الحمد لله رب العالمين. والصلاة والسلام على نبينا محمد وآله وصحبه. أما بعد:

އަޅުގަނޑުމެން އިންސާނުންނަކީ މިދުނިޔެމަތީގައި ކުޑަވަޤުތުކޮޅެއްގައި މަޑުކޮށްލާ ބައެކެވެ. ދަތުރުވެރިންތަކެއް ފަދަބައެކެވެ. އަދި އެޔަށްފަހު އަޅުގަނޑުމެންގެ ކަނޑައެޅިފައިވާ ވަޤުތަށްފަހު މަރާ ބައްދަލުކޮށް އާޚިރަތުގެ ދަތުރުފަށައެވެ. އަޅުގަނޑުމެންގެ ކޮންމެ މީހަކީވެސް ފާފަކުރެވޭނެ ބަޔެކެވެ. ނަމަވެސް އެންމެ ހެޔޮވެގެންވާ ބަޔަކީ ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވާ މީސްތަކުންނެވެ. ސަބަބަކީ އެއީ އެބައިމީހުން ﷲއަށް ރުޖޫޢަވާތީއެވެ. ﷲ ގެ ރަޙުމަތަށް އުއްމީދުކުރާތީއެވެ. އަދި އެފާފަތައް ﷲއަށްޓަކައި ހުއްޓާލާތީއެވެ. އެގޮތުން ތިރީގައި ބަޔާންކުރެވިފައިއެވަނީ ފާފަކުރުން ދޫކޮށްލުމުގެ މާތްކަމާއި މުހިންމު ކަމުގެ ބައެއް ސަބަބުތަކެވެ.

ހ. ފާފަކުރުން ދޫކޮށް ތައުބާވުމަކީ ﷲ ގެ ލޯބިލިބޭކަމެކެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ. (إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ) سورة البقرة: 222

މާނައީ: "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި ތާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ."

ށ. ފާފަކުރުން ދޫކޮށް ތައުބާވުމުން ﷲ އެމީހެއްގެ ފާފަތައް ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްދެއްވައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَـٰئِكَ يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ، وَكَانَ اللَّـهُ غَفُورًا رَّحِيمًا) سورة الفرقان: 70

މާނައީ: "ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލު ކުރިމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ."

ނ. ފާފަކުރުން ދޫކޮށް ތައުބާވުމަކީ އެމީހަކަށް ވަރުގަދަކަން ލިބި އަދި އުޑުން ﷲގެ ބަރަކާތް ބާވާލެއްވޭ ސަބަބެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ) سورة هود: 52.

މާނައީ: "އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތައުބާވާށެވެ. އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ"

ރ. ތައުބާވުމަކީ ﷲ އުފާވެވޮޑިގަންނަވާ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (لله اشد فرحاً بتوبة عبده حين يتوب إليه) رواه مسلم.

މާނައީ: "ﷲއަށް އެންމެ ބޮޑަށް އުފާވެރިކަން ލިބިވޮޑިގަންނަވަނީ އެއިލާހުގެ އަޅާގެ ތައުބާއިންނެވެ. އެއީ އޭނާ ތައުބާ ވާ ހިނދުގައެވެ."

ބ. ފާފަދޫކޮށް ތައުބާވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ މިއުއްމަތަށް އަމުރުކުރައްވާފައެވެ. ޙަދީޘްކުރައްވާފައިވެއެވެ. (يا أيُّها الناسُ تُوبُوا إلى الله، فإني أتوب في اليوم إليه مائة مرة) رواه مسلم.

މާނައީ: "އޭ މީސްތަކުންނޭވެ. ﷲއަށް ތައުބާވާށެވެ. ފަހެ ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަ ފަހަރު ތައުބާވަމެވެ."

އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ހުރިހާ ފާފައެއް ފުއްސެވިފައިވާ ބޭކަލެކެވެ. އަޅުގަނޑުމެންވަނީ އެކަމަށް ބޮޑަށް ބޭނުންޖެހިގެންނެވެ.

އެހެންކަމުން ފާފަކުރުން ދޫކޮށްލުމަށް އަޅުގަނޑުމެން އަޒުމްކަނޑައަޅަން ޖެހެއެވެ.

ފުރިހަމަ ތައުބާއެއްވާނީ ކިހިނެއް؟

ވަރަށް ކުރުކޮށް އިމާމު އަލްޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވަނީ ފުރިހަމަ ތައުބަތުއް ނަޞޫޙްއެއް ވާނެގޮތް އަންގަވައިދެއްވާފައެވެ. "އެއީ ހިތުން އެކަމަށް ހިތާމަފާޅުކުރުމެވެ. އަދި ދުލުން ފާފަފުއްސެވުމަށް ދެންނެވުމެވެ. އަދި ގުނަވަންތަކުން އެފާފަކުރުން ހުއްޓާލުމެވެ. އަދި އެކަމަށް އެނބުރި ނުދިޔުމަށް ޢަޒުމްކަނޑައެޅުމެވެ."

އަދި ތަފުސީރުއް ތަބަރީގައި އެންމެ ފުރިހަމަ ތައުބާއާ ބެހޭގޮތުން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ސުވާލުކުރެއްވުމުން ދެއްވި ޖަވާބު ގެންނަވާފައިވެއެވެ. ވިދާޅުވިއެވެ. "އައްތައުބަތުއް ނަސޫޙްއަކީ މީހަކު ނުބައި ޢަމަލުކުރުމުން ތައުބާވެ އަދި އެކަމަށް ދުވަހަކުވެސް އެނބުރި ނުދިޔުމެވެ"

ނަމަވެސް އިންސާނުންނަށްވީތީ އަނެއްކާވެސް ފާފަކުރެވިދާނެއެވެ. ނަމަވެސް އަނެއްކާވެސް ތައުބާވާނީއެވެ. ގިނަގިނައިން ތައުބާވުން އެއީ ﷲ ރުއްސަވާ ސިފައެކެވެ. ވީމާ ފާފަތައް ދޫކޮށްލާ ތައުބާވާ މީހުންގެ ތެރެއިން އަޅުގަނޑުމެން އެންމެން ލައްވާށިއެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.