الحمد لله رب العالمين. الصلاة و السلام على نبينا و حبيبنا محمد و على آله و صحبه. أما بعد:

ﷲސުބުހާނަހޫ ވަތަޢާލާ އީމާންވެއްޖެ ކަމަށް ބުނާމީސްތަކުން އިމްތިޚާންކުރައްވާނެ ކަމަށް ޚަބަރުދެއްވަމުން އެއިލާހު ވަޙީކުރައްވައެވެ. (أَحَسِبَ النَّاسُ أَن يُتْرَ‌كُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ) سورة العنكبوت: 2

މާނައީ: "އެބައިމީހުންއީމާންވެއްޖޭ ބުނުމުންއެބައިމީހުންއިމްތިހާންނުކުރައްވާދޫކުރާނޭކަމަށްއެބަހީމީހުންހީކުރަނީހެއްޔެވެ؟"

މިއާޔަތުގެ ތަފުސީރުގައި އިމާމު އިބުނު ކަޘީރުރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: "( މިއާޔަތުގައިއެވަނީ) ސުވާލު ކުރެވޭ ކަންތައް ނަފީކުރާ ސުވާލެކެވެ. އެއާޔަތުގެމާނައަކީ "ހަމަކަށަވަރުން ﷲސުބުހާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންގެ ތެރެއިން އީމާންވާ މީސްތަކުން (މުއުމިނުން) އެބައިމީހުންގެ އިމާންކަމުގެ މިންވަރުން އިމްތިހާން ކުރައްވާނެއެވެ. ޞައްޙަ ޙަދީޘްގައި ބަޔާންވެފައިވާ ފަދައިންނެވެ. "އެންމެ ބަލާއިމުސީބާތް ބޮޑުވެގެންވާ (އިމްތިހާންކުރެއްވުމުގައި) ބަޔަކީނަބީބޭކަލުންނެވެ. އެޔަށްފަހު ޞާލިހުއަޅުތަކުންނެވެ. ދެން އެޔާޖެހުނު އަދި އެޔާޖެހުނު މީހުންނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ދީންވެރިކަން (އީމާންކަން ) ހުރިވަރަކުން އިމްތިހާންކުރެވޭހުއްޓެވެ. އެމީހެއްގެ ދީންވެރިކަން ބޮޑުވީވަރަކަށް އެމީހަކަށް ދިމާވާ މުޞީބާތްވެސް އިތުރުވެއެވެ."

އާދެ ނަމަވެސް އަޅުގަނޑުމެން އެއިލާޙުގެ ފޮތްކިޔަވާ ހާލުއަޅުގަނޑުމެން ހީކުރަނީ އަޅުގަނޑުމެންނަށް އެއްވެސްފިތުނައެއް ދިމާނުވާނެ ކަމަށެވެ. މާއްދިއްޔަތު ވަނީ އެކަންޒީނަތްތެރިކޮށްދީފައެވެ. ތަރައްޤީ އާއި ތަމައްދުންވަނީ އަޅުގަނޑުމެން ކަނުކޮށްލާފައެވެ. އެއިލާހު ސުބުހާނަހޫވަތަޢާލާގެ މިއާޔަތުގައި މިއަންގަވާ އިމްތިހާނު އަތުވެދާނެކަމާމެދު އަޅުގަނޑުމެން ނުވިސްނައެވެ. އަދިކީއްތޯއެވެ؟ ވިސްނާކަށް ބޭނުމެއްވެސް ނުވެއެވެ. އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ އިމްތިހާންކުރެވިފައި ވަނީކުރީގެ އުއްމަތްތައްކަމެވެ. އެޔަށްފަހު އަޅުގަނޑުމެން އިމްތިހާންކުރެވިދާނެ ކަމަކަށް ވިސްނައެއް ނުލައެވެ. ވިސްނައެއްނުލެވެއެވެ.

ދެންއެޔާ އިޖެހިގެން އޮތް އާޔަތުގައިﷲ ވަޙީ ކުރައްވާފައި ވެއެވެ.

(وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ) سورة العنكبوت: 3

މާނައީ: "އަދި އެބައިމީހުންގެ ކުރީގެމީސްތަކުން ތިމަންއިލާހު އިމްތިހާން ކުރެއްވީމެވެ. އަދި ހަމަކަށަވަރުން ﷲ ސުބުހާނަހޫ ވަތަޢާލާ އެބައިމީހުންގެ ބަސްތައް ތެދުކުރި މީޙުން އެނގޭ ގޮތް މެދުވެރިކުރައްވާނެއެވެ. އަދި ދޮގުކުޅަ މީހުން ވެސްއެނގޭ ގޮތް މެދުވެރިކުރައްވާނެތެވެ."

އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅެއް ދެކެ ލޯބިވެ ވޮޑިގެންފިނަމަ މުޞީބާތް ޖައްސަވާ އެބައިމީހުން އިމްތިޙާންކުރައްވައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(من يُرد الله به خيراً يُصِبْ منه) رواه البخاري.

މާނައީ: "ﷲ އަޅަކަށް ހެޔޮކަން އިރާދަކުރައްވައިފިނަމަ މުޞީބާތް ޖައްސަވައިގެން އިމްތިޙާންކުރައްވައެވެ."

އަދި ﷲ ވަޙީކުރައްވާފައިވެއެވެ.

(وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ) سورة البقرة: 155

މާނައީ: "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ"

ދުޢާއަކީﷲ ސުބުހާނަހޫވަތަޢާލާ އަޅުގަނޑުމެން އެންމެންގެ ލޯތަށް ހުޅުއްވައި ދެއްވައި ފިތުނަ އާއި ބަލާއާއި މުޞީބާތަށް ކެތްތެރިވެ އިމްތިހާނުން ނަޖާވާ ކާމިޔާބުވާ މީހުންގެ ތެރެއިން ލެއްވުމެވެ.

والله أعلم وصلى الله وسلم على محمد و آله وصحبه أجمعين. آمين.