އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ އަސްމާ ރަޝީދު (އަސްމާއްތަ) އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ފިސާރި ކަނބަލެކެވެ. މަޖިލީހުގައި މީގެ ކުރިން ވެސް އަސްމާގެ އަޑު ރައްޔިތުންގެ ހައްގުގައި ގުގުމާލާފައިވެއެވެ. ދާއިރާގެ އިތުރުން މުޅި ރާއްޖޭގެ ތަރައްގީއަށް ވެސް ސިޔާސަތުތައް ބައްޓަންވީ ގޮތުގެ ހިޔާލު ހުށަހަޅުއްވައި ބިލުތަކަށް ފޯރީގައި ބަހުސްކުރެއްވި އަސްމާއަކީ މަޖިލީހުން ފެނިފައިވާ މަދު އަންހެނުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަހުލަވާނެކެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން 32 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ. ނަމަވެސް ޕްރައިމަރީއަކުން ޓިކެޓް ކަށަވަރު ކުރެވުނު ހަމައެކަނި އަންހެން ކަނބަލަކީވެސް އަސްމާ ރަޝީދެވެ.

. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލެއްވީ ކީއްވެ؟

މާފަންނު މެދު ދާއިރާއަކީ މާލޭގެ އެންމެ ނިކަމެތި ރައްޔިތުން އުޅޭ އެއް ދާއިރާއެވެ. އެ ދާއިރާގެ ރަށްވެހީންގެ ބޯހިޔާވަހިކަމުގެ ހާލަތު ވަރަށް ދަށެވެ. ބައެއް ގެތަކަށް ވަނުމުން ރައްޔިތުން ދިރިއުޅޭ ހާލަތު ފެނުމުން ރޮވޭ ގެތައްވެސް އެބަހުރިކަން އަސްމާ ފާހަގަކުރައްވައެވެ. އަސްމާ މިފަހަރު ވެސް މާފަންނު މެދަށް ކުރިމަތިލައްވަނީ އެ ނިކަމެތި ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލެވުމަށެވެ.

"މާފަންނު މެދު ދާއިރާއަކީ އަޅުގަނޑަށް ހީވަނީ މުޅި މާލޭގައި ވެސް އެންމެ ނިކަމެތި މީހުން އުޅޭ ދާއިރާ. އަޅުގަނޑަކީ ގެތަކަށް ވަދެ ގިނަ ވަގުތު ހޭދަކުރާ މީހެއް. އެގެތަކަށް ވަދެ ރޮވޭހާ ނިކަމެތި ހާލުގައި ވަރަށް ގިނަ ގޭގޭ އެބަހުރި. އެއީ އަޅުގަނޑު ދެވަނަ ފަހަރަށް ކުރިމަތިލާން މި ނިންމި ކަމަކީވެސް." އަސްމާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ޕީޕީއެމް ސަރުކާރުގައި ރައީސް ޔާމީން ވަނީ އެއްވެސް ކުލައަކަށް އެއްވެސް ޕާޓީއަކަށް ބެލުމެއް ނެތި ރައްޔިތުންގެ ހާލަތު ބެއްލެވުމަށްފަހު ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވެގެން އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕީޕީއެމް ސަރުކާރުން ފްލެޓް ދޭން ނިންމި މީހުންގެ ތެރެއިން ގިނަ މީހުންނަށް ފްލެޓް ނުދެއެވެ. އެހެންކަމުން އެމްޑީޕީ ސަރުކާރުގައި، ޕީޕީއެމް/ޕީއެންސީން އޭރު ކުރި މުޒާހަރާތަކުގައި "މަގޭ ފްލެޓް ކޮބާ" މިސުވާލުކުރެވުނެވެ. އަސްމާ ބޭނުންވަނީ އެމީހުންނަށް އިންސާފު ހޯދައިދޭށެވެ.

"އިރާދަކުރެއްވިއްޔާ ކުރީ ސަރުކާރުގައި ލިބިފައިމިވާ ގޯތިތައްވެސް އޭރު ދީފައި ތިބި މީހުންނަށް މި ސަރުކާރުން ދެއްވާނެ. އެއްވެސް މީހަކަށް އުނިކަމެއް ނެތި ދެއްވާނެ." އަސްމާ ވިދާޅުވިއެވެ.

ނިންމާނީ ދިވެހިން ޕުރޮގްރާމުގެ ތެރެއިން-- ވަގުތު އިމޭޖަސް

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ ނުވަތަ މަޖިލިސް މެމްބަރުންގެ ނުފޫޒު ވަރަށް ބޮޑަށް އޮވެއެވެ. މެމްބަރެއްގެ އާއިލާ މީހަކަށް ނުވަތަ ސަރުކާރުގެ އިސް މަޤާމެއްގައި ހުންނަ މީހެއްގެ އާއިލާ ނުވަތަ ރައްޓެއްސެއް ނަމަ ފަސޭހައިން ބޯހިޔާވަހިކަން ލިބިގެންދެއެވެ. ރާއްޖޭގައި މިކަން މިވަނީ ވަރަށް އާންމު މައްސަލައަކަށްވެފައެވެ. އަސްމާ ބުނާގޮތުން ޕީޕީއެމް ސަރުކާރުގައި ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ އާއިލާއަށް ސިފައިންގެ ނުވަތަ ފުލުހުންގެ ފްލެޓުވެސް ވަނީ ލިބިފައެވެ. އެކަހަލަ ކަންތައް އިސްކުރުމުގެ ބަދަލުގައި ސާވޭކުރުމަށްފަހު ބޯހިޔާވަހިކަން އެންމެ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދީގެން ނޫނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް އަސްމާ ވަނީ ވިދާޅުވެފައެވެ.

ކުރިން އަސްމާ މާފަންނު މެދުގެ ގޮނޑި ފުރުއްވި އިރު އޭނާ ވަނީ އެ ދާއިރާއަށް އެކަނި 390 ފްލެޓް ހޯދައިދީފައެވެ. އެހެންނަމަވެސް، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެ ފްލެޓްތައް އެމީހުންނަށް ނުދެއެވެ. އަސްމާގެ ތަސައްވުރަކީ މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ ނިކަމެތި ހާލުން މިންޖުކޮށް ހިތްހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް ނުވަތަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ. މަޖިލީހަށް ހޮވިއްޖެ ނަމަ މިހާރުގެ ސަރުކާރާއެކު މަސައްކަތްކޮށްގެން އެކަން ހާސިލުކުރެވޭނެ ކަމަށް އަސްމާ ގަބޫލުފުޅުކުރައްވައެވެ.

"މާފަންނު މެދު ދާއިރާގަ އަޅުގަނޑު އޭގެތެރޭގައި ވަރަށް ބޮޑަށް ޕާސަނަލީ އިންވޯލްވެގެން އެމީހުންނަށް ފްލެޓް ލިބުނުކަމުގެ ލިޔުމާ އެއްޗެހި ދިނީ. ގާތްގަނޑަކަށް 390 ފްލެޓް އެއް ދާއިރާއަކަށް މަދެއް ނޫން ދޯ! އިރާދަކުރެއްވިއްޔާ ހަމަ ލިބުނުވެސްމެ، ލިޔުންވެސް އެމީހުންގެ އަތުގައި އޮންނާނެ، ލިޔުން ލިބިފަ ފްލެޓް ނުލިބޭ މީހުންނަށް މި ސަރުކާރުގައި ހަމަ ޔަޤީނުންވެސް ކޮންމެވެސް ގޮތެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް އޮތީ ވައުދުވެ ވަޑައިގެންފަ." އަސްމާ ވިދާޅުވިއެވެ.

އަސްމާ ރަޝީދު އިއްޔެ ޕްރައިމަރީގައި ވޯޓު ދެއްވަނީ: އިންތިހާބުގައި ކާމިޔާބު ލިބުނު ހަމައެކަނި އަންހެން ކެންޑިޑޭޓަކީ އަސްމާ-- ފޮޓޯ: ނިޝާން އަލީ | މިހާރު

މީގެ އިތުރުން ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ޑްރަގުގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް އެފަރާތްތަކަކީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މަޖިލީހުގެ ތެރެއިން އަސްމާ ވަކާލާތުކުރައްވާނެއެވެ. އަސްމާ ވިދާޅުވި ގޮތުގައި، ރާއްޖެއިން ޑްރަގް ނައްތާލަން ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވާނެއެވެ.

"އަޅުގަނޑު ބޭނުން ރާއްޖެއިން ޑްރަގް ނައްތާލެވޭނެ ގޮތެއް ހޯދަން." އަސްމާ ވިދާޅުވިއެވެ.

ސަރުކާރުން ގޯހެއް ހަދައިފިއްޔާ ސަރުކާރު ޖަވާބުދާރީ ކުރުވާނަންތޯ؟

ސަަރުކާރު ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު އެއް ޒިންމާއެވެ. ސަރުކާރުން ނިންމާ ނިންމުންތަކާ މެދު ރައްޔިތުންގެ އަޑު އުފުލުމަށް ޖާގަ ލިބިގެންދާ އެއް ގޮތަކީ އެ މަޖިލިސް ގެ އެވެ. މަޖިލީހުގެ މެމްބަރުންނަކީ އެކަމަށް ހޮވާ ރައްޔިތުންގެ މަންދޫބުންނެވެ.

އަސްމާ ވިދާޅުވާ ގޮތުން، ޕީޕީއެމް ސަރުކާރުގައި، ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގައި އިންނެވިއިރުވެސް އެކަމަނާ ވަނީ ރައްޔިތުންނާއި ގުޅުންހުރި ކަމެއްގައި ވިއްޔާ ސަރުކާރު ޖަވާބުދާރީ ކުރުވަން އަޑުއުފުލައިފައެވެ. އަދިވެސް އެއްވެސް ފަސްޖެހުމެއް ނެތި އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން އަސްމާ ދެއްވިއެވެ.

"އަޅުގަނޑު ކުރީގައި މަސައްކަތްކުރިއިރު އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގޭނެ، އަޅުގަނޑަށް ސަރުކާރުންވިޔަސް އަދި ކޮންމެ ދިމާލަކުންވިޔަސް ރައްޔިތުންނާއި ބެހޭ ކަމަކާއި ގުޅިގެން ސަރުކާރު ޖަވާބުދޭން ޖެހުނަސް އަޅުގަނޑު އޮންނާނީ އަޑު އުފުލާފައި." އަސްމާ ވިދާޅުވިއެވެ.

އަސްމާ ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލަ ފަދަ މައްސަލަތައް ހައްލު ކުރުމަށް އޭނާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ހުރިހާ ފަރާތްތަކާއެކު އެ މަސައްކަތް ކުރައްވާނެއެވެ. އެއީ އިދިކޮޅު ފަރާތްތަކަށް ވިޔަސް ގުޅިގެން ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެ ވާނީ ކިހިނެއްތޯ؟

ޕީޕީއެމް ސަރުކާރެއްގައި މަޖިލީހުގައި މަސައްކަތް ކުރެއްވި އިރުވެސް އެމްޑީޕީން މަޖިލީހުގެ ތެރޭގައި ކަންތައްތައް ކުރަމުން ދިޔަގޮތް އަސްމާ ވަނީ ފާހަގަކުުރައްވައިފައެވެ. އެގޮތުން އެމްޑީޕީ މެންބަރުން އޭރަކު އޮތް ސަރުކާރަކަށް ހުރަސް އެޅުމަށް ދުންމާރި ހިފައިގެން މަޖިލިސްތެރޭ އެނބުރޭކަން އަސްމާ ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ޑރ. މުއިއްޒު އަދި އަސްމާއްތަ. ---

"އަޅުގަނޑު މަޖިލިސް މެންބަރަކަށް އުޅުނުއިރުވެސް އަޅުގަނޑު އެންމެ ދެކެން ބޭނުން ނުވާ މަންޒަރު ފެނުނީ އެމްޑީޕީ ބޭފުޅުންގެ ފަރާތުން. އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަ މަންޒަރަކީ، ދުންމާރި ހިފައިގެން ހަޅޭއްލަވައިގެން ކޮންކަމެއްތޯ ރައްޔިތުންނަށް ވާނީ." އަސްމާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ޕީއެންސީ ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގެންފިނަމަ ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރައްވާނެ ކަމަށް އަސްމާ ވިދާޅުވިއެވެ.

އަސްމާ ދެކެވަޑައިގަންނަވާ ގޮތުގައި، އޭރަކު އޮންނަ ސަރުކާރަކަށް އެއްބާރުލުން ދީގެން ނޫނީ ރައްޔިތުންނަށް ކަންތައްތަކެއް ނުކުރެވޭނެއެވެ. އެމްޑީޕީއަށް މެޖޯރިޓީ ދީފިނަމަ ސަރުކާރަށް ހުރަސް އަޅައި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ވައުދުވެފައިވާ ކަންތައްތަަކަށް ހުއްޓުމަކަށް ގެނެސް ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީން ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން ބޭނުންވާ ނަމަ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހުންނާނީ ކޮށްދީފައިކަން އަސްމާ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު މާފަންނު މެދު ދާއިރާގައި.

 

ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

ރާއްޖޭގެ ޒުވާނުން ބުނަމުން ދަނީ ކޮންމެ އިންތިހާބެއްގައިވެސް ގޮނޑި ކާމިޔާބު ކުރުމަށް ޒުވާނުންނަށް ގިނަ ހުވަފެންތައް ދައްކާ ކަމަށާއި ބަހާއި އަމަލާއި ދިމާނުވާ ކަމަށެވެ. އެހެންކަމުން ވޯޓު އަޅަން ނުދާންވެސް ބައެއް ޒުވާނުން ތިބީ ނިންމައިގެންނެވެ. މިފަދަ ޒުވާނުންނަށް އަސްމާ ދޭން ބޭނުންވާ މެސެޖަކީ "އެމީހުން އެމީހުންގެ ހައްޤަށް، އެމީހުންނަށް ލިބިފައި އޮންނަ ހައްޤެއް ވޯޓުލުމަކީ. ވޯޓުލާއިރު އެބޭފުޅުން ހިޔާރުކުރައްވާށޭ ކާކަށް ވޯޓުލީމަ ތޯ ތިމަންނަގެ ހައްޤުގައި ވަކާލާތު ކުރެވޭނީ" އެވެ.

އަސްމާ ވިދާޅުވީ، އޭނާއަށް ވޯޓުލާން ޖެހެނީ ބޯހިޔާވަހިކަން ކަށަވަރުކޮށް މިވަގުތު މާފަންނު މެދު ދާއިރާގެ ރައްޔިތުން ތިބި ހާލުން ސަލާމަތްކޮށް ރައްޔިތުންނަށް އެމީހުންގެ ހައްޤު ހޯދައިދިނުމަށް ކަމަށެވެ. އަދި އެމީހުންނަށް ޕީޕީއެމް ސަރުކާރުން ފޯރުކޮށްދިން، އެމްޑީޕީ ސަރުކާރުން ނިގުޅައިގަތް ހައްޤު ހޯދައިދިނުމަށް ކަމަށެވެ.

"މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަށް ވޯޓުލާންޖެހެނީ ކީއްވެގެންކަން. އަޅުގަނޑަށް ވޯޓުލީމަ އެބޭފުޅުންނަށް އެލެވެނީ ކޮންކަހަލަ ވޯޓެއްކަން އަޅުގަނޑު އިތުރަކަށް ދަންނަވާކަށް އެއްވެސް އެއްޗެއް ނޯންނާނެ." އަސްމާ ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުންނަށް އަސްމާ ދެއްވަން ބޭނުންފުޅުވާ މެސެޖަކީ އޭޕްރީލް 21 ވަނަ ދުވަހު ދޭ ވޯޓަކީ ރައްޔިތުންގެ ހައްޤުގައި ދެވޭ ވޯޓަކަށް ހެދުމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހައްޤުގައި މަޖިލީހުގައި އަޑުއުފުލާނެ ކެނޑިޑޭޓަކު ހޮވުމަށް އޭނާ އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރަފަކައްދަ

    ޔާމީނު ހައްޔަރުގައި ބަހައްޓައިގެން ތިކަމެއް ނުވާނެ! ނުވާނެ! ވޯޓެއް ނުދޭނެ ރައްޔިތުންނެއް ކަމަނާ އަކަށް. މެމްބަރު ކަން ކުރުމުގެ ޤާބިލު ކަމެއްނެތް! ތަޢުލީމީ ޒުވާނުންނަށް ފުރުޝަތު އޮތީ. ސޮރީ! ސޮރީ! ސޮރީ! ސޮރީ!

    16
    9
  2. އަޅި އަލި

    ފޮށި ފުރެންދެއް އަސްމާއަށްތަ އަށް ވޯޓް އަޅާނަން!

    7
    6