ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ މައިގަނޑު ޖަމިއްޔާ ކަމަށްވާ 'ޔޫއެން ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޮ ޕެލެސްޓީނިއަން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް' (ޔޫއެންއާރްޑަބްލިއުއޭ) ނުވަތަ އަންރާ އަށް ޔަހޫދީ ޤައިރު ޤަނޫނީ ދައުލަތް އިސްރާއީލުން ކުރި "ނިރުބަވެރިކަމުގެ" ތުހުމަތު ތަކާއި އެކު އެ ޖަމިއްޔާއަށް އެހީދޭ ބައެއް ގައުމުތަކުންް ވަނީ ފަންޑު ކުރުން ހުއްޓާލާފައެވެ.

އަންރާ އަށް ފަންޑު ކުރުން ހުއްޓާލުމަކީ ފާއިތުވި ހަތަރު މަހެއްހާ ދުވަހު މެދުނުކެނޑި ޔަހޫދީންގެ ޤައިރު ގާނޫނީ ދައުލަތް އިސްރާއީލުން އަޅަމުންދާ ބޮންތަކުގެ ޝިކާރައަކަށް ވަމުންދާ ޣައްޒާގެ ރައްޔިތުންނަށް ދެވޭ އިތުރު އަދަބެއްގެ ގޮތުގައި އަންރާގެ ޗީފް ފިލިޕް ލަޒާރިނީ ވަނީ ސިފަ ކުރައްވާފައެވެ.

އަންރާ އަށް އެހީ ދިނުން ހުއްޓާލާފައިވަނީ ހަމާސް އިން އޮކްޓޯބަރު 7 ވަނަ ދުވަހު ޔަހޫދީ އިސްރާއީލަށް ދިން ހަމަލާގައި އަންރާގެ 12 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އިސްރާއީލުން ކުރި ތުހުމަތު ތަކަކާއި ގުޅިގެންނެވެ. އެ ހަމަލާއާއި ގުޅުން ހުރި ކަމަށް ބުނެވޭ މުވައްޒަފުންނާއި މެދު އދ އިން ފިޔަވަޅު އަޅާފައިވީ ނަމަވެސް، އެ ޖަމިއްޔާއަށް ފަންޑު ކުރުން ހުއްޓާލުމާއި ދެކޮޅަށް އދ އިން ވެސް ވަނީ އަޑު އުފުލާފައެވެ.

"އެއްވެސް މަޑު ޖެހުމަކާއި ނުލައި ޣައްޒާގައި ކުރެވެމުންދާ ހަނގުރާމަ ކުރިއަށް ދާއިރު، އަދި ޣައްޒާއަށް އިތުރު އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލް އަގުވާމީ އިންސާފުގެ ކޯޓުން ގޮވާލާފައި ވާއިރު، މިއީ އަންރާ ބަލިކަށި ކޮށްލަންވީ ވަގުތެއް ނޫން، ވަރުގަދަ ކުރަންވީ ވަގުތު." ލަޒާރިނީ ވިދާޅުވިއެވެ. ލަޒާރިނީ ވިދާޅުވީ އަންރާ އަށް ފަންޑު ކުރަން އަލުން ނުފަށައިފިނަމަ، ޣައްޒާގަޔާއި އަދި މުޅި އެ ސަރަހައްދުގައި އަންރާގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ހުއްޓާލަން ޖެހޭނެ ކަމަށެވެ.

އަންރާ އިން ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަސް އެހީ ފޯރުކޮށްދޭ —-ފޮޓޯ: ގެޓީ އިމޭޖަސް

އިސްރާއީލުގެ ތުހުމަތުތަކުގެ ހަގީގަތެއް އަދިވެސް ނޭނގޭ

ޣައްޒާގައި 13،000 މުވައްޒަފުން ހިމެނޭ، އެތައް ސުކޫލުތަކަކާއި، ކްލިނިކް ތަކެއް ހިންގާ، އަދިވެސް މުހިންމު އެތައް ހިދުމަތެއް ދޭ އަންރާ އަށް އިސްރާއީލުން ކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުނެއެވެ. އަދި އިސްރާއީލުގެ ތުހުމަތުތަކުގެ ހަގީގަތެއް އަދިވެސް ބެލިފައި ނުވާ ކަމަށް ކަމާއި ބެހޭ މާހިރުންވެސް ވިދާޅުވެއެވެ.

އދ ގެ ތަރުޖަމާނު ސްޓެފަނީ ޑުޖަރިކް މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ އެކަމާއި ބެހޭ އިންޓެލިޖެންސް ލިޔެކިޔުންތައް އިސްރާއީލުން އދ އާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗް ގެ އިނގިރޭސިވިލާތުގެ ޑިރެކްޓަރު ޔާސްމީން އަހުމަދު ވިދާޅުވެފައިވަނީ އިސްރާއީލުންް ކުރާ ތުހުމަތުތަކަށް ބާރުލިބޭ ހެކި ހުރި އެއްވެސް ލިޔެކިޔުމެއް ހިއުމަން ރައިޓްސް ވޮޗް އަށް އެނގިގެން އދ ނުވަތަ އަންރާ އަށް ފަންޑު ކުރާ އެއްވެސް ގައުމަކަށް ފެނިފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލުން އެފަދަ ލިޔެކިޔުމެއް ހުށައަޅާފައިނުވާ ކަމަށެވެ. ޔާސްމީން ވިދާޅުވީ އިނގިރޭސިވިލާތުގެ ސަރުކާރުން އަންރާ އަށް ފަންޑު ކުރުން ހުއްޓާލީ އިސްރާއީލުގެ ތުހުމަތުތަކުގެ ތެދުކަމުގެ ކޮން ހެއްކެއް ފެނިގެންތޯ ހިއުމަން ރައިޓްސް ވޮޗް އިން ސަރުކާރާއި ސުވާލު ކޮށްފައިވާނެ ކަމަށެވެ.

އަންރާ އުފެދުނީ ކީއްވެ؟

1949 ވަނަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހު އދ ގެ ޖެނެރަލް އެސެމްބްލީން އަންރާ އުފެއްދީ ފަލަސްތީނުގެ އެތައް ހާސް ރެފިއުޖީންނަށް ކާނާ އާއި، ސިއްހީ ފަރުވާ އާއި، ތައުލީމު ފަދަ ޒަރޫރީ ކަންތައްތަކުގައި އެހީވުމަށެވެ. 1948 ވަނަ އަހަރު އިސްރާއީލު ޤައިރު ޤާނޫނީ ގޮތުން އުފެދިގެން ދިޔައިރު ފަލަސްތީނުގެ 700،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި މަގުމަތިވެގެން ދިޔައެވެ. ފަލަސްތީނުގެ ރައްޔިތުން އެ ހާދިސާ ހަނދާން ކުރަނީ 'ނަކްބާ' ނުވަތަ ކާރިސާގެ ނަމުންނެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ އިރުމަތީ ގުދުސް ހިމެނޭހެން ހުޅަނގު އައްސޭރީގަޔާއި، ޣައްޒާ، ސީރިއާ، ލުބުނާން އަދި އުރުދުންގައިވެސް އަންރާ އިން ހަރަކާތްތެެރި ވެއެވެ.

އަންރާއިން ބަހާފައިވާ ފުށް ބަސްތާތަކެއްގެ މަތީގައި ކުަޑަކުއްޖަކު އިށީނދެލައިގެން ---

އަންރާ އިން ކުރަނީ ކޮން މަސައްކަތެއް؟

ފަލަސްތީނުގައި އާއި ފަލަސްތީނުން ބޭރުގައި ދިރިއުޅޭ ފަލަސްތީނުގެ 6 މިލިއަނެއްހާ ރެފިއުޖީންނަށް އަންރާ އިން އެހީތެެރިކަން ފޯރުކޮށްދެއެވެ. ސުކޫލުތަކާއި ހެލްތު ސެންޓަރުތައް ހިންގުމާއި އެހެނިހެން އިޖުތިމާއީ ހިދުމަތްތައް އަންރާ އިން ފޯރުކޮށްދޭ އިރު، އެ ޖަމިއްޔާއިން ފަލަސްތީނުގެ ރައްޔިތުންނަށް ލޯނުވެސް ދެއެވެ.

ނަމަވެސް އަންރާ އިން ރެފިއުޖީ ކޭމްޕުތަކެއް ނުހިންގައެވެ. އަދި ގާނޫނުތައް ނެގެހެއްޓުމާއި ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓުމަކީވެސް އަންރާގެ މެންޑޭޓުގައި ހިމެނޭ ކަންކަމެއް ނޫނެވެ.

އަންރާ އޮޕަރޭޓް ކުރަނީ ހަމަ 1949 ވަނަ އަހަރު އުފެދުނު އދ ގެ ހައިކޮމިޝަނަރ ފޮ ރެފިއުޖީސް (ޔޫއެންއެޗްސީއާރް) އާއި ވަކިންނެވެ. ޔޫއެންއެޗްސީއާރް އިންވެސް ރެފިއުޖީންނަށް ވަގުތީ ރައްކާތެެރިކަމާއި އެހީތެެރިކަން ފޯރުކޮށްދިން ނަމަވެސް ފަލަސްތީނުގެ ރެފިއުޖީންނަށް އަންރާ އިން އެހީތެެރިކަން ފޯރުކޮށްދޭހާ ފުޅާ ދާއިރާއެއްގައި އެހީތެެރިކަން ފޯރުކޮށްދިނުމެއް އެ ޖަމިއްޔާގެ މެންޑޭޓަކު ނުހިމެނެއެވެ.

އަންރާ އިން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިން ނަމަވެސް ފަލަސްތީނުގެ ރެފިއުޖީން އަލުން ވަޒަންވެެރި ކުރުވުމެއްވެސް އެ ޖަމިއްޔާގެ މެންޑޭޓަކު ނޯވެއެވެ.

އަންރާގެ ސުކޫލުތަކުގައި 2021 ވަނަ އަހަރު 545،000 ކުދިން ކިޔަވަމުން ދިޔަ އިރު، ސޯޝަލް ސޭފްޓީ ނެޓް ޕްރޮގްރާމްގެ ދަށުން 398،044 ފަރާތަށް އެހީ ލިބިފައިވާއިރު، 1.7 މިލިއަން މީހުންނަށް ވަނީ އިންސާނީ އެހީ ފޯރުކޮށްދީފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އަންރާ މުހިންމު ވަނީ ކީއްވެ؟

އަންރާއިން ފަލަސްތީނުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެއެވެ.

އިސްރާއީލުން އޮކްޓޯބަރު 7 ވަނަ ދުވަހު ޣައްޒާ އަށް ހަމަލާދޭން ފެށި ފަހުން ޣައްޒާގެ މިލިއަނެއްހާ ރައްޔިތުން ދަނީ އަންރާ ގެ ސުކޫލު ތަކާއި، ކްލިނިކް ތަކާއި އެހެނިހެން އިމާރާތްތަކުގައި ބޯހިޔާވަހިކަން ހޯދަމުންނެވެ. އެއީ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައެވެ.

ކާނާއާއި، ފެނާއި، ސާފުތާހިރު ވުމަށް ބޭނުން ކުރާ ސާމާނު ފަދަ ޒަރޫރީ ސާމާނަށް މުޅި ޣައްޒާ ބަރޯސާ ވެފައި އޮތީ އަންރާގެ އެހީތެރިކަމަށެވެ.

އަންރާގެ ސުކޫލުތަކާއި، ކްލިނިކް ތަކާއި، އެހެނިހެން ޕްރޮގްރާމްތަކުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނަކަށް ވަޒީފާ ދެއެވެ. ފާއިތުވި 70 ވަރަކަށް އަހަރުއްސުރެ އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނަށް އެއީ ވަރަަށް ބޭނުންތެރި ފުރުސަތެކެވެ.

ޣައްޒާ އާއި ހުޅަނގު އައްސޭރިއާއި އަދި އެ ސަރަހައްދުގެ އެހެނިހެން އަރަބި ގައުމުތަކުގެ އެކި ރެފިއުޖީ ކޭމްޕުތަކުން 30،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އަންރާގައި މަސައްކަތް ކުރެއެވެ. 2005 ވަނަ އަހަރު އިސްރާއީލާއި މިސްރުން ޣައްޒާ ބަންދު ކުރުމާއި އެކު އެ ވަޒީފާތަކުގެ ބޭނުން ޣައްޒާގެ ރައްޔިތުންނަށް އިންތިހާ އަށް ބޮޑުވެގެން ދިޔައެވެ. ޣައްޒާއަކީ ވަޒީފާއަށް ނުދާ މީހުންގެ ރޭޓް ދުނިޔޭގައި އެންމެ މަތީ އެއް ސަރަހައްދެވެ. އަދި އިސްރާއީލުގެ ހަނގުރާމަ ފެށުނު ފަހުން ވަޒީފާ އަދާ ކުރަމުންދިޔަ އެތައް ބައެއްގެ ވަޒީފާތައްވެސް ވަނީ ގެއްލިފައެވެ.

ރަފާހް ގައި މަގުމަތިވެފައިވާ މީހުންނަށް އަންރާ އިން ކާބޯތަކެތި ފޯރުކޮށްދެނީ ----

އަންރާ އަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދެނީ ކޮންބައެއް؟

2022 ވަނަ އަހަރު އަންރާ އަށް އެންމެ ގިނަ އަދަދަކަށް ފަންޑު ކުރި ސަރުކާރުތަކަކީ އެމެެރިކާ، ޖަރުމަނު، ޔޫރަޕިއަން ޔޫނިއަން، ސްވިޑަން، ނޯވޭ، ޖަޕާން، ފްރާންސް. ސައުދީ އަރަބިއްޔާ، ސްވިޒަލެންޑް، އަދި ތުރުކީ ވިލާތެވެ.

އޭގެ ތެރެއިން އެމެރިކާ، ޖަރުމަނު އަދި ސްވިޒަލެންޑުން ވަނީ އަންރާ އަށް ފަންޑު ކުރުން މެދުކަނޑާލާފައެވެ. އަންރާއަށް ފަންޑު ކުރުން މެދުކަނޑާލި އެހެން ގައުމުތަކަކީ ކެނެޑާ، ނެދަލެންޑްސް، އިނގިރޭސިވިލާތް، އިޓަލީ، އޮސްޓްރޭލިއާ އަދި ފިންލެންޑެވެ.

އިސްރާއީލުގެ ތުހުމަތު ތަކަށް ފަހު އީޔޫ އިން އެ ޖަމިއްޔާ އަށް ފަންޑު ކުރުން ކުރިއަށް ގެންދިއުމާއި މެދު މަޝްވަރާ ކޮށް ގޮތެއް ނިންމާނެ ކަމަށް ބުނެފައިވާއިރު، މި ފެބުރުއަރީ މަހުގެ ނިޔަލަށް އީޔޫ އިން އަންރާ އަށް އިތުރު އެހީ އެއް ނުދޭނެއެވެ.

އަންރާ އަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާ ނޯވޭ އިން ވަނީ އެ ޖަމިއްޔާ އަށް ފަންޑު ކުރުން ހުއްޓާލުމުން ނުކުންނާނެ ނަތީޖާއާއި މެދު ވިސްނާލުމަށް އެހެން ގައުމުތަކަށް ގޮވާލާފައެވެ.

"އަންރާ އަކީ ޣައްޒާގެ 1.5 މިލިއަން ރެފިއުޖީންގެ ލޭނާރު. ކުރިއަށްވުރެ މާބޮޑަށް މިހާރު އެ އެޖެންސީ އަށް ބައިނަލް އަގުވާމީ އެހީތެރިކަން ބޭނުންވޭ. އެތައް މިލިއަން މީހުންނަށް އެކުގައި އަދަބު ދިނުމުގެ ކުރިން ވަކި ވަކި ފަރުދުންތަކެއް ކުރި ކަމަކާއި އަންރާގެ މަސައްކަތާއި މެދު އަހަރެމެން ފަރަގު ކުރަން ޖެހޭ." ނޯވޭގެ ފޮރިން މިނިސްޓަރު އެސްޕެން ބާތް އީޑް ވިދާޅުވެފައި ވެއެވެ.

އަންރާ ގެ ދަށުގައި ފަލަސްތީނުގެ ކިތައް ކޭމްޕު އަދި ރެފިއުޖީން ތިބޭ؟

  • - ޣައްޒާގައި 8 ރެފިއުޖީ ކޭމްޕެއްގައި 1،476،706 ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ރަޖިސްޓްރީ ވެފައި ވެއެވެ.
  • -ހުޅަނގު އައްސޭރީގައި ރަޖިސްޓްރީވެފައިވާ 871،537 ރެފިއުޖީންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުން 19 ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ އިރު، އެހެން މީހުން ދިރިއުޅެނީ އަވަށްތަކުގައެވެ.
  • -ސީރިއާގައި ރަސްމީ 9 ކޭމްޕް އަދި ނުރަސްމީ 3 ކޭމްޕު ހުންނަ އިރު، ރަޖިސްޓްރީ ވެފައިވާ 575،234 ފަލަސްތީނުގެ ރެފިއުޖީން އެތަންތަނުގައި ދިރި އުޅެއެވެ.
  • -ލުބުނާނުގެ 12 ރެފިއުޖީ ކޭމްޕެއްގައި 489،292 ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅެއެވެ.
  • - އުރުދުންގައި އަންރާގެ 10 ކޭމްޕެއްގައި 2،307،011 ރެފިއުޖީން ދިރިއުޅެއެވެ.
  • މުވައްޒަފުންތަކެއް އަންރާގެ އިމާރާތެއްގެ ކައިރީގައި --- ފޮޓޯ: ގެޓީ އިމޭޖަސް

އެހީދިނުން މެދުކަނޑާލުމުން ފަލސްތީނުގެ ރައްޔިތުންނަށް ވާނީ ކިހިނެތް؟

އަންރާގެ އެންމެ ބޮޑެތި ޑޯނަރުން އެހީ ދިނުން މެދުކަނޑާލުމުން، ޣައްޒާއާއި ޣައްޒާއިން ބޭރުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ބަނޑުހައިހޫނުކަމާއި ކުރިމަތިވުމުގެ ބިރު އެބަ އޮތެވެ. އަދި މިފަދަހާލަތެއްގައި އަންރާ އާއި ނުލައި ޣައްޒާގެ ރައްޔިތުން ދިރިތިބޭނެ ގޮތަކާއި މެދު ވިސްނާލަންވެސް އުނދަގޫ ކަމަށް އަންރާގެ ގައްޒާ އާއި ބެހޭ ކަންކަމުގެ ޑިރެކްޓަރު ތޯމަސް ވައިޓް ވިދާޅުވެފައި ވެއެވެ

އިސްރާއީލުން އަންރާ ބަލިކަށި ކޮށްލަން ބޭނުންވަނީ ކީއްވެ؟

އަންރާގެ މަސައްކަތަކީ މާ ކުރީގެ މަސައްކަތެއް ކަމަށް ބުނެ އަންރާ އުވާލަން ވަރަށް ކުރީއްސުރެ އިސްރާއީލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ ހޯމަދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނި ހަމާސް ވަނީ އަންރާ ފޫއަޅުވާލާފައި ކަމަށެވެ.

ނަމަވެސް ނަތަންޔާހޫގެ އެ ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއް ނެތެވެ. އެއީ އަންރާގެ މުވައްޒަފުންގެ ލިސްޓު އެ އެޖެންސީން އިސްރާއީލާއި ހިއްސާ ކުރާތީއެވެ.

އަންރާ އުވާލަން އިސްރާއީލުން ވަރަށް ކުރީއްސުރެ މަސައްކަތް ކުރަމުން އަންނަނީ އެ އެޖެންސީން ފަލަސްތީނުގެ ރެފިއުޖީންގެ މައްސަލަ ދިގު ދައްމާ ކަމަށް ބުނެއެވެ. އިސްރާއީލުން ބުނަނީ އޭގެ ސަބަބުން ޖީލުތަކަށް ފަލަސްތީނުގެ ރައްޔިތުންގެ ރެފިއުޖީންގެ ދަރަޖަ ދެމިގެންދާ ކަމަށެވެ. އެ ރެފިއުޖީން އެނބުރި ވަޒަންވެރިވުމުގެ ހައްގަށް އިސްރާއީލުން ދެކޮޅު ހަދައެވެ.

އަންރާގެ މުވައްޒަފުންނަށް އިސްރާއީލުން ކުރި ތުހުމަތުތައް ފެންމަތިވެފައިވަނީ ޣައްޒާގައި ގަތުލުއާންމެއް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށާއި، ޣައްޒާއަށް އެހީ ވެއްދުމަށް ދުނިޔޭގެ ކޯޓުން އިސްރާއީލަށް އަމުރު ކުރި ދުވަހުއެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އެއީ އިއްތިފާގަކަށް ވުމަކީ ވަރަށް ދުރުގައި އޮތް ކަމެކެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އިސްރާއީލުން އެފަދަ ތުހުމަތު ތަކެއް ކޮށްފައިވަނީ ކޯޓުގެ ހުކުމުން އަމާޒު އަނބުރާލުމަށެވެ.

އިސްރާއީލުން އަންރާ އުވާލުމަށް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ގޮތްހުސްވެގެން ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިންނާއި ހުޅަނގު އައްސޭރިން އެހެން ތަނަކަށް ދިއުމަށް މަޖުބޫރު ކުރުވުން ވެސް ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.