ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންދުލްގައްޔޫމުގެ ދިފާއުގައި އިއްޔެ ބަންދަށް ވެސް އަދި ހައްޔަރަށް ވެސް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއްް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. ޔާމީން އާ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ފެއްޓެވީ ޕީޕީއެމްގެ ލީޑަޝިޕާ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ.

ޕީޕީއެމް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ޔާމީން އެ ޕާޓީ ދޫކޮށްލެއްވުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު އާއި ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި މި ސަރުކާރަށް އަދި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނަށް ފާޑު ވިދާޅުވަމުންނެވެ.

ޕީޕީއެމް ދޫކުރައްވާ ވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ރައީސް ޔާމީން ނިންމަވާފައިވާއިރު އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އާ ޕާޓީއާ ވަޑައިގަތުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް މި ސަރުކާރުގެ ގިނަ ވަޒީރުންނާއި ޕީޕީއެމްގެ ސެނެޓު މެމްބަރުންނާއި ބައެއް އާންމު މެމްބަރުން ވަނީ ރައީސް މުއިއްޒުގެ ފަހަތުގައި ތިބި ކަން ހާމަކުރަމުންނެވެ.

ރައީސް މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރަމުން އަސްވާޑު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ދިފާއުގައި އިއްޔެވެސް، ހައްޔަރަށްވެސް އަދި ބަންދަށްވެސް ވަޑައިގެންނެވީ ރައީސް މުއިއްޒު ކަމަށެވެ.

އަދި ރައީސް ޔާމީނާއި ދިވެހި އެންމެހާ ރައްޔިތުން ދިވެހީންގެ އަމާން ރާއްޖެ އަށް ގެންދެއްވީ ރައީސް މުއިއްޒު ކަމަށްވެސް ވިދާޅުވިއެވެ.

އަސްވާޑުގެ އިތުރުން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ އާއި ހޯމް މިނިސްޓަރު އަލީ އިހުސާނު އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލި ސައީދާއި، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ ރައީސް މުއިއްޒަށް ތާއީދުކޮށް އެމަނިކުފާނާއެކު ކުރިއަށް ވަޑައިގަތުމަށް ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮވިޑް

    ކޮން ހައިސިއްޔަތަކުންތޯ ތިޔަ މަޤާމް ލިބުނީ؟ ޕީޕީއެމް/ޕީއެންސީ އަށް އަސްވާޑު ކޮށްދިން ކަމެއް ބުނެދީބަލަ؟ ޕީޕީއެމް/ޕީއެންސީ ގެ ވެރިކަމުގަ ތި މަޤާމު ދިނީމަ ތިހެން ބުނަން މަޖުބޫރު ވާނެ ދެއްތޯ؟

    40
    2
  2. އަހްމަދު

    އަޅެ މީނަޔައް މިމަގާމު ހައްގުވޭތަ؟

    26
    1
  3. މާމީ

    ކަލޭމެނައް ހާދަ ހަޖަމް ނޫވޭދޯ.... ޖެހޭނީ ޕީއެންސީ އައް ސޮއި ކުރަން ނޫނީ ގޭގަ މަޑުކޮއްލާ

    21
    2
  4. ކޮރަލް

    ޔާމީން އަދި މިނިވަނެއް ނުވެ އެވެ. އަސްވާޑް މިއީ ކޮން ޕާޓީއަކުން އައިމީހެއް ހެއްޔެވެ؟

    32
  5. ޢަލީ

    މުއިއްޒު ހައްޔަރުވީ ބަންދު ވީ ކޮން ތަނެއްގައި؟

  6. ޢަލިބެ.

    އޭނަ އެކަންކުރި ސަބަބު އެއޮތީ މިހާރު ސާބިތުވެފަ. ދެން ރައީސް ޔާމީނަށްޓަކައޭ ކޮންމެހެން ކިޔާނެ ކަމެއްނެތް. ޢެކަން ކުރި ބަޔަކު ކުރީ އަމިއްލަ ފައިދާއަށްކަން ސާބިތު ވެއްޖެ.

  7. ޙެހެހ

    ބަލަ ކޮޅަށް ހުރި ކޮންމެ މީހަކަށްވެސް އެނގޭ ރައީސް ޔާމީން ، އިބޫ ދޫނުކުރާނެކަން ، މުއިއްޒެއްނޫން ކޮންމެ މީހަކު ހައްޔަރުވިޔަސް ، މުއިއްޒުވެސް ދިޔައީ ކަންދައްކަންވެގެން ކަންނޭނގެ ،
    ޢިބޫ މެންނަށް އެނގޭނެ ރ.ޔާމީން ދޫކޮށްލާފިނަމަ އެއްބުރުން ދާނެކަން

  8. ޢަބްދުﷲ

    ކަންކަން ކުރުމުގެ ޤާބިލްކަން ހުރި މީހެއްނަމަ، ކޮންމެހެން ޕާޓީއަކަށް ބަލާކަށް ނުޖެހޭ. އަދި ޕާޓީގައި 60 އަހަރު ވިޔަސް ތަންދޮރު ނުދަންނަ ޖާހިލު ބަޔަކަށްވެސް މަޤާބު ދޭކަން ނުޖެހޭ. މަޤާމްތައް ދޭންވާނީ އެކަމަށް އެންމެ ޤާބިލް، ތަޢުލީމާއި ތަޖުރިބާހުރި ފަރާތްތަކަށް. ވެރިކަން ދެއްވާނީ ﷲ.... އ.ހ