الحمد لله و به نستعين وبعد:

ﷲ ސުބުޙާނާހޫ ވަތަޢާލާ ރަޙުމަތުގެ ތަނަވަސްކަން ބޮޑުކަން އެނގިގެންދަނީ އެއިލާހު ދެއްވާފައިވާ މަތިވެރި ނިޢުމަތްތަކުންނެވެ. އެގޮތުން އެއިލާހު ދެއްވާފައިވާ އެއް ނިޢުމަތަކީ ހެޔޮކަންކަން ކުރަން ނިޔަތް ގަތުމުގެ ސަބަބުން ނުވަތަ އެކަމެއް ކުރަން ބޭނުންވުމުގެ ސަބަބުން އެކަން ނުކުރެވުނު ކަމުގައި ވިޔަސް އެކަމަށް ހެޔޮ ޖަޒާ ދެއްވުމެވެ.

)عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيمَا يَرْوِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ : قَالَ: إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً) متفق عليه. (رواه البخاري: 6126 و رواه مسلم: 131)

މާނައީ: އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެކަލޭގެފާނުގެ ވެރިރައްބުގެ އަރިހުން ރިވާކުރައްވާފައިވާ މިޙަދީޘް ރިވާކުރައްވައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައެވެ. (ޙަދީޘްކުރެއްވިއެވެ.) ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮކަންކަމާއި އަދި ނުބައިކަންކަން ވަނީ ލިޔުއްވާފައެވެ. އެޔަށްފަހު އެކަންކަން ވަނީ ބަޔާންކޮށްދެއްވާފައެވެ. މީހާކު ހެޔޮކަމެއް ކުރަން ބޭނުންވެ އެކަމެއް ނުކޮށްފިނަމަ ﷲ އެމީހަކަށް ފުރިހަމަ އެއްހެޔޮކަން ލިޔުއްވައެވެ. ފަހެ އެމީހަކު އެކަމެއް ބޭނުންވެ އެކަންކޮށްފިނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކަށް ދިހަހެޔޮކަމުން ފެށިގެން ގޮސް ހަތްސަތޭކަ ގުނައިން އެތައް ގުނައަކާއި ހަމައަށް ލިޔުއްވައެވެ. އަދި ނުބައިކަމެއް ކުރަން ބޭނުންވެ އެކަމެއް ނުކޮށްފިނަމަ އެމީހަކަށް ހެޔޮކަމެއް ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި ނުބައިކަމެއް ކުރަން ބޭނުންވެ އަދި އެކަމެއް ކޮށްފިނަމަ އެމީހަކަށް އެންމެ ނުބައިކަމެއް ކަމުގައި ލައްވައެވެ."

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

(يَقُولُ اللَّهُ: إِذَا أَرَادَ عَبْدِي أَنْ يَعْمَلَ سَيِّئَةً فَلَا تَكْتُبُوهَا عَلَيْهِ حَتَّى يَعْمَلَهَا فَإِنْ عَمِلَهَا فَاكْتُبُوهَا بِمِثْلِهَا وَإِنْ تَرَكَهَا مِنْ أَجْلِي فَاكْتُبُوهَا لَهُ حَسَنَةً وَإِذَا أَرَادَ أَنْ يَعْمَلَ حَسَنَةً فَلَمْ يَعْمَلْهَا فَاكْتُبُوهَا لَهُ حَسَنَةً فَإِنْ عَمِلَهَا فَاكْتُبُوهَا لَهُ بِعَشْرِ أَمْثَالِهَا إِلَى سَبْعِ مِائَةِ ضِعْفٍ) رواه البخاري في صحيحه: 7062.

މާނައީ: "ﷲ ވަޙީކުރެއްވިއެވެ. ތިމަންއިލާހުގެ އަޅާ ނުބައިކަމެއް ކުރަން ބޭނުންވެ، އެކަމެއްނުކުރަނިސް އެމީހަކަށް އެކަމެއް ނުލިއްޔުއްވޭ ހުއްޓެވެ. އެކަން ކޮށްފިނަމަ އެފަދައިން ލިޔުއްވޭ ހުއްޓެވެ. އެކަން ތިމަންއިލާހަށްޓަކައި ނުކޮށް ދޫކޮށްފިނަމަ އެމީހަކަށް ހެޔޮކަމެއް ލިޔުއްވޭ ހުއްޓެވެ. ފަހެ އެމީހަކު ހެޔޮ ޢަމަލެއް ކުރަން ބޭނުންވެ އެކަމެއް ނުކުރިނަމަ އެއްހެޔޮކަން ލިޔުއްވޭ ހުއްޓެވެ. ފަހެ އެކަން ކޮށްފިނަމަ އެމީހަކަށް ދިހަ ގުނައިން ފެށިގެން ގޮސް ހަތްސަތޭކަ ގުނައާއި ހިސާބަށް ހެޔޮކަން ލިޔުއްވޭ ހުއްޓެވެ."

އެހެންކަމުން އަޅުގަނޑުމެން މިކަންކަން ދަނެ ހެޔޮޢަމަލުކުރުން ގިނަކޮށް އަދި ނުބައި ޢަމަލުތައް ކުރުން ﷲ އަށްޓަކައި ދުރުވާން ޖެހެއެވެ. އެހެނީ ނުބައި ޢަމަލުކޮށް އަދި އެކަމަށް އެހެން ބަޔަކަށް ހިތްވަރު ދެވިއްޖެނަމަ އެފަދަ ކަންކަމުގެ ނުބައިކަންވެސް ބޮޑުވެގެންވެސް ދޭމެއެވެ. ދުޢާއަކީ ﷲ ރުއްސަވާ ގޮތަށް އުޅުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެނަށް ދެއްވުމެވެ.

وصلى الله وسلم على نبينا محمد و آله و صحبه أجمعين. آمين.