(ލ.ފޮނަދޫ) އިއްޔެ ގާތްގަނޑަކަށް 1 ޖެހިއިރުން ފެށިގެން ވެހެން ފެށި ވާރޭގައި ރަށު ތެރޭގައި ހަވީރު އަތަށް އެޅިއިރު އޮތީ ހަމަ ރަނގަޅަށްވެސް ފެންބޮޑުވެފައެވެ. ރަށު ތެރޭގައި ފެންގަނޑު ބޮޑުވެފައި އޮތް ނަމަވެސް އޭރު އެއްވެސް ގެޔަކަށް ފެންވަތް ހެނެއް ހިއެއް ނުވެއެވެ. ގޯތި ތެރޭގައި ފެން ހެދިފައި އޮތް ނަމަވެސް އަޅުގަނޑު އުޅެމުން އަންނަ ގޭތެރެއަކަށް ހަމަގައިމުވެސް ފެނެއް ވަދެފައެއް ނެތެވެ. ތަރާވީޚް ނަމާދުކޮށްލައިގެން، ވެފައި އޮތް ވަރުބައްޔެއްގެ ބޮޑުކަމުން ނިދާ ކޮޓަރިއަށް ގޮސް އޮށޯއްވެލިތަނާ މަންމަ ވަރަށް ބާރަށް ދޮރުގައި ޓަކި ޖެހިއެވެ.

ދެލޯ އުގުޅަމުން ދޮރު ހުޅުވާލިއިރު، މަންމަގެ ލޯ ހުރީ މުދުނަށް އަރާފައެވެ.

"މަނިކާ! ހިނގާބިލާ ސިޓިންގް ރޫމް ހުރީ ރެކް ތެކާ އެއްޗެހި މަައްތަށް ނަގާން. ފެން އެއޮއް ވަންނަނޫ ގޭ ތެރެއަށް." ގޭތެރެއަށް ފެން ވަންނަ ވާހަކައާއި ގޭތެރޭގައި ހުރި މޭޒުތަކާއި ސޯފާ މައްޗަށް ހިއްލުމަށް މަންމަ އައިސް އަހަރެން ކައިރީ ބުނީ ވަރަށް ހާސް ކަމާއެކުގައެވެ.

އެހާ ބޮޑަށް އަަދި ފެން ބޮޑު ނުވާ ކަމަށް ބުނެ، މީސްމީޑިޔާގައި ޚަބަރުތައް އުޅޭ ނޫޅޭ ގޮތް ބަލާލަން އަހަރެން ކޮޓަރިއަށް ވަނީމެވެ. ފުރަތަމަ ފެންނަން ފެށީ ވާރޭ ހުއްޓާތޯ ދުޢާކޮށް، ކޮށްފައި ހުރި ޕޯސްޓްތަކެވެ. އޭގެ ފަހަށް ދެން ފެނުނީ ވާރޭގެ ސަބަބުން ގެތަކަށް ފެން ވަންނަމުން އަންނަ މަންޒަރެވެ. އަވަހަށް ފޯން ބާއްވާފައި ދުވެފައި ކަހަލަ ގޮތަކަށް ސިޓިގް ރޫމާ ދިމާޔަށް ދިޔައީމެވެ. އޭރު ހަމަ ރަނގަޅަށްވެސް ގޭތެރެއަށް އޮތީ ފެން ވަންނަން ފަށާފައެވެ. ބައްޕަ އާއި ޅިޔަނު ވެގެން އޭރު ގޭތެރޭގައި ހުރި އަލަމާރިއެއްގެ ދަށަށް ގަލެއް ލައްވާ އަލިމާރި މަތި ކުރިއެވެ. އަހަރެންވެސްވެސް ވެވުނު ވަރަކުން އެހީތެރިވީމެވެ.

ލ.ފޮނަދޫ ގެޔަކަށް ފެންވަދެފައި – ވަގުތު އިމޭޖްސް

އިރުކޮޅެއްގެ ތެރޭގައި މުޅި އޮތީ ފެނުގެ އަޑީގައެވެ. ވެހެމުންދިޔަ ބޯވިއްސާރައަށް ކުޑަވެސް ތުނި ކަމެއް ނާދެއެވެ. ގޭޔަށް ރާސްލާފައި ފެންގަނޑު ވަންމުން ދެއެވެ. ބައްޕައާއި ޅިޔަނު ވެގެން ކޮޓަރިތައްކުގައި ހުރި އެނދުފަދަ ތަކެތީގެ ދަށަށް ގާ ލައްވަމުން، އެތަކެތި އުސް ކުރަމުން ދެއެވެ. ނަމަވެސް މަދު އިރުކޮޅެއްގެ ތެރޭގައި ގޭގެ ހުރިހާ ކޮޓަރިއަކަށްހެން ފެން ވަދެއްޖެއެވެ. އެއާއެކު، އަހަރެންވެސް ފަޔަރ އެންޑް ރެސްކިއު ސާވިސް އަށް ގުޅާ ފެންބޮޑު ވުމުގެ ހާދިސާއެއް އުޅޭ ކަމަށް ރިޕޯޓް ކުރީމެވެ. އަދި އެވަގުތު "ވަގުތު" ގައި ހަރަކާތްތެރިވަމުން އައި އެޑިޓަރާއި އެމަޢުލޫމާތު ހިއްސާ ކުރީމެވެ. ވެހެމުންދިޔަ ވާރޭގައި ގެޔަށް ފެންމަދެ ގޭގެ ފަރުނީޗަރުތައް ހަލާކު ވެއްޖެއެވެ. އެހީތެރިކަމަށް ގުޅާ ގުޅާ، އެކަމަށް އިޖާބަ ދޭނެ މުއައްސަސާއެއް ނުވިއެވެ. އަނެއްކޮޅުން، ޖަންގްޝަން ފުރިގެން ނަޖިސްތައް ބޭރުވާން ފަށައިފިއެވެ. އެވާހަކަ ކައުންސިލަށް ރިޕޯޓް ކުރުމަށް މަންމަ ކުރެން އަހަރެން އެދުނީމެވެ.

ކައުންސިލުން އެފަހަރު ގުޅުމުން މަންމައަށް ދިން ޖަވާބުގައި ބުނީ ތިކަން އެބަ ބަލާދޭ ކަމަށާއި ވަކި ވަކި ގޭގެޔަށް ގޮސް ފެންހިންދުމުގެ މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަރާތްތަކުން ޕަންޕް ޖަހައިގެން ރަށު ތެރެ ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އޭގެ އިރުކޮޅެއްފަހުން ރަށުގެ ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެއް ގެޔަށް އައެވެ. އަދި ނަޖިސް ނިކުމެފައިވޭތީ ޗެކް ކުރިއެވެ. އެ ބޭފުޅާގެ ވާހަކަ ހުރީ މިހެންނެވެ.

"ނަޖިހުގެ އަސަރުކޮށްފައި ހުރި ނަމަ، ފެންގަނޑު ބްލީޗް ކުރޭ. ނޫނީ ބަލިމަޑު ކަމެއް ފެތުރިދާނެ." މިހެންނެވެ.

އޭރުވެސް ވާރޭ ދިޔައީ ވެހެމުންނެވެ. ސައިކަލުގެ ސައިލެންސަރާ ހަމައަށް މަގުތަކުގައި ފެންގަނޑު ބޮޑުވެފައި އޮތުމުން އަހަރެން ފައި މަގުގައި ރަށުތެރެ ބަލާލަން ނިކުތީމެވެ.

ކޮންމެ ގެޔަކުންވެސް ފެނުނީ ތަފާތު މަންޒަރެކެވެ. ކޮންމެ ގެޔެއްގައިވެސް އުޅޭ ކުޑަ ބޮޑު އެންމެން ވެގެން ގެޔަށް ފެން ވަނަ ނުދީ ކުރެވެން އޮތް ކަމެއް ކުރަނީއެވެ. ބާލި ދީތަކުން ފެން އުކަމުން ދާއިރު، މަސް ޓޭންކްގައި ހަރުކޮށްފައި ހުންނަ ފިލްޓްރ ޕަންޕް ބޭނުންކޮށްގެންވެސް ބައެއް ގޭގޭގައި ފެން ހިންދަމުން އައެވެ. އެމްއެންޑީއެފްގެ ފަރާތަކުން ގާތްގަނޑަަށް ދަންވަރު 12:30 ހާއިރު، ގޭގޭގައި ވެލި ބަސްތާ ޖަހައިދިނެވެ.

ފޮނަދޫގެ މަގުތަކުގައި މޫދަށް ފެން ދާ ގޮތަށް ކޯރު ކޮނުނު - ފޮޓޯ: މުޙައްމަދު ސުހައިލް

ވާރޭ ތުނިކޮށްލީ މެންދަމު 2 ޖަހާލި ހާއިރުއެވެ. އޭރު މުޅިރަށް އޮތީ "ފެނުގެ އަޑީ" ގައެވެ. ރަށުގެ ޒުވާނުން ނުކުމެ މަގުތަކުގައި އޭރު ކޯރު ކަނޑަން ފަށައިފިއެވެ. ފަހުން ވެހިކަލްތަކުގައި ކޯރު ކަނޑައިގެންވެސް މަގުތަކުގައި ބޮޑުވެފައި އޮތް ފެންގަނޑު ހިނދުނީ ލައްކައިރުންވެ. އޭރު ގެތަކުގައިވެސް ޕަންޕް ޖައްސައިގެން ފެން ހިއްކަމުން ދިޔައެވެ. ފަތިސްވިއިރުވެސް ގިނަ ގޭގޭގައި ދިޔައީ ފެން ހިއްކަމުންނެވެ. ވަރުބަލި ކަމެއް ނެތި ބާލިދީއިން ފެން ހިއްކި މީހުންވެސް ތިއްބެވެ. ރަށު ބަހުން ބުނާނަމަ، "އަފޭން މުޅި ރޭ އޮޅެނޫ ގެޔަށް ފެންވަންނަ ނައިތީ، ފެން ހިއްކަ" އެވެ. މިހާރު ރަށު ތެރޭގައި ބައެއް ހިސާބުތަކުގައި ފެންގަނޑުވަނީ ހިދިފައެވެ.

ނަމަވެސް ރޭ ފޮނަދޫގެ ރައްޔިތުން އުޅުނީ ވަރަށް ހާލުގައެވެ. ކޮޓަރިތަކުގައި ފެންބޮޑުވުމުން ގިނަ ބަޔަކު ނުނިދާ ތިބިއިރު، ބައެއް ކުޑަ ކުދިން ނިންދަން ޖެހުނީ އިދޯލީގައި ކަމަށް ފޮނަދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އެދު ހިއްލާފަ ގާލަށްވާ އެހުރީ. އެހެންވެ ދަރިފުޅު ނުކުރޭ އޭގައި ބާއްވާކަށް. ރޭ ހަތަރު ދަމު ކުއްޖާ އުރައިގެން މަންމަ އޮތީ އުނދޯލީގައި ހެއްލާލަ ހެއްލާލާ." ފޮނަދޫން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

ފޮނަދޫ ކައުންސިލުން "ވަގުތު" އަށް މައުލޫމާތު ދެމުން މިރޭ ވިދާޅުވީ ފޮނަދޫގެ 300 ވަރަކަށް ގެއަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ފޮނަދޫގެ ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އައިސްއަލަމާރި ފަދަ އަގުބޮޑެތި ބައެއް ސާމާނަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. މިގޮތުން ރޯދަ އާ ދިމާކޮށް އަލަށް ގަތް ގިނަ ފަރުނީޗަރު ތަކަކަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜޯނު

    ފަޔަރ ރެސްކް އާއި ގުޅި އަދި މަރުކަޒުން އައިސް ބްލީޗް އަޅަންވެސް ބުނެފިދޯ! ތިޔައީ %100 ޑިޒާސްޓަރ ރެސްޕޮންސް! ތިންފަހަރުމަތިން ތިކަން ތަޖުރިބާ ކޮށްފިން ގދ ތިނަދޫގައި!

    6
    3
  2. ކާފަދ

    ކަމެއް ދިމާވިހިނދު އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތަކުން އަޅާލުމެއްނެތްތަން ފެނިގެން މިދިޔައީ. ހުރިހާ ދެރައެއް ރައްޔިތުންނަށް

    12
    4