الحمد لله رب العالمين. والصلاة والسلام على نبينا محمد وآله وصحبه أجمعين أما بعد:
ޝެއިޚު މުޙައްމަދު ބިން ޞާލިޙް އަލްއުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

" ރޯދަ ވީއްލަން ހުއްދަވަގެންވާ ޢުޒުރުތަކަކީ: ބަލިވުން އަދި ދަތުރުކުރުމެވެ. އެއީ ޤުރުއާނުގައި އައިސްފައިވާ ފަދައިންނެވެ. އަދި ރޯދަވީއްލުން ހުއްދަވެގެންވާ ޢުޒުތަކުގެ ތެރޭގައި ބަނޑުބޮޑު އަންހެނާ އޭނާގެ ބަނޑުގައި ދަރިފުޅުގެ މައްޗަށް ބިރުވެތިވާނަމަ (ގެއްލުމެއް ވެދާނެކަމަށް ހީވާނަމަ ނުވަތަ އެނގޭނަމަ)އެވެ. އަދި ގާތުން ކިރުދޭ މަންމަ ދަރިފުޅުގެ މައްޗަށް ނުވަތަ އޭނާގެ މައްޗަށް (ގެއްލުންވެދާނެ ކަމަށް) ބިރުގަންނަ ނަމަ ވެސް ރޯދަވިއްލުން ހުއްދަވެގެންވާ ޢުޒުރެކެވެ.

އަދިވެސް ރޯދަވީއްލުން ހުއްދަވެގެންވާ ޢުޒުރުތަކުގެ ތެރޭގައި މައުޞޫމު މީހެއް ހަލާކުން ސަލާމާތްކުރުމަށްޓަކައި ރޯދަވީއްލުން ހުއްދަވެގެންވެއެވެ. މިސާލަކަށް ކަނޑުގައި ފެތެމުންދާ މީހެއް ފެނުމެވެ. ނުވަތަ އަލިފާން ރޯވެފައިވާ ތަނަކުން އިންސާނަކު ސަލާމަތްކުރުމަށެވެ. އެމީހުން ސަލާމަތްކުރުމަށް ރޯދަވީއްލުން ބޭނުން ޖެހިފައިވާނަމަ އެމީހަކަށް އެމީހުން ސަލާމަތްކުރުމަށްޓަކައި ރޯދަވީއްލިދާނެއެވެ.

އަދިވެސް ﷲގެ މަގުގައި ޖިހާދުކުރުމަށް ވަރުގަދަކަންމަތީގައި ހުރުމަށް ރޯދަވީއްލަން އިންސާނަކަށް ހާޖާ ޖެހިއްޖެކަމުގައިވާނަމަވެސް ރޯދަވީއްލުން ހުއްދަވެގެންވެއެވެ. އެއީ ރޯދަވީއްލުން ހުއްދަވެގެންވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ މައްކާ ފަތަޙަ ކުރެއްވުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނަށް ދެންނެވިއެވެ. (إنكم لاقوا العدو غدا، والفطر أقوى لكم فافطروا" رواه مسلم.

މާނައީ: "މާދަމާ ތިޔަބައިމީހުން އަދުއްވުންނާއި ބައްދަލުވާނެއެވެ. އަދި ރޯދަވީއްލުން ތިޔަބައިމީހުން އެންމެ ބޮޑަށް ވަރުގަދަވާނެއެވެ. ތިޔަބައިމީހުން ރޯދަވީއްލާށެވެ."

އަދި ރޯދަވީއްލަން ހުއްދަ ސަބަބެއް ފެނުމަށްފަހު އެކަމުން ރޯދަވީއްލައިފިނަމަ އެދުވަހުގެ ބާކީ އޮތްބައިގައި ނުކައިހުންނާކަށް ނުޖެހޭނެއެވެ. އަދި މީހަކު ސަލާމަތްކުރުމަށް ރޯދައްވީއްލާ މީހާ، އޭނާ ރޯދަވީއްލުމަށްފަހުގައިވެސް ކެއުން ހުއްޓާލައިގެން ހުންނާކަށް ނުޖެހޭނެއެވެ. ސަބަބަކީ އޭނާ ރޯދަ ދޫކޮށްލީ ހުއްދަ ސަބަބަކާއި އެކުގައި ކަމަށްވުމުން ، އެދުވަހުގެ ޙުރުމަތަށްޓަކައި ފަހުން ކެއުމުން މަނާވެގެން ހުންނާކަށް ނުޖެހޭނެއެވެ. މިމައްސަލާގައި އަހަރެމެން ބުނާ ރާޖިޙު (އެންމެ ރަނގަޅު ބަހަކީ) މިބަހެވެ.

އަދި ބަލިމީހާ ދުވާލު ބަލިރަނގަޅުވެއްޖެނަމަ، އޭނާ އެދުވަސް އެއްކޮށް ނުކައިހުންނާކަށް ނުޖެހޭނެއެވެ. އަދި ދަތުރުވެރިޔާ ދުވާލު އޭނާގެ ރަށަށް އާދެވިއްޖެނަމަ، އެދުވަސް ނިމެންދެން ނުކައިހުންނާކަށް ނުޖެހޭނެއެވެ. އަދި ހައިޟުވެރިޔާވެސް ދުވާލު ޙައިޟުހުއްޓިއްޖެނަމަ އެދުވަހު ނުކައި ހުންނާކަށް ނުޖެހޭނެއެވެ. ސަބަބަކީ އެހުރިހާ އެންމެން ރޯދަވީއްލީ ރޯދަވީއްލުން ހުއްދަ ސަބަބަކާއި އެކުގައި ކަމެވެ. އެބައިމީހުންގެ ޙައްޤުގައި ރޯދައިގެ ޙަރާމްކަންކަމެއް އެމީހުންގެ މައްޗަކަށް ނުވެއެވެ. ސަބަބަކީ ޝަރުޢުގައި އެމީހުންނަށް ކެއުން ހުއްދަކުރައްވާފައިވާތީއެވެ. އަދި ނުކައި ހުންނާކަށް ނުޖެހޭނެއެވެ.

ނަމަވެސް މިއީ ރޯދަމަސް ވަންކަން ދުވާލު އެނގުމުން މުޅި ދުވަހު ނުކައިހުންނަން ޖެހޭ ހުރުމާއި ޚިލާފަށެވެ. އެފަދަމީހަކަށް ނުކައިހުރުން ވާޖިބުވާނެއެވެ. އެކަމުގައި ތަފާތަކީ ބޭރުފުށުގެ ތަފާތެވެ. ސަބަބަކީ (ރޯދަމަސްކަން ވަންކަން އެނގޭމީހާ) އޭނާއަށް ރޯދަމަސް ވަންކަން އެނގުމުން ނުކައިހުރުން އެދުވަހުގައި ވާޖިބުވެގެންވުމެވެ. ނަމަވެސް އެބައިމީހުންވަނީ އެކަން ނޭނގުމުގެ ސަބަބުން ޢިލްމު ނުފޯރުމުގެ ސަބަބުން ޢުޒުރުލިބިގެންނެވެ. އެހެންކަމުން އެދުވަހަކީ ރަމަޟާންމަސްކަން އެނގުމުން އެމީހަކަށް އެދުވަސް ނިމެންދެން ނުކައިހުންނަން ޖެހޭނެއެވެ.

ނަމަވެސް ކުރިން ބަޔާންކުރެވުނު މީހުން، އެހެން މީސްތަކުން އެބައިމީހުންނަށް އެކަން އެނގުމާއި އެކުގައި ކެއުން ހުއްދަވެގެންވެއެވެ. އެކަމުގައި ވަނީ ބޭރުފުށުގެ ތަފާތެކެވެ."

ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲގެ ބަސްނިމުނީ.

މަޞްދަރު ފަތާވާ އަރްކާނިލް އިސްލާމިއްޔާ. 1/547

ނޯޓު: ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޢުޒުރު ލިބިފައިވާ މީސްތަކުންވެސް އެޢުޒުރު ފިލުމުން ނުކައިހުންނަން ޖެހޭނެއެވެ. އެކަމަކު އެކަމުގައި ވަރުގަދަ ރާޖިޙު ބަހަކީ ކެއުން ހުއްދަވާނެކަމެވެ.