މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް މިއަދު ބައްލަވާލައްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދޭ މަޝްރޫއެވެ.

އެމްއޭސީއެލް އަށް ޝަރީފް ހަމަޖައްސައިފި

އެމްއޭސީއެލްގެ ޖެނަރަލް މެނޭޖަރު ހަސަން އަރީފް "ވަގުތު" އަށް ވިދާޅުވީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަމާ ޝަރީފް ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ވެސް ޝަރީފް ނުކުންނެވީ މަސައްކަތަށް ކަމަށެވެ. އެގޮތުން އެއާޕޯޓުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އާ މެނޭޖިން ޑިރެކްޓަރު ޝަރީފް މިއަދު ވީއައިއޭގެ އާ ޓާމިނަލް މަސައްކަތް ބައްލަވާލައްވަނީ. --- ފޮޓޯ: އެމްއޭސީއެލް

"މަޝްރޫއުތައް ކުރިއަށްދާ ސަރަހައްދުތަކަށް ވަޑައިގެން އެ ތަންތަނުގެ ހާލަތު ބެއްލެވި. އޭގެ ތެރޭގައި އާ ޕަސެންޖާ ޓާމިނަލާއި ފިއުލް ހިމެނޭ. އޭގެ އިތުރުން އެހެން މަޝްރޫއުތައް ހިނގަމުންދާ ގޮތް ވެސް ބައްލަވާލެއްވި،" ހަސަން ވިދާޅުވިއެވެ.

އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތަކީ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ މަސައްކަތެކެވެ. "ފިނިހަކަ" ދުވެލީގައި ހިންގަމުން އައި އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ނިންމައިފައެވެ. އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން މި އެހީ ދިނުމަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ކުރީކޮޅު އަބޫ ދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ މަޝްރޫއު ނިންމަން ސައުދީ އަރަބިއްޔާ އިން ވެސް ވަނީ 100 މިލިއަން ޑޮލަރު ދޭން ނިންމައިފައެވެ.

ވީއައިއޭ ޓާމިނަލްގެ ނިމުނީ %54، މަގާއި ޑިއުޓީ ފްރީ އޭރިއާ ހަދަން ޖެހޭ: މުއިއްޒު

މި މަހުގެ 12 ވަނަ ދުވަހު، އެއާޕޯޓު ޓާމިނަލްގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އާ ޓާމިނަލްގެ %54 މަސައްކަތް ނިމިފައިވާ އިރު އަދިވެސް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރެއްގައި ވީއައިއޭ ޓާމިނަލްގެ މަސައްކަތް ވެގެންދާނީ އެންމެ އިސްކަން ދޭނެ މަޝްރޫއަށެވެ.

ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕްގެ ފަރާތުން ހިންގާ މަޝްރޫއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ 2024 ގެ އޮކްޓޯބަރު މަހަށްދާ އިރު، އެ މަސައްކަތް ނިންމުމަށް ކަމަށެވެ. އެއާޕޯޓު ތަރައްގީ ކުރާ އިރު، މަގު ހެދުމާއި އާ ޓާމިނަލްގެ ޑިއުޓީ ފްރީ ސަރަހައްދެއް ހަދަން ޖެހޭ ކަމަށާއި މިއީ ސައުދީ ކުންފުނީގެ ސްކޯޕްގައި ނުހިމެނޭ ދެ ކަންތައްތައް ކަމަށްވާތީ އެ ކަންކަން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެލާނާ އެއާޕޯޓު ރަނގަޅަށް ބޭނުން ކުރާ ކަމަށްވާ ނަމަ، އެޕްރޮން ވެސް ބޮޑު ކުރަން ޖެހެއެވެ. ނަމަވެސް އެ މަސައްކަތް ވެސް ސްކޯޕްގެ ތެރޭގައި ހިމަނާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިބޭފުޅާގެ ވަނަވަރު ލިޔެލާފައި ނެތީ ކީއްވެބާ ؟ ތައުލީމީ ބޭފުޅަކަށް ނުވަނީބާ ؟

    6
    4
  2. އަހުމަދު

    ހިންގުންތެރި ބޭފުޅެއް.ކަސްޓަމްސް ގައި އުޅުނުއިރު ތަނުގެ ހާލަތު ރަގަޅުކޮށް ވިޔަފާރިވެރިންގެ އިތުބާރު ހޯއްދެވި ބޭފުޅެއް.އިންޝާﷲ މުއިއްޒުގެ އުއްމީދު ފުރިހަމަކުރުމަށް ހަރުދަނާ އިލްމީ ބޭފުޅެއް.

    19
    3
  3. ވާގޮނުސްކޮ

    އާއެމްޑީ އަށް މަރުހަބާ!! އުންމީދަކީ ކުންފުންޏަށާ މުއައްޒަފުންނައް އެދެވޭ ހެޔޮބަދަލްތައް ގެނެސްދެއްވާ ގިނަކުރިއެރުންތަކެއް ގެނެސްދެއްވުން. ވަކިން ކާއްސަކޮށް ކުންފުނީގެ އެކިދާއިރާގަ 30 އަދި 40އަހަރު ވަރަށްދިގުމުއްދަތެއްގަ ޚިދްމަތުގައި ދެމިތިބި މުއައްޒަފުން ގެއަގުހުރި ގިނަގުނަމަސައްކަތުގެ އަގުވަޒަންކުރައްވާނެކަމައް އުންމީދުކުރަން. ފަހަކައް އައިސް ވެތުވެދިޔަ ސަރކުކާރުން ކުންފުނީގަދުވަސްވީ މުއައްޒަފުންތިބީ ވަރަށްބޮޑައް ބާކީކޮށް އެކަހެރިކޮށްފަ ކަން ވަރަށްހިތާމައާއެކު ފާހަގަކުރަން. އަދި އޭގެއިތުރުން ސިޔާސީނުފޫޒު ތަކުން ކުންފުނިސަލާމަތް ކުރުމަކީ އިތުރައް ކުންފުނީގެ ހިންގުންހަރުދަނާ ކުރުމައް ވަރަށް ބޮޑައް ބޭނުންވާކަމެއްކަމުގަދެކެން.

  4. ޒޯރޯ

    ދޭން ބުނި ރިސްކު އެލަވަންސު ކޮބާ؟