އެމްޑީޕީ ވަކި ނަމެއްގައި ރަޖިސްޓްރީ ވުމުގެ މާކުރިން އެމްޑީޕީގެ ސިޔާސީ ފިކުރު އޮތީ އުފަންވެފައެވެ. އޭރު އިދިކޮޅު މީހުންގެ ސިޔާސީ ފިކުރުގެ ގޮތުގައި ހުރި ލަންކަ ގިނަ ކަންކަން އެމްޑީޕީ އުފެދުމާއިއެކު އެމްޑީޕީއަށް ނަގުލު ވީއެވެ. ވަރަށް ޗާލު ވަރަށް އުއްމީދީ ވާހަކަތަކާއި ހަޤީޤަތްތަކާއި ސިޔާސަތުތައް ގަބޫލުކޮށް އޭގެ މައްޗަށް ބިނާވި އެމްޑީޕީން ފަހަރަކު ސިފައެއް އުނިވަމުން އުނިވަމުން އައިސް އެންމެ ފަހުން ރައްޔިތުންގެ ވެރިންގެ ގޮތުގައި އަވަށު ފެންވަރުގައި ރަށު ފެންވަރުގައި އަދި ގައުމުގެ ފެންވަރުގައި ވެސް ތިބޭނީ ރައްޔިތުން އިންތިޚާބު ކުރާ ބަޔަކު ކަމަށް ގަބޫލުކުރި ވިސްނުން ވެސް އެމްޑީޕީ ދޫކޮށް ދަނީ ހެއްޔެވެ؟

މިއަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތާވަލް ކޮށްފައި ވަނިކޮށް ރާއްޖެ ވެސް ހިމެނޭހެން މުޅި ދުނިޔެއަށް ކުރިމަތިވީ އެހާލަތުގައި އިންތިޚާބު ފަސްކުރަން ޖެހޭނެ ބޮޑު މުސީބާތެކެވެ. ނަމަވެސް މިހާލަތުގައި ވެސް ދުނިޔޭގެ އެތައް ގައުމެއްގައި އިންތިޚާބު ބާއްވައިފިއެވެ. ކޮވިޑް-19 ހާލަތުގައި އެމެރިކާ އާއި ދެކުނު ކޮރެއާ ފަދަ އެއްވަނަ ދުނިޔޭގެ ގައުމުތަކުގައި އިންތިޚާބު ބޭއްވި ވާހަކަ ދައްކާނެ ކަމެއް ނެތެވެ. އެގައުމުތަކާއި އެއްފެންވަރުގައި އިންތިޚާބުތަކެއް މެނޭޖްކޮށް ކުރިއަށް ގެންދިއުން އެއީ އާއްމު ހާލަތުގައި ވެސް އަދި ރާއްޖެ އަށް ނުކުރެވިދާނެ ކަމެކެވެ. ނަމަވެސް އެންމެ އަވައްޓެރި ސްރީލަންކާގައި ވެސް ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކޮށްފައި އެވަނީ އަދި މިއަށްވުރެ ވެސް ދަތި ހާލަތުގައެވެ.

ދިމާވި ހާއްސަ ހާލަތުގެ ސަބަބުން ކައުންސިލްތަކުގެ ދައުރު ދިގު ކުރި ނަމަވެސް ހަޤީޤަތުގައި އެމްޑީޕީ އިން ޤާނޫނަށް ގެނައި އިސްލާހްތަކުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތް މިހާރު ވަނީ ހުއްޓިފައެވެ.

ކައުންސިލްތަކުގެ ނިމުމެއް ނާންނަ ގޮތައް ދިގު ދަންމާލުމަށް ފަހު "އެޓޯލްސް މިނިސްޓްރީގެ އުސޫލުން" ކައުންސިލްތައް ހިންގަމުންދާތާ އަށެއްކަ މަސްދުވަސް ވީއެވެ. ކައުންސިލްތަކުގެ ގިނަ ބާރުތަކެއް މިހާރު އޮތީ ލޯކަލް ގަވަރްމެންޓް އޮތޯރިޓީގައެވެ. ކައުންސިލަކަށް ހަޤީޤަތުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

2017 ވަނަ އަހަރު އޭރު ވެރިކަމުގައި އޮތް ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާއި ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރިއެވެ. އެކަމާއި ގުޅިގެން އެމްޑީޕީ އިން އެއަހަރުގެ ފެބްރުއަރީ މަހު ނެރުނު ބަޔާނެއްގައި ބުނީ "ޕީޕީއެމް އިން އިންތިހާބަށް ތައްޔާރު ނުވެވުމުގެ ސަބަބުން ދައުލަތުގެ މުވައްސަސާތައް ނަހަމަގޮތުގައި ބޭނުންކޮށް ގާޤާނޫނުގައިވާ ތާރީހަށް ކައުންސިލުތަކުގެ އިންތިހާބު ނުބާއްވައި، އެކިފަހަރު މަތިން ލަސްކުރަމުންދާ ދިއުމަކީ ކެންޑިޑޭޓުންނާއި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބުމުގެ ހައްގަށް އަރައިގަތުން." ކަމަށެވެ.

ނަމަވެސް މިއަދު ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވުމަށް އެއްވެސް ވަރަކަށް އެމްޑީޕީ އިން މަސައްކަތް ކުރާ މަންޒަރެއް ނުފެނެއެވެ. އެމްޑީޕީގެ އުސޫލުތައް ދިފާއުކޮށް އެއުސޫލުތަކުގެ ވާހަކަދައްކާ އަޑެއް މިއަދަކު ނީވެއެވެ. ކައުންސިލް އިންތިޚާބު ބޭއްވިދާނެ ހަނި ފުރުސަތެއް އޮތްތޯ ބަލަން ވެސް އެމްޑީޕީ އިން މަސައްކަތެއް ނުކުރެއެވެ.

ކައުންސިލްތައް އަލުން އިންތިޚާބު ކުރުމާއިއެކު އިތުރު ބާރުތަކެއް ކައުންސިލްތަކަށް ލިބިގެން ދާނެއެވެ. ލާމަރުކަޒީ ނިޒާމުގެ "ބަލަދުވެރިޔާ" ކަމަށް ދައުވާކުރާ އެމްޑީޕީ އާއި އެމްޑީޕީގެ ސަރުކާރުން ކައުންސިލް އިންތިޚާބު އަވަހަށް ބާއްވަން މަސައްކަތްނުކޮށް ހޭދަވާ ކޮންމެ ދުވަހަކީ މަރުކަޒީ ސަރުކާރެއްގެ ދަށުން އަދިވެސް ރަށްތައް ހިންގަން މިސަރުކާރުން ވެސް ބޭނުންވާ ކަމުގެ އިތުރު ހެއްކެކެވެ.

ރައްޔިތުން މަޖިލީހުގައި މިމަހުގެ 06 ވަނަ ދުވަހު ވާހަކަދައްކަމުން އެމްޑީޕީ އަށް ނިސްބަތްވާ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް ވިދާޅުވީ ކައުންސިލް އިންތިޚާބު ލަސްކުރުން އެއީ އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ގަބޫލުކޮށް ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ. އެގޮތަކީ ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގައިގެން ނަމަވެސް މިހާރު ކުރަން ޖެހިފައި އޮތް ކަމެކެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ތެރޭގައި ދިމާވި ކަންތައްތަކާއި ގުޅިގެން އިންތިޚާބު ލަސްވެ، އޭރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ދައުރު ނިމުނު ފަހުން ހަދުވަހު ވެރިކަމުގައި ހުންނެވިއެވެ. އޭރު އެމްޑީޕީ އަށް އެއީ ވަރަށް ބޮޑު މައްސަލައަކަށް ވިއެވެ.

ކައުންސިލް އިންތިޚާބު ޤާނޫނު އަސާސީގައި ނެތް ފުރުސަތެއްގެ ދަށުން ދިގު ދެމިގެން ގޮސް ދައުރަށް އިތުރު އަހަރެއް އިތުރު ވެގެން ދިއުމަކީ ނުރައްކާތެރި ރަނގަބީލެކެވެ. ރިޔާސީ އިންތިޚާބު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިފަދަ ގޮތަކަށް ފަސް ކުރުމުގެ ވިސްނުން ވެރިކަމުގައި ތިބި ބަޔަކު ނުވަތަ ވެރިކަމަށް އަންނަ ބަޔަކު ކުރިއަށް ނެރެފިނަމަ އެކަމުގެ ނަތީޖާ ވަރަށް ބޮޑަށް ގޯސްވެގެން ދާނެއެވެ. އޭރުން އެއީ ޑިމޮކްރަސީގެ ނަމުގައި ހުދުމުހާރު ވެރިކަމެއްގެ ފެށުން އައީކަން ކަށަވަރެވެ.

މިއަދު ވަހީދު ދައުރު ހަމަވި ފަހުން ވެރިކަމުގައި ހުރުމާއި ކައުންސިލްތަކުގެ ދައުރު ނިމުމެއް ނެތް ގޮތައް ދިގު ދެމިގެން ދިއުމާއި އެއްވެސް ތަފާތެއް ނެތެވެ. މިއަދު އޮތް ހަމައެކަނި ތަފާތަކީ އެދުވަހު އެމްޑީޕީ އަށް ވަހީދު ގޯސްވެފައި ވަހީދުގެ ނިންމުންތައް ވެސް ގޯސްވުމެވެ. ނަމަވެސް މިއަދު ކައުންސިލް އިންތިޚާބު ފަސްކުރަން އެމްޑީޕީ އިން ބޭނުން ވުމުން އެމްޑީޕީ އަށް އެއީ ޑިމޮކްރަޓިކް އުސޫލަށް ފެތޭ ނިންމުމަކަށް ވީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަލޯ

    އިންތިހާބެއްތަ! ތިޔަ ހުރި ލާރިކޮޅުވެސް ބަހައްޓަބަލަ! އަޅު މާލޭގައި ވެރިން ތިބީމަ ހުރިހާ ކަމެއް ނިންމޭނެ! ނޯ ނީޑް ބޭކާރ ބޯސް އެޓް ރާއްޖެތެރެ!

    8
    3
  2. އަބްޝީ

    ގިނަ ކައުންސިލް ތަކުގައި ތިބީ ލަޓޯފަޓޯއިންނާއި އަސްލެއް އުސޫލެއް ނުދަންނަ ސަންގޯރުން! ރައްޔިތެއް، ޙައްޤެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް، ޤަވާޢިދެއް، ޤާނޫނެއް ނުދަންނަ ބަޔަކު ބައިތިއްބައިގެން ހިންގޭނީ ކޮން ކައުންސިލެއްތޯ؟ބޭކާރު ބަޔަކަށް އިސްރާފު ކުރާނެ ކަމެއް ނެތް!!!

    16
  3. މިސޮރު

    ޢަބްޝީ ހީކުރީ މާލޭގައި ވެރިކަން ކުރަން ތިބީ ކޮންކަހަލަ ބައެއް ކަމަށްތޯ...ތިބުނާ ލަޓޯފަޓޯ ގާނޫނެއް ގަވައިދެއް ނުދަންނަ މީހުން ތިބީ...ތިމާ ގެ ބައި ދިފާއު ކުރަން އަނެއް މީހާ ދެރަކޮށްލުމުގެ އުސޫލު ނެތިގެން ނުގޮސް ތަރައްގީ ކުރާނެ ގޮތެއް އޮވޭތޯ...އެންމެ ޖާހިލިއްޔަތުގެ ނާތަހުޒީބު ގޮތްތައް، ބަދަލު ހިފުމާއި ނިކަމެތިން ނިކަމެތި ކުރުމާއި ނިކަމެތިންގެ ފައިސާ އާއި މުދާ ނުހައްގުން މަޖްބޫރުން ފޭރުމާއި އަޅުވެތި ކުރުމާއި ރިޝްވަތު ނެގުމާއި މިހެންގޮސް ނާތަހުޒީބުގޮތެއް އޮތިއްޔާ ހުރިހާ ގޮތެއް މިގައުމުގައި އެބަ އޮތެވެ...
    މި ގައުމުގެ ގާނޫނު އަސާސީ އިން ގާނޫނުތަކާއި ގަވާއިދުތަކާއި ވެރިންނާއި ވަޒީރުންނާއި މަޖްލިސްވެސް އެއީ ބާތިލް ގެ ގޮތުގައި ސާފުކޮށް ކަނޑައެޅިފައިވާ އިރުވެސް އަބްޝީ ބާތިލަށް ރުހިގެން ތިހުރީ ގާނޫނު އަސާސީ އެނގޭ މިންވަރުގެ ބޮޑުކަމުންތޯ...ގައުމުގެ އަމަންކަމާއި އިޖްތިމާއީ ފޭރާންް ނެތިގެން ގޮސް ހުދު އަބްޝީ ވެސް ރައްކާތެރި ކަމެއް އިންސާފެއް ނެތި ތިހުންނަނީ ގާނޫނު އަސާސީގައި އެގޮތަށް އޮތީތޯ...އެހެން މީހުން ސިނކުޑިން ދުނިޔެ ދެކި ތިމާގެ ސިނކުޑި ރަންކުރުމުގައި ހިޔާލީ ފޮލާ ކަންކަން ތިއުޅެނީ ވެސް ގާނޫނު އަސާސީގެ ކޮން މާއްދާއެއްގެ ދަށުންތޯ...
    ގުދޯ ގުދޯ

    8
    1
  4. މލ

    2023 އިންތިޚާބުވެސް ދެން ނުބާއްވާނެއެވެ މިއީ އެންމެ
    ވަރުގަ ދަ ޑިމަކްރަސީ ކޮޅުމައްޗެވެ .