الحمد لله رب العالمين. والصلاة والسلام على نبينا محمد وآله وصحبه أجمعين. آمين.

ﷲ ސުބުޙަނަހޫ ވަތަޢާލާވަނީ ކީރިތި ޤުރުޢާނުގައި ހުރިހާ އިންސާނުންވަނީ ގެއްލުމާއި ހަލާކުގައިކަން ބަޔާންކުރައްވައި އަންގަވާފައެވެ. އަދި އެބައިމީހުން އެކަމުން ނަޖާވާނެ ހަތަރު ސިފައެއްވެސް ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން ކީރިތި ޤުރުއާނަށް ތަދައްބުރުކޮށް ވިސްނާ ފިކުރުހިންގުމަކީ އަޅުގަނޑުމެންގެ މައްޗަށް ވަރަށް މުހިންމުކަމެކެވެ. އޭރުން އަޅުގަނޑުމެންނަށް ﷲގެ ރަޙުމަތުގެ ތެރެއަށް ވަދެގެންދާނެ ގޮތް އެނގިގެން ހިނގައިދާނެއެވެ. އަދި ނަޖާވެ ﷲ ރުއްސަވާ މީހުންގެ ތެރެއިންވެސް ވެގެން ހިނގައިދާނެއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ.

(إِنَّ الْإِنسَانَ لَفِي خُسْرٍ)سورة العصر: 2

މާނައީ: "ހަމަކަށަވަރުން،އިންސާނާވަނީ،ގެއްލުމެއްގައިކަންކަށަވަރެވެ."

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ. އެބަހީ ގެއްލުމާއި ހަލާކުގައެވެ.

މިތަނުގައި އެއްވެސް އިންސާނެއް އިސްތިޘްނާ ނުކުރައްވާ އަންގަވާފައިވަނީ ހުރިހާ އިންސާނުންގެ ވާހަކަ ކަމުގައި އިލްމުވެރިން ބަޔާންކުރައްވައެވެ. އަދި އެއީ މުޝްރިކުން ކަމުގައިވެސް ތަފުސީރު ޤުރުތުބީގައި ބަޔާންކުރައްވާފައިވެއެވެ. އިމާމު ޤުރުތުބީގެ ތަފުސީރުގައި ދެމާނަވެސް ގެންނަވާފައިވެއެވެ.

އެޔަށްފަހު މިއާ ޖެހުނު އާޔަތުގައި އެގެއްލުމާއި ހަލާކުން ނަޖާކުރައްވާނެ މީހުންގެ ސިފަތައް ބަޔާންކޮށްދެއްވިއެވެ. ﷲ ވަޙީކުރެއްވިއެވެ.

(إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ) سورة العصر: 3

މާނައީ: "އީމާންވެޞާލިޙު ޢަމަލުތައްކޮށް،އަދިއެކަކުއަނެކަކަށްޙައްޤަށްވަޞިއްޔަތްކޮށް،އަދިއެކަކުއަނެކަކަށްކެތްތެރިވުމަށްވަޞިއްޔަތްކޮށްއުޅުނުމީހުންމެނުވީއެވެ."

މި އާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރުވިދާޅުވިއެވެ.

(فاستثنى من جنس الإنسان عن الخسران الذين آمنوا بقلوبهم وعملوا الصالحات بجوارحهم " وتواصوا بالحق " وهو أداء الطاعات وترك المحرمات.)

"އަދި ހުރިހާ އިންސާނުންގެ ތެރެއިން ގެއްލުމާއި ހަލާކުން ﷲ ތަޢާލާ އަންނަނިވި މީސްތަކުން އިސްތިޘްނާ ކުރެއްވިއެވެ. (އެއީ) އެބައިމީހުންގެ ހިތްތަކުން އީމާންވެ އަދި ގުނަވަންތަކުން ހެޔޮ ޢަމަލުކޮށް އަދި وَتَوَاصَوْا بِالْحَقِّ (މާނައީ ޙައްޤަށް ވަޞިއްޔަތްކުރިމީހުންނެވެ.) އެކަމަކީ ހެޔޮ ޢަމަލުކޮށް އަދި ޙަރާމްކަންކަން ދޫކޮށްލުމެވެ." އަދި ކެތްތެރިވުމަށް ވަޞިއްޔަތްކުރުމަކީ ހެޔޮ ޢަމަލުތަކާއި ނުބައިކަންކަން ދޫކޮށްލުމަށް ކެތްތެރިވުމެވެ. އަދި ޙައްޤަކީ ކީރިތި ޤުރުއާން ކަމުގައި ތަފުސީރު ތަބަރީގައި ރިވާވެގެންވެއެވެ. އަދި ޙައްޤަކީ ތައުހީދުކަމުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ރިވާވެފައިވެއެވެ.

އަދި ޢަބްދުލްމުޙުސިން އަލްޤާޞިމް ޙައްޤަށް ވަޞިއްޔަތްކުރެއްވުމުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ. އެއީ ހެޔޮ ކަންކަމަށް އަމުރު ކުރުމާއި އަދި ނުބައިކަންކަން މަނާކުރުމެވެ.

އަދި ކެތްތެރިވުމަކީ އެޔަށްފަހު އަންނަ އުނދަގޫތަކަށް ކެތްތެރިވުމެވެ. އަދި ކެތްތެރިކަމަކީ ﷲއަށް ކިޔަމަންވުން ކަމުގައި ތަފުސީރު ތަބަރީގައި ރިވާވެފައިވެއެވެ.

އެހެންކަމުން ހުރިހާ ގެއްލުމާއި ހަލާކުގައި ތިބޭ އިންސާނުންގެ ތެރެއިން ނަޖާވާ މީސްތަކުންގެ ސިފައަކީ އަންނަނިވި ސިފަތަކެވެ.

ހ. ﷲ އީމާންވުން.

ށ. ޙެޔޮ ޞާލިޙު ޢަމަލުކުރުން.

ނ. ﷲ އެއްކައުވަންތަ ކުރުމާއި ޤުރުއާނަށް ތަބާވުމާއި، ޙެޔޮޢަމަލުކުރުމާއި ނުބައިކަންކަން ދޫކުރުމާއި އެކަންކަމަށް އެހެންމީހުންނަށް އަމުރުކުރުން.

ރ. ހެޔޮކަންކަންކަމާއި ނުބައިކަންކަން ކުރުމަށް ކެތްތެރިވެ އަދި އެކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކޮށް އެކަމުގައި އަންނަ އުނދަގޫތަކަށް ކެތްތެރިވުން ނުވަތަ ﷲއަށް ކިޔަމަންތެރިކަން އަދާކުރުމެވެ.

ވީމާ ހަލާކުން ނަޖާވެވޭނީ މިސިފަތައް ލިބިގެންނެވެ. މިސޫރަތަކީ ކީރިތި ޤުރުއާނުގައިވާ އެންމެ ކުރު ސޫރަތްތަކުގެ ތެރޭގައި ހިމެނޭ އަދި މާނައިގެ ގޮތުން އެހާމެ ފުން ސޫރަތެކެވެ. ތަފުސީރު އިބުނު ކަޘީރުގައި އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިކަމަށް ބަޔާންކުރައްވާފައިވެއެވެ.

"މިސޫރަތަށް މީސްތަކުން ވިސްނާ ތަދައްބުރުކޮށްފިނަމަ އެބައިމީހުންނަށް ތަނަވަސްވެގެންވެއެވެ" އެބަހީ ހުއްޖަތަކަށް ފުދިގެންވީހެވެ. އަދި ބައެއް ރިވާޔަތްތަކުގައި ކީރިތި ޤުރުއާނުގައި ހުއްޖަތެއްގެ ގޮތުން މީސްތަކުންގެ މައްޗަށް މިސޫރަތް އެކަނި ބާވާލެއްވިކަމުގައިވިޔަސް ފުދުނީސް ކަމުގައި ރިވާވެގެންވެއެވެ.

ދުޢާއަކީ ގެއްލުމާއި ހަލާކުން ނަޖާވާ މީސްތަކުންގެ ތެރޭގައި ލައްވައި އީމާންވެ ޞާލިޙު ޢަމަލުކޮށް ހެޔޮކަންކަމަށް އަމުރުކޮށް އަދި ނުބައިކަންކަން މަނާކޮށް އެކަންކަމުގެ މައްޗަށް ކެތްތެރިކަން ލިބިގެންވާ ބަޔެއްކަމުގައި އަޅުގަނޑުމެން އެންމެން ލެއްވުމެވެ.

وصلى الله وسلم على محمد وآله وصحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު