މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް މިރްފަތު އިސްމާއީލް ޝަފީގެ (މިރޫ) އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

"ވަގުތު" އާ ވާހަކަ ދައްކަވަމުން މިރްފަތު ވިދާޅުވީ އެމްއެންޕީން ވަކިވެވަޑައިގަތީ އަމިއްލަ ސަބަބުތަކެއް ހުރުމާއެކީގައި ކަމަށެވެ. އަދި ޕާޓީ ދޫކުރައްވައި ވަޑައިގަތީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެންޕީން ވަކިވެވަޑައިގެންނެވިތާ މިހާރު މަހެއްހާ ދުވަސްވެފައިވާ ކަމަށް މިރްފަތު ވިދާޅުވިއެވެ.

މިރްފަތު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އެއްވެސް ޕާޓީއެއްގައި ނޫން ކަމަށެވެ. ނަމަވެސް މުސްތަގުބަލުގައި ޕީޕީއެމް ނުވަތަ ޕީއެންސީން ފެނުން އެކަށީގެންވާ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވައިފައެވެ.

މިރްފަތު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރެއްވުމުގެ ވިސްނުން އެބަހުރިކަމަށާއި، ނޫން ނަމަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމަކުން ވެސް ފަހަރުގައި ފެނިދާނެ ކަމަށެވެ.

މި ފަހުން ނިމުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިރްފަތު ހުންނެވި ޕާޓީ، އެމްއެންޕީން ކޯލިޝަން ހަދާފައިވަނީ ވެސް ޕީޕީއެމް/ޕީއެންސީއާއެވެ. އެމްއެންޕީން ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. އެކަމަކު، ނާޒިމަށް އިންތިހާބުގައި މާ ރަނގަޅު ނަތީޖާއެއް ނުހޯއްދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅޮލް

    ކޮބާތަ އިންތިހާބުތެރޭ އެތަކެއް ޒުވާނުންލައްވާ ވީޑިޔޯ ހަދާފަ ދޭންޖެހޭ ލާރިކޮޅު.އަސްލުމީ ސިޔާސީ ހަށިވިއްކާ މީހުންނަކީ.

    6
    0
  2. ޙިންނަބެ

    ތިތައީ އެހާ ކަމުދާ މީހެއްނޫން ކިޔެވުންމޮޅު ނަމަވެސް ކާއުޅުނީ ހަރާމް ލާރި ބައްޕަ މަންމަގޮތް ހުންނާނެ

  3. ސަމްސިއްޔާ

    "އަމިއްލަ ސަބަބުތަކެއް ހުރުމާއެކީގައި ކަމަށެވެ" މަގާމުގެ ދަހިވެތި ކަމަކީވެސް އަމިއްލަ ސަބަބެއްތާދޯ.