1992 ވަނަ އަހަރުގެ މާރޗް 19 ވަނަ ދުވަހު ނ.މާފަރަށް އުފަން ޙަސަން ސިރާޖު، އެންމެން ކިޔާގޮތުން ނަމަ ތިއްތި އަކީ އުފަންވި އިރުވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ނުކުޅެދުންތެރިކަމުގެ މި ހާލަތު (ޑައުންސިންޑްރޯމް) މެދުވެރިވެފައިވާ ކުދިން މި މުޖުތަމަޢުގައި ވަރަށް ގިނައެވެ. މިފަދަ ކުދިންގެ ތެރެއިންވެސް ތިއްތި ފާހަގަ ކުރެވެނީ މީހުންނާއި ވަރަށް ގުޅޭ، ވަރަށް އެކުވެރި މިޒާޖެއްގެ ކުއްޖެއްގެ ގޮތުގައެވެ.

ތިއްތި އަކީ އެ އާއިލާގެ އަށް ކުދިންގެ ތެރެއިން ދެ ވަނައަށް އެންމެ ހަގު ކުއްޖާއެވެ. ތިއްތިގެ އެއްބަނޑު އެއްބަފާ ހަތަރު ދައްތަ އާއި ދެ ބޭބެ އަދި އެއް ކޮއްކޮ ހުރެއެވެ. މި އެންމެން ވެސް ތިއްތިދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް ތިއްތިގެ ޢުމުރުން އެންމެ 10 އަހަރުގައި ތިއްތިގެ ބައްޕަ ވަނީ ނިޔާވެފައެވެ.

ތިއްތި އަކީ އެންމެ ކުޑައިރުން ފެށިގެންވެސް ތަޢުލީމަށް ނުހަނު ޝައުޤުވެރިކަމެއް ބަހައްޓާ ކުއްޖެކެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ޤުރްޢާން އުނގެނުމަށް މަސައްކަތް ކުރުމާއި އެހެން ކުދިން ފަދައިން ސުކޫލަށް ގޮސް ތަޢުލީމު ޙާޞިލުކުރުމަކީ ތިއްތި ކުރާ އުންމީދެކެވެ. އެގޮތުން ރަށުގައި ޓިއުޝަން ގަޑީތައް ނަގައިދޭ ގޭގެއަށް ގޮސް ޓިއުޝަން ނެގުމާއި، ރަށުގައި ޤުރްއާން ކިޔަވައިދޭ މީހުން ކައިރިއަށް ގޮސް ޤުރްއާން ކިޔެވުމަކީ ތިއްތިގެ އާދައެކެވެ.

ތިއްތި ފުޓްބޯޅަ ކުޅެނީ

ތިއްތިގެ ބައްޕަ ނިޔާވުމާއި ގުޅިގެން ތިއްތި ގެ ހުރިހާ ކަމެއްވެސް އެންމެ ކައިރިން ބަލަހައްޓަމުން ގެންދަނީ ތިއްތިގެ ދޮންބެއެވެ. ތަޢުލީމަށް ތިއްތި ދޭ އަޙައްމިއްޔަތުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ދިނުމަށް ޚާއްޞަކުރެވިފައިވާ މާލޭގެ ސުކޫލަކަށްވެސް ތިއްތި ވެއްދުމަށްޓަކައި މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް މާލޭގެ ދިރިއުޅުމުގެ ދަތިކަމާއި، ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ސަބަބުން އެކަންވެސް މާރަނގަޅަށް ކުރެވޭގޮތް އޮތީ ނުވެފައެވެ.

ތިއްތި އަކީވެސް އެހެން ކުދިންފަދައިން ރަނގަޅު ތަޢުލީމެއް ލިބިގެން ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި ތިއްތިގެ މަންމަ ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަބަދުވެސް ރަނގަޅު އެކުވެރިންނާއި އެކު ވަގުތު ހޭދަކުރުމަށާއި ވީހާވެސް ގިނަ ވަގުތު ކިޔެވުމުގައި ހޭދަކޮށް، ބަރާބަރަށް ނަމާދުކޮށް އަބަދުވެސް ސާފުތާހިރުވެގެން އުޅުމަށް ތިއްތިގެ މަންމަ ދިޔައީ ނަޞޭހަތްތެރިވަމުންނެވެ.

ތިއްތި ޖަލްސާއެއްގައި ވާހަކަ ދައްކަނީ
ތިއްތި ޖަލްސާއެއްގައި ވާހަކަ ދައްކަނީ

މޯބައިލް ފޯނުތަކާއި، ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އެކު ރާއްޖެއަށް އައި ބޮޑު އިންޤިލާބާއި އެކު ތަޢުލީމުގެ ފުރުޞަތުތަކާއި އެއްވަރަށް ތަޢުލީމު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ދިޔައީ އިތުރުވެގެންނެވެ. ދާދިފަހަކާއި ޖެހެންދެން މިފަދަ ކުދިންނަށް ރަށުގައި ތިބެގެން އެދެވޭ ތަޢުލީމެއް ހޯދޭނެ ފުރުޞަތު ޤައުމީ މަންހަޖުގެ ތެރެއިން ފަހިވެފައި ނެތުމަކީ މިފަދަ ކުރިން މުޖުތަމަޢުން ބާކީވުމަށް ދިމާވާ އެއް ސަބަބެވެ.

ނަމަވެސް މާފަރު ސުކޫލުގެ ހިންގުމާއި، މިހާރުގެ ޕްރިންސިޕަލް މުޙައްމަދު އަދުނާން ހަވާލުވުމަށްފަހު، ރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޙާއްޞަ ސަމާލުކަމެއްދީގެން ވަނީ އެކި ކަހަލަ ހަރަކާތްތަކެއް ހިންގަން ފަށާފައެވެ. އަދި ސުކޫލަށް އައިސް އެކުވެރި މާހައުލެއްގައި ކިޔެވޭނެ ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސަވައިދެއްވާފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ތިން ދަރިވަރަކު މާފަރު ސުކޫލުގައި އަންނަނީ ތަޢުލީމު ޙާޞިލްކުރަމުންނެވެ. އެ ކުދިންގެ ތެރެއިންވެސް އެންމެ ވާހަގަ ކޮއްލެވޭ ދަރިވަރަކީ ތިއްތި އެވެ.

ތިއްތި ޕްރިންސިޕަލާއި އެކު

ސުކޫލުން ހިންގާ ކޮންމެ ހަރަކާތެއްގައިވެސް މި ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު އޮވެއެވެ. ޙާއްސަކޮށް އިންޓަރ ހައުސް މުބާރާތްތަކާއި އެކި އެކި ހަފްލާތަކާއި އަދި ސުކޫލާއި އެހެން އިދާރާތައް ގުޅިގެން ހިންގާ ކޯސްތަކުގައިވެސް އެއްވެސް ފީ އަކާއި ނުލާ މި ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު އޮންނަނީ ހުޅުވާލާފައެވެ. އެގޮތުން ތިއްތި ވަނީ ސުކޫލުގައި ހިންގި ކޮމްޕިއުޓަރ ކޯހެއްވެސް ފުރިހަމަ ކޮށްފައެވެ.

ތިއްތި ފާހަގަ ކުރެވެނީ އެންމެންނާވެސް ވަރަށް ގުޅޭ ވަރަށް އެކުވެރި ކުއްޖެއްގެ ގޮތުގައެވެ. ތިއްތިގެ އާއިލާއަށްވެސް ތިއްތި ސަބަބުން އާދަޔާޚިލާފު އުފާވެރިކަމެއް ލިއްބައިދޭ ކަމަށް އާއިލާއިން މަޢުލޫމާތު ދިނެވެ.

"ތިއްތި އަކީ ވަރަށް ބަސް އަހާ ކުއްޖެއް. އަބަދުވެސް ކިޔެވުމުގަ ވަގުތުތައް ހޭދަކުރާނީ. މުޅި އާއިލާއަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވާ ކުއްޖެއް ތިއްތި އަކީ" ތިންތި ގެ ކުޑަބެ، އަޙުމަދު ޝަރީފް ބުންޏެވެ.

މިފަދަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަކީ ސުކޫލުން ޚާއްޞަ އިސްކަމެއް ދީގެން ކުރާ މަސައްކަތްތަކެއްކަން ފާހަގަކޮށް މާފަރު ސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު އަދުނާން ވިދާޅުވީ، މިފަދަ ކުދިންނަކީވެސް މުޖްތަމަޢަށް ބޭނުންތެރި ކުދިންކަން ސާބިތުކޮށްދެވިދާނެ ކަމަށާއި، ބޭނުންވަނީ އެކުދިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ.

"ތިއްތި އަކީ ތަޢުލީމު އުނގެނެން ވަރަށް ބޮޑަށް ޝައުޤުވެރިވާ ކުއްޖެއްކަން މީގެ އަހަރުތަކެއް ކުރިންވެސް އަޅުގަނޑަށް ވަނީ ފާހަގަ ކުރެވިފައި. މިފަދަ ކުދިންނަށް ޚާއްޞަކޮށްގެން ޓީޗަރުން ތަމްރީންކޮށްގެން ތަޢުލީމު ފޯރުކޮށްދެން ފެށުމުގެ މާކުރިން އަޅުގަނޑުމެން މި މަސައްކަތް ފަށައިފިން. އެހެންކުދިންނާއި އެއްވެސް ތަފާތުކުރުމެއް އަޅުގަނޑުމެން ނުގެންގުޅެން. ސުކޫލުގެ ހުރިހާ ހަރަކާތްތަކެއްގައި މި ތިން ކުދިންނަށްވެސް ބައިވެރިވެވޭނެ." މުޙައްމަދު އަދުނާން ވިދާޅުވިއެވެ.

ހަޤީގަތުގައިވެސް މިފަދަ ކުރިންނަކީ އެއްވެސް ޙާލެއްގައި ބާކީ ކޮށްލެވިގެން ވާނެ ކުދިންނެއް ނޫނެވެ. އެކުދިންގެ އުފަލާ ހިތްހަމަޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮންމެ ރަށެއްގައިވެސް ކުރެވިދާނެއެވެ.

މިފަދަ ކުދިންނާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ޑިސެބިލިޓީ އެމްބަސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަޙުމަދު ޙިސާން ވިދާޅުވީ ، ޑައުންސިންޑްރޯމް އަކީ ބައްޔެއް ނޫން ކަމަށާއި އެ ކުދިންނަކީ އުފެދުމުގައި ވަކި މާއްދާއެއް މަދުވެގެން ޙާއްޞަ ޙާލަތެއް މެދުވެރިވެފައިވާ ކުދިން ކަމަށެވެ. އަދި މިފަދަ ކުދިންނަށްވެސް އުފަލާ ހިތްހަމަޖެހުން ބޭނުންވާނެ ކަމަށާއި ހަމައެހެން މީހުންކޭ އެއްގޮތަށް ހުރިހާ އިޙްސާސްތަކެއްވެސް މިކުދިންނަށް ކުރެވޭނެ ކަމަށް ޙިސާން ވިދާޅުވިއެވެ.

އެއްވެސް ކުއްޖަކީ އަދި މީހަކީ ވެސް އެމީހެއްގެ ކިބައިގައި ހުންނަ އެހެން މީހުންނާއި ތަފާތު ސިފައެއްގެ ސަބަބުން ބަކީކޮށް އެކަހެރި ކޮށްލެވިގެން ވާނެ ކުއްޖެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މީހާ

    ނާނު އަކީ ވަރަށް ރަނގަޅުމީހެއް. ނާނުއަށް ކުރިއެރުން އެދެން.

  2. އިބްރާހިމް

    މޯޑް ތިކުރަމަސަތްކަތަށް އައްސަރިބަހާ ސާބަސް

  3. ްްއިއްޔަ

    ތިކަހަލަ ޕްރިންސިޕަލް އިން ގިނައިން ފެންނަމަ ހާދަ ރަނގަޅޭ. ޕްރިންސިޕަލްގެ މަސައްކަތަށް އައްސަރިބަހާ ސާބަސް.

  4. މާފަރު މީހާ

    މޯޑު ތިކުރާމަސައްކަތައް ހަމަ ސާބަސް

  5. ހަބޯ

    ނަމޫނާ ދައްކާ ޕްރިންސިޕަލެއް. ސާބަސް

  6. ސަބަރޯ

    ތިއްތިގެ މަސައްކަތުގައި ކާމިޔާބަށް އެދެން