ޓްއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް އަލީ ވަހީދުގެ މައްޗަށް ޓްއަރިޒަމް މިނިސްޓްރީގެ 13 މުވައްޒަފަކު ކުރި ޝަކުވާތަކަކާއި ގުޅިގެން "ވަގުތުން ވަގުތަށް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވަޅު އަޅުއްވާ އޭނާ ވަޒީރު ކަމުން ދުރުކުރީއެވެ. އޭގެ ކުރިން ލީކްވި އޯޑިއޯތަކެއްގައި އަލީ ވަހީދު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއަށް ފުރައްސާރަކޮށް އެކަމަނާއާއި ގުޅޭ ގޮތުން ދައްކާފައި ހުރި ވާހަކަތައް މައްސަލައަކަށް ނުވިނަމަވެސް ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ޝަކުވާ ރައީސް ސޯލިހް އަޑުއައްސަވާ، ފިޔަވަޅު އެޅުއްވުން ލަހެއް ނުކުރެއްވިއެވެ.

ނަމަވެސް އަލީ ވަހީދު ވަޒީރު ކަމުން ވަކިކުރުން އެއީ ރައީސް ސޯލިހަށް ވަގުތާއި ހާލަތުގެ ޖަޒުބާތުގައި ޖެހިވަޑައިގެން ނިންމެވުނު ނިންމެވުމެއްހެން ހީވާ ދަރަޖައަށް އޭގެ ފަހުން ކިތައްމެ ކަމެއް ހިނގައިފިއެވެ. "އަލީ ވަހީދަކީ ސިޔާސީ މުސަތަގުބަލެއް އޮތް ކުޅަދާނަ ޕޮލިޓީޝަނެއް" ކަމަށް ރައީސް ސޯލިހް ހަމައެކަނި ވިދާޅުވީކީ ނޫނެވެ. އަލީ ވަހީދުގެ މައްޗަށް ސީރިއަސް އެތައް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އޭނާ ރާއްޖެ ދޫކޮށް ދިއުމަށް ފުރުސަތު ފަހިކޮށްދީ، އަދި އެނބުރި ރާއްޖެ ނައިސް ކުށުން ބަރީއަ ވެވޭނެ ގޮތްތައް ވެސް ދައުލަތުގެ ވުޒާރާތަކުން ނިކަން ފަސޭހައިން ހަމަޖެހިގެން ދިޔައީއެވެ.

އަލީ ވަހީދު ރާއްޖެ ނައިސް ޝަރީއަތް ކުރިއަށް ގެންދިއުމުގެ މަސައްކަތަކީ ވަރަށް ބޮޑަށް ރޭވިގެން ވަކި މީހަކު، ވަކިގޮތަކަށް "ސްކްރިޕްޓް ލިޔެ ޑައިރެކްޓްކޮށް، އެކްޓް ކުރަމުން" ގެންދިޔަ ފިލްމެކެވެ. މައްސަލަ އެއްކޯޓުން އަނެއް ކޯޓަށް، ހުށަހެޅުމަކުން އަސްލު މައްސަލައަށް ލިބުނު ހައްލެއް ނެތެވެ. ފެންނަމުން ދިޔައީ މަތި އޮމާން ކުރުމާއި ރައްޔިތުންނަށް އޮޅުވާލުމެވެ. ހަގީގީ މަގުސަދަކަށް ވެފައި އޮތީ ވީހާވެސް ގިނަ ދުވަހު އަލީ ވަހީދަށް އިނގިރޭސިވިލާތުގައި ހުރެވޭނެ މަގު ތަނަވަސް ކޮށްދިނުންހެން ހީވާ ދަރަޖައަށް ކަންތައްތައް އޮތީ ގޮސްފައެވެ.

ދެން އުފެދޭ ސުވާލަކީ އަލީ ވަހީދު ރާއްޖެ ނައިސް ބޭރު ގައުމެއްގައި ގިނަ ދުވަސްތަކެއް ހުރުމުން ލިބެން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ހަނދާން ކުރާށެވެ. މިއީ ދިވެހިރާއްޖެއެވެ. ހެއްކަށް ނުފޫޒު ފޯރުވުމާއި، ހެކި ބަދަލުކުރުމާއި، ދޮގު ހެކި ދިނުމާއި، ފުލުހުންނަށް ދޭ ބަޔާން ކޯޓުގައި އެކޮޅުކޮޅުން ޖެހުން އެއީ މިދިވެހިރާއްޖޭގައި ކޮންމެ ދުވަހަކު ވެސް ހިނގަމުންދާ ކަންކަމެވެ. އެކަންކަން ކުރަން އަލީ ވަހީދު ބޭނުންނަމަ އެކަން އެއީ ނުކުރެވޭނެ ކަމެއްކަމަށް ބުނުމުގެ ޖާގައެއް ނެތެވެ. މުޅި ދައުލަތުން އެވަނީ އެމަގަށް ކަންތައްތައް ކުރުމަށް ޝަރީއަތް ލަސްކޮށްދީފައެވެ. އަލީ ވަހީދަށް "ރެޑީ ވެވުނު ދުވަހަކުން" މައްސަލަ ކުރިއަށް ގެންދަން މައްސަލަ އޮތީ ޕާކް ކޮށްފައެވެ. ނަމަވެސް ރައްޔިތު މީހާ އަށް ފެންނަނީ މައްސަލަ ކުރިއަށް ނުގެންދެވިގެން ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެއްކޯޓުން އަނެއް ކޯޓަށް ވަޑައިގަންނަވާ މަންޒަރެވެ.

އަލީ ވަހީދު ބޭނުންވާ ގޮތަށް ފިލްމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުންނާއި ހުރިހާ މުއައްސަސާއެއްގެ ވެރިން މަސައްކަތް ކުރަމުން ދަނިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ހުކުމެއް ވެސް އިއްވައިފިއެވެ. އެއާއިއެކު އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީއަށް އެދޭ ވާހަކައެއް ވެސް ފުލުހުން ދައްކަވައިފިއެވެ. ނަމަވެސް ކަށަވަރުވާ ކަމަކީ މިލިޔުން ލިޔަމުން ދާއިރު އަދި މިހާތަނަށް އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލް ރެޑްނޯޓިސް އެއް ނެތެވެ.

އިއްޔެ އަލީ ވަހީދު މިވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކުރީ އިނގިރޭސިވިލާތުގައި ހުރުމަށް ދޫކޮށްފައި އޮތް ވިސާގެ މުއްދަތު ހަމަވުމުންނެވެ. އެންމެ ޝައުގުވެރި ކަމަކީ އަލީ ވަހީދު ހައްޔަރު ކުރުމުގެ ހައެއްކަ ގަޑިއިރު ކުރިން އޭނާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަން އިއުލާން ކުރުމެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމާއި، ރައީސް ސޯލިހާއި އަދި ދައުލަތުގެ އެންމެ އިސްވެރިންގެ ގިނަ ވާހަކަތަކެއް ހިއްސާ ކުރާނެ ކަމަށް އަލީ ވަހީދު އޭނާގެ ގާތް ބޭފުޅުން އަރިހު ވިދާޅުވެފައިވާ ކަމަށް ވެއެވެ.

އަލީ ވަހީދަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ހޭވި ހުރިހާ ހަޑިއެއް އެންމެ ގާތުން ފެނުނު އެއްބޭފުޅާއެވެ. އެހުރިހާ ކަމެއް ރޭވުމުގައި ބައިވެރިވެ، "ސިޗްއޭޝަން ރޫމްގައި" އަބަދުވެސް އިންނެވި ބޭފުޅެކެވެ. އެހެންކަމުން އަޅުގަނޑުމެން އާދައިގެ ރައްޔިތަކަށް ނޭނގޭނެ ކިތައްމެ ކަމެއް އަލީ ވަހީދަށް އެނގިވަޑައިގަންނަވާނެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާތައް ބެހިގެން ދިޔަ ގޮތާއި އެފައިސާތަކުގެ މަންފާ މިހާރު ސަރުކާރުގެ ވެރިންނަށް ތިބި މީހުންނަށް ކުރި ގޮތް އަލީ ވަހީދަށް އެނގިވަޑައިގަންނަވާނެއެވެ. އެމްއެމްޕީއާރްސީގެ ފައިސާތަކުގެ ބޮޑު އިންސައްތައެއް ލިބުނު އެތައް ބަޔަކު ޔޫރަޕްގެ ގައުމުތަކުގައި ތިބިއިރު އެމީހުންނަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ދެމުން ގެންދިޔަ ލަފާތައް ވެސް ވަރަށް ސާފުކޮށް އަލީ ވަހީދަށް އެނގިފައި އޮތުން ގާތެވެ.

ރައީސް ކަމުގެ މަގާމުގައި ޔާމީން ހުންނަވަނިކޮށް މެޖިސްޓްރޭޓް ކޯޓަކުން އަމުރެއް ނެރެގެން ޔާމީން ހައްޔަރު ކުރަން ވެގެން ހިނގި ނާކާމިޔާބު އޮޕަރޭޝަން ރާވައި، އެއޮޕަރޭޝަން ކުރިއަށް ގެންދިޔައިރު ދެން ނިކުންނާނެ ނަތީޖާއެއްގެ އިންތިޒާރުގައި ތިބި ސިޔާސީ ލީޑަރުންގެ ތެރޭގައި ވެސް އަލީ ވަހީދު ހިމެނޭނެއެވެ.

އޭގެ ފަހުން 2018 ފެބްރުއަރީ 01 ވަނަ ދުވަހު ޔާމީންގެ ސަރުކާރު ނޭވާ ހޮޅިއަށް އެޅުނު ސުޕްރީމް ކޯޓުގެ އަމުރުގެ ހުރިހާ ކަމަކީ ވެސް އަލީ ވަހީދަށް ވެސް އެނގިގެން، ހުރިހާ މަޝްވަރާއެއް ކުރެވި، ލިޔެވިގެން ދިޔަ އަމުރެއްކަން ވަރަށް ބޮޑަށް ސާފެވެ. އެއަމުރު ނެރުމަށް ހަރަދު ކުރި ފައިސާގެ އަދަދާއި، އެފައިސާތައް ބެހިގެން ދިޔަ ގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހުންގެ ތެރޭގައި އަލީ ވަހީދު ހިމެނުން ވަރަށް ގާތެވެ.

މިހުރިހާ ކަމަކާއި، އަދި އަޅުގަނޑުމެންނަށް ނޭނގޭ އެތައް ކަމެއް އަލީ ވަހީދަށް އެނގިފައި އޮތުމުން އޭނާ "އޮރިޔާންކޮށް ހަވަރަށް" ދިނުމުގެ ކުރިން އޭނާ ނިކުމެ ދައުލަތް "އޮރިޔާން ކޮށްލުމަކީ" ވެދާނެ ކަމެކެވެ. ނަމަވެސް އެފަދަ ފުރުސަތެއް ސަރުކާރުން ނުދޭނެކަން ވަރަށް ސާފެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ތަހްގީގް ހިންގި އެމްއެމްޕީއާރްސީގެ މައްސަލަ އަށް ބަލާއިރު އޭނާ އާއި ދެކޮޅަށް ހުރި ހެކިތަކަކީ އެމައްސަލައިގައި ދެން ހިމެނޭ މީހުންގެ މައްޗަށް ވެސް ހުރި ހެކިތަކެވެ. ނަމަވެސް މަހްލޫފް މައްސަލަ އިން ސަލާމަތް ވާން ކުރަން ޖެހުނީ އެންމެ ކަމެކެވެ. އޭނާ ވިދާޅުވީ "އަޅުގަނޑުގެ މައްޗަށް ދައުވާ ކޮށްފިނަމަ މުޅި ދައުލަތް އޮރިޔާން ވާނެ." ކަމަށެވެ. އެއާއިއެކު ސީދާ ރައީސް އޮފީހުން މައްސަލައިގެ ތަހްގީގުގެ ތެރެއަށް އަތް ބާނައިގެން މުޅި މައްސަލަ އަނބުރާ ލައިފިއެވެ. ފާއިތުވެގެން ދިޔަ ވިއްސަކަށް އަހަރު ތެރޭގައި ވެސް ރައީސް އޮފީހުން މިހައި ފާޅުކަން ބޮޑު ގޮތެއްގައި ތަހްގީގު ކުރަމުންދާ މައްސަލައެއްގެ ތެރެއަށް އަތް ބާނައިގެން މައްސަލައެއް އަނބުރާލާ، އެކަން އާއްމުކޮށް އިއުލާން ކޮށްފައެއް ނެތެވެ.

މަހްލޫފްގެ މައްސަލައިގައި ކަންތައްތައް ވެގެން ދިޔަ ގޮތަށް ބަލާއިރު ދައުލަތުގެ ވެރިން އޮރިޔާން ވުމުން ސަލާމަތް ވުމަށްޓަކައި އަލީ ވަހީދު ހައްޔަރު ކުރުން އެއީ ނުކޮށް ދޫކޮށްލަފާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އަލީ ވަހީދު ރާއްޖެ ގެނައުމަކީ ދިވެހި ސަރުކާރަށް އެއްވެސް ކަމެއް ނޫނެވެ. އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ އިސް ލީޑަރުންނާއި އެމްޑީޕީގެ އިސް ލީޑަރުންނާއި ދެމެދު އޮތް ގުޅުން އެއްވެސް މީހަކަށް އޮޅިފައެއް ނެތެވެ. ކޮންމެ ދުވަހަކު ރަހުމަތްތެރިން ވާހަކަދައްކާ މަޝްވަރާ ކުރާ އުސޫލުން ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި މަޝްވަރާ ކުރެވޭނެ މާހައުލެއް އެބައޮތެވެ.

މިކަންކަން މިހެން އޮތުމުން އަލީ ވަހީދު ރާއްޖެ ނުގެނެސް ހުރި ސަބަބު ވަރަށް ސާފެވެ. އިއްޔެ އަލީ ވަހީދު ހައްޔަރު އެކުރީ "މައިތިރިވެގެން ހުންނާށެވެ." ނުކިއްސަރު ފިޔަވަޅެއް އަޅައިފިނަމަ ދެން ސަލާމަތެއް ނުވާނެއޭ ބުނެ އިންޒާރު ދޭން ކަމަށް ބެލެވެއެވެ. އަދިވެސް އޭނާ ރާއްޖެ ނުގެނެސް ދޫކޮށްލުން އެކަށީގެންވެއެވެ. އެއީ ދިވެހި ދައުލަތް އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އޮތުމުންނެވެ.

ސިޔާސީ ކުޅިވަރަކީ ރީތި ކުޅިވަރެއް ނޫނެވެ. ސިޔާސީ ޑީލްތައް ހަދައިގެން އެކުވެރިން ސަލާމަތްކޮށް، މައުސޫމް މީހުން ވޭނާއި އަނިޔާގައި ދުވަސްތައް ހޭދަކުރަން ޖެހެއެވެ. މިކަމަކަށް ނިމުން އައުމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ސުރުޚީގައި ތިޔަގޮތަށް ސުވާލުނުކުރަންވީ! ހަމަ ޙަޤީޤަތުގައިވެސް ބިރުގަތީ! މަޚްލޫފްވެސް ކުށުންބަރިއަވަންވެގެން ބުނިއެތި ޢަލީވަޙީދު އެ ބުނީ!

    26
  2. Anonymous

    ކުރީ ސަރުކާރު ނިމުމަކަށް އައިއިރު އެއިރުގެ އިދިކޮޅު ބައިގަނޑު ކަންތައް ހިންގަމުންދިޔަގޮތަށް ބަލާއިރު ވަރަށް ތެދު މައުލޫމާތެއްކަމަށް ބެލެވޭ، ނަމަވެސް ވޯޓު އޮޅުވައި މަކަރުހަދައިގެން އިބޫސާލިހު ވެރިކަމަށް ގެންނަން އީސީ ޝަރީފު ޓީމުގެ ބަނޑަށް ކޮރަޕްޝަން ފައިސާފުނިތަކެއްއަޅާ ފުރާލިގޮތުގެވާހަކަ މި މައުލޫމާތުގައި ހިމަނާފައި ނުވާތީ ހަނދާންކޮށްލަދެން، އެކޮރަޕްޝަން ފައިސާފުނިތަކުގެ ދަރަނި އަދާކުރުމަށް އިންޑިއާއަށް މިގައުމު ދީފައިވަނީ.....

    26
    1
  3. ސަންފައްތަ

    އެއްވެސް މީހަކަށް ދައުލަތެއް އޮރިޔާމެއް ނުކުރެވޭނެ. ދައުލަތުން ގޯސްކަމެއް ނުކުރާނެ. ކަންކަން ކުރަނީ ސަރުކާރުން ސަރުކާރު ހިންގަން ތިބޭ މީހުން.
    ކޮންމެ މީހަކު މާ ފުއްޕާފަ ދައުލަތް އޮރިޔާންކޮށްލަފާނަމޭ ބުނަނީ ކީއްވެ؟ ކުރިން އެފަދަ ކަންކަން އެނގިހުރެ ސިއްރުކޮށްގެން ހުންނަނީ ކީއްވެ؟ ތިމާ ވަޒީފާއިން ވަކިކުރީމަ ދެން ޒާތްޒާތުގެ ވާހަކަ ދައްކައި ބިރުދައްކަން މިއުޅެނީ ތިމާއަކީ މާ ތެދުވެރި އަމާނާތްތެރިއެއްކަމަށް މީހުން ދެކޭނެ ކަމަށް ހީކޮށްގެންތަ؟ ތިޔަ މަކަރުވެރިކަމުގެ ދަށުގައި ފޮރުވިފައި އޮންނަނީ ހަމައެކަނި އަމިއްލަ އެދުން.

    16
    3
  4. ވަގުތު ލަވަރ

    އޮރިޔާމުން ހުރި މީހަކު މިއުޅެނީ ދައުލަތް އޮރިޔާން ކުރަން

    17
    2
  5. ޒާ

    އާދަމް ނަވާޒަކީ ވަރަށް ކުޅަދާނަ ލިޔުން ތެރިއެއް. މިފަދަ ލިޔުންތައް ލިޔާތީ ނޫސްވެރިކަން މިވަނީ ދައުލަތުގެ 4 ވަނަ ބާރަށް. މީ ހަގީގީ ނޫސްވެރިންނަކީ އަދި ހަގީގީނޫސްވެރިކަމަކީ. ސާބަސް.

    36
  6. މުބީން މާރނީ

    ޢަލީ ވަޙީދު ގެ ޝަރިއްޔަތް ސިއްރު ކޮށްގެން މިއީ ކޮންކަމެއް ؟ ވެކްސިން ގަތް އަގު ވެސް ސިއްރު ކޮށްފަ. މިއީ ކޮންކަހަލަ ސަރުކާރު ހުންނަނީ ؟

  7. ދިދަ ދަނޑި

    އޮރިޔާން ނުވާ އެކަކުވެސް ނެތް؟؟؟ މޮޅެތި ވާހަކަ ދައްކަން އުޅޭނެ ކޮންމެ މީހަކު.. ހިތުން މީނަވެސް މީ ހުދުފޮތި ފޭއްޔެއް… ލޮލް

  8. ހަޖަމު ކުރަން ދަސްކުރޭ

    ހައްދުފަހަނައަޅާފަ ތިބި މީހުންގެ ކެޓަގަރީއަށް މި ބައިގަނޑު ނުފެތޭނެ ހަމަ އެއްގޮތެއްވެސް ނެތް. ހައްދު ފަހަނައަޅައި ދަނީ ހަމަ އެންމެ ބައެއް، އެއީ ދީނަށް އުޅޭ މީހުން. ސިޔާސީ ބައިގަނޑުތަކަށް ހަލާކުހުރި.

  9. މީމު

    އެޖެންޑާ 19 އާއި އެ ފެންޑާ19 މި އުޅެނީ! މި ފިލްމު އިންޑިޔާނު ޕްރޮޑިއުސަރ އަކީ! ރައްޔިތުމީހާ ގާތަށް ވޯޓު ކޮޅު ގަންނަށް ރަންބިސް ހިގާގެން އަންނާނެ މިބައިގަނޑު! އަލުންވެސް ހޮވަންވާނީ! ރައްޔިތުންނަށް ހެޔޮވެރިކަމެކޯ އެ ކޮށްދެނީ! 2023 ގައި މި ބައިގަނޑު އޮޔާލާދެއްާނެ ވެރިޔަކަށް އަހަރެމެން ގެ އަތޮޅުން ނުކުްނާނީ!

  10. ވާނުވާ

    ސަރުކާރު ބަރަހަނާވާވަރުގެ ސާމާނު އަލީ އަތުގައި ހުންނާނެ ، ބިރުން ހައްޔަރުކުރީ .ވައްރޮށި އިބުރާހީމް ވަރަށް ބިރުގަންނާނެ. ނަހުލާޔަށްވެސް އެންޓަނާދައްކަން ކެރުނީ އަލީއަށް .އަލީއަށް ވާނެ