ގދ. ތިނަދޫ، އާރު، ރަޝީދާ އިބްރާހިމްއަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ޤަރުނަށްވުރެ ގިނަދުވަސްވި ބޭފުޅެކެވެ. ތުއްޕުޅުއިރުއްސުރެ އަދަބީ ކަންކަމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ބެހެއްޓެވި ބޭފުޅެކެވެ. ރަޝީދާގެ އެންމެ ޚާއްޞަ އެއް ފަންނަކީ، ޅެންވެރިކަމެވެ. ރަޝީދާ އިބްރާހީމަކީ، ޠަބީޢީ ޅެންވެރިއެކެވެ. ގދ. ތިނަދޫގައި މިހާތަނަށް އުފެދުނު އެންމެ ފުންނާބު އުސް އެއް ޅެންވެރިޔާ އިބްރާހީމް ރަޝީދުގެ ދޮށީ ދަރިކަނބަލުންނެވެ. ރަޝީދާގެ ނާރުތަކުގައި ހިނގައިފައި ވަނީ މި ދެންނެވި ޝާޢިރުގެ ތާޒާ ލެޔެވެ.

ރަޝީދާ އިބްރާޙިމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖްރީ ސަނަތުން 1359 ވަނަ އަހަރުގެ ޝައްވާލުމަހުގެ 24، އަދި މީލާދީ ސަނަތުން 1950 ވަނަ އަހަރުގެ އޮގަސްޓް 8 ވީ ބުދަ ދުވަހުއެވެ.

ހިތްހެޔޮ އަދި ޚުލްޤު ހެޔޮ މިޒާޖެއްގެ ވެރި ރަޝީދާ އަކީ ބައްދަލުވާ ކޮންމެ މީހަކާ ހިނިތުންވުމާއެކު މުޚާތަބުކުރާ ތިނަދޫގެ ކުދިބޮޑު ވަރަށް ގިނަ މީހުން ދަންނަ ތިނަދޫއަށް ނިސްބަތްވާ އެތަކެއް ދަރީންތަކެއްގެ ދިވެހި މުދައްރިސާވެސްމެއެވެ. ކުޅަދާނަ ޝާއިރެއްވެސްމެއެވެ. މިހާތަނަށް ހަތަރު ކައިވެނިކޮށް، ހުވަފަތްވެ، އަންހެން ދަރިކަނބަލަކާއި ހަތް ފިރިހެން ބޭފުޅުން ތިއްބަވައެވެ.

ފޮޓޯ: ރަޝީދާ އިބްރާހިމް

ރަޝީދާގެ އުމުރުން އެންމެ ދެ އަހަރުގައި މަންމަ ދެމިއޮތިމުގެ އާލަމަށް ދަތުރުކުރައްވައިފިއެވެ. މަންމަގެ ފަރާތު ކާފަ މޫސާ ހިރިހަމައިތި ކަލޭފާނަކީ ތިނަދޫގައި ދިރިއުޅުއްވި ތަނަވަސް މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅަކަށް ވާތީ ރަޝީދާ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ނެންގެވީ ކާފައެވެ. ރަޝީދާގެ ބައްޕަ އޭރު އުޅުއްވީ އަތޮޅު އޮފީހުގެ ސެކްރެޓެރީއަކަށެވެ.

ހުވަދު އަތޮޅުގެ ގިނަބަޔަކު ދިވެހި ސަރުކާރު ދެކި ހިތްހަމަ ނުޖެހިގެން އުޅުނު ދުވަސްވަރެއްގައި ހުވަދު އަތޮޅު އަތޮޅުވެރިޔަކަށް ހުންނެވި ބޭފުޅެއްގެ ޝަކުވާ ތިނަދޫއިން ސަރުކާރަށް ފޮނުވި ސިޓީ ލިޔުއްވީ ރަޝީދާގެ ބައްޕަ އިބްރާޙިމް ރަޝީދެވެ. އޭރުގެ ސަރުކާރަށް ފެނުނީ އެއީ ކުށެއްކަމަށެވެ. އެހެންވެ، ކޮޅުނބުގައި ހުންނަވަނިކޮށް ލަންކާގެ ސިފައިން މެދުވެރިކޮށް ދިވެހި ސަރުކާރުގެ ފަރާތުން އިބްރާޙިމް ރަޝީދު ހައްޔަރުކޮށް ބ. ފެހެންދުއަށް އަރުވާލެވުނެވެ. ބައްޕަ ސަލާމަތްވެގެން ރަށަށް އައިތަނާހެން ހުވަދޫ ބަޢާވާތާ ގުޅިގެން ތިނަދޫއިން މީހުން ބާލައި މުޅިރަށް އެކީ ފަޅުރަށަކަށް ބަދަލުކޮށްލި ހާދިސާ އާއި ކުރިމަތިލާންޖެހުނީ ހިތްދަތިކަމާއި، ވޭނުން ފުރިގެންވާ ހިތަކާ އެކީގައެވެ. އޭރު ރަޝީދާއަށް އެންމެ 10 އަހަރެވެ.

ރަޝީދާ އިބްރާހިމްގެ ތައުލީމީ ހަޔާތް ފެށިގެންއައީ އެދުރުގެއިންނެވެ. އެއަށްފަހު މަކްތަބުން އަދި މަދަރުސާއިން އޭރު ކިޔެވެން ހުރި ވަރަކަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ތިނަދޫއިން މީހުން ބޭލިއިރު ރަޝީދާ އުޅުއްވީ މަދަރުސާގެ ދެ ވަނަ ކުލާހުގައެވެ. އޭގެފަހުން މާލޭގެ އާލިޔާ ސްކޫލުގެ ޚާއްސަ ކުލާހުގައި ލިޔަންކިޔަން ދަސްކުރުމުގެ ކްލާހުގައި ބައިވެރިވެ ތަޢުލީމް ހާޞިލް ކުރެއްވިއެވެ.

ފޮޓޯ: ރަޝީދާ އިބްރާހިމް

މީހަކާ އިނދެގެން ރަޝީދާގެ ދިރިއުޅުން ދެން ބަދަލުވީ ހދ. ނޮޅިވަރަންފަރަށެވެ. ބ. އަތޮޅު ގޮއިދޫގަވެސް ރަޝީދާ ދިރިއުޅުއްވިއެވެ. ރަޝީދާ ބުނާގޮތުން ގޮއިދޫގައި ދިރިއުޅެންޖެހުނީ ވަރަށް އުނދަގޫ ހާލުގައެވެ. އެހެންނަމަވެސް ކިތަންމެ ދަތި ހާލެއްގައި އުޅުނަސް އަބަދުވެސް ކޮންމެވެސް ފޮތެއް ކިޔާލެވޭތޯ ރަޝީދާ ބަލައެވެ. މިގޮތުން އިނގިރޭސި ދަސްކުރުމަށް "ދަ އޮކްސްފޯރޑް އިންގްލިޝް ފޯރ ސިލޯން" ފޮތުން އިނގިރޭސި ބަހާއި އެބަހުގެ ދިވެހި މާނަ އަންބާއެއް ހެން ކިޔައި ހިތުދަސްކުރިއެވެ.

"އަ މޭން، މީހެއް، އަ ޕޭން، މަސްތެލުލާ ތެއްޔެއް، ގުޑް މޯރނިންގ ޗިލްޑްރެން، ކުދިންނޭ ހެނދުނުގެ ސަލާމް،". މިއީ އެގޮތުން ދަސްކޮށްފައިވާ ތަކެތި ކަމަށް ރަޝީދާ ކިޔައިދިނެވެ.

1982 ވަނަ އަހަރު ގދ. ތިނަދޫ ސްކޫލްގެ ޓީޗަރެއްގެ މަޤާމު ލިބިގެންދިޔުމާއެކު މެދުނުކެނޑި 29 އަހަރު ރަޝީދާ ވަނީ އެ ސްކޫލުގައި ޚިދުމަތްކޮށްދެއްވައިފައެވެ. 2011 ވަނަ އަހަރާ ހަމަޔަށް އެތައް ސަތޭކަ ދަރިވަރުންގެ ނަމޫނާ ދިވެހި ޓީޗަރަކަށް ރަޝީދާ ވަނީ ވެފައެވެ. ދިވެހިބަސް އުނގަންނަވައިދެއްވުމުގެ ގޮތުން، ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ގދ. ތިނަދޫގައި ހުންނަ ތިނަދޫ ސްކޫލާއި، އަބޫބަކުރު ސްކޫލްގައި ކިޔަވައި ދެއްވައިފައިވެއެވެ.

ކިޔަވައިދިނުމުގެ އިތުރުން ދިވެހި ފަންނާއި ހުނަރު އަދި އަދަބިއްޔާތަށް ދަރިވަރުން ހޭލުންތެރިކުރުމަށްވެސް ރަޝީދާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ސްކޫލްތަކުގައި ބާއްވާ އަދަބީ އެކިއެކި މުބާރާތްތަކަށް ޅެމާއި ލަވަ، އަންބާއާއި ރައިވަރާއި، ބަނދި ފަދަ ތަކެތި، ގިނަ އަދަދަކަށް ހެއްދެވިއެވެ. އަދި ޅެން ބަހުރުވައިންނާއި ރައިވަރުން އެކިއެކި ޑްރާމާތައް ތައްޔާރުކޮށްދެއްވިވެއެވެ. އިންޓަރ ސްކޫލް ލަވަމުބާރާތްތަކުގައި ތިނަދޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ކުދިންނަށް އެއްވެސް އަގަކާއިނުލާ ޅެން ހަދައިދީ، ވާހަކަދެއްކުމުގެ މުބާރާތަށް ތައްޔާރުކޮށްދީ ޑްރާމާފަދަ ތަކެތި ހިލޭ ހަދައިދެއެވެ. ރަޝީދާގެ ޅެމާއި މަޒްމޫންތައް ފަތްތޫރަ ފަދަ މަޖައްލާތަކުގައި ވަނީ ޝާއިއުކުރެވިފައެވެ.

މީގެ އިތުރުން ދިވެހި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އިންތިޒާމް ކޮށްގެން ރާވައިގެން ހިންގުނު ތަފާތު އަދަބީ މުބާރާތް ތަކުގައި ބައިވެރިވެ ރަޝީދާ ވަނީ އެއްވަނަ އަދި ދެވަނަވެސް ޙާޞިލް ކުރައްވާފައިވެއެވެ. ޓީވީ މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ހިންގާފައިވާ ތަފާތު އެކި އަދަބީ މުބާރާތްތަކުގައިވެސް ބައިވެރިވެ، ވިދިވިދިގެން ދެފަހަރު އެއްވަނަ ހާޞިލް ކުރެއްވިއެވެ. މީގެ އިތުރުންވެސް ބައިވެރިވި ކޮންމެ މުބާރާތަކުން ވަނައެއް ހާޞިލް ކުރައްވައެވެ.

މަސައްކަތް ކުރެވުނު ދާއިރާތަކާއި އަދާކުރެވުނު އިޖުތިމާއީ ޚިދުމަތްތައް

ތައުލީމީ ދާއިރާގެ އިތުރުން ރަޝީދާއަކީ ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ރަށުގައި ހިންގޭ އެކިކަހަލަ އިޖުތިމާއީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވައެވެ. އެގޮތުން އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމާއި ރަށް ކުރިއަރުވާ ކޮމެޓީގެ މެންބަރުކަމުގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ރައީސާކަންވެސް ރަޝީދާ ވަނީ ކުރައްވާފައެވެ.

ފޮޓޯ: ރަޝީދާ އިބްރާހިމް

1982 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމަޔަށް ގދ. ތިނަދޫ އަންހެނުންގެ ކޮމިޓީގައި ރަޝީދާ ވަނީ މަސައްކަތް ކުރައްވައިފައެވެ. އެގޮތުން، ކޮމިޓީގެ ރައީސްކަމާއި، ސެކްރެޓެރީކަން ކުރެއްވިއެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް އަތޮޅު ކޮމިޓީގެ މެންބަރުކަން ކުރައްވައި، އެ ކޮމިޓީގައިވެސް ޚިދުމަތްތެރި ދައުރެއް ރަޝީދާ ވަނީ އަދާކުރައްވައިފައެވެ.

ޅެންވެރިކަމުގެ ރޮނގުން މިހާތަނަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ރަޝީދާ ވަނީ އެތައް ކުދިންނަކަށް ޅެން ހަދަން ދަސްކޮށްދީ ތައްޔާރުކުރުވައި، ދިވެހި މުޖުތަމަޢަށް ނެރުއްވައި ދެއްވައިފައެވެ. އެގޮތުން ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި ޅެންވެރިކަމުގެ ކޯސް ހިންގައި އެކިއެކި މުބާރާތްތަކަށް ކުދިން ތައްޔާރުކޮށްދެއްވިއެވެ.

ރަޝީދާ މި މަސައްކަތްތައް ކުރައްވަނީ އެއްވެސް އަގަކާއިނުލައި ގައުމަށް ކުރާ ގައުމީ ޚިދުމަތެއްގެ ގޮތުގައި ދެކިގެންނެވެ.

މިދާއިރާއަށް ނުކުމެވުނު ގޮތް އަދި ކާމިޔާބީގެ ސިއްރު

ރަޝީދާ އިބްރާހިމް އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ ގޮއިދޫގައި ހުންނަވަނިކޮށެވެ. އެ ޅެމަށް ވަރަށް ގިނަ ބައެއްގެ ތައުރީފް ލިބިގެންދިޔުމާއެކު އިތުރު ޅެމެއް ހެދުމަށް ޝައުޤުވެރިކަން އުފެދިގެންދިޔައެވެ. ރަޝީދާ ފާހަގަކުރެއްވި ގޮތުގައި ރަޝީދާއަށް ޅެން ހައްދަވަން ދަސްކޮށްދެއްވި އެއްފަރާތް ކަމުގައި އަޙްމަދު ޙަމީދު ފަހުމީއެވެ. އެހެންކަމުން އަހުމަދު ފަހުމީއަށް ރަޝީދާ ޝުކުރު އަދާކުރައްވައެވެ. މީގެ އިތުރުން ދިރިއުޅުމުގައި ކާމިޔާބީއާ ހަމަޔަށް ވާސިލް ވުމަށް އާއިލާއިން ދަރިން ވަރަށް މުހިންމު ރޯލެއް އަދާކުރެއްވިކަން ރަޝީދާ ވަނީ ފާހަގަކޮށްފައެވެ.

ފޮޓޯ: ރަޝީދާ އިބްރާހިމް

ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލް ވެވުނުތޯ އަދި ލިބުނު ކާމީޔާބީތައް

ޓެލެވިޜަން މޯލްޑިވްސް އިން 1422 ވަނަ އަހަރާއި، 1423 ވަނަ އަހަރު ބޭއްވި ޅެން ހެދުމުގެ މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޯއްދަވައިފައި ވެއެވެ. އަދި ދިވެހި ނާދީގެ ހުވަދުއަތޮޅު ދެކުނުބުރީ ގޮފިން ބޭއްވި ޅެން ހެދުމުގެ މުބާރާތުން 1 ވަނަ އަދި 2 ވަނަ ހާސިލުކުރައްވައިފައި ވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން ބޭއްވި ދީނީ ޅެން ހެދުމުގެ މުބާރާތްތަކުގައި، އެކި އަހަރު ރަޝީދާ ބައިވެރިވެވަޑައިގެން، ވަނަތައް ވަނީ ހާސިލުކުރައްވައިފައެވެ. 1999 ވަނަ އަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޅެންހަދަން ދަސްކޮށްދިނުމުގެ ކޯހެއް ހިންގަވައި، އެ އަހަރު މުޅި ރާއްޖެއިން އެ ސްކޫލަށް 1 ވަނަ ހޯއްދަވައި ދެއްވައިފައި ވެއެވެ. މީގެއިތުރުން، 1988 ވަނަ އަހަރު ރަޝީދާ ހިންގެވި ޅެންހަދަން ދަސްކޮށްދިނުމުގެ ކޯހުގައި ބައިވެރިވި ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން، އެ އަހަރު އޮތް ދީނީ މައުޟޫޢަށް ޅެން ހެދުމުގެ ޤައުމީ މުބާރާތުން 1 ވަނަ ހާސިލުކޮށްފައި ވެއެވެ.

ރަޝީދާ އިބްރާހީމް ހައްދަވައިފައިވާ މަޝްހޫރު ބައެއް ޅެންތަކުގެ ތެރޭގައި، "ރާއްޖެ އިސްލާމްވި ދުވަސް"، "މަރްޙަބާ ރަމަޟާން"، "އޭ ލޯބިވާ ދިވެހިބަހާއެވެ!"، "ދިވެހި އަންހެނުން"، "ވަދާޢީ ޝުކުރު" ފަދަ ޅެންތައް ހިމެނެއެވެ.

ރަޝީދާ އިބްރާހީމަށް ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، ރަޝީދާއަކީ ދިވެހި އަދަބިއްޔާތުގެ ދާއިރާގައި ޚާއްޞަކޮށް، ޅެންވެރިކަމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅަކަށްވުމާއި، ރަޝީދާ ހައްދަވާ ޅެންތަކުގެ ފެންވަރު، އެއްގޮތެއްގައި ހިފަހައްޓަވާ ބޭފުޅަކަށްވާތީއެވެ. އަދި ޤައުމީ އިނާމު ކޮމިޓީގެ ބޭފުޅުން 2022 ވަނަ އަހަރު ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި، ރަޝީދާގެ މަސައްކަތްތައް ބައްލަވައި، ކަމާގުޅޭ އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވައި، ލިބިވަޑައިގެންނެވި މަޢުލޫމާތުތަކަށް ރިޢާޔަތް ކުރައްވާއިރު، ރަޝީދާއަކީ މި ރޮނގުން ޝަރަފު އެރުވުމަށް ޙައްޤު ބޭފުޅެއް ކަމަށްވެސް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީއެވެ. އެހެންކަމުން 2023 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް ޝަރަފުވެރި ގައުމީ އިނާމެއް ވަނީ ދެއްވާފައެވެ.

ރަޝީދާއަކީ އެކުވެރިންނާއެކު ހީ ސަމާސާކޮށް އުޅޭ މަޖާ އެކުވެރިއެކެވެ. ދަރިންނާއެކު ގޭތެރޭގައި މާހައުލުގައި ދަރިން ތަރުބިއްޔަތުކުރުމުގައި އަވަދިނެތި އުޅުނު މައެކެވެ. ނުދަންނަ މީހުންނާވެސް ހިނިތުންވުމާއެކު ވާހަކަދައްކާލާ ހަދާ އޯގާތެރި ހިތްހެޔޮ ބޭފުޅެކެވެ. އެހެންމީހުންގެ އިހުސާސްތަކަށް ޤަދަރުކުރަން ދަންނަ ރަނގަޅު ރަހުމަތްތެރިއެކެވެ.

ކުޑައިރުން ފެށިގެން ލިބޭ ކޮންމެ ހުސްވަގުތަކީ ރަޝީދާ ކޮންމެވެސް ފޮތެއް ކިޔާލަން އަވަދިނެތިއުޅޭ ވަގުތެކެވެ. އިނގިރޭސި އަދި ދިވެހި ބަހުން ހުންނަ ގިނަ ފޮތްތައް މިހާތަނަށް ކިޔާފައިވާއިރު ރަޝީދާގެ ހޮބީއަކީވެސް ލިޔުމާއި ފޮތް ކިޔުމެވެ.

މިހާތަނަށް އަދާކުރެވުނު ވަޒީފާތަކުގެ ތެރެއިންވެސް ތައުލީމީ ދާއިރާގައި އަދާކުރެވުނު ވަޒީފާތަކާމެދު ރަޝިދާ ވަރަށް ހިތްހަމަޖެހެއެވެ. ރާއްޖޭގެ ހުރިހާ ދިމާލަކަށް ބަލާލިޔަސް ރަޝީދާ މިސް ނުދަން ކުއްޖަކު މަދުވާނެކަން ފާހަގަކޮށް ރަޝީދާ ވިދާޅުވީ ކިޔައިދެވުނު ކުދިން ބޮޑެތި މަޤާމުތަކުގައި ތިބޭތަން ފެނުމުން ވަރަށް ފަޚުރުވެރިވާ ކަމަށެވެ.

ދިރިއުޅުމުގައި ދިމާވި އެންމެ ހިތާމަވެރި އަދި އުފާވެރި ދުވަސް

ދިރިއުޅުމުގައި އެންމެ ހިތްދަތިވި ދުވަހަކީ ހުވަދޫ ބަޣާވާތާއި ގުޅިގެން ރަށުން ބޭލި ދުވަހެވެ. އެހިތި ހަދާންތަކުން ހިތުގައި ހެދިފައިވާ ފާރުތައް ތަޒާކަމާއެކު އަދިވެސް އެބަހުއްޓެވެ. މިއަދުވެސް އެހަނދާންތައް އާވުމުން ލޮލުން ކަރުނައައިސް ފެންކަޅިވެއެވެ. މިހާދިސާއާއި ގުޅިގެން ޅަފަތުގެ ދައުރު ހޭދަކުރަން ޖެހުނީ އަމިއްލަ ވަޒަނުން ބޭރުކޮށްލެވިފައިވާ ރެފިއުޖީއެއްގެ ގޮތުގައެވެ.

2023 ވަނަ އަހަރު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް ޝަރަފުވެރި ގައުމީ އިނާމެއް ލިބުނު ދުވަހު ވަރަށް ފަޚުރުވެރިވި ކަމަށް ރަޝީދާ ބުންޏެވެ.

މުޖުތަމައުއަށް ދޭން ބޭނުންވާ މެސެޖް

ކިޔެވުމަކީ ވަކި އުމުރަކަށް އޮތްކަމެއް ނޫނެވެ. ރަޝީދާ އިބްރާޙިމް އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިދިވެހި މުޖުތަމަޢު މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވެ މިނިވަންވާނެ ދުވަހެކެވެ. ރަޝީދާ އިބްރާޙިމްގެ އިލްތިމާސަކީ ދިރިއުޅުމުގައި ދިމާވާ އެންމެހާ ހުރަސްތަކާއި ކުރިމަތިލައި، ދިރިއުޅުމުގައި ކުރިޔަށްދާ ކުދިންތަކަކަށް ހުރިހާ ކުދިންވެސް ވުމެވެ.