ސަރުކާރުން ނުވިސްނާކަމަށް ޓްއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މިދިޔަ މެއި މަހު ވިދާޅުވުމާއި ގުޅިގެންނެވެ.

މިދިޔަ އޮކްޓޯބަރމަހު މި ސަރުކާރުން ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި 49.5 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. އެހެންނަމަވެސް އިންތިހާބީ ރައިސް ވަނީ އަންނަ އަހަރަށް ހުށަހަޅާ ބަޖެޓް 49 ބިލިޔަނަށްވުރެ އިތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.