އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނީތަކާ ގުޅިގެން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރު މަޑުޖެހިފައި އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސައުދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގައި މަރުތަޅު އެޅުވި ޖަލްސާތައް ހުއްޓިފައި އޮތުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ގޮވާލާ ގަރާރަށް ބަހުސް ނުކުރެވި ލަސްތަކެއް ވަމުންދާ ކަމަށެވެ.

ސައުދު ވިދާޅުވީ މަޖިލިހުގެ ގަވައިދުތައް ހިތުހުރި ގޮތަކަށް މާނަކޮށް މަޖިލިސް ހުއްޓުވާފައި އޮތުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުންގެ މަޖިލިސް އިން ބަހުސްކޮށް ފާސްކުރަން ޖެހޭ ގަރާރުގެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށެވެ.

އަދި ހަމައެއާއެކު ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ އެތައް މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކޮށްލަމުން ސައުދު ވިދާޅުވީ މަޖިލިސް ގަވައިދުގައި މަޖިލިސް ހުއްޓާފައި ބޭއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި މަޖިލިސް ކުރިޔަށް ގެންދެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ގާނޫނުއަސާސީ އާއި މަޖިލިސް ގަވައިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލްއާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ފޮނުއްވި ގަރާރުގައި ވަނީ އިސްރާއީލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލުގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމުގެ އިތުރުން އިޒްރޭލާއި ރާއްޖެ އާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށެވެ.

އިސްރާއީލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އެ މީހުން ފައިބައި، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެން ދެން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ސައުދުގެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ހަމާސް އިން އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ވަރުގަދަ ހަމަލާއަށްފަހު ދެ ގައުމުގެ ދެމެދުގައި ބޮޑެތި ހަމަލާ ބަދަލު ކުރުންތައް ދަނީ ކުރެވެމުންނެވެ.