މިދިޔަ އަހަރަކީ މަރުތައް ގިނަ އަހަރެކެވެ. ސަރުކާރުގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ބޭފުޅުންނާއި ވިޔަފާރި އާއި ތައުލީމާއި ކުޅިވަރުގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާ އިން އެތައް މޫނުތަކެއް ވަކިވި އަހަރެކެވެ. އާންމުންގެ އެތައް ބައެއް ވެސް ވަކިވި އަހަރެކެވެ. ކުށެއް ނެތި ބައެއް މީހުންގެ ފުރާނަ ވެސް ދުއްވާލިއެވެ. އޭގެތެރެއިން މި ބަލާލަނީ އޭގެ ތެރެއިން ބައެއް ޝަހްސިއްޔަތުންނަށެވެ.
1- އުމަރު ޒާހިރު
ޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 ބަލީގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެތައް ބައެއްގެ ލޯބި ހޯދާފައިވާ އުމަރު ޒާހިރަކީ 85، އަގު ނުކުރެވޭ އެތައް ޚިދުމަތްތަކެއް ކުރެއްވި ގައުމީ ބަތަލެކެވެ. ދިވެހި އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯއްދެވި ކުޅަދާނަ ލީޑަރެކެވެ.
އުމަރު ޒާހިރު ވަނީ 1983 އިން 2008 ގެ ނޮވެމްބަރުގެ ނިޔަލަށް ސަރުކާރާއި ދައުލަތުގެ އެކިއެކި މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މަގާމުތަކުގެ ތެރޭގައި މާލޭ މުނިސިޕަލްޓީގެ ރައީސް ކަމާއި މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސްކަމާއި މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް ކަމާއި މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް ކަމާއި މިނިސްޓަ އޮފް ހޯމް އެފެއާޒް ކަމާއި ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމާއި ހާއްސަ މަޖިލިހުގެ މެމްބަރު ކަން ހިމެނެއެވެ.
އުމަރު ޒާހިރުގެ ގާތް ބައެއް މީހުން ކިޔައި ދިން ގޮތުގައި އެމަނިކުފާނަކީ އިސްލާމް ދީނަށް ލޯބި ކުރެއްވި ބޭފުޅެކެވެ. ދީނީ އަޅުކަންތައް ބަރާބަރަށް ގެންދެވީ ފުރިހަމަ ކުރައްވަމުންނެވެ. ގައި ބާރު ދެރަވި، ދުވަސްކޮޅު ވެސް މިސްކިތަށް ވަޑައިގެން އަޅުކަމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
2- ހޮޅުދޫ އަބްދުﷲ
މަޝްހޫރު ލަވަކިއުންތެރިޔާ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަވީ މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ކުޅަދާނަ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ތަފާތު ލަވަތައް ވިދާޅުވެ އެތައް ބައެއްގެ ސަމާލުކަން ވެސް ހޯއްދަވައިފައެވެ.
ހޮޅުދޫ އަބްދުﷲ ގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ރީތި ހަނދެކޭ ނުބުނެވޭނެހޭ"، "އޯ ވަޒަން"، "ޖޯޝޭ ގެނައީމީ ގައުމީ އުފާ"، "އީލާހީ މި ބިން"، "ވަޑައިގަންނަވާށޭ، ކްލާހަށް އަސާސީ" ފަދަ ލަވަތައް ހިމެނެއެވެ. "ގައުމީ ގުރާ" ގެ ނަމުން މަޝްހޫރު ހޮޅުދޫ އަބްދުﷲ ވަނީ 1981 ވަނަ އަހަރު ލަވަކިޔުމުގެ ދާއިރާއިން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ހާސިލް ކުރައްވައިފައެވެ.
3. ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދު
ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވީ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އޭނާ އަވަހާރަވެފައި ވަނީ އެ ބަލީގައި ވަރަށް ގިނަ ދުވަހު ފަރުވާ ހޯއްދަވަނިކޮށެވެ. ހުސެއިން ވަހީދު 53، އަކީ މަޝްހޫރު ޓިމްބާ ހައުސް އާއި ޔުނައިޓެޑް ފުޑް ސަޕްލައިގެ ވެސް އެއް ހިއްސާދާރެވެ.
ހުސެއިންގެ ގާތް މީހުން ބުނާ ގޮތުގައި ހުސެއިނަކީ ވަރަށް މަޑުމައިތިރި، މީހުންނަށް އޯގާތެރި ބޭފުޅެކެވެ.
ހުސެއިން ވަހީދަކީ މި ހިނގާ 19 ވަނަ މަޖިލިހާއި 17 ވަނަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ހުސެއިން ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
4- ކޮޕީ މުހައްމަދު ރަޝީދު
ދިވެހި އަދަބިއްޔާތަށާއި ދިވެހި ފިލްމީ ދާއިރާއަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވެފައި ވަނީ މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހުއެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންފައެވެ. މުޙައްމަދު ރަޝީދަކީ، ދިވެހިބަހާއި އަދަބިއްޔާތަށް، ހާއްސަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.
ވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުހައްމަދު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް މުހައްމަދު ރަޝީދު ވެދެވަޑައިގަތީ، އުމުރުން 18 އަހަރުގައެވެ. ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައިވެސް މުހައްމަދު ރަޝީދުގެ ޅެންތައް ޝާއިއުކުރައްވަމުން ގެންދެވިއެވެ.
މުޙައްމަދު ރަޝީދަކީ ގައުމީ މުނާސަބަތުތަކަށާއި، އެކިއެކި ހާއްސަ ހަފްލާތަކަށާއި، މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށާއި، ރާއްޖޭގައި ނެރެފައިވާ އެކިއެކި ލަވަ އަލްބަމްތަކަށް ގިނަ އަދަދަކަށް ލަވަ ހައްދަވައިދެއްވައިފައިވާ ބޭފުޅެކެވެ.
5- ނާއިލާ އިބްރާހިމް ކަލޭފާނު
"ހަވީރު" ނޫހުގެ ޗެއާމަން އަދި ދިވެހި ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެފައި ވަނީ އޭޕްރީލް 17 ގައެވެ. ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނުގެ ދޮށީ ދަރިކަނބަލުން ނާއިލާ އުމުރުން 72 އަހަރުގައި ނާއިލާ އަވަހާރަވީ ކޮވިޑް ބަލީގައެވެ.
ސްރީލަންކާ އާއި ނިއުޒީލޭންޑުން ކިޔަވާ ވިދާޅުވި ނާއިލާއަކީ ވަރަށް ގިނަ މީހުންނަށް އުނގަންނައި ދެއްވި މަޝްހޫރު ޓީޗަރެކެވެ. އިނގިރޭސި އާއި ހިސްޓްރީ ޓީޗަރެއްގެ އިތުރުން އަމީނިއްޔާ ސްކޫލްގައި އެތައް ޒިންމާއެއް 25 އަހަރު ވަންދެން އޭނާ އުފުއްލެވިއެވެ. އޭނާ އުނގަންނައި ދިން ބޭފުޅުން މިއަދު އެކިއެކި ދާއިރާތަކުގައި އިސް ސަފުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ ދާއިރާ އާއި ތައުލީމީ ދާއިރާ ވެސް ހިމެނެއެވެ.
ނާއިލާ ޒާހިރު ހުސައިން އާ ކައިވެނި ބައްލަވައިގަތީ 1972 ވަނަ އަހަރުއެވެ. އެ ކައިވެންނަށް ދެ ދަރިކަނބަލުންނާއި ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެއީ "މިހާރު" ގެ އެގްޒެކެޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސައިނާއި މީރާ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ލީނާ ޒާހިރު ހުސައިނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިނެވެ.
އޭނާ އަކީ މޮޅު ކައްކާއެއްވެސް މެއެވެ. ކެއްކުމާ ގުޅޭ ބައެއް ފޮތްތައް ވެސް ނާއިލާ ލިޔުއްވާފައިވެއެވެ. ގިނަ ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރައްވާނެ ގޮތް ގެނެސްދެއްވުމަށް ނާއިލާ މީގެ ތިރީހަކަށް އަހަރު ކުރިން ނެރުއްވި ފޮތް "ޒީނާރު"، ހަތް ފަހަރެއްގެ މަތިން ޗާޕްކުރުމުން ވެސް، (އެންމެ ފަހު ޗާޕް 2002 ގައި) ވަނީ ވިކިހުސްވެފައެވެ.
6- އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު)
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަވީ ޖެނުއަރީ 31 ގައެވެ. އޭނާއަކީ ގައުމީ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ގައުމީ ޝަހްސިއްޔަތެކެވެ.
މާޗް 21، 1928 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަރަންކާ ރަޝީދު ތައުލީމް ހާސިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އަދި ސްރީ ލަންކާގައި ހުންނަވައިގެން މައުލޫމާތު ހާސިލް ކުރެއްވިއެވެ. އޭނާއަކީ ޒުވާން ދުވަސްވަރު ހަރަކާތްތެރި، ނުފޫޒު ގަދަ ބޭފުޅެކެވެ.
ރަޝީދަކީ ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ސަރުކާރަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ދެކުނުގެ ތިން އަތޮޅު ސަރުކާރުން ވަކިވެ ވަކި ދައުލަތެއް ހެދުމުން މިކަން ހަމަޖެއްސުމަށް އޭރުގެ ވަޒީރުލް އައުޒަމް އިބްރާހިމް ނާސިރުގެ ލަފާފުޅުގެ މަތިން މަސައްކަތް ކުރެއްވިއެވެ. މި މައްސަލަ ހައްލު ކުރުމަށް އައްޑޫ އަތޮޅަށް ފޮނުވި ވަފުދުގައި ވެސް ކަރަންކާ ރަޝީދު ހިމެނިވަޑައިގެންނެވިއެވެ
ރަޝީދު، ސަރުކާރުގެ ހިދުމަތް ފެއްޓެވީ 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދްމަތް ކުރެއްވިއެވެ. އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ރަޝީދު ވަނީ ފުރުއްވައިފައެވެ. އެގޮތުން ވަޒީރުއް ދާހިލިއްޔާކަމާއި ކެބިނެޓް ސެކްރެޓަރީ ކަމާއި ޑެޕިއުޓީ ބޮޑުވަޒީރު ކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަން ކުރެއްވިއެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ.
7- ޗިޅިޔާ މޫސާ މަނިކު
ރާއްޖޭގެ ފިލްމީދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ އޮގަސްޓް 24 ގައެވެ. ގައުމީ އިނާމު ވެސް ހާސިލް ކުރައްވާފައިވާ ޗިޅިޔާ މޫސާ މަނިކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވިއިރު، ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ޗިޅިޔާ މޫސާ މަނިކަށް ލިބިވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ.
ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރެއްވި "މުހައްމަދު ތަކުރުފާނު" އާދެ! "ޣާޒީ ބަންޑާރައިން" މި ފިލްމުންނެވެ. ފިލްމީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވިފަހުން ތަފާތު އެތައް ފިލްމެއްގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިފިލްމުތަކުގައި ތަފާތު އެތައް ރޯލެއް އޭނާ ވަނީ ކުޅުއްވާފައެވެ. 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޗިޅިޔާ މޫސާ މަނިކަށް "އާފަތިސް" އެވޯޑްވެސް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު، ފިލްމު "ހަގު އަނބި"ން އޭނާ ހޯއްދަވާފައިވެއެވެ. "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް އޭނާ އަށް ލިބިވަޑައިގެންނެވިއެވެ.
8- މުހައްމަދު ނޫރައްދީން
އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން މުހައްމަދު ނޫރައްދީން އަވަހާރަވީ ކޮވިޑް-19 ބަލީގައި މެއި 25 ގައެވެ. ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށް ފަހުއެވެ.
މުހައްމަދު ނޫރައްދީން 89، އަކީ 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ހިދުމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނުވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައެވެ.މުހައްމަދު ނޫރައްދީން ސަރުކާރުގެ ހިދުމަތް ފެއްޓެވީ 25 ޖުލައި 1954 ގައެވެ.
ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ވުޒާރަތުލް އަވްގާފުގެ ސެކްރެޓަރީ ކަމާއި، މަހްކަމަތުލް ހާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާހިލިއްޔާއިން އައްޔަންކުރި މެންބަރުކަން ހިމެނެއެވެ. އަދި ވަޒީރުލް އައުޒަމް އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމުވެސް ފުރުއްވައިފައިވެއެވެ. އޭގެފަހުން މިނިސްޓާ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓާ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓާ އޮފް ސްޓޭޓް ފޯ ރިލިޖަސް އެފެއާޒް ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. މީގެއިތުރުން، ދައުލަތަށް ގިނަދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައިވެސް ހުންނެވިއެވެ. މުހައްމަދު ނޫރައްދީނަކީ، ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
9- ހަސަން ގާސިމް (ހަސަންފުޅު)
މާލޭގެ މަޝްހޫރު ގަރާޖެއް ހިންގަމުން އަންނަ ހަސަން ގާސިމް (ހަސަންފުޅު) ނިޔާވެފައި ވަނީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހު އޮކްޓޯބަރު 9 ގައެވެ. މާލެ އަށް އުފަން އުމުރުން 76 އަހަރުގެ ހަސަންފުޅު ހެންވޭރުގެ ހަނިގޯޅިއެއްގައި "ވޮންޑަ ވޯކްޝޮޕް" ނަމުގައި ހިންގަމުން އައި ގަރާޖަށް މިހާރު 47 އަހަރުވީ އިރު، ހަސަންފުޅަކީ އެ ގަރާޖުގައި މަސައްކަތް ކުރަމުން އައި އެތަނުގެ ވެރިޔާއެވެ. އެކަމަކު، އުމުރުން ދުވަސްވެ ގައިބާރު ދެރަވީ ވަރަކަށް އޭނާ ކުރާ މަސައްކަތް ވަރަށް ބޮޑަށް މަދުވިއެވެ.
އެންމެ ފުރަތަމަ ގަރާޖު ހުޅުވައިގެން ހަސަންފުޅު އަމިއްލަ އަށް މަސައްކަތް ކުރީ ބައިސްކަލު މަރާމާތު ކުރުމުގެ ހިދުމަތް ދޭށެވެ. އެކަމަކު ދިވެހިން ބައިސްކަލްތައް ގެންގުޅުން ނިމުމަކަށް ގެނެސް ސައިކަލް ގެންގުޅެން ފެށުމުން ހަސަންފުޅުގެ ގަރާޖުން ސައިކަލަށް ޖެހޭ މައްސަލަތައް ހައްލުކޮށްދޭ ތަނަކަށް ހެދިއެވެ. އެންމެ ގިނަ ބަޔަކަށް މިތަން މަޝްހޫރުވެގެން ގޮސްފައި ވަނީ ވެސް ސައިކަލަށް ހާއްސަ ގަރާޖެއްގެ ގޮތުގައެވެ
މީގެއިތުރުން ސައިކަލަށް ވައި ޖަހައި ދިނުމާއި ލޯގަނޑު ބަދަލުކޮށް ދިނުމާއި، މި ނޫނަސް، ކުދި ކުދި ހިދުމަތްތައް ހަސަންފުޅުގެ ގަރާޖުން ހިލޭކޮށްދެއެވެ.
10. އިސްމާއިލް ފަތުހީ
ރާއްޖޭގެ ކުރީގެ އޮޑިޓާ ޖެނެރަލް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިސްމާއީލް ފަތުހީ އަވަހަރާވީ ކޮވިޑް ބަލީގައި މެއި 23 ގައެވެ. ނޮވެމްބަރު، 1993 އިން ޖެނުއަރީ 16، 2008 އަށް އޭނާ ވަނީ އޮޑިޓަ ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ. އުމުރުން 80 އަހަރުގައި އޭނާ އަވަހާރަވި އިރު، ފަތުހީ ވަނީ ސަރުކާރަށް 46 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައެވެ.
ފަތުހީ ވަނީ އެކައުންޓިން ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވައިފައެވެ. ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް ރާއްޖޭގައި ބުކްކީޕިން ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމާއި އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްކުރާ މީހުން މާލެ ގެނެސް ތަމްރީނުކުރުމުގައި އޭނާ އަގުހުރި މަސައްކަތްތަކެއް ކުރެއްވިއެވެ. އޭނާ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އަރުވާފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކްގެ ވެރިކަމުގައެވެ.
-------------------------------------------------------------------------------------------
މިދިޔަ އަހަރު ވަކިވި އެހެން ޝަހްސިއްޔަތުންގެ ތެރޭގައި ރާއްޖޭގައި މަޝްހޫރުކަން ހޯދި ފިނިބުއިމެއް ކަމަށްވާ "ޑޮން ޑޮން" ގެ ބާނީ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު) އާއި ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާގެ ޑިޒައިންތައް ކުރެއްސެވުމުގެ ޝަރަފު ލިބިވަޑައިގެންފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އާއި ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ ޒާހިރު އާދަމް (ގައްދޫ ޒާހިރު) އާއި ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު ފާމުދޭރި އިބްރާހިމް ކިލޭގެފާނުގެ ދަރިކަނބަލުން ޖަމީލާ އިބްރާހިމް ދީދީ ހިމެނެއެވެ.
މީގެއިތުރުން ދިވެހިންގެ ތެރެއިން ދެ ވަނަ އަށް އެމްބީބީއެސް ހާސިލްކުރެއްވި އަދި ރާއްޖޭގައި އެމްބީބީއެސް ޑޮކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތް ކުރެއްވި ޑރ. އަހުމަދު ލަތީފް އާއި ކުޅިވަރާއި މިއުޒިކްގެ ދާއިރާ އިން ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ތަރަބޫޒު އަހުމަދު ރިޒާ އާއި ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ކޮއްޔަ ހަސަން މަނިކު އާއި ސިޔާސީ މަސައްކަތްތަކުގައި ފާހަގަ ކޮށްލެވޭ ހިދުމަތްތެރިޔާ ކެލާ އަލީ އިބްރާހިމް މަނިކު (ކެލާ އަލިބެ) އާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި ކުރީގެ އަތޮޅުވެރިޔާ ހުސެއިން ޔޫސުފާއި ދިވެހި ބަހާއި އަދަބިއްޔާތައް ގިނަ ހިދުމަތް ކުރައްވާފައިވާ ލިޔުންތެރިޔާ އަދި ޅެންވެރިޔާ މުހައްމަދު ނަސީރު (މާޅޮހު ނަސީރު) ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިއީ ފާހަގަކޮށްލެވޭ ބައެއް ޝަހްސިއްޔަތުންނެވެ. މި ނޫނަސް، ބައެއް އެހެން އާންމުން ވެސް ވަނީ ނިޔާވެފައެވެ.
ނިކަމެތި ކިތަށް ރައްޔިތުން ދުނިޔެއާ ވަކިވެއްޖެ. އެވާހަކަ ދަށްކަނީ ކޮންބައެއްތަ. ރައްޔިތުންގެ ލާރި ބަނޑު އެޅިވަރަކަށް އަގު މަތިވަނީ.
ބަލަ މިތާ މިދައްކަނީ ރައްޔިތުންނަށް ހިޙްލާސްތެރި ކަމައިއެކީ ޙިދުމަށް ކުރެއްވި ބޭފުޅުންގެ ވާހަކައޭ މިތާ ގެނެސްދިން ގިނަ ބޭފުޅުންނަކީ މުއްސަނދިންނެއް ވެސް ނޫނެކެވެ. އެކަމަކު ކަލޭ ކަހަލަ ކަންނެއް މީހުންނެއް ނޫނެވެ.
މިކަމުން އަހަރެމެންގެ ވަގުތު ވެސް ޖެހޭނެކަން ހަދާންކުރަންވީ. ތައްޔާރުވާންވީ. މަރުވާ ހުރިހާ އެންމެންގެ ވާހަކަ އެއްނޫން މުހިންމީ.
މަގުމަތީ ކުނިކަހާ މީހާއަކީ ވެސް މުހިންމު މީހެއް. ޚިދުމަތްތެރިންނޭ ތިކިޔާ މީހުން ގައުމުގެ ބައިތުލްމާލުން ފޭރިގަތް މިންވަރު ވެސް ލިޔެލަބަލަ! އަބްދުލްހަމީދުއަށް އެނގޭނެ ބައެއް މީހުން ކިއްލާތައް ބިނާކުރި ގަލަކީ އަގުނުދީ ގެންދިޔަ ގާކަން.