މިވަގުތަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަ ކުރަން މަސައްކަތް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށާއި އެ މަސައްކަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ހިފަން ޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޒަކާތު ހައުސް އިފުތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތާއި ރާއްޖޭގެ ގައުމީ ބަހާތައް އިތުރަށް ވަރުގަދަ ކުރަން ޖެހިފައި އޮތް ވަގުތެއް ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ފޭރާން އަލުން ވިއަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ޒައާމަތުގައި ހުންނެވުމަކީ ދިވެހި އުންމަތަށް ނުވަތަ ދިވެހި ގައުމަށް ދަރުމަ ކުރެއްވި ވަރަށް ބޮޑު ނިއުމަތެކެވެ. މި ހާލަތަކީ ތާރީހީ ފަތް ފުށްތަކަށް ނަޒަރު ހިންގާލާ އިރު، ކޮންމެ އުންމަތަކަށް ވެސް 100 ފަހަރުން އެއް ފަހަރު އަންނަ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވަނީ-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

"ގައުމީ ފޭރާމާއި ޝަހްސިއްޔަތުން އަލުން އިއާދަ ކުރުމުގެ ފުރުސަތަކީ މިއީ. އެހެންވީމަ މި ފުރުސަތު އަޅުގަނޑުމެން ނަގާލައިގެން ނުވާނެ. އަޅުގަނޑު ދިވެހި އުންމަތުގެ ރައްޔިތުންނަށް އެދެނީ އަދި އިލްތިމާސް ކުރަނީ ރައީސް މުއިއްޒުގެ އަތްޕުޅުގައި ހިތްޕެވުމަށް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މި ގައުމުގެ ގައުމީ ސިފަތައް އަލުން އިއާދަކޮށް، ގައުމުގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަކޮށް މި ގައުމުގެ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް މި ގައުމުން ބަދަލު ހިފުމާއި ހަސަދަވެރިކަމާއި ރުޅިވެރިކަން ނެތިކޮށްލުމަށް މި ކުރެވޭ މަސައްކަތްތަކުގައި މުޅި ގައުމު އެކަތިގަނޑަކަށްވެ މިކަމުގައި ބައިވެރިވެ ރައީސް މުއިއްޒު ގައުމައިގެން ކުރިއަށް އަޅުއްވާ ފިޔަވަޅުތަކުގައި ދިވެހިން ސާބިތުވެ ތިބެން ޖެހޭނެ ކަމަށެވެ.

"ރައީސްގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މި ވުޒާރާގެ ފަރާތުން ފަސް ޖެހުމެއް ނެތި ކުރަމުން މިދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ތިއްބެވީ މި ވުޒާރާގެ ހީވާގި، މުރާލި މުވައްޒަފުން. އަޅުގަނޑު މި ފުރުސަތުގައި ހީވާގި މުވައްޒަފުންނަށް ވަރަށް އިހްލާސްތެރިކަމާއެކުގައި ޝުކުރު ދަންނަވަން." ޝަހީމް ވިދާޅުވިއެވެ.

ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝަހީމް ވިދާޅުވީ އިސްލާމް ދީނުގެ ކަންކަން ނެގެހެއްޓުމުގައި ރައީސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން އެއީ ރަން އަކުރުން ލިޔަން ޖެހޭ ފަދަ ވާހަކަތަކެއް ކަމަށެވެ.

ޝަހީމް ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް.

"އެހެންވެ މި ފުރުސަތުގައި އަޅުގަނޑުމެން އެންމެން އެކުވެރިކަމާ އެކުގައި ތިބެ ގައުމު ހަމަ މަގަށް ގެންދިއުމަށް މި ޖީލު އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށް އެންމެން އެކީގައި އަޅުގަނޑުމެން ރައީސަށް އެހީތެރިކަން ދޭން އެބަޖެހޭ." ޝަހީމް ވިދާޅުވިއެވެ.

ޒަކާތު ހައުސް އުފެދިގެން އައުމާ ގުޅިގެން ޝަހީމް ވިދާޅުވީ ޒަކާތު ހައުސް އުފެދިގެން އައީ ވަރަށް މަތިވެރި އަޒުމެއްގައި ކަމަށެވެ. މިއީ ރާއްޖޭގައި ޒަކާތަށް މީހުން ހޭލުންތެރިކަން އިތުރު ކުރުމާއި ޒަކާތާ ބެހޭ ގޮތުން އިލްމީ ދިރާސާ ކުރުމާއި ޝަރުއީ ހަމަތަކުގެ މަތިން އިސްތިސްމާރުކުރުމާއި ޒަކާތުގެ މަތިވެރި ހުކުމްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ނެގެހެއްޓުމަށްޓަކައި އުފެދިގެން އައި ތަނެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވި ގޮތުގައި މި ހިޔާވަހިކަން މުޅި ގައުމަށް ލިބިގެންދާނެއެވެ. އަދި އެކަމަށްޓަކައި މަސައްކަތްކޮށް ދެއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރަން އެއްވެސް މީހެއްގެ އަތުގައި ހިފާކަށް ނުޖެހޭނެ ! އިސްލާމްދީނުގެ ހެޔޮމަގު އޮޅުންފިލުވާ ދިނުމަކީ ދީނީ ޢިލްމް ވެރިންނަށް އޮތް ވާޖިބެއް !

    • ޢަލީ

      އަޑުއަހައި ބޯލެނބުމަކީ މާއުނދަގު މަދުންވާކަމެއް!

  2. ހުސޭނު

    އޅުގަނޑުމެން ގައުމު ހަލަބޮލިކުރާކަށް އެހީތެރިކަމެއް ނުދޭނަން. ކުރިޔަށް ރައީސް ބާރަށް ކުރިޔަށް

  3. ސުކުރީ

    އަޅުގަނޑުމެން މިތިބީ ދީނާ ގައުމުގެ ލާބަޔާ މަންފާއަށް ރ. މުއިއްޒު އަށް ރުހި ގަބޫލުވެގެން. މިކަމާ ސުވާލެއް ނެތް.