މުދައްރިސުން ނުވަތަ އެދުރުންގެ އަގުވަޒަން ކުރުމަކީ މުޖުތަމައުގެ ވާޖިބެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

އެގޮތުން ހުތުބާގައި ބުނީ މުދައްރިސުންނަކީ ދަރިންނަށް ރަނގަޅު ތައުލީމާއި ތިވެތި އަހުލާގު ދަސްކޮށްދޭ ދެވަނަ ފަރާތްތަކަށް ވުމުން އެމީހުންގެ އަގު ވަޒަން ކުރުމަކީ ފަރުދީ ވާޖިބެއް ކަމަށެވެ.

"ދަރިންނަށް ރަނގަޅު ތައުލީމާއި ތިވެތި އަހުލާގު ދަސްކޮށްދީ އޭގެ މަތީގައި ދަރިންގެ ސިނކުޑިތަށް ތަރުބިއްޔަތުކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާ ދެވަނަ ފަރާތަކީ މުދައްރިސުންނެވެ. އެހެންކަމުން އެބައިމީހުންގެ އަގު ވަޒަންކުރުމަކީ މުޅި މުޖުތަމައުގެ ވާޖިބެކެވެެ"

އަދި އިލްމުވެރިންނާއި އެދުރުންގެ ދަރަޖަ މަތިވެގެންވާ ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ. ރަސޫލާ މުހައްމަދުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޡް ކުރައްވާފައިވެއެވެ.

"އަދި ހަމަ ކަށަވަރުން އިލްމުވެރިޔާއަށް އުނޑުގައިވާ ( މަލާއިކަތުންނާއި) ބިމުގައިވާ އެންމެހާ މަހުލީގުތަކުންނާއި ކަނޑުގައިވާ މަސްމަހާމެހި އިސްތިޢުފާރު ކުރަތެވެ. އަދި ހަަމަ ކަށަވަރުން އަޅުވެރިޔާގެ މައްޗަށް އިލްމުވެރިޔާ މާތްވެގެންވަނީ ސާދަވިލޭރޭގެ ހަނދު އެންމެހާ ތަރިތަކުގެ މައްޗަށް މާތްވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން އިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިސުންނެވެ"

އަދި ގައުމަށް ލިބޭ އުފަލާއި ފޮނި މީރުކަން ހާސިލް ކުރާނީ އެގައުމެއްގައި ފިރިއުޅޭ ދަރިންކަމަށާއި ދަރިން ހެޔޮލަފާ ބަޔަކަށް ހަދައިގެން ނޫނީ ގައުމަށް އުފާ ފާގަތިކަން ނުލިބޭނެ ކަމުގައި ހުތުބާގައި ބުނެފައިވެއެވެ. އަދި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއް ކަމަށާއި އެމަސްއޫލިއްތަކާއި މެދުގައި ރައްކާތެރިވާން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ،

"ތަރުބިއްޔަތާއި ތައުލީމާއި އެކު ދަރިން މުޖުތަމައަށް ނެރެ ހޭލުންތެރި ކުރުވުމަކީ އިޖުތިމާއީ ފަރުދެއްގެ ސަހުސިއްޔަތު ބިނާކުރުމުގައި މައިންބަފައިންނާއި މުރައްބީންގެ މުހިންމު ވާޖިބެކެވެ" ހުތުބާގައިވެއެވެ.

އަދި މައިންބަފައިންނާއި މުދައްރިސުންނަކީ ދަރިންނަށް ނަމޫނާ ބަޔަކަށް ނުވާ ނަމަ ދަރިން ވެގެންދާނޫ ހުންގާނު ނެތް އޮނޑިއެއް ފަދައިން ކަމަށާއި ނަތީޖާއަކަް ވެގެންދާނީ ތަފާތު ކުށްތަކަށް ދަރިން އަރައިގަތުން ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ މުހައްމަދުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މައިންބަފައިންގެ ޒިންމާއަށް އިޝާރާތް ކުރައްވާ ވަހީކުރައްވާ އާޔަތެއްގެ މާނައީ:"ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖެއް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. ފަހެ އެއަށް ފަހު އޭނާ ޔަހޫދީއަކަށް ހަދަނީ ނުވަތަ މަޖޫސީއަކަށް ހަދަނޫ ނުވަތަ ނަޞާރާއަކަށް ހަދަނީ އޭނާގެ މައިންބައިންނެވެ.

އަދި ދަރިން ކުށްތަކަށް އަރައިގަންނަނީ މައިންބަފައިންގެ އިހުމާލުން ދަރިންނަށް ލިބިފައިވާ މިނިވަންކަމުންކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

"ހަޤީގަތުގައި ކުށްތަކަށް އަރައިގަންނަ އަރައިގަންނަ ކުދިން ކުށްކުރަން ދަސްކޮށް ކުށްކުރުމުގެ ފުރުސަތު ހޯދަނީ މައިންބަފައިންގެ އިހްމާލުން ދަރިންނަށް ލިބިފައިވާ މިނިވަންކަމަކުންނެވެ. އަދި އަނެއްބައި މައިންބަފައިން ދަރިންނަށް އެއްވެސް ފުރުސަތެއް ނުދީ ހަރުކަށިވުމުގެ ސަބަބުން އެކުދިން ހަރުކަށިވާން ދަންކުރެއެވެ. އެހެންކަމުން މައިންބަފައިން ވާންވާނީ މެދު މިނުގެ ރަނގަޅު މިންގަނޑެއްގައި ތިބެ ދަރިންނަށް މަގުދައްކާ ބަޔަކަށެވެ. އެމަގު އޮތީ މާތްވެގެންވާ އިސްލާމްދީނުގައެވެ" ހުތުބާގައިވެއެވެ.

އަދި ދަރިންނަށް މަގު ދެއްކުމުގައި މުދައްރިސުންނާއި މައިންބަފައިންގެ ދައުރަކީ ނިމޭނެ ދައުރެއް ނޫން ކަމަށާއި މުދައްރިސުންނާއި މައިންބަފައިން އެމީހުންގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ހުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ.