ބައެއް މީހުން ޑީއާރްޕީގެ ރައީސް، އަދި ކާށިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރު ފާހަގަކުރަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ މުނިފޫހިފިލުވާދޭ މެންބަރުގެ ގޮތުގައެވެ.

ޖާބިރު މަޖިލީހުގައި ދައްކަވާ ވާހަކަތަކަކީ ހަމަ ހުރެފަ ދައްކަވާ ވާހަކަތަކެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާ އިރު، ޖާބިރު ފާހަގަކުރެވެނީ މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ބިލްތަކަށާއި، މައްސަލަތަކާ ބެހޭގޮތުން އެންމެ ވަރުގަދަޔަށް ޢިލްމީ ނަޒަރަކުންނާއި، އޭނާގެ އަމިއްލަ ތަޖުރިބާގެ އަލީގައި ވަކާލާތު ކުރައްވާ، އެންމެ ހިންގުންތެރި އެއް މެންބަރުގެ ގޮތުގައެވެ. ޖާބިރު ވަނީ ރައްޔިތުންގެ ލާބަޔާއި، ފައިދާއަށް، އަމިއްލަފުޅަށްވެސް މަޖިލީހަށް އެތައް ބިލެއް ހުށަހަޅާފައެވެ.

ކާށިދޫ ދާއިރާގެ މެންބަރަކީ ހާޒިރީ ރަނގަޅު، ބަރާބަރަށް މަސައްކަތް ކުރައްވާ މެންބަރެކެވެ. ޖާބިރު ދައްކަވަނީ ޙިޔާލީ ވާހަކަތަކެއް ނޫންކަމާއި، އެއީ ހުސް އެކަނި ގޮނޑިއެއް ފުރުއްވުމުގެ ގޮތުން މަޖިލީހުގައި ހުންނަވާ މެންބަރެއް ނޫންކަން މިހާރު ހުރިހާ ދިވެހިންނަށްވެސް އެނގޭނެއެވެ. ޖާބިރު، ވަކިން ޚާއްސަގޮތެއްގައި ފާހަގަކުރެވެނީ އޭނާގެ ދާއިރާގެ ރައްޔިތުންނަށް ނުހަނު ޙިދުމަތްތެރި، އެހާމެ އިޚުލާސްތެރި، ނަމޫނާ މެންބަރެއްގެ ގޮތުގައެވެ.

މަޖިލިސް ޖަލްސާތައް އޮންނަ ދުވަސްވަރު އެހާ ބިޒީކޮށް އުޅުއްވަމުން ވެސް، ޖާބިރު އަކީ ގަވާއިދުން އޭނަގެ ދާއިރާ އަށް ވަޑައިގަންނަވާ ބޭފުޅެކެވެ. މަޖިލިސް ޖަލްސާ ނިންމާލެއްވުމަށްފަހު ދޮޅު ގަޑިއިރަށްވުރެ ގިނަ އިރުގެ ދަތުރަކަށް ފަހު، ކާށިދޫ ނޫނީ ގާފަރަށް ވަޑައިގަންނަވަނީ އެހެން ހުރެފަ ދުވަހެއްގައެއް ނޫނެވެ. އެއީ ޖާބިރުގެ އާއްމު ދަތުރުފުޅެކެވެ. ދާއިރާގައި ހިމެނޭ ކާށިދޫ، ގާފަރުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ޖާބިރު އާއި ރައްޓެއްސެވެ.

މިއަދު ޖާބިރުގެ ދާއިރާގައި ހިމެނޭ ގާފަރުގައި އެމަނިކުފާނު ވަނީ އެ ރަށުގެ އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ހޭންޑްބޯޅަ ދަނޑެއް އިފްތިތާހްކޮށްދެއްވާފައެވެ. ގާފަރަށް މިއަދު ޖާބިރު ވަޑައިގަތުމުން އެ ރަށުންވެސް އޭނާއަށް އޮތް ތާޢީދު ފެނިގެން ދިޔައެވެ. ނިސްބަތުން ކުޑަ މަޝްރޫޢެއް އިފްތިތާހްކުރުމަށް ވެސް އެރަށުގެ ގިނަ އަދެއްގެ ބަޔަކު ވަނީ ޖާބިރުގެ އިސްތިޤްބާލުގައި މިއަދު އެ ސަރަޙައްދަށް ޖަމާވެފައެވެ.

ޖާބިރު ގާފަރުގައި އަޅާ ގެސްޓު ހައުސް ޢިމާރާތް
ގާފަރުގައި އަޅާ ރެސްޓޯރެންޓް

އެ ރަށުގެ ތަރައްޤީއާއި، ކުރިއެރުމަށް ޖާބިރު ކޮށްދެއްވަން ހުރި ކަންތައްތަކުގެ ލިސްޓު ވަރަށް ދިގެވެ. ވަރަށް އަވަސް މުސްތަޤްބަލެއްގައި ގާފަރުގައި ޖާބިރު ހިންގަވާ ގިނަ މަޝްރޫޢުތަކެއް އިފްތިތާހްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ގާފަރުގެ ރައްޔިތުންނަށް މިހާރު ބޭނުންޖެހިފައިވާ ހިނަވާ ގެއެއް، ޖާބިރު ވަރަށް އަވަހަށް އެރަށުގައި ގާއިމްކޮށްދެއްވާނެ އެވެ. އެތަނުގެ ޢަމަލީ މަސައްކަތް މިހާރު ބާރު ސްޕީޑެއްގައި ކުރިއަށްދާ އިރު، ވަރަށް އަވަހަށް ހުޅުވިގެން ދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވޭ ދާއިރާ ކުރިއަރުވަން. މަޖިލިސް މެންބަރުން ޖެހޭ ރައްޔިތުންނަށް އެހީތެރިވެދޭން. އަޅުގަނޑު ވަރަށް އުފާވޭ ރައްޔިތުން މިގޮތަށް ކޮންމެ ފަހަރަކުވެސް ނިކުމެފަ ތިބޭތީ. މިރަށުގެ ރައްޔިތުންނަކީ ވަރަށް މުރާލި، ހީވާގި، ރަނގަޅު ބައެއް." ގާފަރުގެ ހޭންޑްބޯޅަ ދަނޑު އިފްތިތާހްކޮށްދެއްވުމަށް ފަހު، "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ގާފަރުގައި ތަރައްޤީ ކުރާ ރެސްޓޯރެންޓަކާއި، ގެސްޓް ހައުސްއެއްގެ މަސައްކަތް ވެސް މިހާރު އޮތީ އެންމެ ފަހުގެ މަރުޙަލާގައެވެ. ޖާބިރު ވިދާޅުވީ ރެސްޓޯރެންޓްތަކާއި، މިފަދަ ކަންތައްތަކަކީ ރަށުގެ ތަރައްޤީއާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތަކެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދޭން ޖެހޭ ބައެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަންތިމަރިޔަބު

    ހަކުރު ދެންޏާ ބޮޑުބޭބެ ! ހަމަހިނިއަންނަނީ

    23
    1
  2. ދާއިރާ

    ކާށިދޫ މީހުންގެ ދަރަނިތައް އަދާ ކުރޭ. ތިހެން ފިލައިގެން އަބަދު ނޫޅެވޭނެ.

    17
    2
  3. ކާށިދޫ މީހާ

    ޖާބިރަކީ ކާށިދޫ މީހުންނަށް އިޚްލާސްތެރި މީހެއް ނޫން. އޭނަ ބޭނުންހާ ކަމެއް މިރަށުގަ ކުރަން ފުރުސަތު ނުލިބޭތީ މިހާރު ހުރީ ވަރަށް ރުޅި އާއްސަ.

    10
    2
  4. ޙަސަނާ

    ޖާބިރު ވަގުތު ނޫސް ގަނެފި

    17
    2
  5. Anonymous

    މީނާގެ ގާތުގަތިބިމަދުބައެއް ފައިދާނަގަނީ. ލޭގެގޮތުން އެންމެގާތްކޮށްތިބި އިޙްލާސްތެރިންވަނީ މަގުމަތިކޮށް ބޭރުކޮށްފަ

  6. ކާށިދޫގާފަރު

    ބޭކާރު ވާހަކަ ނުދައްކާ ވެފައިވާ ވައުދު ފުއްދާ!

  7. ކުޅަނދު ހަމަވޭބާ!

    ކުޅަނދު ހަމަވޭބާ!