ޓީވީން ދައްކާ ޖަމާޢަތައް ތަބާވެގެން ނަމާދު ކުރުން ޞައްޙަ ނުވާނެ ކަމަށް އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ޓީވީން ތަރާވީހް ނަމާދު ކުރާއިރު، އެއަށް ތަބާވެގެން ބައެއް މީހުން ތަރާވީހް ނަމާދު ކުރަމުން ގެންދިއުމާއި ގުޅިގެން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ ގޭގައި ތަރާވީސްކުރަން ޖަމާޢަތް ހަދައިދެން، ޓީވީ އިން ދައްކާ ޖަމާޢަތަށް ތަބާވެގެން އެޖަމާޢަތުގެ އިމާމަށް އިޤުތިދާއު ވެގެން ނަމާދު ކުރުމަކީ ޖާއިޒު ކަމެއްނޫން ކަމަށެވެ. އިމާމަށް އިޤުތިދާވުމުގައި ދީނުގައި ވަކި އުޞޫލުތަކެއް އޮންނަ ކަމަށާއި އެ އުޞޫލުތައް ޓީވީ އަށް ތަބަޢަވުމާ ފުށުއަރާ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

"ވީމާ އެގޮތައް ނަމާދު ކުރުން ޞައްޙައެއްނުވާނެ. އެމީހަކަށް އެނގޭ މިންވަރެއް ޤުރުއާނުން ކިޔަވައި، ޚަތިމް ބަލައިގެންވެސް އަޑުހަރުކޮށް ނުވަތަ ސިއްރުން ކިޔަވައިގެން ވެސް ތަރާވީޙު ކުރެވޭނެ. ތަރާވީޙު ނަމާދަކީ އެކަނިވެސް ކުރެވޭނެ ނަމާދެއް ގޭގައި ޢާއިލާއެކު ޖަމާޢަތުގައި ވެސް ކުރެވޭނެ. ކޮންމެހެން ދިގު ސޫރަތް ކިޔެވުން ލާޒިމެއްނޫން ކުރު ކުރު ސޫރަތްވެސް ކިޔެވޭނެ. ތަރާވީޙު ނަމާދަކީ ރޭ އަޅުކަމުގެ ތެރޭގައި ހިމެނޭ ސުންނަތް ނަމާދެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގެ އިތުރުން ގާތްގަނޑަކަށް އިސްލާމީ ހުރިހާ ގައުމެއްގެ މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން މިއަހަރުގެ ރަމަޟާން މަހަކީ މުސްލިމުން އެންމެ ތަފާތު ތަޖުރިބާތައް ކުރަމުން އަންނަ އެއް ރަމަޟާން މަހެވެ. މީގެ ކުރިން ރަމަޟާން މަހު ތަރާވީހް ނަމާދުގައި ބޮޑު ޖަމާޢަތްތަކެއް ފެނުނު ނަމަވެސް އެފަދަ ޖަމާޢަތްތަކެއް ހެދުމުގެ ފުރުސަތެއް މިއަހަރު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަރާ އަލެކްސް

    ތިކަންތައްތައް ތިހެންކުރުވުމަށް ބާރުދޭ މީހަކު ބޮޑުވަޒީރަކަށް ހެދިގެން އުޅެނީ، އޭނަގެ ބޭނުމަކީ ދީނީ ގޮތުން ބައިބައި ކުރުން ދީނަކީ “ލޮޖިކް” ނެތް އެއްޗަކަށްހެދުން!

    17
    1