މާލެ ސިޓީ ފިޔަވައި ކޮވިޑް-19ގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ އެއް ތަނަކީ އައްޑޫ ސިޓީ އެވެ. އައްޑޫގައި މި ބަލި ފެތުރެން ފެށި ގޮތް ބެލުމަށް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން މަސައްކަތް ކުރަމުންދާ އިރު، ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮވިޑް-19 ގެ ވޭދަނަތައް ފެންމަތިވާން ފަށާފައިވަނީ ސަރުކާރުން ގެންގުޅޭ ކޮވިޑާއި ރައްޓެހި، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނެވެ.

އައްޑޫސިޓީގެ ރައްޔިތުންވެސް ގަބޫލުކުރަނީ މިގޮތަށެވެ؛ މުޅި އަތޮޅު ކޮވިޑުގެ ނުރައްކާ ތަހައްމަލުކުރަން ޖެހުނީ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ރަނގަޅަށް ނޭޅުމުގެ ސަބަބުންނެވެ. އައްޑޫ ސިޓީގައި ގުޅިފައިވާ ހަތަރު ރަށެއް އޮވެއެވެ. އެއީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫއެވެ. މި ހަތަރު ރަށުގެ ތެރެއިން މިވަގުތު ކޮވިޑް-19 ފެނިފައިވަނީ ފޭދޫ އަދި ހިތަދޫއިންނެވެ. ހިތަދޫން މިހާތަނަށް ޖުމްލަ ހަތަރު މީހަކު، ފޭދޫން ހަ މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ.

ކޮވިޑުގެ ދަތުރު މާލެއިން އައްޑޫއަށް، މުޅި ދެކުނަށް ނުރައްކާ

އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ގިނަ އުސޫލުތަކެއް ކަނޑައެޅި ނަމަވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ އިހުމާލުން މިފަދަ ކަމެއް ވުމުންނެވެ. ސަރުކާރުގެ އިހުމާލުން އެ ސިޓީގައި ކޮވިޑް-19 ފެތުރެން ފެށިކަމުގެ ވާހަކައެވެ. އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވި ގޮތުގައި މި ބަލި އައްޑޫ ސިޓީއަށް އެތެރެވީ ހާއްސަ ހުއްދައިގެން ދަށުން މާލެ ފުރައިގެން އައްޑޫ އަށް އައި މީހެއްގެ ފަރާތުންނެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ ދާދި ފަހުން އޭވިއޭޝަން ސެކުރިޓީ ކޮމާންޑްގެ ބަޔަކު ހާއްސަ ހުއްދައާ އެކު އައްޑޫ އަށް ދިޔުމާ ގުޅިގެންނެވެ.

ސޯބެ ވިދާޅުވީ، ހާއްސަ ހުއްދައިގެ ދަށުން ގިނަބަޔަކު ދަތުރުކުރަމުން އަންނަ ކަމަށާއި އެމީހުންނަށް އޮންނަނީ ވަކި މިންގަނޑެއް ދީފައި ކަމަށެވެ. ނަމަވެސް ކޮންމެ ކޮންމެ މީހަކު އުޅޭ ގޮތް ވަކިން ނުބެލޭ ކަމަށް ސޯބެ ވިދާޅުވިއެވެ.

"ބެލެވެނީ އެމީހުންނަކީ އޭވިއޭޝަން ކޮމާންޑުގެ ޓްރެއިނިން އަށް މާލެއިން އައި ބަޔަކާއި ގާތުން ވެފައިވާ ބައެއް ކަމަށް. އެހެންކަމުން އެ ބައްދަލުވުމުގެ ތެރެއިން ފެތުރެނީހެން ހީވަނީ. އަދި އިތުރު ގޮތަކަށްވެސް ބައްދަލުވެފައި ހުރެދާނެ ކަމަށް ބެލެވެނީ" ސޯބެ "ވަގުތަށް" ވިދާޅުވިއެވެ.

އެހެންކަމުން ސިޓީގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ބަލި ފެތުރެން ފަށާފައިވަނީ އެ ސިޓީއަށް ތަމްރީން ޕްރޮގްރާމެއްގައި ދިޔަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބައެއްގެ ފަރާތުންނެވެ. ނަމަވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެކަން ދޮގު ކުރެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމާންޑުގެ ޓްރެއިނިން ޔުނިޓްގެ ދޭއްގެ މުވައްޒަފުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޓްރެއިނިން އަކަށް ގޮސްފައިވަނީ މި މަހުގެ ދެ ވަނަ ދުވަހު ކަމަށާއި އެ މުވައްޒަފުން އެ ރަށަށް ގޮސްފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ޕީސީއާރު ނައްސި ނަތީޖާ ލިބުމުން ކަމަށެވެ.

ދެ ފަރާތުގެ މި ވާހަކަތަކާއެކު ގިނަ ސުވާލުތަކެއް އުފެދެއެވެ. އެއީ ނައްސި ނަތީޖާއާއެކު މި ޓްރެއިނިން ކުރިއަށް ދިޔައިރު އޭގެތެރެއިން މީހަކު ފައްސިވީ ކިހިނެއްތޯ އުފެދޭ ސުވާލެވެ. ރަށުތެރެއިން މީހަކާ ދިމާވެގެން ބަޔަކު ފައްސިވީތޯއެވެ؟ ނޫނީ މޭޔަރު ސޯބެ އެ ވިދާޅުވާ ގޮތަށް އެ ޓްރެއިނިންގެ ތެރެއިން މި އިހާ (ކްލަސްޓާ) ފަޅައިގެން ދިޔައީ ހެއްޔެވެ؟

ދެކުނަށް ބިރު ބޮޑުވީ ބަލީގެ ކޮންޓެކްޓުން ހުވަދޫ އަތޮޅުން ފެންނަން ފެށުމާ ގުޅިގެންނެވެ. އަތޮޅުގެ ތަރައްގީގެ ނާރެސް ގދ.ތިނަދޫގައި ހުރި މީހަކު ފައްސިވުމާއެކު މި ބަލި ފެތުރިފައި އޮތް ހަލުވި މިން ވަޒަންކުރެވިގެން ދާނެއެވެ. ތިނަދޫ އާއި ޖެހިގެން އޮތް ގދ. ކާޑެއްދޫ އެއާޕޯޓުގައި ދާދިފަހުން އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅު ޕްރޮގްރާމްތަކެއް ބޭއްވިއެވެ. މިއީވެސް ކޮންޓެކްޓުން ގިނަވެދާނެ ސަބަބަކަށް ވުން ގާތެވެ. މިހެން ގޮސް ކިތަންމެ ސަބަބުތަކެއް އެބަހުއްޓެވެ. މޭޔަރު ސޯބެ އެ ވިދާޅުވާ "ތިއަރީ" ދޮގަކަށް ވުންވެސް އެކަށީގެންވެއެވެ.

ސަރުކާރުގެ އިހުމާލު!

ކޮވިޑް-19 އަކީ ކިހާ ނުރައްކާތެރި ބައްޔެއް ކަމާއި، ކޮންޓްރޯލް ނުކުރެވޭ ބަރަށް ބަލި ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރެން ފަށައިފި ނަމަ، ފަރުވާ ދެވޭނެ އިންތިޒާމު ނެތް ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. ނަމަވެސް ވަކި ވަރަކަށް ބަލި ފެތުރޭ މިންވަރު ދަށްވުމާ އެކީ އެކި ކަހަލަ އުސޫލުތައް އެކުލަވާލުމުން ބަލި ކޮންޓްރޯލް އިން ނެއްޓީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އޭގެ ތެރޭގައި އެންމެ ރައްޔިތުން ހިތް ހަމަ ނުޖެހިފައި އޮތީ "ހާއްސަ ހުއްދައިގެ ދަށުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ" އުސޫލަށެވެ. މި އުސޫލުގެ ދަށުން މުޖުތަމައު ތެރޭގައި ބަލި ފެތުރޭ ރަށްރަށުން ބަލި ނުފެންނަ ރަށްރަށަށް މީހުންނަށް ދެވޭނެ ގޮތް ވަނީ ހަމަ ޖައްސާފައެވެ.

މީގެ ކުރިން ގދ. ތިނަދޫ އަށް ސަރުކާރުން ހާއްސަ ހުއްދައިގެ ދަށުން ފޮނުވި ޖެންޑަ މިނިސްޓްރީގެ ބަޔަކުވެސް ވަނީ ފައްސިވެފައެވެ. ނަމަވެސް އެމީހުންނަކީ ބޭރަށް ނުކުމެ އުޅުނު ބައެއް ނޫން ކަމަށް އެ ރަށުން ބުނެއެވެ. ހަމަ އެކަނި އެމީހުންނާއި މީހުން ބައްދަލުވެފައިވަނީ އެމީހުން ތިބި ގެސްޓް ހައުސް އިން ކަމަށްވެސް މައުލޫމާތު ލިބިއެވެ.

ނަމަވެސް އައްޑޫއަށް އައި މީހުންނަކީ އެއީ ކަރަންޓީނުގައި ތިބި ބައެއް ނޫނެވެ. އެމީހުންނާ ގިނަ ބަޔަކު ވަނީ ބައްދަލުވެސް ވެފައެވެ.

ރައްޔިތުން ދައްކަނީ ކިޔަމަންތެރިކަން!

މިފަދަ ހައްސާސް ދަނޑިވަޅެއްގައި ހުރިހާ އެންމެންނަކީ ގުޅިގެން އެކައްޗަށް ކިޔައިގެން އުޅެން ޖެހޭ ބައެކެވެ. އެކަކު އަނެކަކަށް އިނގިލި ދިއް ނުކޮށް، ފަރުދީ ޒިންމާ ނަގަން ޖެހޭ ބައެކެވެ. އެކުލަވާލާފައިވާ އުސޫލުތަކަށް އަމަލު ކުރަން ޖެހޭ ބައެކެވެ.

އައްޑޫސިޓީ އަށް އަރާ ފޭބުން މަނާ ކުރުމާއި އެކު ސިޓީ ކައުންސިލުން ވަނީ މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުދިޔުމަށާއި، ބޭރަށްދާ ކޮންމެ ވަގުތެއްގައި މާސްކު އަޅުއްވައިގެން އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލު ކުރުމަށް އެރަށުގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ހޮސްޕިޓަލަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި އެރަށެއްގައި ގާއިމު ކުރެވިފައިވާ ސޯޝަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) އާއި މަޝްވަރާ ކުރުމަށްފަހު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަ ޖެއްސުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މިއާއި އެކީ އައްޑޫގެ މަގުތަކުން ފެނިގެން ދިޔައީ ހަމަހިމޭން ކަމެވެ. ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ރައްޔިތުން ކިޔަމަންތެރިވާ މަންޒަރެވެ. މަގުތަކުން މަދުން ނަމަވެސް މީހުން ފެންނައިރު، އެންމެން ގޮތަކަށް ތިބެނީ މާސްކު އަޅައިގެންނެވެ. ގްރޫޕު ހަދާލައިގެން އެއްވެސް ބަޔަކު އެއްވެސް ތަނަކަށް ގޮސް ނޫޅެއެވެ. ރައްޔިތުންވެސް ބޭނުންވަނީ އަވަހަށް ކޮވިޑް-19 ގެ ވާބާއިން ސަލާމަތްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލޮލްލޮލް

    ސަރުކާރުގެ އިހުމާލު 100 އަށް އޮތް ކަމެއް...

    38
    2
  2. ސިޕް

    ރައްޔިތުން އަބަދުވެސް ދައްކަނީ ކިޔަމަންތެރިކަން އެކަމް މިހާރުގެ ސަރުކާރުން އިހުމާލުވެފަ މިކިޔަނީ ރައްޔިތުން ބުނާގޮތެއް ނަހަދައޭ . ރާއްޖެތެރޭ ރަށްރަށަށް ކޮވިޑް ގެނައީ ސަރުކާރުގެ ބޮޑު އިހުމާލުންކަން މީ އެންމެން ދަންނަ ހަޤީޤަތެއް . ވަރަށް ސަލާމް

    32
    1
  3. ރޯދަމުބާރަކް!

    މީ ތިޔަބޭފުޅުންގެ ވަރަށް ބޮޑު އިހުމާލެއް، އަދި ގަސްތުގަ އަމިއްލަ އެދުމަށް ނިންމި ނިންމުންތަކެއްގެ ނަތީޖާ...!! ތިބޭފުޅުންނަށް ވެކްސިންލިބި، ވެކްސިންޖެހުމުން ބަލި ހުއްޓުނީ އެހެންނޫން ތޯ..!! ބަލި އުޅޭތާ އެއް އަހަރު ފަހުން މި ވަރަށް ފެތުރުނީމާ މި ހާމަވީ ހަމަ ތިބޭފުޅުންގެ އަޅާލުންކުޑަކަން، ބޮޑުވަރިހަމަ ކަން...!

    ތި ބޭފުޅުން ބަލި ދެކެ ބިރުގަތްއިރު އެޅުއްވި ފިޔަވަޅުތައް ރަނގަޅު..! ނަތީޖާވެސް ފެނުނު..!!

    ރައްޔިތުން އަބަދުވެސް ތިބޭފުޅުންގެ ބަސް އެހި..!! ހެއްކަކީ ތިބޭފުޅުންގެ ލަފާކުރުންތަކާ، ދިމާނުވެ ބަލި ﷲ ގެ ރަހްމަތް ފުޅުން ނުފެތުރުނުކަން..!! ވީމާ ރައްޔިތުން ބޮލުގަ އިލްޒާމު ނާޅުއްވާ...!!

    28
    1
  4. ހަނީ

    މިކޯވިޑް ފެތުރުނީ ހަމަ ސަރުކާރު ގެ ދޯހޮޅި ސިޔާސަތުން. އައްޑުއަކީ މިރާއްޖޭގެ މާލެ ފިޔަވައި އެއްމެ އާބާދީ ބޮޑު ރަށް. ކޯވިޑް ހާލަތު ފެތުރުނަ ނުދޭން އައްޑޫ ކައުންސިލުން ކުރި މަސައްކަތުގެ ސަބަބުން މިހާހިސާބަށް ވެސް އައްޑު ގައި ބަލި ނުފެތުރުވިޔަ އޮތީ. އެކަމަކު ދަތުރު ފަތުރުގެ ނިޒާމްގެ ސަބަބުން އައްޑު އަށް މިކަން މިއޮތީ ފެތުރިގެން ގޮސްފަ ކިހާދެރަ. އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުޢާއަކީ ވެސް މިވަބާ ނުފެތުރި އައްޑޫrައްޔިތުން ސަލާމަތްވުން.

    29
    1
    • އަޙްމަދު

      ކައުންސިލަށް ކަމެއް ނުކުރެވޭ! ގަމަށް އައިމީހަކު ހަތަރު ރަށުގައި އުޅޭކަށް ނުޖެހޭ! ކީއްވެބާ ޓެސްޓް ނަހަދާ ގެނައީ! ކީއްވެބާ މާސްކު ނާޅާ ޓްރެއިނިން ރޫމްގައި ހުރެވުނީ! ކީއްވެބާ އެދެމީހުންނަށް ފުރައިގެން ދެވުނީ! އެވެސް މޮނީޓަރިންގެ ޙާލަތުގައި!!!!!!!!!!!!!

      13
      1
  5. ދޮނައަމާ

    ދެއުޅިއެއްނުވާ ސަރުކާރަކުން ކުރާނި ދެޅިއެއްނުވާ ކަންކަން! ދެން މައިމޫނާ ކަންނޭގެ މައިބަދަ ގުޑައިގެން ފިލައިގެން ރައްކާވާނީ؟ މުޅި ސަރުކާރުގެ މައިބަދަ އޮތީ ގުޑާފައި

    27
    2
  6. ނައްސި

    ނަތީޖާ ނުބައިކޮށް ދައްކާ ނައްސިތަކުންވެސް ބަލި ފެތުރޭނެ. ފޯލްސް ނެގެޓިވްއަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވާ ކަމެއް.

  7. އިކްލީލް

    "އަޅުގަނޑަށް ކޮވިޑް 19 އާ ކުރިމަތިލުމަށް ހިތްވަރު ލިބުނީ ޑަބްލިއު އެޗް އޯ ގެ މަސައްކަތުން" = އިބްރާހިމް މުޙައްމަދު ޞާލިޙް= އަޅެފަހެ ހިންޏެއް ނާދޭހެއްޔެވެ؟

  8. ހެއްވާމަޖާ

    ‘ރަށުތެރެއިން މީހަކާ ދިމާވެގެން ބަޔަކު ފައްސިވީތޯއެވެ؟’ ބަލި ނެތް ރަށެއްގެ މީހަކާ ދިމާވެގެން ބަލި ފެތުރިފަ އޮތް މާލެއިން ދިޔަ މީހުންނަށް ބަލި ޖެހުނުކަމަށް ތޯ ތިބުނަނީ؟

  9. އަބްދުއްލަޠީފު

    އައްޑޫ ސިޓީ ކައުންސިލުން ހަރުދަނާ އެންމެ ފިޔަވަޅެއްވެސް ނާޅާ. ފިޔަވަޅު އަޅަން ނޭގޭބަޔަކަށް ކޮން ފިޔަވަޅެއްތޯ އެޅޭނީ؟ އެތާކު ނެތް ސިކުނޑި ފުރިހަމަ އެކަކުވެސް. އައްޑޫ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން ކީއްވެތަ އައްޑުއަށް މާލެ އިން އެތެރެވާ ކޮންމެ މީހަކަށް އެއާރޕޯރޓު ޓާމިނަލް އިން ބޭރަށް ދެވޭނީ ޕީސީއާރ ޓެސްޓު ނެގެޓިވް ރިޕޯރޓް ދެއްކުމުން ކަމަށް ކަނޑަނޭޅުނީ. އޭރުން ޚާއްސައެއް ޢާންމެއް ނޯންނާނެ. މޭޔަރުގެ ޒިންމާ އެއް ސިޓީގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ. މިހާރުވެސް މިފިޔަވަޅު އަޅާބަލަ. މާލެ ސަރުކާރު ކިތަންމެ ބޭނުން ވިޔަސް އައްޑޫ އަކަށް ކޮވިޑެއް އެތެރެނުކުރެވޭނެ. ކަނޑު އުޅަނދު ފަހަރުވެސް މިގޮތަށް ބެލެހެއްޓޭނެ. އޭރުން ނުޖެހޭނެ އަހަރުމެން ރައްޔިތުން ޖަލުގަ ހައްޔަރުކޮށްގެން ގޯސްޓުސިޓީ ހަދައިގެން އުޅޭކަށް. މިކޮމެންޓު ޖަހާލަދެއްޗޭ. ޝުކުރިއްޔާ!

    4
    3
  10. ތަނބު

    ރަނގަޅު ނޯންނާނެ އެއްގޮތެއްވެސް ، ސަރުކާރުން ރަށްރަށުގައި ކުރާމަސައްކަތް ނުބެލިއަސް މައްސަލައެއް، މިހާލަތުގައި ބަލަންދިޔައަސް މައްސަލައެއް، މި ހުރިހާ ވާހަކަ ލިޔާނީ ނޫސްވެރިން ކުރިއަށް ވާންހުރިކަންތަށް އިންސާނާއަށް އެންގޭނަމަ އޭނާ ކުރާނީ ހަމައެކަނި ނަމާދު އެހެން އެއްވެސް ކަމެއް ނުކުރާނެ،

    1
    2
  11. ޔާސިރު

    ސޯބެއަކީ ދެއުޅިއެއް ނުވާ ޕަޕެޓެއް. ގޮޑި ހޫނުކުރާތާ 12 އަހަރުވަނީ. ޑި މޮކްރަސީ މަގާ މުގައި މުޅި އު މުރަށް. ޒުވާން ލޭ ބޭނުންވަނީ. ކަ މަށް ގާބިލު ޒުވާނުން އެބަތިބި. އެކްޓިވިސްޓުންނަށް ކަންދެއްކޭނީ. ދެން ކޮޕީ ކެޓް ހެދިގެން އުޅޭނީ.

    3
    1