ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތުމަތު ރިހުލާ އަށް ލިބިފައިވާ ޔޫން މުހައްމަދު ޔުނާނަކީ ހިތުގެ ބައްޔެއްގައި "މަރާ ހަނގުރާމަ ކުރަމުން" އަންނަ ކުއްޖެކެވެ. ޔޫންގެ ފުރާނަ ސަލާމަތް ކުރުމަށް ޔުނާން އާއި ރިހުލާ ހުރަސް ކުރަން ޖެހިފައި ވަނީ ގަދަ ކަނޑެކެވެ.

ހިތުގެ އޮޕަރޭޝަނެއް ކުރަން އިންޑިއާއަށް ގެންދަން އާސަންދައިން ޖާގަ ނުދީގެން ޔުނާން އާއި އޭނާގެ އަންހެނުން މުލިއާގެ ކައިރީގައި އަޑު އުފުލަން ޖެހުނީ ވެސް ކުއްޖާގެ ހައްގުގައެވެ. ގެއްލިދާ ކޮންމެ ވަގުތަކީ ވެސް ޔޫންގެ ފުރާނަ އަށް ނުރައްކާވާނެ ދުވަހެއް ކަން އެނގި ހުރެއެވެ. އިންޑިއާއަށް ގެންދަން އެންސްޕާ އިން ހުރިހާ ހަރަދެއް ކޮށްދޭން ނިންމައި އާއިލާއަށް އެކަން އެނގިއެވެ.

ނަމަވެސް އާސަންދައިން އިންޑިއާއަށް ބަލި މީހުން ގެންދާ ފްލައިޓުން ޖާގައެއް ހޯދަން ކުރި އާދޭސްތަކަށް އެ ކުންފުނިން އިޖާބަ ނުދިނުމަކީ ދެމަފިރިންގެ ޝަކުވާއެވެ. ޔޫންގެ އޮޕަރޭޝަން ނުކުރެވި ލަސްވާ ކޮންމެ ދުވަހަކީ އެކުއްޖާ ބަލިކަށިވާ ދުވަހެކެވެ.

ޔޫންއަކީ ވަން އެމްބިލިކަލް އާޓްރީ ކުއްޖެއް ކަން އެނގިފައި ވަނީ ބަނޑަށް ހަ މަހުގައި ހެދި ސްކޭނަކުންނެވެ.

ޔޫންގެ ފުރަތަމަ ސާޖަރީ އަށް ގެންދިޔައިރު ނަގާފައިވާ ފޮޓޯއެއް- ފޮޓޯ: ރިހުލާ

"ވަގުތަށް" ރިހުލާ ކިޔައި ދިން ގޮތުގައި ޔޫން ވިހެއުމަށްފަހު، އުރާލަން ދެމަފިރިންނަށް ވެސް ނުލިބޭ އިރު، ވިހެއި ދުވަހުން ފެށިގެން ފަރުވާ ދިނީ އައިސީޔޫގައެވެ. ރިހުލާ ބުނީ ޔޫންގެ ހިތުން ލޭ ފޯރުކޮށްދިނުން މަދުވެގެން ވެންޓިލޭޓަރުގައި ވެސް ފަރުވާ ދޭން ޖެހުނު ކަމަށެވެ. އެއާއި އެކު ދެމަފިރިން އަވަސް ވެގަތީ، ޔޫން އަށް ދެވޭނެ އެންމެ އަވަސް ފަރުވާ އެއް ހޯދުމަށް ކަމަށް ރިހުލާ ވިދާޅުވިއެވެ.

"އިންޑިއުސް ކޮށްގެން ވިހެއީ. ވިހެއި އިރު ބޭބީ ރޯލި އަޑު އިވުނު. އޭގެ ފަހުން ނޭވާލާން އުނދަގޫވެގެން އައިސީޔޫއަށް ލީ. އޭގެ ފަހުން ބޭބީ އުރާލަން ލިބުނީ ވިހެއިތާ 23 ވަނައަށް ވީ ދުވަހު. ހަމަ އެކަނި ބޭބީ ފެންނަނީ ދުރުން ހޮޅި ގުޅާފައި އޮންނަ ތަން" ރިހުލާ ބުންޏެވެ.

އާސަންދައިގެ އެހީގައި ޔޫންގެ ފުރަތަމަ އޮޕަރޭޝަން ކުރީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ހުރި ހިތުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު ސުނިލް ކަމަށް ރިހުލާ ބުންޏެވެ.

"މިހާރުވެސް އަޅުގަނޑުމެން އެދެނީ ޔޫންގެ އޮޕަރޭޝަން ކުރުމަށް އެ ޑޮކްޓަރު ކައިރިއަށް ދާން. އެއީ ފުރަތަމަ ފަހަރަށް އެކަން ކުރި މީހަކަށް ދެވަނަ ފަހަރަށް އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ" ރިހުލާ ބުންޏެވެ.

ޔޫންގެ އޮޕަރޭޝަން ފުރަތަމަ ފަހަރަށް ކުރި ޑޮކްޓަރު ސުނިލް- ފޮޓޯ: ރިހުލާ

ހަނގުރާމަ ކުރަނީ ފަރުވާ އަށް ބޭރަށް ނުދެވިގެން

ޔޫންގެ ދެ ވަނަ އޮޕަރޭޝަން ކުރުމަށް ސުނިލްއަށް ލިބިފައިވާ އެޕޮއިންޓްމެންޓާ މިހާރު ސުނިލް މަސައްކަތް ކުރަމުން އަންނަ ކޮޗިންގެ ލިސީ ހޮސްޕިޓަލުގެ ތައްގަނޑު ޖަހާފައިވާ ސިޓީއެއް އޭނާ ވަނީ ޔޫންގެ މައިންބަފައިންނަށް މެއިލްއެއް ކޮށްފައެވެ. މިއާއި އެކު ދެމަފިރިން އަވަސްވެގަތީ، އާސަންދައިގެ ދަށުން ޔޫން ގޮވައިގެން ސުނިލް އަށް ދެއްކުމަށް އިންޑިއާއަށް ދިއުމަށެވެ. އެއީ ކުއްޖާ އަށް ފަރުވާ ނުދެވި ދާ ކޮންމެ ދުވަހަކީ ކުއްޖާ އިތުރަށް ބަލިވާނެ ދުވަހެއްކަމަށް މައިންބަފައިންނަށް ގަބޫލު ކުރެވޭތީއެވެ. އެފަދަ ކަމެއް ތުއްތު ޔޫންއަށް ވާން ނޭދޭތީއެވެ.

"ސުނިލް އަށް އެބައޮތް އެޕޮއިންޓްމެންޓެއްވެސް ލިބިފައި. ޑޮކްޓަރުގެ ސިޓީ ވެސް އެބައޮތް ހޮސްޕިޓަލުގެ ތައްގަނޑާއެކީ އަޅުގަނޑުމެންނަށް މެއިލް ކޮށްފައި، ވީ އެންމެ އަވަހަށް ޔޫން ގޮވައިގެން އޭނަ ކައިރިއަށް އައުމަށް. އެ މެއިލް އާސަންދައަށް ދެއްކީމަ ބަލައެއް ނުގަތް" ރިހުލާ ބުންޏެވެ.

ޔުނާންގެ އާއިލާގެ މެމްބަރުން މުލިޔާގެ ބޭރުގައި؛- ވަގުތު އިމޭޖަސް؛- މުހައްމަދު އަފްޒަލް

ރިހުލާ ބުނީ، އާސަންދައިން ސިޓީ ބަލައި ނުގަތީ ސުނިލް މަސައްކަތް ކުރަމުން އަންނަ ހޮސްޕިޓަލަކީ އެއީ އާސަންދައިން ކަވަރު ކުރާ ހޮސްޕިޓަލަކަށް ނުވާތީ ކަމަށެވެ. ނަމަވެސް މި ދެމަފިރިން ތިބީ އަމިއްލަ ހަރަދުގައިވެސް އެމީހުންގެ ތުއްތު ޔޫންގެ ފުރާނަ ސަލާމަތް ކުރުމަށް ތައްޔާރަށެވެ. އެގޮތަށް ބުނުމުންވެސް އާސަންދައިން ހަމަ އެކަނި ފްލައިޓްއިން ޖާގަ ދިނުމަށްވެސް އެއްބަސް ވެފައެއް ނުވާ ކަމަށް ރިހުލާ ބުންޏެވެ.

ރިހުލާ ބުނީ، އާސަންދައިގެ މީހުން އެ ސިޓީ ބަލައި ނުގަނެ ފަހުން އިނީ ކިމްސް ހޮސްޕިޓަލަށް ބަދަލު ކޮށްފައި ކަމަށެވެ. އަދި ހޯމަ ދުވަހު ފުރުމަށް ތައްޔާރު ވުމަށް ވެސް ވަނީ ބުނެފައި ކަމަށް ރިހުލާ ބުންޏެވެ.

"ކިމްސް ހޮސްޕިޓަލަކީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ތަނެއް ނޫން. މީގެ ކުރިން ހިތުގެ އޮޕަރޭޝަނެއް ކުރި ދެ ކުދިން ވެސް ނިޔާވީ. އަޅުގަނޑުމެން ބޭނުމެއް ނުވާނެ އަޅުގަނޑުމެންގެ ދަރިފުޅު އަޅުގަނޑުމެންނާއި ވަކި ވެގެން ދާކަށް" ރިހުލާ ކިޔައި ދިނެވެ.

ހޯމަ ދުވަހު ފުރުމަށް ތައްޔާރު ވާށޭ ބުނެފައި، ފަހުން ކިމްސް އިން އެފަދަ އޮޕަރޭޝަނެއް ނުކުރެވޭ ކަމަށް ބުނެ، ޗާޓަރު ކޮށްފައިވާ ފްލައިޓުން ޔޫން އަށް ޖާގައެއް ނެތް ކަމަށް ބުނެފައިވާ ކަމަށްވެސް ރިހުލާ ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ދެމަފިރިން ގޮތް ހުސްވެގެން އެންމެ ފަހުން އިއްޔެ ވަނީ މުލިއާގެ ކައިރިއަށް ގޮސްފައެވެ. އެތަނުގައި ގަޑިއިރެއް ވީއިރުވެސް އެއްވެސް މީހަކާއި ބައްދަލުވެފައި ނުވާ ކަމަށް ރިހުލާ ބުންޏެވެ.

ޔުނާން އާއި އޭނާގެ އަނބިމީހާ ޔޫން އުރާލައިގެން- ފޮޓޯ: ރިހުލާ

ރިހުލާ ވަނީ ލިސީ ހޮސްޕިޓަލުން މި މަހުގެ 22 ވަނަ ދުވަހު ޔޫންގެ އޮޕަރޭޝަނަށް އަރާނެ ވަރު ހާމަކޮށް ފޮނުވާފައިވާ ސިޓީ ފޭސްބުކުގައި ހިއްސާ ކޮށްފައެވެ. އެ ޕޯސްޓުގައި ވާގޮތުން ނަމަ ޔޫންގެ އޮޕަރޭޝަނަށް ގާތްގަނޑަކަށް 400,000 އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 5,400 އެމެރިކާ ޑޮލަރު) ބޭނުންވާނެއެވެ. އަދި އެއް މަސް ދުވަހު އިންޑިއާގައި މަޑު ކުރަން ޖެހެއެވެ.

އެހެން ކަމުން ޔޫންގެ މައިންބަފައިން ވަނީ ހުރިހާ އެންމެންގެ ފަރާތުންވެސް އެހީއަކަށް އެދިފައެވެ.

ދެވަނަ ފަހަރަށް ޑޮކްޓަރު ސުނިލްއާއި ޔޫން ބައްދަލު ކުރި އިރު ނަގާފައިވާ ފޮޓޯއެއް- ފޮޓޯ: ރިހުލާ

މިކަމާއި ގުޅިގެން އާސަންދައިން ބުނެފައިވަނީ ޔޫން އަށް ފަރުވާ ދިނުމަށް އާއިލާއިން އެދިފައިވަނީ އަމްރިތާ ހޮސްޕިޓަލުން ކަމަށާއި އިންޑިއާއަށް ގެންދަން އާއިލާއިން ހުށަހެޅި ހުށަހެޅުން ރިޖެކްޓްކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އާސަންދައިން އިންޑިއާއަށް ބަލިމީހުން ގެންދަން ބުދަ ދުވަހު ބާއްވާ ފްލައިޓުން ޖާގަ ނުލިބުނީ އަމްރިތާ ހޮސްޕިޓަލަށް ގެންދެވެން ނެތުމުން ކަމަށް އާސަންދަ އިން ބުންޏެވެ.

އެއީ އެ ހޮސްޕިޓަލަށް ގޮސް ތިބި ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާތީ ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ. އަދި މިހާރު ޔޫންގެ ފަރުވާއަށް އަމްރިތާ ހޮސްޕިޓަލަށް ފޮނުވޭނެ ގޮތެއް ހަމަ ޖެހޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ އިން ބުންޏެވެ.

ނަމަވެސް ރިހުލާ ބުނެފައިވަނީ އާސަންދައިން ނެރެފައިވާ ނޫސް ބަޔާނަކީ މުޅިއަކުން ރަނގަޅު ބަނާޔެއް ނޫން ކަމަށާއި އެއްވެސް އިރެއްގައި އަމްރިތާ ނޫން ކިމްސް ހޮސްޕިޓަލަށް ދިއުމަށް ބޭނުން ނުވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބުނަމުން އައީ ޑޮކްޓަރު ސުނިލްއަށް ދެއްކުމަށް ލިސީ ހޮސްޕިޓަލަށް ފޮނުވަދޭން ކަމަށް އޭނާ ބުންޏެވެ. މިކަމާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އާސަންދައިގެ އިސް މީހަކާއި ބައްދަލު ކުރުމަށް ކުރި މަސައްކަތުން މިއަދާއި ހަމައަށްވެސް އެކަމެއް ކާމިޔާބުވެފައި ނުވާ ކަމަށް ރިހުލާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮމެންޓު

    މަރުގެ ހާލަތުގައި އޮތް ދަރިފުޅު ގޮވައިގެން ސްޓަންޓު ޖައްސާތީ ދެރައީ. ސޮރީ މަށަށް މިހާރު ޒީރޯ ސިމްޕަތީ

    31
    16
  2. ދެރަވވ

    ދިވެހި ފިލްމު އިންޑަސްޓީ އިން އެހީ ނުވީކީއްވެބާ !
    ފިލްމުސްޓާރުން ސަލާންޖަހާ ހިސާބައް ދިއުމީ ފިލްމުކުޅޭ މީހުން ވިސްނާ ފިކުރު ކުރަންޖެހޭ ތިމާގެ އަނބި ފިރި ހިލޭ ފިރިހެނުން ގައިގައި އައްކާތާހަދާއިރު ރުހި ގަބޫލް ވެވުމީ މުސްލިމަކު ކޮއްގެން ވާނެ ކަމެއްނޫން.

    51
    2
  3. ާއަބޫ

    މިއީ ހުއްޓުވަން ޖެހޭ ކަމެއް. ހަގީގަތަ ކީ މިއީ އެއްވެސް ގޮތެއް ނެތިގެން، ކުއްޖާގެ ބޭސް ފަރުވާ ހަމަނުޖެހި ދައުލަތުގެ އަޅައިލުމެއް ނުލިބިގެން މަގުމަތިވި ކުއްޖެއް ނޫން. ހަމަޖެހިފައިވާ އުސޫލުން ބޭރުން މައިން ބަފައިން ބޭނުން ގޮތަށް ކަންތައް ހަމަނުޖެހުނީމަ އެތުއްތު ކުއްޖާ ގޮވައިގެން ވިއްސާރަ ވެހެނި ކޮށް އިރުއޮއްސުނު ގަޑީގަ މުލިއާގެ ދޮށަށް ގޮސް ކެމެރާތައް ކުރިމަތީ ދެމަފިރިން އެ ކުއްޖާ ގައިގަ ބައްދަނީ މަޝްހޫރު ވާން ވެގެން.

    30
    7
  4. Anonymous

    😭😭😭

    4
    3
  5. އަޅުގަނޑު

    މާތްﷲ ޔޫން އަށް ހެޔޮ ސިއްހަތު ދެއްވަވާށި އާމީން

    18
  6. ރީމު

    އިންޝާ ﷲ ޔޫނާން ގެ ދަރިފުޅަށް ހެޔޮ ރަހްމާން ދެެއްވާން ދޭވެ.
    އާމީން.
    😭😭😭😭😭😭😭

  7. ދޯ

    އެެއޮށް ކުޑަކުއްޖާގެވެސް ބޮލު ކުލަޖައްސާފަ.....ދެން ބޮޑުވަރު...