(އދ. ދަނގެތިން) ރަށުން ދިމާވި ކޮންމެ މީހަކު ވެސް އޭނާ ސިފަ ކުރަނީ މި ގޮތަށެވެ؛ އެއީ ހިތްވަރުގަދަ، އަޒުމު ވަރުގަދަ މީހެކެވެ. އުމުރު ދުވަހު ކުރި ބުރަ މަސައްކަތުން އަރައިގަތް ވިޔަފާރިވެރިއެކެވެ. އަމިއްލަ މަސައްކަތުން އާއިލާއަށް ތަނަވަސްކަން ހޯދައިދިން މީހެކެވެ. ރަށުގެ އިގްތިސާދަށް ވެސް ދިރުން ގެނެސްދިން މީހެކެވެ. ރަށަށް ކުރިއެރުން ގެނެސްދިން މަދަދުގާރެކެވެ. އޭނާގެ އެހީއަށް މުޅި މި ރަށް ޝުކުރުވެރިވެއެވެ.
އދ. ދަނގެތީގެ ރައްޔިތުންގެ މަދަދުގާރު ވަކިވެ ދިޔައީ އެކަކު ވެސް ހީކޮށްގެން ތިބި ގޮތަކަށް ނޫނެވެ. ފައިސާގެ ދަހިވެތިކަމުގައި ތިބި ބަޔެއްގެ ޝިކާރައަކަށް ވެެގެން އުމުރުން 57 އަހަރުގެ، އަރަމުން އައި ވިޔަފާރިވެރިޔާ މަހްމޫދު އަބޫ ބަކުރު (މަހްމޫދުބެ) މި ދުނިޔެ ދޫކޮށް ދިޔައީ އެތައް ބަޔަކު ރޮއްވާލައިފައެވެ. ރަހުމުކުޑަ ގޮތަކަށް ވަޅިން ހަށިގަނޑުގެ އެކި ތަނަށް ހަމަލާދީ އެއްލާލާފައި އޮތީ ރަށުގެ ފަޅުގެއެއްގެ ވަޅެއް ތެރެއަށެވެ.
މަހްމޫދުގެ ހިތްވަރުގަދަ ކަމުގެ ރަމްޒަކަށް އޭނާގެ އާއިލާ އުޅެމުންދާ "މޮނަލާޒް" ވާނެއެވެ. ގޭގެ ދެކުނު ފަރާތުގައި "މޮނަލާޒް ކެފޭ" ނަމުގައި ހިންގާ ރެސްޓޯރަންޓްއަށް ވެސް ރަށުގެ ގިނަ ބަޔަކު އައިސް ޚިދުމަތް ހޯދަމުން ދެއެވެ. މި ކުޑަ އާބާދީއަށް ބަލާއިރު ވެސް، އެ ތަން ވެސް އޮންނަނީ އާންމުކޮށް ފުރިފައެވެ.
ގޭތެރޭގައި އެއް ސޯފާއެއްގައި "ވަގުތު" ނޫސްވެރިންނާ އެކު މަހްމޫދުގެ ދަނބިދަރި އަހުމަދު އިމާދު އިށީނދެ އިނެވެ. ދުރުގައި އިން ސޯފާއެއްގައި މަހްމޫދުގެ އަނބިމީހާ މުއުމިނާ އުމަރު ވެސް އިށީނދެ އިނެވެ. މަހްމޫދުގެ މަންމަ ވެސް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނދެ އިނެވެ. އާއިލާއާއި ރަށުގެ އެކި މީހުން ޒިޔާރަތްކޮށް މުއުމިނާއާއި މަހްމޫދުގެ މަންމަ އައިމިނަތު މޫސާގެ ގައިގައި ފިރުމާލައި، ހިތްވަރު ދެމުން ދިޔައެވެ.
މަހްމޫދުގެ އާއިލާއާ ކުރި ބައްދަލުވުމުގައި އާއިލާއިން ވެސް ފެނުނީ މަހްމޫދުގެ އެ ހިތްވަރެވެ. އެ އަޒުމެވެ. އުއްމީދަށް ދޫދިނުމެއް ނެތީއެވެ. އާއިލާއިން ބުނާ ގޮތުގައި އެއީ ދަނގެތީ ރައްޔިތުން ދެމުންދާ ހިތްވަރެވެ. އަދި އެއީ މަހްމޫދު ވެސް އެ އާއިލާއަށް އޭނާ ދުނިޔޭގައި ހުރި ދައްކުވައިދިން ހިތްވަރުގެ ނަމޫނާއެވެ. ލަފުޒުތަކަކުން އާއިލާގެ އެ ހިތްވަރު ސިފަކޮށްދޭން ވެސް ދައްޗެވެ.
"ބައްޕަ ގެއްލި ދިއުމަކީ އަޅުގަނޑުމެންނަށް ތަހައްމަލް ކުރެވޭނެ ކަމެއް ނޫން، އެ ހިތާމަ މި އޮންނަނީ ވެސް، އެހެންވިޔަސް ބުނަން ނޭނގޭ ހިތްވަރެއް ލިބުނު، ﷲ ތައާލާ ޝުކުރު މި ހިތްވަރު ލިބިފައި ހުރުމުން،" މަހްމޫދުގެ ދަނބިދަރި އިމާދު އެ ހާލަތު ސިފަކުރީ މި ގޮތަށެވެ.
މަހްމޫދު ދައްކައިދިން ނަމޫނާ
އާއިލާގެ ހިތްވަރު ފެނި ހައިރާން ވެސް ވިއެވެ. އެކަމަކު މަހްމޫދާ ގުޅޭ ގޮތުން ވާހަކަ ކުރިއަށް ގެންދިޔަ ވަރުން އެ ހިތްވަރަކީ މަހްމޫދުގެ ފަރާތުން ދަރިފަސްކޮޅަށް ފޯރުކޮށްދިން ހިތްވަރު ކަމުގައި ބެލެވެނުވެ. މަހްމޫދުގެ ހަޔާތުގައި އޭނާގެ އަނބިމީހާއި ހަތަރު ދަރިންނާއި ދަރިންގެ ދަރިންނަށް ދެއްކުވީ އެ ނަމޫނާއެވެ.
"އަޅުގަނޑަކީ ދަނބިދަރިއެއް ކަމަށް ވިޔަސް އަބަދުވެސް ދަރިއެއް ގޮތަށް ބަލަމުން ދަނީ. އަޅުގަނޑު ބުނާނީ އެއީ ހަމަ އަޅުގަނޑުގެ އުފަން ބައްޕައޭ. އަޅުގަނޑަށް މި ހިސާބަށް އައުމުގެ ފަހަތުގައި ވެސް ހުރީ ބައްޕަ." އިމާދު ބުންޏެވެ.
އިމާދުއާއި މަހްމޫދުގެ އަނބިމީހާ މުއުމިނާ އުމަރުގެ ވާހަކަތަކުން ވެސް އެނގުނީ މަހްމޫދުގެ ހަޔާތުގައި އޭނާ ދެއްކި ހިތްވަރެވެ. އިމާދުގެ ވާހަކަތައް ގެންދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެގެން އިގްތިސާދީ ތަދުމަޑުކަމުގައި، ހިތްވަރު އެލުވާނުލައި މަހްމޫދު ކުރި މަަސައްކަތެވެ. މަހްމޫދުގެ އެއް ވިޔަފާރިއަކީ ރަށަށް ކާޑުގެ ބާވަތްތައް ގެނައުމެވެ. ރަށުގެ ހާލަތު ދަށްވިޔަ ނުދީ މަހްމޫދު މަސައްކަތް ކުރީއެވެ.
"އިރާދަ ކުރެއްވީތީ އަޅުގަނޑުމެންގެ އާއިލާއަށް ކޮވިޑް ތެރޭ ދަތިކަމެއް ނާދޭ. އެ ދަތިކަން އައިސްފައި ނެތީމަ ރަށަށް ވެސް އެ ދަތިކަން ނައިސް އަޅުގަނޑުމެންނަށް އެހީތެރިކަން ދެވުނު. ކައުންސިލުން ހަމަ އެދުނު ވަރަކަށް ކާޑުގެ ބާވަތްތައް އަޅުގަނޑުމެން ގެނެސް ރަށުގައި ގުދަން ކުރިން،" އިމާދު ބުންޏެވެ.
މަހްމޫދު އަތުގައި އަބަދުވެސް ގިނަ އަދަދެއްގެ ފައިސާ ނޫޓު ހުންނަ ކަމަށް ވެއެވެ. ރަށު ތެރޭ އުޅޭ ޒުވާނުން ވެސް ބާކީ ވިޔަ ނުދީ ކުރާނެ މަސައްކަތެއް ދައްކުވައިދޭ ކަމަށް ކުރިން ރަށު ތެރެއިން ވެސް އަޑު އިވުނެވެ. އިމާދުގެ ވާހަކަ ވެސް ދެން ގެންދިޔައީ އެ މިސްރާބަށެވެ.
"ދޯނި ކައިރީ މަސައްކަތެއް ކުރަން ޖެހުނަސް، ދޯންޏެއް އެހެލައިގެން ކުރަން ޖެހޭ ކަންކަން ވެސް، އެ ކުދިން ލައްވައި ކުރުުވާނީ، އަދި ވަގުތުން ފައިސާ ދޭނެ، އެހެންވެ ރަށު ތެރޭ އުޅޭ ޒުވާން ކުދިން ވެސް، ބައްޕައަށް ވަރަށް ރަނގަޅު ވާނެ،" އިމާދު ބުންޏެވެ.
މުއުމިނާ ވެސް ފަހުން ހިތްވަރުގަދަކޮށް ނޫސްވެރިންނާ ވާހަކަ ދެއްކިއެވެ. މަހްމޫދު ސިފަ ކުރީ "ޝަހީދެއް" ގެ ގޮތުގައެވެ. އިމާދު ވެސް ފާހަގަ ކުރި ވާހަކަތައް ފާހަގަކޮށްދީފައި، މުއުމިނާ ވެސް ބުނި ވާހަކައަކީ އެ ހިތްވަރަކީ މަހްމޫދުގެ ފަރާތުން ލިބިދޭ ހިތްވަރު ކަމުގައެވެ.
"އަޅުގަނޑުގެ ދިރިއުޅުމުގެ ހަތަރު ބައިކުޅަ ތިން ބައި އެއީ، އަޅުގަނޑަށް މި ހިތްވަރު ލިބުނު އެއް ސަބަބަކީ ފިރިމީހާ ޝަހީދަކަށްވީމަ، ފިރިމީހާ ދިޔަ އިރު ގެންދެވުނު އެއްޗެއް ނެތް، ހުރިހާ އެއްޗެއް އެ ދިޔައީ މި ތަނުގައި ބަހައްޓާފައި، މި ތަނަށް ދުކޮށްލާފައި،" ގޭތެރެއަށް އިޝާރާތް ކުރަމުން މުއުމިނާ ބުންޏެވެ.
އާއިލާއިން އެދެނީ އިންސާފަށް ދުއާކޮށްދޭން
ގަޑިއިރަކަށް ދެމިގެން ދިޔަ އެ ވާހަކަތަކަށް ފަހު، އެންމެ ފަހު ކަމަކަށް މަހްމޫދުގެ އާއިލާއިން "ޝުކުރު" ފޯރުނުކޮށްދޭ ފަރާތެއް ނެތެވެ.
މަރުގެ ހަގީގަތް ހޯދަން ފުލުހުން ކުރާ މަސައްކަތަށް ޝުކުރުވެރިވެއެވެ. ދަނގެތި ރައްޔިތުން ދެމުންދާ ހިތްވަރަށް ޝުކުރުވެރިވެއެވެ. މި ކަމުގައި ސަރުކާރު އިސް ވެރިން ދެމުންދާ އެއްބާރުލުމަށް ޝުކުރުވެރިވެއެވެ. އިންސާފަށް ވަކާލާތުކޮށްދީ މައުލޫމާތު ގެނެސްދޭތީ ނޫސްވެރިންނަށް ވެސް ޝުކުރުވެރިއެވެ.
ދަނގެތި އަދި ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖެއް އޮތްތޯ އަހާލުމުން އޭގެ ޖަވާބު ފެށީ ވެސް މިހާތަނަށް ވެސް ދަނގެތި ރައްޔިތުން ދެއްކި ހިތްވަރުގެ ވާހަކައިންނެވެ. ގޭތެރެއަށް އޭރު ވެސް ޖަމާވެ ތިބި ބައެއް މީހުނާ ދިމާއަށް އިޝާރާތްކޮށް އިމާދު ބުނީ މަރަށް ފަހު، އަބަދުވެސް ދަނގެތި ރައްޔިތުން ދަނީ އެ ގެއަށް ޒިޔާރަތްކޮށް އެ ގޮތަށް އާއިލާއަށް ހިތްވަރު ދެމުންނެވެ.
"މި ގޭގައި ބަޔަކު ނޫޅޭ ވަގުތެއް ނުދޭ، އަޅުގަނޑު ފަތިސް ނަމާދަށް ހޭލައި ނުކުންނަން ދާއިރު ވެސް ރަށުގެ އެކި މީހުން، އާއިލާ މީހުން، ދުރު މީހުން ވެސް، އައިސް ތިބޭނެ، އަޅުގަނޑުމެންނަށް ހިތްވަރު ލިބި ހިތްހަމަޖެހުމެއް މި ލިބެނީ މިހެންވެ،" އިމާދު ބުންޏެވެ.
ދަނގެތި ރައްޔިތުންނާއި ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ދޭން އޮތް މެސެޖަކީ މިއެވެ؛ އެ ހިތްވަރަށް ބަދަލެއް ނުގެނެސް މަހްމޫދަށް އިންސާފު ލިބުމަށް ދުއާ ކޮށްދިނުމެވެ. މަރުގެ ހަގީގަތާ ހަމައަށް ވާސިލުވެ ގާތިލުން ފެނިގެން އިންސާފު ލިބޭނެ ކަމުގެ އުއްމީދު އެއްވެސް ދިވެއްސަކު ދޫކޮށްނުލުމަށެވެ.
ޔާﷲ މަހްމޫދުގެ ޢާއިލާއަށް ކެއްތެރިކަންދެއްވާ މުޖުރިމްއަށް އެކަމުގެ ފުރިހަމަ ޝަޒާ އަވަސްކުރައްވާ ފާންދޭވެ. އާމީން
ޔާﷲ މަހްމޫދުގެ ޢާއިލާއަށް ކެއްތެރިކަންދެއްވާ މުޖުރިމްއަށް އެކަމުގެ ފުރިހަމަ ޝަޒާ އަވަސްކުރައްވާ ފާންދޭވެ. އާމީން
މާތް ﷲ މަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާ، އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ، ގާތިލުންނަށް ހައްގު އަދަބު ލިބޭނެ ގޮތް މިންވަރުކުރައްވާންދޭ. އާމީން.