(އދ. ދަނގެތި) މި ރަށުގައި ކުރިއަރަމުން އައި ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި އާންމުން ރުޅިގަދަވެ، ތުހުމަތުގެ އިނގިލިތައް ފުރަތަމަ ދިއްކުރީ އެ ރަށުގައި ދިރިއުޅެމުން އައި އއ. ތޮއްޑޫ ބަޔަކަށެވެ. އެއީ ދަނގެތި ރައްޔިތުންނާ މުޅިން ވަކިން އުޅެމުން ދިޔަ ބައެކެވެ. ތިން މީހުން އެއް ގެއެއްގައި ދިރިއުޅެމުން ދިޔަ އިރު، އެމީހުންނާ މެދުގައި ދަނގެތި ރައްޔިތުން ހިތްހެޔޮ ނުވީ އެމީހުންގެ މާޒީއާ ހެދިއެވެ. އެމީހުންނަކީ ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމަށް "އަރާ ތިބި" ބައެކެވެ. އެ މައްސަލަތަކާ ގުޅިގެން އެމީހުން ތޮއްޑޫން ބޭލިއެވެ. ރަށަށް އެނބުރި އައިސްފި ނަމަ "ދުވަސް ދުއްވާލާނެ" ކަމަށް ބުނެ އެމީހުންނަށް ތޮއްޑޫން އިންޒާރު ދީފައިވެއެވެ. ތޮއްޑޫން މީހުން ވެސް އެމީހުންނާ މެދު ކުރަނީ ނަފްރަތެވެ.

މި ހުރިހާ ސަބަބަކާ ހެދި ތޮއްޑޫ އަށް އުފަން އެމީހުން، މަހްމޫދު އަނިޔާވެރި ގޮތަކަށް މަރާލަފާނެ ކަމަށް ދަނގެތި ރައްޔިތުން ވެސް ގަބޫލު ކުރެއެވެ. ރަށުގައި އެކަހަލަ ކަމެއް ކުރަން ކެރޭ އަދި ދަނގެއްޗަށް އުފަން މީހަކު ނުހުންނާނެ ކަމަށް ވެސް ބުނަނީ ޔަގީން ކަމާއެކުގައެވެ. ރަށުގެ ރައްޔިތުން ނުކުމެ ތޮއްޑޫ މީހުން ގެންގުޅޭ ސައިކަލެއްގައި ރޯކޮށް އަންދާލާނީ ހަމަ ޔަގީނުން ވެސް މި ރަށު ރައްޔިތުން މި މައްސަލައާ މެދުގައި ސީރިއަސްކޮށް ވިސްނާތީއެވެ. ދަނގެތި ރައްޔިތުން މިކަން އާދައިގެ ގޮތަކަށް ނުނަގައެވެ. މަހްމޫދު ހޯދަން ރަށުގެ ރައްޔިތުން ނުކުތް އަދަދުން މިކަން ސާފުވެއެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނު ވަޅު: ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

ދަނގެތި، މޮނަލާޒްގޭ މަހްމޫދު 57، އުފަން ގޭގައި ހުރި ވަޅެއްގެ ތެރޭގައި އޮއްވައި ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ ވަޅުން ނެގި އިރު ކަރަށާއި ބޮލަށާއި ބުރަކައްޓަށް ވަޅިން ހަމަލާދީ ބޮޑެތި ޒަހަމްތަކެއް ދީފައި ހުއްޓެވެ. ފަޅަށް ހުންނަ އެ ގޯތި ފުލުހުންގެ ބެލުމުގެ ދަށުގައި އަދިވެސް އޮތް އިރު، އެ ތަނުން މުހިންމު ހެކިތަކެއް ހޯދާފައި ހުރި ކަމަށް ބެލެވެއެވެ.

މިއަދު ހެނދުނު އިރުއެރުމާއެކު، ރަށުގެ ރައްޔިތުންނަށް ހަބަރު ލިބުނީ އިތުރު ސަރަހައްދެއް ބަންދުކޮށްގެން ފުލުހުން ބަލައި ފާސް ކުރާ ކަމެވެ. އެއީ މަހްމޫދު އޮތް ފަޅުގެއާ 100 ނޫނީ 150 ފޫޓެއްހާ ދުރުމިނުގައި ހުރި ގެއެކެވެ. އެ ގޭގައި ފޮރެންސިކް ފުލުހުން އެތައް ގަޑިއިރެއް ވަންދެން ބަލައި ފާސް ކުރިއެވެ. އޭރު ރަށުގެ ރައްޔިތުންގެ ގިނަ ބަޔަކު ދިޔައީ އެ ސަރަހައްދަށް ޖަމާވަމުންނެވެ.

އެމީހުންނަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ! އެއީ މަރުގެ ތަހުގީގު ކުއްލިއަކަށް އެނބުރުނު ގޮތުންނެވެ.

"ފައިސާގެ ދަހިވެތިކަމުގައި ބިދޭސީއަކު ވިޔަސް، ދިވެއްސަކު ވިޔަސް އެފަދަ ކަމެއް ކޮށްފާނެ، މީހެއްގެ ގޮތެއް ބުނާކަށް ނޭނގޭނެ." އެ ރަށުގައި ދިރިއުޅޭ މެދުއުމުރުގެ މީހަކު ބަނދަރު މަތީގައި އޮތް ޖޯއްޔެއްގައި އޮވެފައި، ވާހަކަ ފެށިއެވެ.

ތޮއްޑޫ މީހަކު ދުއްވާ ސައިކަލެއްގައި ރޯކޮށްލައި އަންދާލި ސަރަހައްދާއި ރޯކޮށްލި ސައިކަލް. --- ވަގުތު އިމޭޖަސް

އެމީހާގެ ވާހަކަ ނިންމާނުލެވި އުޅެނިކޮށް އެތަނަށް އުމުރުން ދުވަސްވީ ދެ މީހަކު އައިސް "ހިފާލި"އެވެ. މިކަން ކުރި ބަޔަކު މި ކުރީ "ސީދާ ވަރަށް ބޮޑަށް ރޭވިގެން،" ކަމަށާއި "އިންސާނަކު މިއީ ކުރަން ހެޔޮ ވާވަރު ކަމެއް ނޫން" ކަމަށް ބުނެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަދި ކިތަންމެ މަޑުމައިތިރި މީހަކަސް، ފައިސާ ފެނިއްޖެ ނަމަ މޮޔަވާ މީހުން ތިބެދާނެ ކަމަށް ބުނެ ވާހަކަތަކުގެ ކުރި މަރާނުލައި ބޭއްވިއެވެ.

އެމީހުންނަށް ޔަގީންވާ ކަމެއް އޮތެވެ؛

އެއީ ފުލުހުން އެންމެ ފަހުން ބަލައި ފާސް ކުރި ގެއަށް ވަންނާނީ ކޮންމެވެސް ވަރެއްގެ އަލިގަދަ ހެއްކަކަށް ބިނާކޮށް ކަމެވެ. އެ ގެއަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހަކާއި އޭނާ ބަލަހައްޓާ ބަންގްލަދޭޝްގެ ފިރިހެނަކު ދިރިއުޅޭ ގެއެކެވެ. އެ އުމުރުން ދުވަސްވީ މީހާގެ ހުރިހާ ކަމެއް ބަލަހައްޓަނީ އެ ބިދޭސީ މީހާއެވެ. އޭނާ އެކަން ކުރާތާ ތިނެއް ނޫނީ ހަތަރު އަހަރު ދުވަސްވެއްޖެ ކަމަށް ރަށު މީހުން ބުނެއެވެ.

ސާލިމް ހައްޔަރުކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެންދަނީ. --- ފޮޓޯ: މިހާރު

ސާލިމް ނަމަކަށް ކިޔާ ބަންގްލަދޭޝް އެ މީހާ ދިރިއުޅެމުން ދިޔަ "އެދުންގެ" ބަލައި ފާސް ކުރަމުން ދިޔަ އިރު، އެ ތަނަށް އެއްވި ބައެއް މީހުން ކިޔައި ދިން ގޮތުގައި ސާލިމްއަކީ އެފަދަ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރެވޭ މީހެއް ނޫނެވެ. ސާލިމްއަކީ ނަމާދަށް ފަރުވާތެރި ބަސް މަދު މީހެއް ކަމަށް ވެސް އެމީހުން ބުންޏެވެ. ރަށު ތެރޭގައި އުޅޭ އިރު މުޅިން ފެންނާނީ މުސްކުޅި މީހާއާ އެކުގައި ކަމަށް އޭނާ ބުންޏެވެ.

"ހުކުރު ދުވަހު ހަވީރު އަޅުގަނޑު ގެ ކައިރީގައި ހުއްޓައި ސާލިމް އާއި އާދަމްބެ (އުމުރުން ދުވަސްވީ މީހާ) އާ ދެ މީހުން ހިނގާފައި އައިސް، އަޅުގަނޑު ކައިރިއަށް ހުއްޓި އާދަމްބެ ވާހަކަ ދައްކަން ފެށި. އޭރު ވެސް ސާލިމް ހުރި ކައިރީގައި މަޑުމައިތިރިކަމާއެކު. އާދަމްބެ އަހާލި މިއީ އަހަރެންގެ ގެ ހޭ، ކިތައް ކުދިން ތިބޭހޭ، ހުރިހާ ކުދިން ވެސް ރަނގަޅުހޭ،" ބަނދަރު މަތިން ދިމާވި މީހަކު ކިޔައި ދިނެވެ.

މި ތުހުމަތުތައް ސާލިމްގެ މައްޗަށް ކުރެވެން ފެށީ، ބުދަ ދުވަހުގެ ރޭގެ ނުވައެއް ޖަހާ އެހާކަށްހާއިރު، ސާލިމް އުޅެމުން އައި ނެދުންގެ ކައިރިން ހިނގާފައި ދިޔަ އަންހެނަކަށް، މީހަކު ހަޅޭލަވާ އަޑާއި މީހަކަށް އަނިޔާކުރާ ކަހަލަ އަޑުތަކެއް އިވެން ފެށުމުންނެވެ. އެ ގޭގެ ފާރު މަތިން ބޯދިއްކޮށް އޭނާ ބަލައިލި ވަގުތު ޝައްކުވާ ފަދަ މަންޒަރެއް ފެނުނު ކަމަށް އެ އަންހެން މީހާ ފަހުން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށްވެއެވެ. އެ ފާރަކީ ގާތްގަނޑަކަށް ހަ ފޫޓު އުސްމިނުގައި ހުރި ފާރެކެވެ. އާންމުކޮށް ފަސް ފޫޓު ހުންނަ މީހަކު ނަމަ، ފާރުގައި އެލިގަނެފައި ގޭތެރެއަށް ބޯ ދިއްކޮށްލެވޭނެއެވެ.

 

އެކަމަކު، އެމީހާ ބުނާ ވަގުތާއި މަހްމޫދުގެ އާއިލާ އިން ބުނާ ވަގުތާ ދިމަލެއް ނުވެއެވެ. އާއިލާ އިން ބުނާ ގޮތުގައި މަހްމޫދު ބޭރަށް ނުކުތީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ-އިންޑިއާ މެޗު ބަލައިފައެވެ. މީހަކު ކުރި ފޯނު ކޯލްއަކާ ގުޅިގެން މަހްމޫދު ބޭރަށް ނުކުތް އިރު، ގަޑިން 11 ޖަހަން އުޅޭނެ ކަމަށް އާއިލާ އިން ބުނެއެވެ. ސާލިމް އުޅޭ ގެއިން އިވުނު އަޑަކީ މީގެ ދެ ގަޑިއިރު ކުރިން އިވުނު ކަމަށް ބުނާ އަޑެވެ.

އެހެންކަމުން މިކަމުގައި ވަނީ ސުވާލު އުފެދިފައެވެ.

އެރޭ 8:30 ހާއިރު އެ ރަށުން މަހްމޫދު ފެނުނު ބައެއް މީހުން ވެސް އެބަތިބިއެވެ.

"އަޅުގަނޑު ހަމަ ގައިމު ވެސް އެރޭ 8:30 ހާއިރު ރަށުން ދެކުނިން މަހްމޫދު. ރަށު ތެރެއަށް ފައިބައިގެން ދިޔަ މަންޒަރު އަޅުގަނޑަށް ފެނުނު އެ ގަޑީގައި. މަހްމޫދު ދިޔައީ އެކަނި. ހިނގާފައި ދިޔައީ ވެސް. އިތުރު މީހަކު ނުދޭ އޭނައާއެކު،" އެމީހާ ކިޔައި ދިނެވެ.

މަހުމޫދު އަބޫބަކުރު
މަހުމޫދު އަބޫބަކުރު

މަހްމޫދު މުޅިން ހެން ރަށު ތެރޭގައި އުޅެނީ ހިނގައިފައެވެ. ސައިކަލެއް ނުގެންގުޅުނަސް ބައެއް ފަހަރު ރަށު ޕިކަޕް ދުއްވައެވެ.

މަހްމޫދު މަރާލި މައްސަލައިގައި ސާލިމް ހައްޔަރު ކުރި އިރު، މި ރަށު ބައެއް މީހުން ބުނި ގޮތުގައި ސާލިމް އާއި މަހްމޫދު އާ އެއްވެސް ގުޅުމެއް އޮތް ކަން އެނގިފައެއް ނުވެއެވެ. އެކަމަކު، ރަށު ތެރޭގައި އަޑު ފެތުރިފައި މިހާރު އޮތް ގޮތުން ނަމަ، ސާލިމް ބަލަހައްޓަމުން އަންނަ އުމުރުން ދުވަސްވީ މީހާ އާއި ތޮއްޑޫ މީހުންނާ ކޮންމެވެސް ވަރަކަށް ގުޅުމެއް އޮވެއެވެ. އެއީ އެކަމަކު ރަހްމަތްތެރިކަމުގެ ގޮތުން އެކަންޏެވެ.

މި ހުރިހާ ކަމެއް ފެންމަތިވި އިރު ވެސް ކައުންސިލުން ދިން ޔަގީން ކަމެއް އޮތެވެ.

ކައުންސިލްގެ ނައިބު ރައީސް އިމްރާން އަހްމަދު ވިދާޅުވި ގޮތުގައި ދަނގެތި ރައްޔިތަކު މިފަދަ އަނިޔާވެރި އަމަލެއް ނުހިންގާނެ ކަމުގެ %99 ޔަގީންކަން އެބައޮތެވެ. ދަނގެއްޗަކީ އަމާން، ކުށް މަދު އަދި އެކަކު އަނެކަކު ދަންނަ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށުގައި ކިތަންމެ ގިނަ އަދަދެއްގެ ބިދޭސީން ތިބި ކަމުގައި ވިޔަސް އެ ވަރު ކަމެއް ކުރަން ކެރޭނެ މީހަކު ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިދޭސީ މީހާ ގެންދިޔަ ކާރު، މިއީ ގެސްޓްހައުސްގެ ކާރެއް. - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

"އެކަމަކު ފުލުހުން ކޮންމެވެސް ހެކިތަކެއްގެ މައްޗަށް ބިނާކޮށް ހައްޔަރު ކުރާނީ (ބިދޭސީ މީހާ). އެކަމަކު އެމީހާއަކީ ވަރަށް މަޑު މަޑުން ރަށުގައި އުޅޭ މީހެއް. މީހަކަށް އުނދަގުލެއް ނުކުރާނެ. މީހަކާ ދިމާކޮށް ނަހަދާނެ. ވާހަކަ ދައްކައި ނުހަދާނެ،" އިމްރާން ވިދާޅުވިއެވެ.

"ބައެއް މީހުން ތިބޭނެ ފެނުނީމަ، އޭ ކޮބާ ކިހިނެއް؟ ކޮންތާކަށް ތި ދަނީ؟ ކީއްތި ކުރަނީ؟ ބުނާ މީހުން. އެކަމަކު މިއީ އެކަހަލަ މީހެއް ނޫން،"

ސާލިމް ދިރިއުޅޭ ގެ ބަލައި ފާސް ކުރަން ފެށީ މިއަދު ހެނދުނު 11 ޖަހަން އުޅެނިކޮށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އެ ގެ ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ބަލައި ފާސް ކުރިއެވެ. އޭގެ ފަހުން ކާރެއްގައި ގެންދިޔައީ ޕޮލިސް ސްޓޭޝަނަށެވެ. މިހާތަނަށް ބެލި ބެލުމުން މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ކުރިއެރުންތަކެއް ހޯދާފައިވާ ކަން އެނގެން އެބައޮތެވެ. އެއީ ޕޮލިސް ސްޓޭޝަން ކައިރިން އިއްޔެ ފެނުނު މަންޒަރަކުންނެވެ. އެ ސަރަހައްދުން ދިޔަ މީހަކު ފުލުހެއް ކައިރީ "ކޮބާ ކުރިއެރުމެއް ލިބޭހޭ" އަހާލުމުން އަތުގެ އިޝާރާތުން ރަނގަޅު ކަމަށް ބުނެލައެވެ.

ފުލުހުންގެ ތަހުގީގަށް ކިތަންމެ ކުރިއެރުމެއް ލިބުނު ކަމުގައި ވިޔަސް، ދަނގެތި ރައްޔިތުން އަދިވެސް ތިބީ ބިރުވެރިކަމެއްގައެވެ. އެމީހުންނަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެއީ މި މައްސަލައިގައި ވެގެން ދިޔަ ގޮތާއި ބައިވެރިވި މީހުން އަދިވެސް ނޭނގޭތީއެވެ.

މި މަރުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ އެހެން ރަށަކުން އައިސް މި ރަށުގައި އުޅޭ ދެ މީހަކަށެވެ. ބޮޑު ޖަރީމާގެ ތުހުމަތަށް އިއްޔެ ސާލިމް ހައްޔަރުކުރުމާ އެކު މި ދެ މީހުންނާ ހިސާބުން ތުހުމަތު ނުނިމޭކަން މިހާރު ވަނީ އެނގެން ފަށައިފައެވެ. ފުލުހުން ހިމާޔަތް ދިން ތިން މީހުން މިހާރު ވަނީ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އެ މީހުންނަށް މަރުގެ ތުހުމަތު ރަސްމީކޮށް އަދި ކޮށްފައެއް ނުވެއެވެ.

ރަށުގައި އެތައް ވިޔަފާރިއެއް ކުރަމުން އަންނަ މަހްމޫދުގެ މަރާއެކު އެ ރަށުގެ ރައްޔިތުންނަށް ސިހުމާއި ބިރުވެރިކަން ގެނުވި އިރު، އެ މަރުގެ ތުހުމަތުތައް މިހާރު މި އެނބުރެނީ ކުރިން ހީކުރެވިފައިވާ ގޮތާ ތަފާތުކޮށެވެ. ރަށުގެ ރައްޔިތުން ތިބީ މަރުގެ ހަގީގަތް ބަލަން ކެތް މަދުވެފައެވެ. އެމީހުން ބޭނުން ވަނީ އެންމެ ޔަގީން ކަމެކެވެ. މިފަދަ ކަމެއް ދެން އެ ރަށުގައި ތަކުރާރު ނުވުމަށެވެ. މި މަރުގެ ތަހުގީގުގެ އެންމެ ފުނަށް ދާން ޖެހޭނެ ކަމަށް ގަބޫލު ކުރެއެވެ. މީގެ އަޑި ނުހޯދިއްޖެ ނަމަ، މިފަދަ ދެ ވަނަ ކަމެއް ތަކުރާރުވެ ދާނެ ކަމުގެ ބިރަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަބް

    ހެޑިން ރަނގަޅު ކޮށްލާ...

    2
    1
  2. އިސްޢާފް ސަލީމް

    ހުޅުމާލޭގައި ވޭނެއް އަރުވާލައިގެން މަރާލި މީހާގެ ހިލަމެއްނެތް! ޓެކްސީޑަރައިވަރުގެ މަރުގެ ހިލަމެއްނެތް! މިގޮތަށް މިސަރުކާރު އައިފަހުން 6 މީހަކު މަރާލައިފި! ސަރުކާރުގެ ހިލަމެއް ނެތް! ބޮޑަތި ރޭޕްތައް ހިނގައިފި! ހިލަމެއް ނެތް! އެތަކެއް ތިޖޫރީ ފަޅައިފި! ހިލަމެއް ނެތް! ހޮސްޕިޓަލްތަކުގެ އިހްމާލުން އެތަކެއް މައިންނާ ޅަދަރިން މަރުވެއްޖެ! އެތައް ބައިވަރު ކޮރޮޕްސަނާ ވައްކަން ހިނގައިފި! ހިލަމެއް ނެތް! ހަމަހަމަހަމަ ކުރީސަރުކާރު ކުރީސަރުކާރު ކުރީސަރުކާރު

    36
    1
    • ސޯލިބޭ

      ދާއިރާގެ މެމްބަރުގެ ޚަބަރެއްވެސްނެތް.

  3. ބެއްޔާ

    އެންމެ އަޑި ހޯދުނަސް ތަކުރާރުވާނެ.

    11
    1
    • މޮޔަ ހަސަނު

      މަހުމޫދުބޭގެ އަންހެން ދަރި އިނދެގެން އުޅޭ ސޮރު ނޫސްތަކަށް މައުލޫމާތު ދިންގޮތުން އެސޮރާ ދޭތެރޭވެސް ސައްކު!

  4. ދުވަސްވީ މީހާ.....

    މިލިޔުން ކިޔާލުމުން ސާފުވީ އެއްކަމަކީ، ޢުމުރުން ދުވަސްވީ މީހާއަކީ މީހެއްގެ އެހީއާއެކު ހިނގާބިނގާވެ އުޅެވޭ، ބުއްދި ސަލާމަތުން ހުރި މީހެއް ކަމެވެ. އެރޭ އެގޭތެރޭގައި ސާލިމްގެ ހަރަކާތްތައް ހުރިގޮތް، އެއްވެސް މީހަކު އެ މުސްކުޅިމީހާ ކައިރިން އޮޅުންފިލުވިބާއޭ ހިތަށް އަރައެވެ.

    25
  5. ތަކްރާރް

    ތަކްރާރް ނުވުމުގެ ޔަގީން ކަމާކާއިރިވާނީ.... އިސްލާމީ ޝަރިއަތް ތަންފީޒްވެވިގެން... ގިސޯސް މަރަށް މަރު... ވާރިސުންގެ ހައްޤުތަކަށް ވެރިންނަކަށް ބާރެއް ނުފޯރުވެވޭނެ...

    25
    1
  6. Anonymous

    މަޑުން ހުންނަ ގުރާ ބާރަށް ދައިގަންނާނެ! ބުއްދިވެރި ނުބައި މީހުން ، ހާއްސަކޮށް ކުށެއް ކުރީގަ ކޮށްފަ އެހެން ގައުމަކަށް އައިސް އުޅޭ އިރު ގިލްޓް ގެ ސބަބުން ވ މަޑުން ތިބޭ! ބިދޭސިން މީހުން މަރާ އިރު ވ ރޭވުންތެރި ވާނެ! ބިދޭސީ މީހާ ކަން ޔަގީން ވޭ

  7. އަމީ

    އެންމެ ފަހު ކޯލްގެ ޑިޓެއިލްސް ސާވިސް ޕްރޮވައިޑާ އިން ހޯދީމަ ތަހުޤީގަށް ބޮދެތި ކުރިއެރުން ތަކެއް ލިބޭނެ ކަމަށް ފެންނަނީ. އެއީ ލީޑެއް

  8. އަންބެ

    މިލިޔުމުން ދޭހަވީ އެއްބަޔަކު އަނެއްބަޔަކު ދައްކާ ވާހަކަ ދިމާނުވާކަން ވަރައް ގިނަ ކަންތައްތަކެއް އެބަހުރި އަދި އޮޅުން ނުފިލާ އުއްމީދުކުރަން އެހުރިހާކަމެއްވެސް ވަރައް އަވަހައް އޮޅުންފިލާނެކަމައް ވަރައްކައިރިން މިޚަބަރު ކިޔަމުންދަނީ

  9. ކާފަބޭ2020

    24 ގަޑިއިރުނުވަނީސްހޯދަންބުނިމަރުތަކަށް އަދިވެސް 24ގަޑި ނުވާތީ އަދިނުހޯދޭ ދެން.ކޮންމަރަކަށްތޯ އިންސާފުލިބޭނީ؟؟؟؟

  10. މަ

    ބުނާތީ އިވޭ ނުމޮށޭ ގުރާ ބާރަށް ދަތްއަޅާނެޔޯ އެހެންވީމާ މަޑުމައތިރި ބަސްމަދު މީހެއްކަމަށް ތިޔަ ބުނުއްވާ ބަނގްލަދޭޝްމީހާ (ސާލިމް) ވެސް ހަމަ އެކަންކޮށްފާނެ
    އަދި ވެދާނެދޯ އެ ސާލިމަކީ މީގެ ކުރިންވެސް ނުވަތަ އެމީހުންގެ ގައުމުގަވެސް އެފަދަ ކަންކަން ހިންގާފަހުރި މީހަކަށްވެސް އަދި އޭނާއެއީ ބޭރުފުށް ރީތިކޮށްގެން އުޅޭ ނުބައިނުލަފާ މުޖުރިމަކަށްވެސް ވެދާނެ

  11. ނަން

    މަރުތަކުގެ އަދި ހޯދާނެ ކަމައް ބުނެ 500 ކޮމެޓީ އުފެއްދި ސަރުކާރު.ހާރާމެ ވީ އެއްކަމެއް ވެސް.ދިވެހިން ހޭލާކައް ނުވޭތަ މި ވަރުން ވެސް.(މ.ޑ.ޕ ޖަގަހަ ބޮންޑިބަތް ކެއި ކުދިން މިޔަކު ނުހިމެނޭ، އެމީހުންނައް އަލިކަން ފެެނުމުގެ އުންމީދެއް ނެއް)