ދެ ދަރިންގެ މަންމައަކަށް ވިޔަސް ފާތުމަތު އަރޫޝާ (އަރޫ) ދައްކަމުން ދަނީ ތައުލީމު ހާސިލު ކުރުމަކީ ފެއަށް ޖެއްސޭނެ ކަމެއް ނޫން ކަމެވެ. ދަރިންގެ ކަންތައް ބަލަހަައްޓަމުން އަރޫ އަންނަނީ އެއްފަހަރާ ގިނަ ކޯސްތަކެއް ފުރިހަމަ ކުރަމުންނެވެ. އަދި އެކަން ކުރަމުންދަނީ ވަޒީފާއެއްވެސް އަދާ ކުރަމުންނެވެ.

ޖަރުމަން ސަރުކާރުގެ ފުލީ ފަންޑެޑް ސްކޯލާޝިޕެއްގައި ޔަންގ ޕޮލިޓިކަލް ލީޑާރސް ކިޔަވަން ލިބިފައިވާ އަރޫ މިހާރުވެސް ދަނީ އެމްއެންޔޫއިން ޝަރީއާ އެންޑް ލޯ ކިޔަވަމުންނެވެ. އަދި ހަމައެއާއެކު ލައިފް ކޯޗިންގެ ކޯހެއްވެސް އަރޫ ދަނީ ހަދަމުންނެވެ. ދިރިއުޅުމުގައި ނުވަތަ ވަޒީފާގެ މާހައުލުގައި ކިތަންމެ ބިޒީކޮށް އުޅުނަސް ކިޔެވުމަށް ފުރުސަތެއް ލިބިއްޖެއްޔާ އޭނާ އޭގެ ބޭނުން ހިފައެވެ.

އަރޫގެ ތައުލީމީ ހަޔާތް ފެށިގެންދިޔައީ އާލިޔާ ސްކޫލުންނެވެ. އިސްކަންދަރު ސްކޫލް އަދި އަމީނިއްޔާ ސްކޫލުންވެސް އަރޫ ވަނީ ތައުލީމް ހާސިލްކޮށްފައެވެ. ސްކޫލް ދައުރު ނިންމާލުމަށްފަހު އޭޑީކޭގައި އެސިސްޓެންޓް ފާމަސިސްޓަކަށް އުޅުމަށްފަހު ވަޒީފާއާ ދުރުގައި ދުވަސްކޮޅަކު ހޭދަކޮށްލިއެވެ. އެދުވަސްތަކުގައި ސްކޫލު ކުދިންނަށް ޓިއުޝަންދީ ހެދިއެވެ. މީހަކާ އިނދެގެން ދިރިއުޅުން ގދ. ތިނަދޫއަށް ބަދަލުކުރި ހިސާބުން ތިނަދޫ ޔޫތު ސެންޓަރުގައި ސްޕޯޓްސް ކައުންސެލާއަކަށްވެސް އަރޫ އުޅުނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ކުރި ތާއީދާއެކު ސިޔާސީ މައިދާނުގައި އެކްޓިވިސްޓެއްގެ ގޮތުގައި ވެސް އަރޫ ފެނިގެންގޮސްފައިވެއެވެ.

އާރުޑީސީގެ އޭއެފްއެމްގެ ޑެޕިއުޓީ މެނޭޖަރުގެ މަޤާމުގައި މިހާރު ހުންނެވި އަރޫއަކީ ގިނަ ސޯޝަލް ޚިދުމަތްތަކެއް ކުރައްވަމުންދާ މުރާލި ކަނބަލެކެވެ. އެގޮތުން އެންޖީއޯތަކާއި ގުޅިގެން ގިނަ ހަރަކާތްތައް އަރޫ ވަނީ ބައިވެރިވެފައެވެ. ފަންޑު ރެއިޒިންގ އިވެންޓްތަކާއި ފަލަސްތީނަށް އެހީ ހޯދުމާއި މިކަހަލަ ގިނަ ސޯޝަލް ޚިދުމަތްތަކެއް އަރޫވަނީ ކޮށްދީފައެވެ.

ފޮޓޯ: އަރޫޝާ ފޭސްބުކް

ފިޓްނަސްގައިވެސް ދުލެއް ނުކުރޭ

ވަޒީފާ އަދާ ކުރަމުން، ތައުލީމު ހާސިލު ކުރަމުން، އަރޫ އަންނަނީ ފިޓްނަސް ދާއިރާގައިވެސް ކުރިއަރަމުންނެވެ. ފިޓްނަސް ދާއިރާއަށް ނުކުމެވުނު ގޮތް ކިޔައިދެމުން އަރޫ ބުނީ ކުޑައިރުން ފެށިގެން އެއީ ޝައުޤުވެރިކަން ހުންނަ ދާއިރާއެއް ކަމަށާއި އޭރުވެސް ލަވަޖަހާލާ ޒުމްބާ ލަވަތަކަށް ނަށައި ހަދާ ކަމަށެވެ. ރައްޓެހިންނާއެކު ޒުމްބާ ޖައްސައި ހަދަމުން އައިސް އެ ދާއިރާއަށް ވަދެވިގެން ދިޔައީއެވެ.

މީހަކާ އިނދެގެން ދިރިއުޅުން ގދ. ތިނަދޫއަށް ބަދަލުކޮށްގެން އެރަށުގައި ދިރިއުޅެމުން އަންނަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރެއިން ހަމަޖެހުނު ސްޕޯޓްސް ކައުންސިލަރުގެ މަގާމުތަކުން ތެރެއިން އެ ރަށުގެ މަގާމެއް ލިބި އެމްއެންއައިއެސް ގުޅިގެން ފިޓްނަސް އިންސްޓްރަކްޝަން ކޯސްތަކެއް އަރޫ ވަނީ ފުރިހަމަކޮށްފައެވެ.

މީގެއިތުރުންވެސް އިންޓަރނޭޝަނަލް ފެންވަރުގައި މިދާއިރާގައި އަރޫ ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި އެކުއާފިޓްނަސް އަދި ޒުމްބާފަދަ ކުލާސްތައް އޭނާ ވަނީ ނަގައިދީފައެވެ.

ފިޓްނަސް އިންސްޓްރަކްޓަރަކަށް ވެވުނަސް، އަރޫ ހުރީ އެ ހިސާބުން ނިންމާލާ ގޮތަކަށް ނޫނެވެ. އޭނާގެ އަމާޒު މިހާރު ހުރީ ލައިފް ކޯޗަކަށް ވުމަށެވެ. ދިރިއުޅުމުގައި ދަސްވެފައި ހުރި އެއްޗެއްގެ ބޭނުން ހިފައިގެން އެހެން މީހުން ކުރިއަށްދިޔުމުގައި ހިތްވަރު ދިނުމަށެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތައް ގިރާކޮށް ކުރިއަރައިގެން ދާން ވީ ގޮތް ކިޔައިދީ އެހެން މީހުންނަށް ހިތްވަރު ދޭންވެސް އަރޫ ބޭނުންވެއެވެ.

ފޮޓޯ: އަރޫޝާ ފޭސްބުކް

ދިރިއުޅުމުގެ އުފުލާއި ހިތާމަ

އަރޫގެ ހަޔާތުގައި އެންމެ ހިތާމަވެރި ދުވަހަކީ އޭނާގެ ބައްޕަ އޮޕަން ހާޓް ސާޖަރީއެއް ހަދައިގެން އުޅެނިކޮށް ނިޔާވި ދުވަހެވެ. އެހަދާންތައް އާވުމުން އަރޫއަށް އަދިވެސް ރޮވެއެވެ. މިވާހަކަތައް ކިޔައިދިންއިރު ބައްޕަ މަތިން ހަދާންކޮށްފައި އަރޫއަށް ރޮވުނެވެ. އެންމެ ކުޑައިރުއްސުރެ ލޯބިން ބަލައިބޮޑުކުރި ލޯބިވާ ބައްޕަ ނިޔާވުމުން އޭނާއަށް އެ ލިބުނު ހިތާމަޔަކީ ދުވަހަކުވެސް ފޫނުބެއްދޭނެވަރުގެ ބޮޑު ހިތާމައެކެވެ.

އެހެންނަމަވެސް، އަރޫގެ ހުންނަނީ ވަރަށް ޕޮޒިޓިވް ވިސްނުމެކެވެ. ވެއްޓޭ ކޮންމެ ފަހަރަކު ތެދުވެ ހަށިފޮޅާލައި ކުރިއަށްދިޔުމުގެ ވިސްނުމެކެވެ. އަރޫ ދެކޭ ގޮތުގައި އޭނާގެ ދިރިއުޅުމުގެ ހުރިހާ ދުވަހަކީ މަޖާ އަދި އުފާވެރި ދުވަހެކެވެ. ވަކި މިވެނި ދުވަހަކީ އެންމެ މަޖާ ދުވަހެކޭ ބުނަން ނޭނގެއެވެ. ހުރިހާ ދުވަހަކީވެސް އޭނާ ދެކޭ ގޮތުގައި ހާއްސަ ދުވަސްތަކެވެ. އަދި ދަރިންނާއެކު ހޭދަވާ ކޮންމެ ވަގުތަކީވެސް އަރޫއަށް އެހާމެ މުހިންމު އަދި މަޖާ ވަގުތުތަކެވެ.

ދިރިއުޅުމުގެ އެތައް ކަމެއް ތަހައްމަލްކޮށްފައިވާ އަރޫ އެންމެ އުފާވީ އޭނަގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އެނގުނު ދުވަހެވެ. އަރޫ ބުނިގޮތުގައި ފުރަތަމަ ދަރިފުޅަކީ އަންހެން ކުއްޖަކަށްވާން ވަރަށް ބޭނުންވެފައި ހުއްޓާ އަންހެން ކުއްޖަކު ލިބުމުން ބަޔާން ކުރަން ދަތި އުފަލެއް އޭނައަށް ލިބިގެން ދިޔައެވެ.

"އަންހެން ކުއްޖެއް ލިބި އަތަށް އެރި ދުވަހަކީ ވަރަށް އުފާވި ދުވަހެއް، އުފަލުން ހަމަ ރޮވުނު ދުވަހެއް." އަރޫ ބުންޏެވެ.

އަދި ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަން އެނގުމުންވެސް އެވަރަށް އުފާވި ކަމަށް އަރޫ ބުންޏެވެ.

އަރޫޝާ އޭނަގެ ދަރިފުޅާއެކު - ފޮޓޯ: އަރޫޝާ ފޭސްބުކް

އެންމެ ދެކެން ބޭނުންވާ ދުވަސް

ކިޔަވަމުން ވަޒީފާއަދާކުރަމުން ދެދަރިންގެ ޒިންމާ ނެގުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް އަރޫ މިހުރިހާ ކަމެއް ކުރަމުންދަނީ ވަގުތު ބަހައިގެންނެވެ. އާއިލާއަށް ވަގުތު ދީގެން ކިޔެވުމަށްވުމަށްވެސް ވަގުތު ހުސްކޮށްގެންނެވެ. ހުސްވަގުތެއް ލިބިއްޖިއްޔާ އަބަދުވެސް ތަފާތު އެކި މައުލުމާތު ލިބޭ ފޮތެއް ކިޔާލެވޭތޯ އަރޫ ބަލައެވެ. މައުލޫމާތު މުއްސަނދި ކުރުމަށް އަބަދުވެސް އަރޫ ފޮތް ކިޔާ ހަދައެވެ.

އެކަނިވެރި ދިރިއުޅުމެއް ވޭތުކުރަމުން ދިޔަނަމަވެސް އަރޫ އޭނާގެ ދަރިންނަށް ދޭން ޖެހޭ ވަގުތާއި ލޯބި އަބަދުވެސް އެކުދިންނަށް ދެއެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް އާއިލާއަށް ދޭންޖެހޭ ވަގުތު އަބަދުވެސް އަރޫ ހުސްކުރާނެއެވެ. އޭނާ ބުނި ގޮތުގައި އޭނާ އެންމެ ދެކެން ބޭނުންވަނީ އެ ދަރިން ކިޔަވައިގެން މޮޅު ކުދިންނަށް ވާ ދުވަހެކެވެ.

"އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަޅުގަނޑުގެ ދެދަރިން ކިޔަވައިގެން މޮޅުވެގެން ވަރަށް ހަރުދަނާ ވަޒީފާތަކެއްގައި އުޅޭތަން." އަރޫ ބުންޏެވެ.

އަރޫއަކީ މީހުންނާ ގުޅޭ މަޖާ މިޒާޖެއްގެ މީހެކެވެ. އެހެންނަމަވެސް އޭނާ ނުދަންނަ މީހަކު އޭނަ ސިފަކުރާނީ ވަރަށް ފޮނި މީހެއްގެ ގޮތުގައެވެ. އެކަމަކު އަސްލު އޭނާގެ ހުންނަނީ ސާކާސްޓިކް ބިހޭވިޔާއެކެވެ. ސަކަ މިޒާޖެކެވެ.

މަސައްކަތުގެ މާހައުލުގައި ގިނަ ގޮންޖެހުންތައް ގިރާކުރަމުން އައިސް މިހާތަނަށް އައިރު އަރޫ ވަނީ ގިނަ ކާމިޔާބީތައް ހާސިލްކޮށްފައެވެ. އެގޮތުން އެކަމަކަށް ޓާގެޓް ކަނޑައަޅައިގެން އުއްމީދާއި އަޒުމާއެކު ކުރި ކޮންމެ މަސައްކަތެއް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ފޮޓޯ: އަރޫޝާ ފޭސްބުކް

ފިޓްނަސް އަދި ސިޔާސީ ދާއިރާ ދޫކޮށް އެހެން ދާއިރާއަކުން ކުރިޔަށްދާން ފުރުސަތު ލިބިއްޖެނަމަ އަރޫ އެންމެ ބޭނުންވަނީ ސޯޝަލް ވޯކާއެއްގެ ގޮތުގައި ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރުމަށެވެ. އަދި މުޖުތަމައުއަށް ޚިދުމަތްކުރުމަށް ލައިފް ކޯޗަކަށް ވުމަކީ މިހާރު އޭނާގެ އެންމެ ބޮޑު އަމާޒެވެ.

ދިރިއުޅުމުގައި ކާމިޔާބީއާ ހަމައަށް ވާސިލްކޮށްދެއްވީތީ އަބަދުވެސް އަރޫ ހެއްދެވި ފަރާތަށް ޝުކުރު އަދާކުރެއެވެ. މައިންބަފައިންގެ އިތުރުން، ކުރާ ކޮންމެ ކަމެއްގައި ދެ ދަރިންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބިގެންދާކަން އަރޫ ފާހަގަކުރެއެވެ. އިވެންޓުތަކުގައި އުޅޭއިރުވެސް ދަރިން ގުޅައިި ހިތްވަރުދީ އެކަންތައް ކުރިއަށްދާ ގޮތް ބަލައި ހަދައެވެ.

އެހެންކަމުން މިއީ އަރޫއަށް ކާމިޔާބީއާ ހަމަޔަށް ވާސިލްވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މައިންބަފައިންގެ އިތުރުން ދެދަރިންނަށްވެސް އަރޫ ޝުކުރުއަދާކުރިއެވެ. އަދި ވަރަށް ގާތް ސަޕޯޓިވް ރައްޓެހިން ތިބޭ އިރު، އެ މީހުންގެ ފަރާތުންވެސް އަރޫއަށް ކުރިޔަށްދާން ހިތްވަރު ލިބިގެންދާ ކަމަށް ބުންޏެވެ.

"ނިންމާލަމުން އެހެން ފަރާތްތަކަށް ބުނެލަން ބޭނުންވަނީ އަބަދުވެސް ޤަބޫލުކުރައްޗޭ އަމިއްލަ ސެލްފަށް 'ޓްރަސްޓް އޮން ޔޯ ސެލްފް، ބިލްޑް ކޮންފިޑެންސް އޮން ޔުއާ ސެލްފް އޭ' ތިމާ، ތިމާ ދެކެ ނުވާ ލޯތްބެއް އެހެން މީހަކު ނުވާނެއޭ އުއްމިދު ކަނޑައި ނުލައްޗޭ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި. އުއްމީދަކައިގެން ކުރިޔަށް ދަންޏާ ކާމިޔާބަށް ވާސިލް ވެވޭނޭ."

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮންނަމޫނާއެއް

    ކޮން ނަމޫނާއެއް ދެއްކޭނީ، އަނެއްކޮޅުން ދަރިން ކޮޅާ ދިމާވާނި ނިދާ ގަޑީގަ ދުވާލުދާ 4 ދަމު ހުޅުނާލެ ފޭސް 2ގަ.. ރޭގަނޑު ކަރޯކޭގަ.. މީހުންނަށް ރެސްޕެކްޓުކުރާކަށް ނޭނގޭ..

  2. ވާނުވާ.

    މިހެން ސިޔާސީ މީހަކަށް ތާއީދުކުރާ ހިސާބުން، ޑިގްރީއެއް ނެތަސް ބޮޑެތި މަޤާމުތައްދީ، ބޮޑު މުސާރަދީ ހަދާފައި ނޫހުގައި ފިސާރިކަމަށް ޖަހައިގެން މަޝްހޫރު ކޮށްގެން މީހަކަށް ހެދީމާ ކޮންމެ މީހަކުވެސް ފިސާރި މީހުންނަށް ވާނެ.
    އެތައް ޑިގްރީއަކާއ8 މާސްޓަރސްއާއި ޕީއެޗްޑީ އާ ހަމައަށް ކިޔަވައިގެންތިބި މާ ހުނަރުވެރި، ވިސްނުމާއި މުޅިބޤައުމު ބަދަލުކޮށްލާވަރުގެ ޤާބިލުކަން ހުރި ދިވެހި ދަރިން އެބަތިބި ސިޔާސީބަޔަކަށް ތާއީދުނުކޮށް އްދުލުވެރިގޮތުގައި ތިބޭތީ ބަޔަކަށް އެއީ ތިބި ބައެއްކަންވެސް ބަލައިނުގަނެވޭ.