ދުނިޔެ މިއީވާ ހެއްވާ ތަނެކެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނާ ވާހަކަ އަކީ ހަމަ ތެދެކެވެ. ދެދުވަހަކު އެއްގޮތަކަށް ކަންތައް ނުހިނގާއިރު، ދެމީހަކު ދައްކާ ވާހަކައެއް، މީހަކު ހިތައް ގެންނަ ކަމެއް ދެފަހަރަކު ދެގޮތަކަށް ނޫނީ ދިމާނުވުން އެއީ އިއްތިފާގެއް ނޫނެވެ. ޚުދު ތިބާ އަމިއްލައަށް ދައްކާ ވާހަކަ ތަކުރާރު ކޮށްލާއިރުވެސް ދެގޮތަކަށް އޮންނަ މި ދުނިޔޭގެ އިންސާފަށް ނަޒަރު ހިންގާލަމުން، ނުވަ މަހާއި ނުވަ ދުވަސް ވާންދެން ބަނޑުގައި ތިބާ އުފުލި މަންމަގެ ވާހަކައިން ފަށައިގަންނަމާބަހީ އެވެ. ރޭގަނޑުގެ އަރާމު ނިންޖާއި އެތަކެއް އުފާތަކެއް ތިބާއަށްޓަކައި ގުރުބާންކޮށް، އޯގާތެރި ފިރުމުންތަކާއެކު ތިބާ ބަލައި، ހިތް އެކީ ތިބާއަށްޓަކައި ހަދިޔާކުރުމުން، އެ މަންމައަށް ތިބާ ދިނީ ކޮން އިނާމެއްހެއްޔެވެ؟ ހެޔޮހިތަކާއެކު އަމިއްލަ ދަރީންގެ އަޅާލުމަށް ތިބާ އެދޭހެން، އެ މަންމަވެސް ނިކަން ފޮނި އުންމީދުތަކެއް ކުރިކަން މިއަދު ތިބާ ނުވެސް ދަންނަމު ނޫންހެއްޔެވެ؟

މީގެ ސާޅީހަކަށް އަހަރު ކުރިޔަށް ޖެހިލާއިރު، ހަސީނާ ގެ ވާހަކަ އިންތިހާއަށް އުފާވެރި އެވެ. ރަށު އެންމެން ދަންނަ ހަސީނާ އަކީ އެންމެންނާއިވެސް ގުޅޭ، އޯގާތެރި، ހިތްހެޔޮ، ސާދާ ދިރިއުޅުމެއް އުޅެމުން އައި ހީވާގި އަންހެނެކެވެ. އޭނާއަކީ އެކަނިމާ އެކަނި ދަރިންނަށް ޚިދުމަތްކޮށް، ފަހުވަގުތާއި ޖެހެންދެންވެސް، ކުޅަދާނަވީ މިންވަރަކުން ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވަމުންއައި މައިވަންތަކަމުގެ މިސާލެކެވެ. ކުރިމަގަށް އެތައް ފޮނި ހުވަފެންތަކެއް ދެކެމުން، އާއިލާއެއް ބިނާކުރަމުން އައި ހިތްވަރުގަދަ ކަނބަލެކެވެ.

ހަސީނާގެ އެއްބަނޑު އެއްބަފާ ހަތަރު ފިރިހެނުން ދުނިޔޭގައި އެބަތިއްބެވެ. އަދި ހަތް ކައިވެންޏެއްކޮށް، އެކުޖުމުލަ އަށް ދަރިން އޭނާއަށް ލިބިފައި ވެއެވެ. ހަސީނާގެ އަލަތު ކައިވެންޏަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. ދެވަނަ ކައިވެންޏަށް ފިރިހެންކުއްޖަކާއި އަންހެންކުއްޖެއް، އަދި ތިންވަނަ ކައިވެންޏަށް ވެސް ފިރިހެންކުއްޖަކާއި އަންހެންކުއްޖަކު ލިބިފައި ވެއެވެ. ހަސީނާ އެންމެ ފަހުން ކުރި ކައިވެންޏަށް ލިބިފައި ވަނީ ދެ އަންހެންކުދިންނެވެ. މިހާރު ވަރިވެފައި ހުރި ހަސީނާ ފުރަތަމަ ކައިވެނިކުރީ އެ އަތޮޅުގެ އެހެން ރަށެއްގެ މީހަކާއެވެ. ދެވަނަ އަދި ތިންވަނަ ކައިވެނިކުރީ އޭނާ ނިސްބަތްވާ ރަށުގެ ދެ މީހުންނާއެވެ. މީގެތެރެއިން އެކަކު މިހާރު ނިޔާވެފައިވާއިރު، ހަސީނާ ހަތަރުވަނައަށް ކައިވެނިކޮށްފައި ވަނީ ރަށުން ބޭރު މީހަކާއެވެ. ހަސީނާ ކައިވެނިކުރި މީހުންގެ ތެރެއިން ރަށުން ބޭރު ދެމީހުން މިހާރު ތިބީ އެހެން މީހުންނާއި ކައިވެނިކޮށް ދިރިއުޅުން ފަށައިގެންނެވެ.

ހަސީނާއަށް ލިބުނު ދަރިންގެ ތެރެއިން އެއް ކުއްޖަކު ތުއްތުއިރު ނިޔާވެފައި ވާއިރު، ބޮޑުވެފައިވާ ހަތަރު އަންހެން ދަރިންނާއި ހަތަރު ފިރިހެން ދަރިން ދުނިޔޭގައި ގަދަވެސަލާމަތުން އެބަތިއްބެވެ. އިންސާފެއް ނެތް މި ދުނިޔޭގައި އެންމެ ހިތްއެދޭގޮތަށް ކަންކަންވެގެން ނުދިޔަ ނަމަވެސް، މި ހުރިހާ ކުދިންނަށްވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މަންމައެއްގެ ކުލުނާއި އޯގާތެރިކަން، އޭގެ އެންމެ ފުންމިނުން ހަސީނާގެ ފަރާތުން، ދެވުނު މިންވަރަކުން ދީފައިވެއެވެ.

ތިންވަނަ ކައިވެންޏާއި ހަމައަށް ލިބުނު ފަސް ދަރީންނާއެކު ހަސީނާ ކުރިން ދިރިއުޅެމުން އައީ އޭނާގެ އުފަން ރަށުގައެވެ. މައިންބަފައިންނަށް ލިބިފައިހުރި ގޯއްޗެއްގައި އަޅާފައި ހުރި "މުސްކުޅި" ގޭގައެވެ. ދަރީންގެ ކަންކަން ބަލަހައްޓަމުން، އަދި ގޭތެރޭގެ މަސައްކަތްތައް ވެސް އެކަނިމާއެކަނި ކުރަމުން އޭނާ އައީ އިތުރު މީހަކަށް ބަރޯސާވުމެއް ނެތިއެވެ. ސާފުތާހިރުކަމާއި ތަރުތީބުކަމާއި އެކުގައިވެސް މެއެވެ.

ނަމަވެސް މިއަދު އެއީ މާޒީއެވެ. މިހާރު އުމުރުން 62 އަހަރުގެ ހަސީނާގެ ހާލަތު މުޅިން ބަދަލު ވެއްޖެއެވެ. މިއަދު އޭނާގެ ވާހަކަ އިންތިހާއަށް ތަފާތެވެ. އޭނާގެ ދިރިއުޅުމާއި މިޒާޖުހުރީ ކުރީން ހުރިގޮތަކަށް ނޫނެވެ. އެހެން ބައެއްގެ އެހީތެރިކަމާއި ނުލައި ނޫޅެވޭހައި މީހާގެ ގައިބާރު ދެރަވެއްޖެއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ނުކުޅެދޭ މީހަކަށް ބަދަލުވެއްޖެއެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ހަސީނާ ކުލަ ޖެއްސުމަށް އެދުނު ފޮނި ހުވަފެންތައް ކަޅާއި ހުދު ކުލައިގައި އޮވެ ފަނޑުވެގެން ހިނގައްޖެއެވެ. އަލުން އާ ހުވަފެންތަކެއް ދެކި އައު އުންމީދުތަކެއް ކުރާނޭ ހިތްވަރެއް މިހާރަކު ހަސީނާގެ ހަށިގަނޑަކު ނެތެވެ.

"ވަގުތު 26" އިން ކުރިޔަށްގެންދިޔަ މިތަހުޤީޤުން ގެނެސްދެނީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި ބޭއިންސާފުން ދިވެއްސަކަށް ކުރިމަތިވި އެތައް ކަމެއްގެ ވާހަކައެވެ. އެހެން މީހުންނަށްޓަކައި ފިދާވުމުގައި މުޅި ހަޔާތް ވެއިތުކުރި މީހެއްގެ ވާހަކައެވެ. ދަރިންނަށްޓަކައި ގުރުބާން ވަމުންދިޔަ ލޮބުވެތި މައެއްގެ ވާހަކައެވެ. އެކަނިވެރިކަމާއި، އަނިޔާވެރިކަން ތަހަންމަލު ކުރަމުންދިޔަ ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ. އެއީ ހަސީނާ އެވެ. މިއީ މާޒީގައި ހަސީނާ އެހެންމީހުންނަށް އޯގާތެރިވި ފަދައިން، އޭނާއަށް އެ މީހުންގެ އިހުސާންތެރިކަމަށް ބޭނުންވި ދަނޑިވަޅުގައި، އޭނާއާއިމެދު ކަން ހިނގައި ދިޔަ ނާއިންސާފުވެރި ގޮތުގެ ވާހަކައެވެ.

ސިހުރު ނުބައި އަނދަވަޅަކަށް!

ހަސީނާގެ ދިރިއުޅުމުގައި އޭނާއަށް ދިމާވި އެންމެ ބޮޑު މުސީބާތަކީ، ސިހުރުގެ ނުބައި އަދި ފުން އަނދަވަޅެއްގެ ތެރެއަށް އޭނާ ވެއްޓުނު ވެއްޓުމެވެ. ހަޔާތަށް ވެރިވި އެ ކަޅު ވިލާގަނޑުގެ އަނދިރިކަމުގެ ތެރެއިން އަލިމަގެއް ފެންނާނޭ ހުރިހާ ދޮރެއް ބަންދުވެފައި ވީއިރުވެސް، އެތައް އިމްތިހާނަކާއި ކުރިމަތިލައިފިއެވެ. ހަސީނާގެ ހަޤީޤީ ވާހަކަ ފެށޭ ހިސާބަކީ މިއީއެވެ.

ހަސީނާގެ އާއިލާގައި އެންމެ ދޮއްޓަށް ހުންނަ، އޭނާގެ ބޭބެ (ކުޑަބެ) ބުނިގޮތުގައި ހަސީނާ "މޮޔަވީ" ކުއްލިއަކަށެވެ. އެއް ދުވަހެއްގެ ފަތިހު ހޭލައިގެން ގޭތެރޭގައި އުޅެނިކޮށް، ސިހުރުގެ "ކަންތައްގަނޑަކާއި ލައިގަތްގޮތަށް އޭނާ މޮޔަވީ" ކަމަށް ކުޑަބެ ބުނެއެވެ. އެއީ އެރަށަށް ދިޔަ މީހަކު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ހަސީނާއަށް ސިހުރުހަދައިގެން ޖެއްސި ހާލެއްކަމަށް ކުޑަބެ ތަކުރާރުކޮށް ބުންޏެވެ.

ހަސީނާގެ ބޭބެ "ވަގުތު" އަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"މޮޔަވިފަހުން ވެސް ދުވަސްދުވަހުން ރަނގަޅުވޭ. ދެން ވަކި ރަނގަޅެއްވެސް ނޫން. އެހެންވާ ދުވަސްތަކުގައި މާ އަނގަ ހަލުވިވެގެން އުޅޭނީވެސް. މުޅި ރަށުގާ ދުވެ އެހެން އުޅޭނީ،" ކުޑަބެ ކިޔައިދިނެވެ.

މިހާރު އެންމެން ދަންނަ ގޮތުން ހަސީނާ އަކީ "މޮޔަ" އެކެވެ. އެހެންކަމުން އޭނާ އުޅޭ ހާލާއިމެދު މިއަދު ފިކުރު ކުރަނީ މަދު ބައެކެވެ. ރަނގަޅަށް ހުރެފައި ކުއްލިއަކަށް އޭނާއަށް އެފަދަ ބޮޑު ބަލިމަޑުކަމެއް ކުރިމަތިވުމުން، މާޔޫސްވީ މީހުން އޭރުގައި ތިބި ނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާގެ ހާލަތާއިމެދު އޮތް ކަންބޮޑުވުން އާދައިގެ ކަމަކަށްވެ، ހަނދާނުން ފުހެވިގެން ހިނގައްޖެއެވެ.

ހަސީނާ "މޮޔަވެ" ގުރައިދޫއަށް

ހަސީނާގެ އާއިލާއިން ބުނާގޮތުގައި އޭނާ ސިހުރުން ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އަދި އޭނާއަށް ޖެހިފައި ވަނީ ސިހުރެއްކަން ޔަޤީންވާތީ، އެކަމަށް ފަރުވާ ކުރުމަށް އޭރު ދެ ފަންޑިތަވެރިއަކަށް ދައްކާފައިވާނެ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

"ގއ. އަތޮޅު މީހަކަށާ ރ. އަތޮޅު މީހަކަށްވެސް ދެއްކި. ދެމީހުންވެސް ބުނީ ކަނޑުގައި ދިރިއުޅޭ އެއްޗަކަށް ސިހުރެއް ހަދާފައި އޮތް ތަވީދެއް ކާންދީފައިކަމަށް އޮތީ. އެމީހުން ލައްވައި ކަމެއް ކުރުވައިގެން ދުވަސްކޮޅަކަށް ރަނގަޅަށް ހުރެފައި އަނެއްކާވެސް މާބޮޑަށް ގޯސްވަނީ،"

ހަސީނާގެ ހާލަތަށް މާބޮޑު ބަދަލެއް ނައުމުން، ހަސީނާ ރަނގަޅުވެ، އާންމު ހާލަތަށް ރުޖޫއަވާނެ ކަމަށް އޮތް އުންމީދު ކަނޑާލަންޖެހުނީ ކަމަށް އާއިލާއިން ބުނެއެވެ. އަދި ބައެއް ދުވަސްވަރު ހާލަތު ގޯސްވެ ނުހިފެހެއްޓޭވަރުވުމުން ބަނދެފައި ބާއްވަން ޖެހޭކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. މިގޮތުގައި ދުވަސްތަކެއްވެ، ހަސީނާގެ ހާލަތަށް އެއްވެސް ކަހަލަ އެދެވޭ ބަދަލެއް ނައުމުން އެންމެ ފަހުން ހަސީނާގެ އާއިލާއިން ނިންމީ އޭނާ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޮނުވާލާށެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު-- ފޮޓޯ: އިބްރާހިމް ޝާބިލް

ދިމާވި މަޖުބޫރު ހާލަތުގައި ގުރައިދޫއަށް ފޮނުވާލެވުނު ހިސާބުން ހަސީނާގެ ދަރީންގެ ކަންކަން ބަލަހައްޓަމުން ދިޔައީ އާއިލާގެ އެކި މެމްބަރުންނެވެ. އެ ދުވަހާއި ހަމައަށްވެސް އެކުދީންނަށްޓަކައި މަންމަ ވީ ގުރުބާނީ އެ ކުދިންނަށް ސިފަ ނުކުރެވުނަސް، ދަރީންނާއި ދުރުގައި އެތައް ޒަމާނެއް ހޭދަކުރާން ޖެހުނު ހަސީނާގެ ހިތުގައި އެކުދިންނަށްޓަކައި އޮތް ލޯތްބަކަށް ފަނޑުކަމެއް ނާދެއެވެ. މުވާސަލާތީ ހިދުމަތްތަކަށް ބީރައްޓެހި އެޒަމާނުގައި، ގުޅައިގެން ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބުނަސް، ހަސީނާގެ ހިޔާލާއި ފިކުރު އަބަދުވެސް ހުރީ އޭނާގެ ލޯބިވާ ދަރީންނާއި ގުޅިފައިކަން، އޭރު އޭނާ އާއި އެންމެ ގާތުގައިވީ މީހުން މިއަދު ކިޔައިދޭ ވާހަކަތަކުން ހިތަށް ގެނެވެއެވެ.

"ވަރަށް ގިނައިން ބުނާނެ މިހާރު ތިމަންނަ ރަނގަޅޭ ރަށަށް ފޮނުވައިދޭށޭ ދަރިން ކައިރިޔަށް. ދެން ބޭނުންވަނީ އަވަހަށް ރަށަށް ދާށޭ. އެކަމަކު އާއިލާއިން އޭރު އޭނާ އާއި ހަވާލުވާކަށް ބޭނުމެއް ނުވި. އެހެންވެ އޭނާ ހުރީ އެތަނުގައި ތާށިވެފައި،" ގުރައިދޫ މަރުކަޒުގައި އޭރު މަސައްކަތްކުރި މުވައްޒަފަކު ކިޔައިދިނެވެ. އަދި ހަސީނާއަކީ ވަރަށް އަހުލާގު ރަނގަޅު، އެންމެންނާއި ވެސް ގުޅިގެން އުޅޭ ހިތްހެޔޮ މީހެއް ކަމަށްވެސް އޭނާ ބުންޏެވެ.

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހަސީނާ ހަ އަހަރު ދުވަސް ހޭދަކުރިއެވެ. އެތަނަށް އޭނާ ގެންދިޔަފަހުން ބޭސްފަރުވާ ލިބި، اللّٰه‎ ގެ ރަހުމަތުން އޭނާގެ ހާލަތަށް ދިޔައީ ހެޔޮ ބަދަލުތަކެއް އަންނަމުންނެވެ. އަދި އޭނާ އެއީ "މޮޔައެއް" ކަމަށް މީހުން ދެކޭ ސިފަތައް އޭނާގެ ކިބައިން މަޑުމަޑުން ކެނޑި، ކުރީގައި ލިބިފައިވީ މަޑުމައިތިރިކަން ހަސީނާގެ ފަރާތުން އަލުން ފެންނަމުން ދިޔައެވެ.

ގުރައިދޫ މަރުކަޒުގައި ހަސީނާ ބެލި މީހެއްގެ ދުލުން

ގުރައިދޫ ހިތަށްފިނިވާގޭ ފާތިމަތު މުނީރަކީ ވިއްސަކަށް އަހަރުވަންދެން ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މަސައްކަތްކުރި މީހެކެވެ. މިހާރު އުމުރުން 80 ވަރަކަށް އަހަރުވެފައިވާ ފާތިމަތަކީ، އޭރު ގުރައިދޫގައި ތިބި އެންމެންގެ ހާލުވެސް އެންމެ ގާތުން ދުށް އެކަކެވެ. މިހާރު އުމުރު މައްޗަށް ގޮސްފައިވީ ނަމަވެސް، އެ ދުވަސްވަރުގެ ވާހަކަތައް ފާތިމަތުގެ ހަނދާނުގައި ހަރުލާފައި ހުރީ އިއްޔެ ހިނގައިދިޔަ ކަމެއް ފަދައިންނެވެ.

ހަސީނާ އެންމެ ފުރަތަމަ ގުރައިދޫ މަރުކަޒަށް ގެންދިޔައިރުވެސް ފާތިމަތު ދިޔައީ އެ މަރުކަޒުގައި ވަޒީފާ އަދާކުރަމުންނެވެ. އެހެންކަމުން ހަސީނާ ދިޔަ ދުވަހުން ފެށިގެން އޭނާއަށް ޚިދުމަތްކުރަމުން ދިޔަ އެކަކީވެސް ފާތިމަތެވެ.

ފާތިމަތު "ވަގުތު" އަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ގުރައިދޫއަށް ހަސީނާ ފޮނުވައިލެވުނީ "މޮޔަވެގެން" ކަމުގައި ވީނަމަވެސް، ފާތިމަތު އޭރުގެ ހަސީނާ ސިފަކޮށްދޭ ގޮތަކީ އެއީއެއް ނޫނެވެ. އެތައް އަހަރެއް ވާންދެން ހަސީނާގެ ކަންކަން ބެލެހެއްޓި ފާތިމަތުގެ ނަޒަރުގައި ހަސީނާ އަކީ އަހުލާގު ރަނގަޅު، ހިތްހެޔޮ، އެހެންމީހުންނަށް އޯގާތެރި އަންހެނެކެވެ. އަދި މަރުކަޒުގައި ތިބޭ އެހެން މީހުންނާއި ހަސީނާ އާއި މުޅިން ތަފާތު ކަމަށާއި، "ދުވަހަކުވެސް މޮޔަކަމެއް ކޮށް ނޫޅޭ," ކަމަށް ފާތިމަތު ބުންޏެވެ.

"އެއްވެސް މޮޔަކަމެއް، ގޯސް ކަމެއް ނުކުރާނެ. ބުނާބަސް އަހާނެ. އެހެން ބައެއް މީހުން އުޅޭހެން މުވައްޒަފުން ގައިގައި ތަޅައި، ނުކިޔަމަންތެރިކަމެއް ނުދައްކާނެ. އެހެންކަމުން މޮޔަވެގެން ކަމަށްބުނެ ހަސީނާ ގެނަޔަސް އޭނާ އެއީ މޮޔަ މީހެއްކަމަކަށް އަހަރެން އޭރުވެސް ނުދެކެން، އޭނާގެ ހުރި ބައްޔަކަށް ބޭސް ބޭނުން ކުރިޔަސް," ފާތިމަތު ކިޔައިދިނެވެ.

ހަސީނާއާއި އެކު، އޭނާގެ ގާތުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން ފާތިމަތު ޤަބޫލުކުރާ ގޮތުގައި، ހަސީނާއަކީ ނަފުސާނީ ބައްޔެއް ތަޙައްމަލު ކުރަމުން ދިޔަ މީހެކެވެ. އަދި އޭނާއަށް އަޅާލައި އޯގާތެރިވެ އުޅުމުން، އާދައިގެ މީހުންނެކޭވެސް އެއްފަދައިން އުޅުނު ކަމަށާއި، މަރުކަޒުގައި ހޭދަކުރި ދުވަސްތަކުގެ ބޮޑުބައި އޭނާ ހޭދަކުރީ "ބަރާބަރު" މީހެއްގެ ގޮތުގައި ކަމަށް ފާތިމަތު ބުނެއެވެ.

ކ. ގުރައިދޫ މަތިން ނަގާފައިވާ ފޮޓޮއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލްގުރައިދޫ މަރުކަޒަށް ހަސީނާ ގެންދިޔައީއްސުރެ އޭނާ އެތަނުން މިނިވަންވުމާއި ހަމައަށް ގާތުގައި އުޅުނު ފާތިމަތަށްވެސް ވަނީ ހަސީނާއަށް ދިމާވި ހާލަތު އެނގި، އޭނާ އުޅުނު ހާލު ވަޒަން ކުރެވިފައެވެ. އެހެންކަމުން ފާތިމަތު ދިޔައީ އޭނާއަށް ހަމްދަރުދީވެ އަބަދުވެސް ހިތްވަރު ދެމުންނެވެ.

ގުރައިދޫ މަރުކަޒުން ދޫކުރިފަހުންވެސް ފާތިމަތާއި އޭނާ އާއި ބައްދަލުވެއެވެ. މިގޮތަށް އުޅުނު އުޅުމުގައި އޭނާ ދުށް ހަސީނާއަކީ "ނުލާހިކު އޯގާތެރި، ނަމޫނާ މަންމައެއް" ކަމަށް ފާތިމަތު ބުންޏެވެ.

ރަޝީދުއާ ދިމާވެ އަލުން އައު ފެށުމެއް

ދިމާވި "ކަންތައްގަނޑުން" އަރައިގަނެ، އައު ހަޔާތަކަށް މަރުޙަބާ ކިޔުމަށް ހަސީނާއަށް ލިބުނު އެންމެ ބޮޑު ބާރަކަށްވީ، ގުރައިދޫ މަރުކަޒުގައި ހުރި ދުވަސްވަރު އޭނާއާއި ދިމާވި އެރަށު ރަޝީދެވެ. ރަޝީދާއި ހަސީނާ އެންމެ ފުރަތަމަ ބައްދަލުވީވެސް އެ މަރުކަޒުންނެވެ.

މަރުކަޒުގައި ވަށާފާރު ނުހުންނަ އެ ޒަމާނުގައި، ރަޝީދުގެ ލޮލުގައި އެންމެ ފުރަތަމަ ހަސީނާ އަޅައިގަތީ އެ ސަރަހައްދަށް ގޮސް އުޅެނިކޮށް މަރުކަޒު ތެރެއިންނެވެ.

އޭގެ ފަހުން ހަސީނާގެ ކަންކަން ގާތުން ބަލަމުންގޮސް، ދެމީހުންގެ މެދުގައި އުފެދުނު ކުލުނު ވަރުގަދަ ގުޅުމަކަށް ބަދަލުވިއެވެ. އެހައި ހިސާބުން ހަސީނާ އާއި ހަވާލުވެ، ދެމިތުރުން ދުށް އުފާވެރި ޒަވާޖީ ހަޔާތުގެ ފޮނި ހުވަފެނުގައި ކުލަޖެއްސިއެވެ. ހަސީނާ އާއި ރަޝީދުގެ އުފާވެރި ދިރިއުޅުން އިތުރަށް އުޖާލާ ކޮށްދިނީ އެދެމަފިރިންގެ ކައިވެންޏަށް ލިބުނު ދެ އަންހެން ކުދިންނެވެ.

ގުރައިދޫގައި އާއިލާއެއް ބިނާކޮށް ދިރިއުޅެމުން އަންނަނިކޮށް ހަސީނާގެ އާއިލާއިން އޭނާ އާއި ހަވާލުވާން ބޭނުންވިއެވެ. އަދި އާއިލާގެ މެމްބަރަކު އޭނާ ބަލައި އެރަށަށްވެސް ދިޔައެވެ. ބީރައްޓެހި ރަށެއްގައި ދިރިއުޅުމަށްވުރެ ހެޔޮ ގޮތަކީ އަމިއްލަ ވަޒަނުގައި އުޅުންކަން ހަސީނާއަށް ވިސްނައި ދިނުމުން، އެވާހަކަތަކަށް ދެބަސްވެ ފުރަގަސްދޭނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އޭރުގެ ފިރިމީހާ އެކަމަށް އިންކާރު ކުރިނަމަވެސް މާބޮޑު ފަރުވާލެއް ނެތި ހަސީނާ އިސްކުރީ އާއިލާއެވެ.

ގުރައިދޫ ބަނދަރު ސަރަޙައްދުގައި އަޅާފައި ހުރި ދޯނިތަކެއް - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލްރަޝީދާއި އެއްބަނޑުއެއްބަފާ މަޖީދާ ބުނާގޮތުންނަމަ، ހަސީނާ އެރަށުން ފުރައިގެން ދިޔައީ އޭނާއަކީ "ސިކުނޑި ހަމަނުޖެހޭ" މީހަކަށް ވާތީ، ބަޔަކު ވާހަކައެއް ދެއްކުމުން "ބޭނުންގޮތަކަށް އޭނާ ހައްދާލެވޭތީ" ކަމަށެވެ. މަޖީދާ އިތުރަށް ބުނިގޮތުގައި ހަސީނާ އެރަށުން ދިޔައިރު ހާލު ހުރީ "ވަރަށް ރަނގަޅަށް" ކަމަށާއި، ރަށުން ގެންގޮސް "އެގޮތަށް ހެދީ އޭނާގެ ބޭބެ" ކަމަށެވެ.

"ހަސީނާގެ ބޭބެ އައީ އޭނާ ބަލާ މިރަށަށް. އައިސް އޭނާ ގާތުގައި ބުނީ އަމިއްލަ ރަށުގައި އަމިއްލަ ގެދޮރުގައި އާއިލާގެ މެމްބަރުންނާއެކު އުޅުމޭ ރަނގަޅުވާނީ. ދެން ހަސީނާއަށް ވިސްނުނީ އެގޮތަށޭ ކަންތައް ކުރަން ޖެހޭނީ. އެހެންވެ ރަޝީދު ދެކޮޅުވިޔަސް އޭނާ ނިންމީ ރަށަށްދާން" މަޖީދާ ކިޔައިދިނެވެ.

މަޖީދާ ކިޔައިދޭގޮތުންނަމަ ހަސީނާގެ ބޭބެ އެރަށަށްގޮސް، ރަޝީދު އާއި ހަސީނާ ވަރިވަންދެން އެ ރަށުގައި މަޑުކޮށްގެން ހުއްޓެވެ. އަދި ރަޝީދުގެ ގާތުގައިވެސް ހަސީނާ ރަށަށް ފޮނުވަން އެދުނުކަމަށް މަޖީދާ ބުންޏެވެ.

އެނގިފައިވާ ގޮތުން ހަސީނާ އޭނާގެ ބޭބެއާއެކު ގުރައިދޫއިން ދިޔައީ، ފުރައިގެން ގޮސްފިނަމަ އޭނާ އަކީ އަންބެއްގެ ގޮތުގައި ނުބަލާނެކަން ރަޝީދު ހަސީނާއަށް އަންގާފައި ވަނިކޮށް ކަމަށްވެސް އަޑުފެތުރިފައި ވެއެވެ. އެހެންކަމަށްވާނަމަ ހަސީނާ އާއި ރަޝީދުގެ ކައިވެނި ނިކުމަކަށް އައީ ރަށުން ފުރައިގެން ދިޔުމުންނެވެ.

ގުރައިދޫން ފުރައިގެން ހަސީނާ އެނބުރި ރަށަށް!

ފިރިމީހާ އާއި ވަކިވެ، ދެ ދަރިން ދޫކޮށް އަންނަން ޖެހުން އެއީ މަޔަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ބައްދަލުނުވެ އެތައް ޒަމާނެއްވެފައި ވަނިކޮށް އާއިލާ އާއި ދަރީން ދިރިއުޅޭ ތިމާގެ އަމިއްލަ ވަޒަނަށް އެނބުރި އާދެވުމުން، އެ ނުތަނަވަސްކަމަށް ކުޑަނަމަވެސް ފަސޭހަކަމެއް ލިބޭނެއެވެ. ޅައުމުރާއި މައިންބަފައިންގެ ހަނދާންތަކާއެކު، އާއިލާއާއި އެކުގައި ދިރިއުޅުމަށް ލިބޭ ފުރުސަތެއް އެއްވެސް މީހަކު ދޫކޮށްލާކަށް ބޭނުމެއް ނުވާނެއެވެ. އެހެންވުމާއެކު އެތައް އަހަރެއް ފަހުން ރަށަށް އެނބުރި އާދެވި، ރަށުގައިތިބި ދަރީންނާއެކު ވެސް އުޅެލަން ފުރުސަތު ލިބޭތީ ހަސީނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެން ދިޔައެވެ.

ހަސީނާ ގުރައިދޫން ފުރައިގެން ދިޔުމުން، ރަޝީދާއި ކައިވެނިކޮށްގެން ލިބިފައިތިބި ދެ ދަރިން ބަލައި ބޮޑުކުރީ މަޖީދާއެވެ. އޭރު ދޮށީ ކުއްޖާއަށް ވާނީ އުމުރުން ފަސް ވަރަކަށް އަހަރެވެ. އަދި ދެވަނަ ކުއްޖާ އޭރު ތުއްތުވާނެއެވެ. އެހައި ޅައުމުރުގައި މަންމަ އާއި ވަކިވެ، މަޖީދާގެ ބެލެނިވެރިކަމުގެ ދަށުގައި އުޅެންޖެހުމުން އެކުދިންނަށް ހީވެފައި އޮތީ މަންމައަކީ އޭނާ ކަމަށެވެ. ހަސީނާ ދެކުދިން ބައިތިއްބާފައި ދިޔަކަން އޭރު އެނގުމުން، ދަރިން ނުލިބޭ މީހުންނާއި ބައެއް އަވައްޓެރިންވެސް އެކުދިންނާއި ހަވާލުވާން ބޭނުންވެގެން އުޅުނު ކަމަށާއި، ނަމަވެސް އެކުދިން ދޫކޮށްލަން ބޭނުން ނުވީ އަމިއްލަ ދަރިންގެ ގޮތުގައި ދެކޭތީކަމަށް މަޖީދާ ބުންޏެވެ.

"މަ ބުނީ ދުލެއް ނުކުރާނަމޭ، ކޮންމެ ގޮތެއްވިޔަސް މިކުދިން ގޮވައިގެން މަ އުޅޭނަމޭ. ދޫކޮށްގެން އެކުދިން ބޮޑެތިވެގެން އައިސްފައި ވެސް ބުނާނެއޭ އެހެރީއޭ ދައްތަކުރި ކަންތައް. އެހެންވެ އަހަރެން ހިތަށް އެރީ ދުލެއް ނުކުރާނަމޭ،" މަޖީދާ ކިޔައިދިނެވެ.

މަޖީދާ ބުނީ، އެ ދެކުދިންގެ ކިޔެވުން ނިމި އުމުރުން 18 އަހަރުވީ ފަހުން، "މަންމަ ދައްކާލަން ވެގެންނާއި،" އޭނާ އަކީ "އަސްލު މަންމަ ނޫންކަން އަންގައިދޭންވެގެން،" ހަސީނާ ދިރިއުޅޭ ރަށަށް އޭނާ ދިޔަކަމަށެވެ. އެ ދަތުރުގައި ހަގު އަންހެންކުއްޖާގެ "ފަހަތުން ހަސީނާ އުޅެން ފެށުމުން،" އެއީ ކާކުތޯ އޭނާ ސުވާލުކުރި ހަނދާން ހުންނަ ކަމަށް މަޖީދާ ބުންޏެވެ.

"ބުނީ މަންމާއޭ އެމީހާ އަންނަނީ އޭ ފަހަތުން. ދެން އަހަރެން ބުނިން އެއީ އަސްލު މަންމައޭ!" މަޖީދާ ކިޔައިދިނެވެ.

މަޖީދާ "ވަގުތު" އަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

މަޖީދާ ބުނެފައިވާ ގޮތުގައި، ކުދިން ބޮޑެތިވަމުން އައިއިރު، އެކުދިންގެ އަސްލު މަންމައަކީ އޭނާ ނޫންކަން އައީ ވިސްނައިދެމުންނެވެ. އަދި ހަސީނާގެ ދިރިއުޅުން ހުންނަ ގޮތުގެ ވާހަކަތައް ކުދިންނާއި ހިއްސާކޮށްފައިވާނެ ކަމަށްވެސް މަޖީދާ ވަނީ ބުނެފައެވެ.

އެ ދެކުދިންނަށް "މަންމަ ދައްކާލަން" ހަސީނާ ދިރިއުޅޭ ރަށަށް މަޖީދާ ދިޔަކަމަށް ބުންޏަސް، އޭނާ ފަހުން ބުނެފައިވަނީ، މަންމަ ދެކިލުމަށް ހަސީނާގެ ރަށަށް ދިޔައީ އެކުދިން ކަމަށެވެ. އެރަށުން އެނބުރި އައިސް، އޭނާ "ކިޔައިދީފައި އޮތީ ހަމަ ރަނގަޅަށް" ކަމާއި، މަންމަގެ ދިރިއުޅުން އޭނާ "ކިޔައިދިން ގޮތާއި އެއްވެސް ތަފާތެއް ނެތް" ކަން އެކުދިން ފާހަގަކުރިކަމަށް މަޖީދާ ބުންޏެވެ.

"އަހަރެމެން އެރަށަށް ދިޔައީމަ އަހަރެމެންނާ އެކީ ގުރައިދޫއަށް އަނބުރާ ދާން ހަސީނާ ބޭނުންވީ،" މަޖީދާ ކިޔައިދިނެވެ.

ގުރައިދޫގައި އެތައް އަހަރެއް ވާންދެން އުޅުމަށްފަހު ހަސީނާ އެނބުރި ރަށަށް ދިޔަ ހިސާބުން ކަންތައް ހިނގައިދިޔަގޮތް ހިއްސާކުރަމުން އެރަށުން ވާހަކަދެއްކި މީހަކު ކިޔައިދިން ގޮތުގައި، "ދެން ފެނުނީ ވަރަށް އެކަނިވެރިކޮށް ހަސީނާ އުޅެމުންދިޔަ" މަންޒަރެވެ. ގުރައިދޫއަށް ފޮނުވާލުމާއި ހަމައަށް ދިރިއުޅުނު ގެ ފަޅުވެފައި ހުއްޓައި އެނބުރި އައިސް، އަލުން އެ ގޭގައި ވަޒަންވެރިވެ، ދަރީންނާއިވެސް ވަކިން އެކަނިވެރި ދިރިއުޅުމެއް އުޅެން ޖެހުމުން، ހަސީނާއަށް ވަރަށް ފުން އަސަރުތަކެއް ކުރުވައި ނަފްސާނީ އަނދަވަޅަކަށް ވެއްޓުނީއެވެ. ދަރިންނާއި، އާއިލާ އާއި އެކުގައި އުޅުމުގެ ފޮނި އުންމީދުގައި، އޭނާގެ އައު ދިރިއުޅުން ދޫކޮށްލާފައި އެނބުރި އައި ހަސީނާގެ ދިރިއުޅުން އެކަނިވެރިވީއެވެ. ނަމަވެސް ހަސީނާގެ މިޒާޖު ހުންނަ ގޮތުން އޭނާ އެކަމުގެ ޝަކުވާކޮށެއް ނޫޅެއެވެ.

ހަސީނާ ދިރިއުޅެމުން އައި ގޭގެ ކޮޓަރިއެއް ތެރެ - ވަގުތު އިމޭޖަސް: އަލީ އަހުމަދު

ރަށަށް ބަދަލުވިފަހުން ހަސީނާ މަސައްކަތް ކުރީ އެއްވެސް މީހަކާއި މެދު ހިތްބުރަކަމެއް ނުބާއްވައި އާދައިގެ ދިރިއުޅުމެއް ވެއިތު ކުރާށެވެ. އެގޮތުން އާންމުކޮށް ކޮންމެ ދުވަހެއްގެވެސް ގިނަ ވަގުތު ހޭދަކުރީ ދަރީންނާއި އާއިލާގެ މެމްބަރުންގެ ގާތަށް ޒިޔާރަތްކޮށް، އެގޭގޭގެ ކަންތައްތަކުގައި އެހީތެރިވެދީ އުޅުމުގައެވެ. އޭނާ އެގޮތަށް ކަންތައް ކުރަމުން އައީ އެކަނިވެރިކަމުގެ އިހުސާސްތަކާއި ދުރުވުމަށް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މާލެއަށް ކުރަންޖެހުނު ދަތުރު

ހަސީނާގެ ދިރިއުޅުމަށް އިތުރު ބުރަކަމެއް ލިބި، ބަލި އެނދުގައި އިތުރަށް އެކަނިވެރިވާން މެދުވެރިވި ހިސާބަކީ މިއީއެވެ. އާދައިގެ މަތީން އޭނާ ރަށުގައި ހުންނަ ކެފޭއަކަށް ވަދެ އުޅެނިކޮށް، ވެއްޓި އަނިޔާވެގެން ސިއްޙީ މަރުކަޒަށް ގެންދިއުމުން ފައި ބިންދައިގެން ގޮސްފައި ހުރިކަން އެނގިގެން، ވަގުތުން ވަނީ ކައިރި ރަށެއްގެ ހޮސްޕިޓަލަކަށް ގެންދިޔައީއެވެ. އެރަށުންވެސް އޭނާއަށް ފަރުވާދެވޭނެ ގޮތެއް ނެތުމުން ފަހުން ގެންދިޔައީ މާލެއަށެވެ.

ހަސީނާ ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ދިޔައީ އޭނާގެ އަންހެން ދަރިއަކާއި އާއިލާގެ އިތުރު އަންހެނަކާއެކު އެވެ. ގުރައިދޫގައި ތިބި ހަގު ދެ އަންހެން ކުދީންނަށް އެ ޚަބަރު ދިނީ، އޭރު މާލޭގައި ހުރި ހަސީނާގެ ފިރިހެން ދަރިއެވެ. ނަމަވެސް މަންމަގެ ގާތަށް އެކުދިންނަކަށް އެވަގުތު "އާދެވޭކަށް ނެތެވެ".

ބޮޑު އޮޕަރޭޝަނެއްވެސް ކޮށްގެން މަހެއްހައި ދުވަސް ވާންދެން ފަރުވާއަށް މާލޭގައި މަޑުކުރުމަށްފަހު، ހަސީނާ ރަށަށް އެނބުރިދާން ނިންމިއިރު، އޭނާ ހުރީ ރަނގަޅަށް ހިނގައިބިނގައިވެ އުޅެވޭ ހާލެއްގައެއް ނޫނެވެ. އަރާމު ލިބިގެން ރަނގަޅުވާން ދުވަސް ނަގާނެތީއާއި، ފަރުވާ އޭރު ނިމިފައި އޮތުމުން ދެން އެނބުރި އަނެއްކާވެސް އައީ ރަށަށެވެ. ނަމަވެސް އާއިލާ އާއި ދަރީން ދެކިލަން ނުގޮސް އަބަދު ގޭގައި އޮންނާން ބޭނުން ނުވާތީ، ހިއްވަރުކޮށްފައި އަސާގަނޑެއް ހިފައިގެން ރަށުތެރެއަށް ނިކުމެ އުޅުނެވެ.

ހަސީނާ މި ބަލި ހާލުގައިވީއިރު ބައެއް ދުވަސްދުވަހު އާއިލާގެ މެމްބަރުން އޭނާއަށް ކާން ގެންގޮސްދީ ހަދައެވެ. އަދި ބައެއް ފަހަރަށް ގެއާއި ދުރުނޫން ހިސާބެއްގައި ހުންނަ އައްޓެއްގެ މަތީގައި ކާން ގެންނަ ތަކެތި ބެހެއްޓުމުން، ހަސީނާ އަސާގަނޑު ޖަހައިގެން މަޑުމަޑުން ހިނގާފައިގޮސް އެތަނުގައި ކާން ހުންނަ މަންޒަރު ގިނަ ބަޔަކަށް ފެނިފައި ވެއެވެ. އޭރު ހަސީނާއަށް އޭނާގެ ދަރީންނާއި އާއިލާގެ ފަރާތުން އަޅާލުން ލިބުނު މިންވަރަކީ އެއީއެވެ. އޭނާއަށް ވީ ވަރަކުން އެމީހުންނަށް އެހީތެރިވަމުން ދިޔައިރު، އޭނާއަށް އެމީހުންގެ އެހީތެރިކަމަށް ބޭނުންޖެހުނު ވަގުތު އެކަންވީ އެފަރާތްތަކަށް ބޮޑު ބުރައަކަށެވެ.

"ކާން ގެންގޮސްފައި ހުރީ ނޫޑުލްސް ހުސްކުރި ޕްލާސްޓިކް ތައްޓެއްގައި ކުޑަ ބަތްކޮޅަކާ ރިހާކުރުކޮޅަކާ. އެ ގެންގޮސް މަތިޖަހާފައި އަށިމަތީގައި ބަހައްޓާފައި ހުއްޓާ އިރުކޮޅެއް ފަހުން ހަސީނާ ނިކުމެ އެތާ ހުރެ ކައިގެން ދިޔައީ،" މަންޒަރުދުށް ފަރާތަކުން އަސަރާއެކު ކިޔައިދިނެވެ.

ހިތައްވެސް ނުގެނެވޭފަދަ އަނިޔާގެ ޝިކާރައަކަށް

އާދައިގެ ދިރިއުޅުމެއް ހޭދަކުރުމަށް ހިތުލައިގެން ހުރި ހަސީނާ އަކީ އެތައް އަނިޔާއެއްވެސް ތަޙައްމަލްކޮށްފައިވާ މީހެއްކަން އެނގިފައި ވެއެވެ. އެގޮތުން އޭނާ އުޅުނު އެކަނިވެރި ހާލަތަށް ޖާހިލުންގެ ލޯތައް އަމާޒުވެ، ހަސީނާގެ ދިރިއުޅުން ބޮޑު ވޭނަކަށް ހަދައިލި ބަޔަކުވެސް އެބަތިއްބެވެ.

ހަސީނާ ދިރިއުޅެމުން އައި ގޭގައި އޭނާ ނިދަން ބޭނުންކުރި ގޮދަޑިއެއް - ވަގުތު އިމޭޖަސް: އަހްމަދު އަލީބަލި ހާލުގައި އުޅެމުން އައި ހަސީނާ އެކަނި ގޭގައި ހުންނަ ވަގުތުތަކަށް ފާރަވެރިވެ، ބަޔަކު އޭނާއަށް ތަކުރާރުކޮށް ގޯނާކުރަމުން ދިޔަކަން އޭރު އިތުރު ބަޔަކަށް ނުވެސް އެނގެއެވެ. އެގޮތުގައި އެތައް ދުވަހެއް ވެގެން ދިޔައިރު ޖިންސީ އަނިޔާ ލިބި އެތައް ފަހަރެއްގެ މަތީން ހަސީނާ ރޭޕްގެ ޝިކާރައަކަށްވެސް ވެގެން ދިޔައެވެ. ނަމަވެސް އޭނާގެ ސަބަބުން އާއިލާއަށް ތަކުލީފެއް އުފުލަން ޖެހިދާނެކަމުގެ ކަންބޮޑުވުމުގައި އެ އަނިޔާތަކަށް ކެތްކޮށް، ވަރަށް ފަހަކާއި ޖެހެންދެންވެސް ހަސީނާ ހުރީ އެވާހަކަތައް ސިއްރު ކޮށްގެންނެވެ.

އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުން ހަސީނާއަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރީ އެރަށުގެ ދެމީހަކު ވެގެންނެވެ. އެ ދެމީހުން އަޑީގައި ތިބެގެން، އެރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތަށް ގޮސް އުޅުނު ބިދޭސީންތަކަކަށް ވެސް "ހަސީނާ ވިއްކާލައި"، އެމީހުން ލައްވައި ހަސީނާއަށް އެތައް އަނިޔާއެއް އެކި ފަހަރުމަތިން ދީފައިވާކަން އެނގިފައި ވެއެވެ.

މާލެއިން ކުރި އޮޕަރޭޝަނަށް ފަހުގައި، ތަކުރާރުކޮށް ހަސީނާއަށް ލިބެމުން ދިޔަ ޖިންސީ އަނިޔާގެ ސަބަބުން އޭނާގެ ބަލި އިތުރަށް ބޮޑުވިއެވެ. އަދި ފަހުން އަމިއްލައަށް ގައިން ތާހިރުވެ ތެދުވެ އުޅެވޭ ވަރަށްވުރެވެސް ހާލުދެރަވެ ނުކުޅެދުނީއެވެ. މިގޮތުގައި ވެސް ދަތި ދުވަސްތަކެއް ހަސީނާ ވޭތުކުރިއެވެ. ތާހިރުކޮށްދޭނެ މީހެއް ނެތި އެތައް ދުވަހެއްގައި ކިތަންމެ އިރެއްވަންދެން އޮންނާން ޖެހުނެވެ.

ހަސީނާއަށް ޖިންސީ ގޯނާކުރަމުން ދިޔަ ދެމީހުންގެ ތެރެއިން އެކަކު އޭނާއާއި ގަދަކަމުން ބެހެން އުޅެނިކޮށް އެމަންޒަރު އާއިލާގެ މީހަކަށްވެސް ފެނިފައި ވެއެވެ. ހަސީނާ އުޅެމުންދިޔަ ނިކަމެތި ހާލާއި އޭނާ ހުށަހެޅިފައިވީ ނުރައްކަލުގެ ވާހަކަތައް ފެންމަތިވާން ފެށި ހިސާބަކީވެސް އެއީއެވެ.

"އަހަރެން ހަސީނާ ގާތަށް ދަނިކޮށް، ހަސީނާއަށް ޖިންސީ އަނިޔާކޮށް އޭނާ އާއި ބެހެމުންދިޔަ މިރަށު ދެމީހުންގެ ތެރެއިން އެކަކު އެގޭދޮށުގައި ހުއްޓައި ފެނިގެން އަހަރެން ހުރީ ދުރުގައި ބަލަން. ދެން ފެނުނީ ހިނގާށޭ އެތެރެއަށް ވަންނަން ކިޔާފައި ހަސީނާގެ އަތުގައި ހިފައިގެން އޭނާ ގަދަކަމުން ގެންދާން އުޅެނިކޮށް. ހަސީނާ ވަރަށް ދެކޮޅުހެދި. އެކަމަކު އޭނާގެ ގައިގައި ނެތް އެމީހަކާއި ކުރިމަތިލާނެހައި ބާރެއް. ދެން އަހަރެން ހަޅޭލަވައިގަތީމަ އެ ފިރިހެންމީހާ ދިޔައީ އެއްވެސް އެއްޗެކޭ ނުބުނެ،" މަންޒަރުދުށް މީހާ ކިޔައިދިނެވެ.

ހަސީނާ އޭނާއަށް ކުރިމަތިވަމުން ދިޔަ މި އުނދަގޫތަކުގެ ވާހަކަ އާއިލާގެ ބައެއް މީހުންނާއި ހިއްސާކުރީ، އެ މަންޒަރު އާއިލާގެ މެމްބަރަކަށް ފެނުމުންނާއި، ބަލި އިތުރަށް ބޮޑުވެ، ދިރިއުޅުން ވޭނަކަށްވެ، ގޮތްހުސްވުމުންނެވެ. ނަމަވެސް އެކަން، ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި ވަނީ އޭގެ ދުވަސްތަކެއް ފަހުންކަން އެނގިފައި ވެއެވެ.

"އެވާހަކަ ކުރިއަކުން ނުބުނޭ. ނުހިނގޭ ވަރުވީމަ އެވާހަކަ ދެއްކީ. ޖެންޑަރ އަށް މައްސަލަ ޖެއްސީ އެ މަންޒަރު ދުށް މީހާ. އެބުނާ ދެ މީހަކު އެސަކަރާތެއް ޖެހިފަހުން ނުހިނގޭ ވަރުވީމަ މައްސަލަ ޖެއްސީ،" ހަސީނާގެ އެއްބަނޑު މީހެއްގެ ދަރިއަކު ކިޔައިދިނެވެ.

އެންމެ ފަހުން އާއިލާގެ ބައެއް މެމްބަރުންގެ ތުހުމަތުގެ އިނގިލިތައްވެސް އަމާޒުވާން ފެށީ ހަސީނާ އަށެވެ. އެބައެއްގެ ކުރިމަތީގައި ކުށްވެރިވީ އޭނާއެވެ. ހަސީނާ އަށް ޖިންސީ އަނިޔާ ނުލިބޭކަމަށާއި، އެއީ އޭނާގެ ވިޔާނުދާ އުޅުންކަމަށް ގަބޫލުކުރާ ބަޔަކުވެސް އެބަތިއްބެވެ. އެކަމަކު އޮޕަރޭޝަނަށް ފަހު މާގިނަ ދުވަސްތަކެއް ނުވަނީސް އަދި ރަނގަޅަށް ހިނގާވެސް ނޫޅެވި، އެތައް ވޭނެއް އުފުލަމުން ދިޔަ ހަސީނާގެ ހާލަތު އިތުރަށް ދަށްވިގޮތް ގާތުން ދުށް މީހުންނަށް، ހަސީނާއަށް ކުރިމަތިވި އެ ނުތަނަވަސް އިހްސާސް ހިތަށް ގެނެވި އޭނާއާމެދު ހަމްދަރުދީ ވިއެވެ.

ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރުން

ހަސީނާއަށް ދިމާވެގެން އުޅޭ ހާލަތު ކަމާއި ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމުން ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް އޭނާ އާއި ބައްދަލު ކުރިއެވެ. އަދި ހަސީނާ އަށް އަނިޔާކުރި ދެމީހުންގެ ތެރެއިން އެކަކު ހާޒިރުކޮށް ސުވާލުވެސް ކޮށްފައި ވެއެވެ. ނަމަވެސް އެމީހުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޖެންޑާގެ އޮފިޝަލުން އެރަށަށް ދިޔަ ހިސާބުން ފެށިގެން ހަސީނާއަށް ހިމާޔަތްދީ، އޭނާގެ ކަންކަން ބަލަހައްޓަމުން އައީ އެފަރާތްތަކުންނާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންނެވެ.

ޖެންޑާގެ އޮފިޝަލުންނަށް ހަސީނާ އާއި ބައްދަލުވީއިރު އޮތް ބަލި ހާލަތު ރަނގަޅުނުވެ ހައްތަހާ ގޯސްވަމުން ދިއުމުން، ކައިރި ރަށެއްގެ ހޮސްޕިޓަލަކަށް ގެންދިޔައެވެ. ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި ވަނިކޮށް ވެސް އޭނާގެ ހާލު އިތުރަށް ދަށްވެގެން ފަރުވާދީފައި ވެއެވެ. ހަސީނާގެ ހާލަތު ބަދަލުވާން ފެށީ އޭނާއަށް ފަރުވާ ދޭތާ ދެ ދުވަސް ވަރު ފަހުންނެވެ. ނަމަވެސް އެވަގުތާއި ޖެހެންދެންވެސް އޭނާގެ ހާލު ބަލައިލުމަށް ދަރިންނާއި އެއްބަނޑު މީހުން ގުޅާފައިނުވާކަމާއި، އޭނާގެ ގާތަށް ޒިޔާރަތްކޮށްފައި ނުވާކަން އެނގިފައި ވެއެވެ.

ހޮސްޕިޓަލުގައި އޮވެ، ހާލު ރަނގަޅުވެ ވާހަކަދެއްކޭވަރު ވުމުން, އެއްބަނޑު މީހެއްގެ އަންހެން ދަރިއަކު ފުރައިގެންގޮސް ހަސީނާ އާއި ބައްދަލުކޮށްފައި ވެއެވެ. އޭނާއަކީ ހަސީނާ ނިކަމެތިވެ އެންމެ ބޮޑަށް ހާލުގައި ޖެހުނު ދުވަހު ގާތުން ހަސީނާގެ ކަންކަން ބަލަހައްޓަމުން ދިޔަ އެކަކެވެ.

ހަސީނާގެ އާއިލީ މެމްބަރަކު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލްމި ކުދިން އަހަންނަށް މާ ހެޔޮ. ދެން އެމީހުން (ދަރިންނާއި އާއިލާ) ކައިރިއަށް ދާކަށް ބޭނުމެއް ނޫން." ޖެންޑާގެ އޮފިޝަލުންނަށް އިޝާރާތްކުރަމުން ހަސީނާ އޭނާގެ ގާތުގައި ބުނެފައި ވެއެވެ.

ޖެންޑާއިން ހަސީނާ ދިރިއުޅޭ ރަށަށް ގޮސް ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ، އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރީން، ދަރީންނާއި އެއްބަނޑު މީހުންނާއި ވާހަކަ ދައްކައިގެން ހަސީނާއަށް "އެނޫން ގޮތެއް" ހޯދައި ދިނުމަށެވެ. މިގޮތުން އާއިލާގެ އެކި މީހުނަށް ގުޅައިގެން ހަސީނާ އާއި ހަވާލުވެ އޭނާއަށް އަޅާލާނެ މީހަކު ވޭތޯ ކުރި މަސަތްކަތަށް އެއްވެސް އަލިމަގެއް ނުފެނުނެވެ ދަރީން ތިބެމެ، މަންމަ ބަލައިދޭން އެއްބަސްވާނެ ކުއްޖެއްވެސް، އަދި އާއިލާގެ އެނޫން ފަރާތެއްވެސް ނެތުމުން އެންމެފަހުން ހަސީނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާން ނިންމީއެވެ.

ހަސީނާއަށް ޖެހުނު ހާލުގެ އަޑީގައި ވަނީ ކޮން ސިއްރެއް؟

ސިހުރުގެ މުސީބާތަކީ ކިހައިވަރެއްގެ ވޭންހުރި ކަމެއްކަން، އެފަދަ ކަމަކާއި ކުރިމަތިލާފާއި ތިބޭ ބަޔަކަށް މެނުވީ ހަގީގަތުގައި އިހުސާސެއް ނުކުރެވޭނެއެވެ. ސިހުރުގެ ނުބައިކަން ގިނަ ބައެއްގެ ހިތަށް ނުގެނެވޭ ހާލުގައި، މީގެ ކުރިން ރާއްޖޭގައި މިކަން ވަރަށް އާންމު ކަމަކަށް އޮތީ ވެފައެވެ. ހަސީނާއަކީ އެފަދަ ނުބައި ސިހުރެއްގެ ޝިކާރައަކަށްވެ އެކަމުގެތެރޭގައި ހަޔާތެއް ހޭދަކޮށް، އަދި މިއަދާއި ހަމައަށްވެސް އެކަމުން އަރައި ނުގަނެވިފައިވާ، އެހެނަސް ހިތްވަރުގަދަ މީހެކެވެ. ޒުވާން ދުވަސްވަރުގައި ދިމާވި މި ހާލަތަށް ކެތްކުރަމުން ދާއިރު އޭނާއަށް ކިރިޔާވެސް ލުޔެއް ލިބެނީ ބޭހުންނެވެ.

މައުލޫމާތު އެނގޭ ރަށުގެ ގިނަ ބަޔަކު ހަސީނާގެ ވާހަކަ ހިއްސާ ކުރަމުން ދައްކާ އެއް ވާހަކައެއް އޮވެއެވެ. އެއީ ހަސީނާއަށް ޖެހުނު ހާލަކީ އޭނާގެ ލޯބިވާ އެއްބަނޑު އެއްބަފާ ބޭބެ (ކުޑަބެ) އޭނާއަށް ޖެއްސި ހާލެއް ކަމަށް ކުރާ ތުހުމަތެވެ. ހަސީނާއަށް މުޅި އުމުރަށް ޖެހިފައިވާ ސިހުރަކީ، އޭނާގެ ކުޑަބެ އޭނާ ލައްވައި ކުރުވި ކުށަކުން ދިމާވި ކަމެއް ކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. ކުޑަބެ އެދުނު އެދުމެއް ފުއްދުމަށް ހަސީނާއަށް ކުރެވުނީ ކުށެއްކަން އޭނާއަށް ވިސްނުނުއިރު މާ ލަސްވީއެވެ.

ހަސީނާ ދިރިއުޅުނު ގެއަށް ކުޑަބެގެ ރަހުމަތްތެރި ކަމުގައި އައި ކުއްޖަކު ނިދާފައި އޮއްވައި، އެކުއްޖާގެ ކަރުގައި އޮތް ރަންފަށް ހަސީނާ ނެގީ، ދެން ދިމާވެދާނެ ކަމަކާއި މެދު ފިކުރުނުކޮށް ކަމަށްވުން އެއީ ހަސީނާގެ ބަދުނަސީބެވެ. އެރަންފަށް ނަގައިގެން ގޮސް ހަވާލުކުރީވެސް ކުޑަބެ އާއި ކަމަށް ހަސީނާ ފަހުން ބުނެއެވެ. އަދި ފަށް ނެގީ ކުޑަބެ ބުނި ބުނުމަކަށް ކަމާއި އެފަށް ހަވާލު ކުރުމަށްފަހު ދެންވީ ގޮތެއް ނޭނގޭކަމަށް ހަސީނާ ބުނިކަން ހަސީނާ އެހާދިސާ ހިއްސާކުރި މީހުންގެ ހަނދާނުގައި މިއަދުވެސް އެބަހުއްޓެވެ.

ހަސީނާގެ ބޭބެ (ކުޑަބެ) "ވަގުތު" ގެ ނޫސްވެރިންނާއި ވާހަކަ ދައްކަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލްއެނގިފައިވާ ގޮތުން ކުއްޖާގެ ކަރުގައި އޮތް ފަށް ގެއްލުމުން އެކުއްޖާގެ އާއިލާގެ ފަރާތުން ރަށަށް ދިޔަ މީހާ ވަނީ ފަށް އަނބުރާ ދިނުމަށް އެދިފައެވެ. އަދި ވަކި މުހުލަތެއްތެރޭ ފަށް އަނބުރާ ނުލިބިއްޖެނަމަ، އެކަން ކުރި މީހަކު އުމުރަށް ބިކަ ހާލުގައި އުޅެންޖެހޭފަދަ "ގޮތެއް ހަދާނެ" ކަމުގެ އިންޒާރުވެސް ދިނެވެ. ނަމަވެސް ވައްކަމަށް އިއުތިރާފްވާން ބޭނުން ނުވާތީ އާއި، އެއީ ކުޑަބެގެ އެދުމަކަށް އޭނާ ކުރިކަމެއްކަން ފަޅާއަރުވާލަން އޭރު ހަސީނާ ބޭނުން ނުވާތީ، އިންޒާރަކަށް ބެލުމެއްނެތި އެކަން ސިއްރުކުރީއެވެ.

ހަސީނާގެ މުޅި ހަޔާތް ބަރުބާދުކޮށްލާ ސިހުރެއް އޭގެ ފަހުން ހެދި ކަމާއި، އެ ސިހުރު ހެދުމަށްފަހު ރަށުގެ ވަލުތެރޭގައި ހުރި ރުކަކަށް މޮހޮރެއް ޖަހާފައި ހުންނާނެ ކަމަށްވެސް ބުނެވެއެވެ. ސިހުރު ހަދާފައި ހުރީ އޭގެ ޒާތުގައި މޮހޮރު ނުއުފުރެނީސް، ނުވަތަ ރުއް ނުވެއްޓެނީސް ސިހުރު ޖެހޭ މީހާ އެ ސިހުރުން ސަލާމަތް ނުވާނޭ ގޮތަށް ކަމަށްވެސް އަޑުފެތުރިފައި ވެއެވެ. އެނގިފައިވާ ގޮތުން އެ ސިހުރު ހެދި މީހާ މަރުވިފަހުންވެސް މިހާރު އަހަރުތަކެއް ވެއްޖެ އެވެ.

ރަށުގެ ގިނަބަޔަކު ކިޔައިދޭގޮތުން ހަސީނާ މޮޔަވީ، ތިންވަނަ ކައިވެންޏަށް ލިބުނު ފިރިހެން ދަރިފުޅު ތުއްތުއިރެވެ. އެ ދަރިފުޅަށް ގާތުން ދޭން ގޭގެ އުނދޯލީގައި ހަސީނާ އިންދާ "ކާޅުތަކެއް" އައިސް އޭނާގެ ބޮލުގައި ކޮށަން ފެށި ހިސާބުން އޭނާ ބަލިވީއެވެ. މިއީ ހަސީނާގެ އުފާވެރި ދިރިއުޅުން ބަނަވެ، އޭނާއަށް ލިބެމުން އަންނަ ހިތާމައިގެ ފެށުން ކަމަށް އެދުވަސް ދެކެފައިވާ މީހުން ހެކިވެއެވެ. އެދުވަހަށްފަހު ހަސީނާގެ މިޒާޖު މުޅީން ބަދަލުވީ އެވެ.

ބައެއް މީހުންނަށް ހަސީނާ ރޭގަނޑު އެކަނި ހުރެގެން ވާހަކަ ދައްކާ މަންޒަރުވެސް ވަނީ ފެނިފައެވެ. އެ މަންޒަރު ފެނިފައިވާ މީހަކު ކިޔައިދިން ގޮތުގައި އެއްރޭ އޭނާ ހަސީނާ ދިރިއުޅޭ ގޭގެ ބޭރުން ދިޔައިރު، މަގުމަތީގައި ހަސީނާ ހުރީ އެކަނިމާއެކަނި ވާހަކަ ދައްކާށެވެ.
"އަހަރެން ދިޔައީ އެ މަގުން. ތަންކޮޅެއް ދަންވެފަ އޭރު ހުންނާނީ. މަގުމަތީގައި މީހަކު ނުވެސް އުޅޭ އެގަޑިއަކު. އެކަމަކު ހަސީނާ ހުރީ ގޭގެ ބޭރުގައި. އޭނާ ކޮންމެވެސް މީހަކާއި މުހާތަބުކޮށް ވާހަކަދައްކާހެން އެކަނިމާއެކަނި ހުރެގެން ވާހަކަ ދައްކަމުން ދިޔައީ. ފާޑަކަށް ހަޅޭލަވާ ހެންވެސް ހީވި. އަހަރެން ގޮވާވެސް ލިން. އެކަމަކު އަޅައެއް ނުލި. އަހަރެން ކުޑަކޮށް ބިރުވެސް ގަތް." އެމީހާ ކިޔައިދިނެވެ.

އަދި ބައެއް މީހުން ބުނާ ގޮތުގައި އޭނާގެ ގަޔަށް ދޭތެރެ ދޭތެރެއިން ފާޑެއްގެ އާދަޔާއި ޚިލާފު ބާރުގަނޑެއް އަރައެވެ. އެފަދަ ވަގުތުތަކުގައި ގިނަބަޔަކު ވެގެންވެސް އޭނާ ހިފަހައްޓާލަން އުނދަގޫވެއެވެ. ޒާތަކަށް ހަޅޭލަވާ އަޑުގަދަކޮށް ހަދައެވެ. ބައެއް ފަހަރު ނުހިފެއްޓިގެން އަތާއި ފައި އައްސާ، ހިރިނުލެވޭ ވަރަށް ބަނދެފައި ބާއްވާ ކަމަށްވެސް މައުލޫމާތު އެނގޭ މީހުން ކިޔައިދީފައިވެއެވެ.

ބޭއިންސާފުން ކުރިމަތިލާން ޖެހުނު އެތައް ކަމެއް

ހަސީނާ ދިރިއުޅެމުން އައި ގެ، ސުނާމީގައި ސުންނާފަތިވުމުން ސަރުކާރުން ދިން އެހީ އޭނާއަށް ލިބުނެވެ. އެ ގެ އާރާސްތު ކުރުމަށް ލިބުނު ދެލައްކަ ފަންސާސް ހަތްހާސް ރުފިޔާ (257,000 ރ.) އާއި ހަވާލުވީ އޭނާގެ އެއްބަނޑު ބޭބެއެކެވެ. އެކަމަކު އެ ފައިސާގެ "ބޮޑުބަޔަށް ވީނުވީއެއްވެސް ނޭނގޭ" ކަމަށް ހަސީނާގެ އާއިލާ އިން ބުނެއެވެ. މިއީ ސުނާމީގައި ގެއްލުން ލިބިގެން, ގެ އެޅުމަށް ރަށުގެ އެހެން އާއިލާތަކަށްވެސް ސަރުކާރުން ދީފައިވާ އެހީގެ އަދަދެވެ. އެ ފައިސާ އިން އެހެން ގެތައް އަޅައި ރީއްޗަށް ހަދައި ނިމުނުއިރު, ހަސީނާ ދިރިއުޅެން އެޅިތަން ހުރީ ކިރިޔާ ބޯހިޔާކޮށްލެވޭ ވަރަށްކަމަށް ވުމުން, ސުވާލުތައް އިތުރުވެއެވެ.

ހަސީނާ ދިރިއުޅެމުން އައި ގެ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ސުނާމީއަށްފަހު ހަސީނާ ދިރިއުޅުނު ގެ ހެދުމަށް ލިބުނު ފައިސާގެ އަދަދަކީ އޭރު ރަނގަޅު ފެންވަރަކަށް ގެއެއް އަޅައި ނިންމޭވަރުގެ އަދަދަކަށް ވިޔަސް، އެ ފައިސާއިން ހަމައެކަނި ފާރު ރާނައި، އަގެއް ދައްކާން ނުޖެހި ލިބުނު ރުއްގަހު ލަކުޑި ބޭނުންކޮށްގެން ހިޔާކުރެވުނީ އެވެ. ގެ ހަދައި ނިމުނުއިރު ފާހާނާއެއް، ކައްކައި ކެވޭނެ ގޮތެއް، އަދި ކުޑަމިނުން ނިދާނެ ތަންމައްޗެއްހާ މިންވަރުވެސް ނެތުމުން އެކަމާއި އާއިލާގެ މެމްބަރުންވެސް އުފައްދަނީ ސުވާލެވެ.

"އޭރު އޭނާ ދިޔައީ އޮޑިއެއް ބަންނަމުން. ފައިސާ ލިބުމުން ގެ ހަދައި ނިންމައިދިނުމުގެ ބަދަލުގައި އެއިން ބޮޑުބައި ހޭދަކުރީ އޮޑީގެ މަސައްކަތަށާއި އަމިއްލަ މަންފާއަށް،" އާއިލާއިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

މިވާހަކައަށް އިތުރު ބާރެއް ލިބިގެންދަނީ, "ވަގުތު 26" ޓީމުގެ ހާޒިރުގައި އާއިލާގެ މެމްބަރެއް މެދުވެރިކޮށް އޭނާއާއި ވާހަކަ ދެއްކުމުން، ސުނާމީ ފައިސާއިން އޮޑީގެ މަސައްކަތް ކޮށްފައިވާނެ ކަމަށް އަމިއްލައަށް އިއުތިރާފް ވެފައި ވާތީއެވެ. "ދެން ފަހުން ކޮންމެވެސް ގޮތެއް ހަދާނީ" ކަމަށް އޭނާ ބުންޏެވެ.

ހަސީނާ ދިރިއުޅެމުން އައި ގެ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ހަސީނާގެ ކުޑަބެ ކިޔައިދިން ގޮތުން, ސުނާމީގެ ފައިސާ ލިބިގެން އަޅާފައިހުރި ގޭގެ ހާލަތު ހުރީ ވަރަށް ދަށްކޮށެވެ. ފާރުތަކުގައި ސިމެންތިވެސް ނުޖަހައި ހުރުމުން, ހުޅަނގުކޮޅުން ވާރޭ ވެހިއްޖެނަމަ ގޭތެރޭގައި އޮންނަނީ ފެންބޮޑުވެފައި ކަމަށް އޭނާ ބުނެއެވެ. އެކަމަކު ފައިސާ އާއި ހަވާލުވި ބޭބެ އާއި އެ ސުވާލުކޮށް މައްސަލައަކަށް ނަހަދަނީ, އޭނާއަކީ ހިތުގެ ބަލި މީހެއްކަމަށް ވާތީ ކަމަށާއި, އެހެންވެ ފައިސާއަށްވީގޮތް ހޯދަން މާބޮޑަށް އުޅެ, "އެކަމާއި ބެހެން" ބޭނުން ނުވަނީ ކަމަށް ކުޑަބެ ބުންޏެވެ.

"ހަސީނާ އެގޭގައި ދިރިއުޅެމުން އަންނަނިކޮށް އޭނާ މަގުމަތިކޮށްފައި ގެ ބަހަންވެސް އެތައް މަސައްކަތެއް އޭނާގެ އެއްބަނޑު ބައެއް މީހުން ކޮށްފި. އެކަމަކު އެކަން އަދި އެއޮތީ ނުވެ،" ހަސީނާގެ ކުޑަބެ ބުންޏެވެ.

ކުޑަބެ ބުނާގޮތުން ހަސީނާއާއި އެއްބަނޑު މީހަކު ވަނީ "ގެ ދައްކާފައި ބޮޑު ލޯނެއް ނަގަންވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ނުވީ ގޭގެ ރަޖިސްޓްރީ އޭނާއަށް ނުލިބުމުން ކަމަށާއި, އެއީ ކޯޓަށް ހުށަހަޅައިގެންވެސް ކާމިޔާބުނުވެ އޮތް ކަމެއް ކަމަށެވެ.

ދަރިންގެ ބުނަނީ ކީކޭ؟

ހަސީނާގެ ދަރިން އޭނާ ކައިރިއަށް ނުދާ ވާހަކައަކީ މިއަދު ވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ދެ އަންހެން ދަރިން ރަށުގައި ތިބެމެ، އޭގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ހަސީނާއަށް އަޅާނުލާ ވާހަކައިގެ އަޑު ރަށުތެރޭގައި ގަދައެވެ. އޭނާއާއި ހިލާފަށް ދެވަނަ އަންހެން ދަރި، ނާހިޒާ، މަންމަ ދެކެ އިންތިހާއަށް ލޯބިވިޔަސް އޭނާއަކީ އެނދުމަތިވެފައި އޮތް ބަލި ބައްޕައަކު ބަލަމުން އަންނަ މީހެއް ކަމުން، "މަންމަ ބެލޭނެ ގޮތެއްނެތި ގޮތްހުސްވެފައި" ހުރީކަމަށް ބުނެއެވެ. މިހާރު ވަރިވެފައި ހުރި ނާހިޒާގެ ކައިވެންޏަށް ތިން ދަރިން ލިބިފައި އެބަތިއްބެވެ. ވަރިކޮށްފައި ހުއްޓަސް، އެއްފަޅިން ވާގިނެތި އެނދުމަތިވެފައިވާ ބައްޕަ ބަލަމުން އަންނަނީ ދަރީންގެ ބައްޕައެވެ. އަދި އޭނާވެސް ދިރިއުޅެމުން އަންނަނީ އެ އާއިލާއާއިއެކު ނާހިޒާގެ ބައްޕައަށް ލިބިފައިވާ ގޭގައެވެ.

މަންމަ ކަމުގައިވިޔަސް އެމީހުން ދިރިއުޅޭ ގެޔަށް ހަސީނާ ގެންދިއުމަށް އެންމެ ދެކޮޅީ ނާހިޒާގެ ދަރީންގެ ބައްޕަ ކަމަށްވެއެވެ. މަންމަ ބަލަން އެގެޔަށް ގެންގޮސްފިނަމަ، ބައްޕައަށް ޚިދުމަތްކުރުން ހުއްޓާލާނެކަމުގެ އިންޒާރު އޭނާ އޮތީ ނާހިޒާއަށް ދީފައެވެ. އެހެންވެގެން އެގެޔަށް އޭނާގެ މަންމަ ގެންގޮސް "ބެލޭނެ ގޮތެއް އަދި ނެތީ" ކަމަށް ނާހިޒާ ބުނެއެވެ.

ކަން މިހެން އޮތަސް ނާހިޒާ ބުނާގޮތުން އޭނާއަށް މަންމަ ބެލެން ނެތީ ހަމައެކަނި އެހެންވެގެނެއް ނޫނެވެ. ބަލި ބައްޕައެއް ބަލަމުން އަދި ބަލި މަންމައެއް ބެލޭނެ ހިއްވަރު އޭނާގެ ކިބައިގައި ނެތީ ކަމަށް ނާހިޒާ ބުނެއެވެ. މަޖުބޫރީ މި ހާލަތުގައި އޭނާގެ ގާތަށް ނުގެނެސްވެސް މަންމަގެ ކަންކަން ވީވަރަކުން ކޮށްދީފައި ހުންނާނެ ކަމަށް ނާހިޒާ ބުނެއެވެ. ހަސީނާ ބަލިވެ އެނދުމަތިވުމުން، ދޮށީ އަންހެން ދަރިފުޅަށްވުރެ ގާތުން މަންމަގެ ކަންކަން ބަލަހައްޓަމުން އައީ ނާހިޒާއެވެ.

މިކަން އިތުރަށް ސާފުކުރުމަށްޓަކައި ހަސީނާގެ ދޮށީ އަންހެން ދަރިފުޅުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް އެދުމުންވެސް އޭނާ ވަނީ އެކަމާއި ދެކޮޅުހަދާފައެވެ. އޭނާ ބުނާގޮތުން މަންމައަށް އެ ހާލު ޖެހުނީ "އުޅޭގޮތުން" ނެވެ. އަދި މަންމަ އެގޮތަށް އުޅެނީ އޭނާ "ބުނެގެން ނޫން" ކަމަށް ރަށު މީހެއްގެ ގާތުގައި އޭނާ ބުނެފައިވެއެވެ. އޭނާ އެއް އިރެއްގައި ގެއެއްގެ "ކޮޓަރިއެއްގައި ބަންދުކޮށްފައި" ވެސް ހަސީނާ ބޭއްވި ކަމަށް އާއިލާއިން މައުލޫމާތު ދިން ފަރާތަކުން ބުނެފައި ވެއެވެ.

ހަސީނާގެ ލޯބި އެންމެ ބޮޑަށް ލިބުނު ދަރިންގެ ތެރޭގައި އޭނާ ގުރައިދޫން ކުރި ކައިވެންޏަށް ލިބުނު ދެ އަންހެން ކުދިން ހިމެނެއެވެ. ނަމަވެސް އެކުދިން ވަރަށް ޅައުމުރުގައި މަންމަ އާއި ވަކިވާން ޖެހުމުން އެކަން މާބޮޑަށް ހަނދާނަކަށް ނާދެއެވެ. އޭގެތެރެއިން މިހާރު 32 އަހަރު ފުރިފައިވާ ދޮށީ އަންހެން ދަރިފުޅު، ސާމިޔާ ބުނާގޮތުން މަންމަގެ ވާހަކަ އޭނާވެސް އަހައި އުޅުނީ މީހުންގެ ފަރާތުން "ތުންތުން މަތިން" އިވޭ ވާހަކައެއްގެ ގޮތުގައެވެ. ނަމަވެސް މަންމައަކީ "ދަރިންނަށް ވަރަށް އަޅައިލި މަންމައެއް ގޮތުގައި ފޮޓޯތަކުން ފެންނަން ހުންނަ" ކަމަށް ސާމިޔާ ބުނެއެވެ.

"އަސްލު އަޅުގަނޑުމެން އެހާ ބޮންޑެއް ނީންނާނެ. އެންމެ ކުޑައިރުން ފެށިގެން ލޮލަށް ފެނުނީކީއެއް ވެސް ނޫން. ވާހަކަ ދެއްކުނީއެއް ވެސް ނޫން،" ސާމިޔާ ކިޔައިދިނެވެ.

ސާމިޔާ އޭނާގެ މަންމައާއި ވަކިވިއިރު އުމުރުން ވާނީ ގާތްގަނޑަކަށް ފަސްއަހަރެވެ. އޭގެ ފަހުން އޭނާ ބަލަހައްޓަމުން އައީ ބައްޕަ ފަރާތު އާއިލާއިންނެވެ. ސާމިޔާއަށް އޭނާގެ މަންމަ އަކީ ހަސީނާކަން އެނގުނީވެސް އުމުރުން 17 އަހަރު ވީފަހުންނެވެ. އޭގެފަހުން ދޭތެރެއަކުން މަންމައާއި ގުޅައި ވާހަކަދައްކާ ހަދާ ކަމަށް އޭނާ ބުންޏެވެ.

"މަންމަ ބުނާނެ ދަރިއަކު ލިބުނު ފަހުން ވަރަށް ބޭނުމޭ ދިމާވާން. އަންނާށޭ. އޯކޭއޭ ކަރަންޓީނު ވިއަސް. އެކަމަކު އޭރުގެ ހާލަތުން ނުދެވުމުން މިދިޔަ ބަންދުގައި ދާނަމޭ ހިތަށް އެރި ބައްދަލުކޮށްލަން،" ސާމިޔާ ކިޔައިދިނެވެ.

2021 ވަނަ އަހަރު އީދު ބަންދާއި ދިމާކޮށް ސާމިޔާ އޭނާގެ މަންމަގެ ރަށަށް ދިޔައެވެ. އެ ދަތުރުގައި އެތައް ޒަމާނެއް ވާންދެން ދުރުގައި ހުންނަން ޖެހުނު މަންމައާއި ބައްދަލުވުމުގެ ފުރުސަތު ސާމިޔާއަށް ލިބުނެވެ. ނަމަވެސް ސާމިޔާ ރަށަށް ގޮސްއުޅޭ ޚަބަރު އެރަށު ބައެއްގެ ފަރާތުން ލިބުމުން، ސާމިޔާ ހުރި ގެސްޓް ހައުސް ހޯދައިގެން އެންމެ ފުރަތަމަ އޭނާ އާއި ބައްދަލުކުރީ ހަސީނާއެވެ.

"އޭރު މަންމަ ގާތުގައި ނުބުނެ ދާން އުޅުނީ. ދެން ތުންތުން މަތިން މަންމަ އަށް އެކަން އެނގިގެން އައީ އަޅުގަނޑުމެން ހޯދަން. އޭރު ދެން އަނދިރިވެފަ ހުރުމާއި ކުޑަކުއްޖަކު ގޮވައިގެން ހުރުމުން ނުދެވުނީ،" ސާމިޔާ ބުންޏެވެ.

ސާމިޔާ ކިޔައިދިން ގޮތުން އެރަށުގައި އޭނާ މަޑުކުރީ ތިން ދުވަހެވެ. އަދި އެ ދުވަސްތަކުގައި މަންމަ ދިރިއުޅުނު ގެއަށްވެސް ދެވުނު ކަމަށާއި، "ތަޅުމެއް ނެތް ގޭތެރެ އޮތީ ދޮންވެލި ލާފައި ވަރަށް ރީތިކޮށް" ކަމަށް ސާމިޔާ ބުންޏެވެ. އަދި ކުރިންވެސް އަޑުއަހައި އުޅުނުހެން މަންމައަކީ ގޭތެރެ ވަރަށް ތަރުތީބުކޮށް ރީތިކޮށްގެން އުޅޭ، ސާފުތާހިރުކަމަށް ލޯބިކުރާ މީހެއްކަން އެދުވަހު ފެނުނު ކަމަށް ސާމިޔާ ބުންޏެވެ.

ހަސީނާގެ އުފަން ރަށުގެ މަގެއް - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

މަންމަގެ ރަށުގައި ތިން ދުވަސް މަޑުކުރުމަށްފަހު ސާމިޔާ އެރަށުން ފުރީ އަތޮޅުގެ އެހެން ރަށްތައް ބަލައިލުމަށެވެ. އަދި އޭގެ ފަހުން އެނބުރި ގުރައިދޫއަށް ފުރަމުން އެއާޕޯޓުން ފަހުފަހަރަށް މަންމައާއި ބައްދަލުވިއެވެ.

ސާމިޔާވެސް ގަބޫލުކުރާގޮތުން ރަށުގައި މަންމައަށް އެކަށީގެންވާ ގޮތެއްގައި އަޅާލުމެއް ނުލިބެއެވެ. އަދި ރަށުގައި މަންމައަށް އަނިޔާ ލިބެމުން ދިޔަކަމާއި، ބަޔަކު ގަސްތުގައި އަނިޔާ ދެމުންދިޔަކަމުގެ ޚަބަރުވެސް އަހައި އުޅުނުކަމަށް ސާމިޔާ ބުންޏެވެ. އެ އަނިޔާ މަންމައަށް ދެމުން އަންނަނީ "މިއަދު އެކަންޏެއް ނޫން" ކަމަށާއި، "އަބަދުވެސް މަންމައަށް އަނިޔާދޭ" ކަމަށް ސާމިޔާ ބުނެއެވެ.

ރަށުގައި ހަސީނާއަށް ލިބުނު ބޮޑެތި އަނިޔާތަކަށްފަހު އޭނާގެ ހާލު ގޯސްވެގެން ކައިރި ރަށެއްގެ ހޮސްޕިޓަލަކަށް ގެންދިޔަކަމުގެ ޚަބަރުވެސް ސާމިޔާއަށް ލިބިފައި ވެއެވެ. ނަމަވެސް "ބިޒީ ޝެޑިއުލް" ގެ ސަބަބުން އޭނާއަށް އެފަހަރު މަންމަ ގާތަށް ދެވޭގޮތް ނުވީކަމަށް ބުންޏެވެ.

"ޖެންޑަރއިން އަޅުގަނޑަށްވެސް ގުޅާފައި އެދުނު މަންމައާއި ހަވާލުވާން. އަޅުގަނޑު ސީދާ ނުބުނަން އަޅުގަނޑު ނުބަލާނަމެކޭ. ސަބަބަކީ އަޅުގަނޑު ބަނޑުއަޅައި ވިހެއި މައިމީހާ އަށްވީމަ އަޅުގަނޑުގެ ހިތުގަ ވަރަށް ކުލުނު އޮވޭ މަންމައާއި ދޭތެރޭ، މަންމަގެ ފަރާތުން އެކަން އަޅުގަނޑުމެންނަށް ނުލިބުނު ކަމުގައި ވިޔަސް." ސާމިޔާ ބުންޏެވެ.

ސާމިޔާ ބުނާގޮތުން އޭނާ އަކީ ބައެއްގެ ހިޔާވަހިކަމުގައި ދިރިއުޅެމުން އަންނަ މީހަކަށް ވާތީ އާއި މިހާރު ދަރިއަކުވެސް ހުރުމާއެކު، މަންމައަކީ ބަލި މީހަކަށްވާތީއާއި، އޭނާއަށް އަދި ވަޒީފާ ދޫކޮށްލެވެންވެސް ނެތުމުން، އޭނާއަށް މަންމަ ބެލޭނެ ހުރިހާ މަގެއް ވަނީ ބަންދުވެފައެވެ.

"ކިޑެއް ހުރުމާއެކު މަންމައަކީ ބަލި މީހަކަށް ވެފަ، ވަޒީފާ މިވަގުތު ދޫކޮށްލެވެން ނެތުމުން، މީހަކު ގެނެސްގެން ބަލާނެ ފޯރުންތެރިކަން އަޅުގަނޑުގެ ނެތީމަ އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނެތޭ މިވަގުތު... އަޅުގަނޑުގެ ފެންވަރެއް ނެތް ހަމަ ގައިމުވެސް. އަޅުގަނޑަށް ލިބޭ އެއްޗަކުން އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅުގެ ކަންތައް ކުރެވެނީ. ތަނަވަސްކަން ނެތޭ އެގޮތަށް މަޔަކު ބެލޭނެ ވަރުގެ،"

ސާމިޔާއަށް މިއަދު އޭނާގެ މަންމަ ބެލެން ނެތްއިރު، މަންމައަށްވެސް އެންމެ ރަނގަޅުވާނީ މަރުކަޒުގައި ހުރުން ކަމަށާއި، އެތަނުން މަންމައާއި ބައްދަލުވުމުގެ ފުރުސަތު އޮންނާނެތީ އުފާވާކަމަށް އޭނާ ބުނެއެވެ. އަދި ބެލޭނެ ގޮތެއް ނެތީސް ގެޔަށް މަންމަ ގެނެސްގެން އިހުމާލުވުމަށްވުރެ، މަރުކަޒުގައި މަންމައަށް އަޅާލުމާއި ރައްކާތެރިކަން ލިބިގެން ހުރިއްޔާ، އެއީ އޭނާއަށް ލިބޭ ހިތްހަމަޖެހުމަކަށް ވާނެކަމަށްވެސް ސާމިޔާ ބުންޏެވެ.

ހަސީނާ ދިރިއުޅެމުން އައި ހާލާއި މެދު ކަންބޮޑުވުން ފާޅުކޮށް އާންމު ފަރާތްތަކުން ޝުއޫރު ފާޅުކުރަމުން އަންނަކަން ސާމިޔާ ފާހަގަ ކުރަނީ ނުރުހުމާއެކު އެވެ. އޭނާ ދެކޭގޮތުން މަންމަގެ ވާހަކަ މީހުން ދައްކަނީ "އެޓެންޝަން" ހޯދުން ނޫން އިތުރު ކަމެއްގައެއް ނޫނެވެ. އަދި "ތިބޭފުޅުންގެ އާއިލާގެ މީހުންގެ ވާހަކަތައް އެހެން ބަޔަކު ދައްކައިފިނަމަ ތިބޭފުޅުންނަށް ވާނީ ކިހިނެތްތޯ" ސާމިޔާ ސުވާލު ކުރިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުންވެސް، އެއީ "އަސްލު ކޮން ބޭނުމެއްގައި" ކުރާ ކަމެއްތޯ ސާމިޔާ ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައެވެ.

ފިރިހެން ދަރިއެއްގެ ވާހަކަ:

ހަސީނާއަށް ދިމާވި ބަލި ހާލަތާއި ގުޅިގެން، މަންމައެއްގެ ލޯބިން އެންމެ ބޮޑަށް މަހުރޫމްވި އެކަކީ، މިހާރު އުމުރުން 37 އަހަރުވެފައިވާ ރިޝްވާނެވެ. އެކަމުގެ ސަބަބުން ރިޝްވާނަށް ރަނގަޅު ދިރިއުޅުމެއްވެސް ނުލިބި، ރަށުތެރޭގައި ގިނަވެ އުޅެނިކޮށް އެތައް ކަމެއް ތަޖުރިބާކުރަންވެސް ޖެހުނެވެ. ހެޔޮމަގު އޮޅި، ރަށު މީހުނަށްވެސް އޭނާގެ އުނދަގޫ ބޮޑުވިއެވެ. އޭގެ ފަހުން ވައްކަމާއި، ފޭރުމާއި، މަސްތުވާތަކެތި ބޭނުންކުރުންފަދަ ކުށްތަކުގެ ތެރޭގައި މަސްއޫލުވެ އުޅެނިކޮށް، އޭނާ ހައްޔަރުކޮށް ޖަލު ހުކުމަކާއި ކުރިމަތިވީއެވެ.

ކައިވެންޏެއް ކޮށްގެން ހުރި ރިޝްވާންގެ އަނބިމީހާވެސް އޭނާ ފަދައިން މަސްތުވާތަކެތީގެ މައްސަލައެއްގައި އަންނަނީ ޖަލުހުކުމެއް ތަންފީޒު ކުރަމުންނެވެ.

ހަސީނާގެ ފިރިހެން ދަރިފުޅު, ރިޝްވާން "ވަގުތު" އަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލްޖަލުގައި ތިން އަހަރާއި ގާތްކުރާ މުއްދަތެއް ހޭދަކުރުމަށްފަހު ރިޝްވާން މިނިވަންވީ ދާދި އިހަކަށް ދުވަހުއެވެ. ފައި ބިންދައިގެންގޮސްގެން ހަސީނާ މާލެއަށް ގެނައީ ރިޝްވާން ޖަލުން ސަލާމަތްވިތާ މާގިނަ ދުވަހެއް ނުވަނީހެވެ. އޭރު މާލޭގައި ހުރި ރިޝްވާނަށް، އެތައް ދުވަހެއް ފަހުން މަންމައާއި ބައްދަލުވި ފަހަރަކީ އެއީއެވެ.

"އައިޖީއެމްއެޗުން މަންމައަށް އަހަރެން ފެނުމާއެކު ރޯން ފެށީ. އެދުވަހުވެސް ވަރަށް ގިނަ ނަސޭހަތް މަންމަ އަހަންނަށް ދިން. ކުރިންވެސް ވަރަށް ނަސޭހަތްދޭ. މިއަދު މި ފެންނަނީ އެ ނަސޭހަތް އަޑުނޭހުމުގެ ނަތީޖާ. މިއަދު ގިނަ މީހުން އަހަރެން ބަލައެއް ނުގަނޭ،"

ހަސީނާގެ ފިރިހެން ދަރިފުޅު, ރިޝްވާން "ވަގުތު" އަށް މަޢުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ރިޝްވާން ބުނާގޮތުން ކުރީގައި އުޅެވުނު ވިޔާނުދާ އުޅުމާއި، މަންމަގެ ހެޔޮ ނަސޭހަތް އޭނާގެ ހިތަށް ގެނެވެން ފެށީ ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުމުންނެވެ. އަދި އެހައި ހިސާބުން އަޒުމްކަނޑައެޅީ ކުރީގެ އުޅުން ދޫކޮށް ހަރުދަނާ މީހަކަށްވުމަށް ކަމަށް އޭނާ ބުންޏެވެ. މިހާރު ރިޝްވާނަކީ މަސްތުވާތަކެތީގެ ވަބާއިން ދުރުވެ މާލޭގައި ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އަދި އަނބިމީހާ އޭނާއާއިއެކު މިހާރު ހުރިނަމަ ދައުލަތުގެ ބެލުމުގެ ދަށަށް މަންމަ ގެންދަން ނުޖެހުނީސް ކަމަށް ރިޝްވާން ބުނެއެވެ.

"އަންހެނުން އަދިވެސްވީ ޖަލުގައި. މަސްތުވާތަކެތީގެ މައްސަލައެއްގައި. އެކަމަކު އަދިވެސް އޭނާ އާއި ކޮންޓެކްޓު އިނދޭ. އޭނާ ސަލާމަތުން ހުރިނަމަ މަންމަ ގެންދިއަ ނުދިނީމުސް. މަންމަ ދެކެ އަހަރެން އިންތިހާއަށް ލޯބިވޭ. މަންމަ ގާތުގައި ބުނެލަން ބޭނުންވަނީ ދެރަނުވާށޭ. އިރާދަކުރެއްވިއްޔާ މަންމަ ގެންނާނަމޭ،" އަސަރާއެކު ރިޝްވާން ބުންޏެވެ.

ހަސީނާ މިހާރު ކޮބާ؟

ހަވާލުވާނޭ އެކަކުވެސް ނެތުމުން މިހާރު ހަސީނާ ހުރީ، މީގެ އެތައް އަހަރެއް ކުރީންވެސް އޭނާ ދިރިއުޅުން ހޭދަކުރި ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ. ކެނޑިނޭޅި ދުނިޔޭގެ އެތައް އިމްތިޙާނަކަށް ކެތްކުރާން ޖެހި، ނަފްސާނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އުޅެންޖެހުނު ހަސީނާ މިހާރު ހުރީ، ކަން ހިނގާނީ ތަޤުދީރު ނިޔާކުރާ ގޮތަށްކަން ޤަބޫލުކޮށް، އިންސާފެއް ނެތް މި ދުނިޔޭގެ ޤާނޫނަށް ކިޔަމަންވެގެންނެވެ. ކުރިޔާއި ޚިލާފަށް މިހާރު އޭނާގެ ކިބައިން ފެންނަ ވަރުބަލިކަމާއި މޮޅިވެރިކަމުން ސާފުކޮށް ދޭހަކޮށްދޭ ވާހަކައަކީ އެއީއެވެ.

"ވަގުތު 26" އިން ހޯދި މަޢުލޫމާތުން އެނގިފައިވަނީ, ހަސީނާ މިހާރު އެނބުރި ރަށަށް ދާންވެސް ބޭނުން ނުވާ ކަމެވެ. އަދި އޭރު އަޅާލުން ނުދިން ދަރިންގެ ވާހަކަވެސް މިހަރު ދައްކައި ނޫޅޭކަމެވެ. ނަމަވެސް ގުރައިދޫއަށް އަނބުރާ ގެންދިޔުމުން ރަޝީދު އޭނާ "ދެކިލަންވެސް ނާންނަ" ވާހަކަ އޭނާ ދޭތެރެއަކުން ތަކުރާރުކުރެއެވެ.

އަޅާލާނެ އާއިލާގެ އެއްވެސް މީހަކު ނެތި މިއަދު ގުރައިދޫ މަރުކަޒުގައި ހަސީނާ އޭނާގެ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުން ދާއިރު, ހާސިނާގެ ވާހަކައަކީ މިހާރު އެތައް ބައެއްގެ ހިތަށް ކެކުޅުން ގެނުވާ ވާހަކައަކަށް ވަނީ ވެފައެވެ.

ކ. ގުރައިދޫ މަތިން ނަގާފައިވާ ފޮޓޮއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލްކޮންމެ އިންސާނަކީވެސް ހުރުމަތްތެރިވެގެންވާ ނަފްސެކެވެ. ގަދަރު ލިބިގެންވާ ޖިސްމެކެވެ. އިޖުތިމާއީ ހަމަތަކުގެ މަތިންވެސް، އަދި ދީނީ އުސޫލުތަކުގެ މަތިންވެސް، އެއްވެސް އިންސާނެއްގެ ނުރުހުމުގައި އޭނާގެ ނަފްސުގެ އިއްޒަތާއި، ޖިސްމުގެ ކަރާމަތަށް އުނިއިތުރުކަމެއް އަންނާނެ އެއްވެސް ކަމެއް ކުރުމަކީ އިންސާނީ ހައްގަކަށް އަރައިގަތުމެވެ. އިންސާނާއަށް ދުނިޔެމަތީގައި ތަހައްމަލު ކުރަންޖެހޭނެ އެންމެބޮޑު އެއް ވޭނަކީ، އޭނާއާއި މެދު ނާއިންސާފުން ކަންތައްތައް ހިނގަމުން ދިއުމެވެ. އަދި އެކަމުގައި އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމުގެ ނިކަމެތި އިހުސާސް ކުރެވުމެވެ. ހަސީނާއަށް މިއަދު ޖެހިފައިވާ ހާލުން ދޭހަކޮށްދޭ ވާހަކައަކީ އެއީއެވެ.

އިންސާފު ހޯދަންކުރި ދަތުރު:

ހަސީނާ އުޅެމުންދިޔަ ހާލާއި މެދު ކަންބޮޑުވި ގިނަ ބަޔަކު އެބަތިއްބެވެ. އޭގެތެރެއިން ހެޔޮއެދޭ ބައެއް ފަރާތްތަކުން އޭނާއަށް އިންސާފު ހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް މާބޮޑު ކުރިއެރުންތަކެއް އެކަމަށް ލިބިގެނެއް ނުދެއެވެ.

ސިކުނޑީގެ ބައްޔަކަށް ގަވާއިދުން ބޭސް ބޭނުންކުރަންޖެހޭ ހަސީނާ ނިކަމެތި ހާލުގައި ވަނިކޮށް، ޖިންސީ އަނިޔާ ކުރިކަމުގެ އަޑު ރަށުތެރޭގައި ފެތުރުމާއެކު އޭނާއަށް ރައްކާތެރިކަން ހޯދައި ދިނުމަށް، އާންމު ފަރާތަކުން އިސްނަގައިގެން ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަވެސް ހުށަހެޅިއެވެ. އެ ދަނޑިވަޅުގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބެހުމަށް އާއިލާގެ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ އެކަންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެވި، އޭނާއަށް އެހީތެރިކަމެއް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެދި، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާފައި ވެއެވެ.

ހަސީނާއަކީ އެކަނިވެރި ހާލުގައި ދިރިއުޅެމުންދިޔަ ބަލި މީހެއް ނަމަވެސް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ނުލިބޭތީ، ދަފުތަރުގައި އޭނާ ހިމެނުމަށްވެސް ހުށަހެޅުނެވެ. ނަމަވެސް އޭގެ ފަހުން އަހަރެއްހައި ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އެ ދަފުތަރުގައި އޭނާ ރަޖިސްޓްރީ ކުރެވި މާލީ އެހީތެރިކަން ލިބޭނޭގޮތް އޮތީ ހަމަނުޖެހިއެވެ.

ހަސީނާއަށް ހެޔޮއެދޭ އާންމު ފަރާތަކުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން އެ ކޮމިޝަނުން ފޮނުވި ކުރު ޖަވާބުގައި ބުނެފައި ވަނީ، ހަސީނާއަށް ޖިންސީ ގޯނާކޮށް އަނިޔާކުރަމުންދާ މައްސަލަ ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ އާއި، އަދި ރަށު ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އިދާރާތަކުގެ ފަރާތުން އެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ، އަލުން ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް އެދިފައި ވެއެވެ. އޭގެ އިތުރުން ގޯތި ބެހުމުގެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް ފެންނަ ކަމަށްވެސް ބުނެފައި ވެއެވެ.

ހަސީނާ ދިރިއުޅެމުން އައި ގެ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލްޖިންސީ ގޯނާގެ ޝިކާރައަކަށްވި ހަސީނާއަށް ލިބުނު އަނިޔާގެ ވާހަކަތަކަކީ، ފަހުން ސިއްރުވެފައި އޮތް ކަމަކަށް ނުވާއިރު، ރަސްމީ އިދާރާއެއް މެދުވެރިވެގެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމުންވެސް އެކަން ބެލޭގޮތެއް ނުވިއެވެ. ހަސީނާއަށް އަނިޔާވެރިވި މީހުންނާއި މެދު މިއަދާއި ހަމައަށްވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން އެނގެނީ، އެތައް ޒަމާނެއް ފާއިތުވެގެން ގޮސްފައިވާ އެ މައްސަލައިގެ ތަހުގީގު އޮތީ ހުއްޓުންއަރާފައި ކަމެވެ.

ހަސީނާ ދިރިއުޅެމުން ދިޔަ ނިކަމެތި ހާލަތުން އަރައިގަތުމުގެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ދެން މަސައްކަތް ކުރެވުނީ "އެހީ ޖަމިއްޔާ" ގެ ފަރާތުން އޭނާއަށް އެހީތެރިކަން ހޯދުމަށެވެ. މިގޮތުން އާންމު ފަރާތަކުން އިސް ނަގައިގެން، އެ ޖަމިއްޔާއަށް އެކަމާއި ގުޅޭ މަޢުލޫމާތު ހިމެނޭހެން ޕްރޮޕޯސަލް ހުށަހެޅުމުން މާގިނަ ދުވަސްތަކެއް ނުވަނީސް އެހީ ހަމަޖެހުނެވެ.

އެހީ ޖަމިއްޔާއިން ހަސީނާ ދިރިއުޅޭ ގޭގައި ހަދައިދީފައިވާ ކޮޓަރި - ވަގުތު އިމޭޖަސް: އަހްމަދު އަލީ

އެއާއެކު، "އެހީ ޖަމިއްޔާ" ގެ ފަރާތުން ވަނީ ހަސީނާ ދިރިއުޅެމުންދިޔަ ގޭގައި ފާހަނާ އަކާއެކު ރަނގަޅު ފެންވަރެއްގެ ކޮޓަރިއެއް ހަދައިދީފައެވެ.

ގުރައިދޫ މަރުކަޒަށް ނަޒަރެއް:

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެޕޭސިޓީއަކީ 160 މީހުންގެ ޖާގައެވެ. ނަމަވެސް މިވަގުތުވެސް އެ މަރުކަޒުގައި 202 މީހަކު ދިރިއުޅެމުން އެބަދެއެވެ. އެހެންކަމުން ގިނަ ބަޔަކު ދިރިއުޅެން ވަކިތަނެއް އެ މަރުކަޒުގައި ހަމަޖެހިފައެއް ނެތެވެ.

ގުރައިދޫ މަރުކަޒުގައި "ހިތްފަޅައިގެންދާވަރުގެ" ކަންކަން މިހާރުވެސް ހިނގަމުން އަންނަކަން ވަނީ އެނގިފައެވެ. މިކަން ހާމަވެފައި ވަނީ "ވަގުތު-26" ގެ ޓީމުން މުޅިން އެހެން މައްސަލައެއްގައި ކުރިޔަށް ގެންދިޔަ ތަޙުޤީޤަކަށް ގުރައިދޫ މަރުކަޒުގެ ބައެއް މުވައްޒަފުންގެ އިންޓަވިއުތަކެއް ބޭނުންވެގެން އެދުމުން ޖެންޑާ މިނިސްޓްރީން އެކަމަށް އިންކާރުމާއި ގުޅިގެން އިތުރަށް ބެލިބެލުމުންނެވެ.

"ޖެންޑާ މިނިސްޓްރީން ވިދާޅުވީ ގުރައިދޫ މަރުކަޒުގެ މުވައްޒަފުންގެ އިންޓަވިއުތަކާއި ވީޑިއޯތައް ނަގަން ހުއްދަ ދެވޭނީ މާލެ އިން އެކަމަށް ހާއްސަ ޓީމެއް ގޮސްގެން ކަމަށް،"

އެނގިފައިވާގޮތުން ގުރައިދޫ މަރުކަޒުގެ ކެޕޭސިޓީއަށްވުރެ ގިނަ ބަޔަކު އެތަނުގައި އުޅެމުން އަންނާތީ، އެއްބަޔަކު ނިދައި އުޅެނީ ވޯޑުތަކުން ބޭރުގައި "ސިޓިންރޫމް" ގައެވެ. އަދި ބޭނުންވާ އަދަދަށް އެނދު ނެތުމުން ބައެއް މީހުން ގޮދަޑިއަޅާފައި ބިންމަތީގައި ވެސް ބައިތިއްބާފައި ތިބޭކަމަށް މައުލޫމާތު ލިބެއެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު-- ފޮޓޯ: އިބްރާހިމް ޝާބިލް

ގުރައިދޫ މަރުކަޒުގައި މިހާރު ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ސިކުނޑީގެ އުނިކަމެއް ނެތް، އެކަމަކު އާއިލާއިން ހަވާލު ނުވުމުން ނުވަތަ ހަވާލުވާނޭ ފަރާތެއް ނެތިގެން އެ މަރުކަޒަށް ލާފައި ތިބި މީހުންނެވެ.

މަރުކަޒުގައި ތިބޭ މީހުންގެ ކަންކަން ބެލެހެއްޓުމަށް ގާތްގަނޑަކަށް ސަތޭކައެއްހައި މުވައްޒަފުން ތިބޭއިރު، ޚާއްސަ އެހީއަށް ބޭނުންވާ ބަޔަކަށް ޚާއްސަ އެހީއެއް ފޯރުކޮށްދެވޭނެ އެކަށީގެންވާ ވަސީލަތްތަކެއް އެތަނުގައި ނެތެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި، ނަފުސާނީ ބައްޔަށް ފަރުވާދޭނެ ޑޮކްޓަރެއްވެސް ނެތްކަމެވެ.

މަޢުލޫމާތު އެނގޭ ފަރާތަކުން ކިޔައިދިން ގޮތުގައި، އެ މަރުކަޒަށް ދޭތެރެ ދޭތެރެއިން ޖެންޑާ މިނިސްޓްރީގެ އިސް އޮފިޝަލުން ޒިޔާރަތްކޮށް ތަނުގެ ހާލަތު ބަލައި ހަދައެވެ. ނަމަވެސް އެ ދަތުރުތަކާއި ދިމާކޮށް، ހާމަކޮށް ފެންނާން ހުންނަ މައްސަލަތައް "ފޮރުވައި މަތިއެޅުމަށް" މާ ކުރިން އެޑްވާންސް ޓީމުތަކެއް މާލެއިން ގޮސް ހަރަކާތްތެރިވެ އުޅޭކަމަށް އޭނާ ބުންޏެވެ.

"އެގޮތަށް ހަދާތީ މިނިސްޓްރީގެ ބޮޑެތި ބޭފުޅުންނަށް ފެންނަނީ ވަރަށް ފުރިހަމައަށް އިންތިޒާމުވެގެން މިތަނުގައި ކަންކަން ހިނގަމުންދާ މަންޒަރު. އަސްލު މި މަރުކަޒުގެ ހާލަތު އެންމެ ރަނގަޅަށް ފެންނަ ބަޔަކަށް ތިބޭނީ ތަނުގައި ގާއިމްވެ ތިބެ މަސައްކަތްކުރާ މުވައްޒަފުންނާއި، ކުއްލި އިންސްޕެކްޝަން ތަކުގައި އަންނަ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފިޝަލުން."

ހިއުމަން ރައިޓްސް ކޮމިޝަނުން ގުރައިދޫ މަރުކަޒަށް މާރިޗު 2022 ގައި ކުރި މޮނީޓަރިން ޒިޔާރަތަށްފަހު އެކުލަވާލި ރިޕޯޓުގައި ވެސް ވަނީ އެ މަރުކަޒުގައި ކަންބޮޑުވާންޖެހޭ މައްސަލަތައް ހުރިކަން ހާމަކޮށްފައެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައި ވާގޮތުން ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި, އެހީއަށް ބޭނުންވާ މީހުންނަށް އެކަށީގެންވާ އަޅާލުން ލިބެމުން ނުދާކަން ފާހަގަކޮށްފައި ވެއެވެ.

އަދި ހަމައެހެންމެ އެ މަރުކަޒުގައި ބައެއް ބަލި މީހުންނަށް ޖިންސީ އަނިޔާ ލިބެމުން އަންނަކަމާއި, އެކަމުގައި ފިޔަވަޅު ނޭޅޭކަންވެސް ރިޕޯޓުން ހާމަވެގެންދިޔައެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓުގައި ވަނީ, އެ މަރުކަޒުގައި ނަފްސާނީ ޑޮކްޓަރެއް ނެތްތާ ނުވަ އަހަރު ވެފައިވާކަންވެސް ފާހަގަކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން ފަހުން ސަރުކާރުން ވިދާޅުވީ, ހިއުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިހުރި ކަންކަމާއި މެދު ފިޔަވަޅު އަޅައި, ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އަޅާލުން ނުލިބުނު އިތުރު އެތައް ބައެއް:

ހިތްދަތި އެތައް ތަޖުރިބާއެއް ކޮށް، ހިތްހަލާކުވެ، ހަތަރު އުދަރެސް ފެނުޖެހިފައިތިބި، ބަލި އެތައް ހިތެއްގެ ކެކުޅުމުގެ އިހްސާސްތައް ފުނިޖެހިފައިވާ، މި ހަތަރު ފާރުތެރޭގައި ވަންހަނާވެފައިވާ ވާހަކަތަކުން ދޭހަވަނީ ކެހިވެރި މިދުނިޔޭގެ ހިތި ހަގީގަތާއި ބޭއިންސާފެވެ. ކުޑަކުޑަ މި މުޖުތަމައުވެސް ރަހުމުކުޑަކަމަށް ފަރިތަކަމާއި، އިހުސާންތެރިކަމަށް ބީރައްޓެހި މިންވަރެވެ. ދުނިޔޭގެ އުފަލާއި ހިތްހަމަޖެހުމާއި އަރާމަށްޓަކައި އަމިއްލަ ލޭ ގުރުބާންކޮށްލަންވެސް ތައްޔާރަށް ތިބޭ ކަމެވެ.

"ބައެއް މީހުން އެބަތިބޭ އެމީހުންގެ ދަރިން މިތަނަށް އައިސް ބައްދަލުކުރުމަށްފަހު، ބަލައި މި އަންނަނީ އޭ ބުނެފައި ދިއުމުން، ކޮތަޅަކަށް އެއްޗެހި އަޅައިގެން ތައްޔާރުވެ ދޮރުމަތީ މަޑުކޮށްގެން އެތައް މަހެއް ވަންދެން. ހަމައެކަނި ފޮރުވާފައި އޮތް ފައިސާކޮޅު ވީތަނެއް ހޯދަން މައިންބަފައިންގެ ގާތަށް އައިސްލާފައި، މަރުވެދާއިރުވެސް ޚަބަރެއް ނުވާ ކުދިންނާއި ދިމާވޭ. މުދަލާއި ގެދޮރު ނުދީގެން ގުޅާފައި ހުތުރުކޮށް ވާހަކަދައްކަން ޖެހިލުން ނުވާ ދަރިންވެސް އެބައުޅޭ،" ގުރައިދޫ މަރުކަޒުގައި ބަލި މީހުންގެ ކަންކަން ގާތުން ބަލަހައްޓަމުން އައި މީހަކު ކިޔައިދިނެވެ.

އޭނާ ކިޔައިދޭ ގޮތުގައި، ދަރިންގެ ފަރާތުން އެތައް އަނިޔާއެއް ތަހައްމަލްކޮށް، ނިކަމެތިކަންމަތީ ބިކަ ހާލުގައި ޖެހި ބާކީވެގެން، އެތަނަށް ގެންގޮސްފައިވާ އެތައް ބަޔަކު މިއަދުވެސް މަރުކަޒުގައި އެބަތިއްބެވެ. އަދި ތަނަވަސްކަންމަތީ ފުދިގެން އަރާމުގައި އުޅޭ އިރު، އާއިލާއާ ވަކިވެ ބަލިއެނދުގައި ތިބޭ މައިންބަފައިންގެ ހާލު ބަލައިލާން ހަނދާން ނުހުންނަ ދަރިންވެސް މި މުޖުތަމައުގައި އެބަތިބިކަމަށް އޭނާ ބުނެއެވެ.

މި ހިތާމަ ތަހައްމަލު ކުރަމުންދާ އެކަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ ޚާލިދާއެވެ. ޚާލިދާ އަކީ އޭނާގެ ފިރިހެން ދަރިފުޅުގެ ފަރާތުން ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާގައި މިއަދު ނުކުޅެދިފައި ހުރި އަންހެނެކެވެ. ރަށުގައި އޭރު އުޅުނުއިރު ތަޅައި އަނިޔާކޮށް، ބޮލުގައި ހިފައި ބިންމަތީގައި ދަމައިހެދީވެސް އޭނާގެ ލޯބިވާ ދަރިފުޅެވެ. އެކަމަކު އެ ހާލު އޭނާއަށް ޖެއްސި ދަރިފުޅަށް މިއަދުވެސް އޭނާގެ ހިތްހެވެވެ. އޭނާ ނެތަސް ދަރިފުޅަށް އުފާވެރި މުސްތަޤުބަލެއް މިންވަރުކުރެއްވުން އެއީ އަބަދުވެސް ޚާލިދާގެ ދުޢާއެވެ.

ޚާލިދާގެ އިތުރުން ޝަމްސާ އަކީވެސް އެފަދަ އަނިޔާތަކެއްގެ ޝިކާރައަކަށްވީ މަންމައެކެވެ. ގޭގައި ހިނގި އަރައިރުމެއް ހޫނުވެ، ދޮރެއްގެ ދޭތެރޭގައި އަތް ވިއްދައިގެން ހުއްޓައި ދޮރުލެއްޕި ގޮތަށް އިނގިލި ބުރިވަންދެން އަޅާވެސްނުލާ އޭނާގެ ދަރިފުޅު ބަލަން ހުރި ދުވަހުގެ ހަނދާން ޝަމްސާ މިއަދުވެސް ހިއްސާކުރަނީ ދާދި ދެންމެއަކު ހިނގައިދިޔަ ކަމެއްފަދައިން، ހިތް ކުދިކުދިވެ ގިސްލާ ހާލުގައެވެ. ކަން އެހެން އޮތް ނަމަވެސް ޝަމްސާ އަދިވެސް އިންތިޒާރު ކުރަނީ، އެ ދަރިފުޅަށް ހެޔޮވިސްނުން ލިބިގެން އޭނާ ބަލައި އަންނާނެ ދުވަހަކަށެވެ. ހިތާމަވެރި ދުވަސްތައް ހަނދާނުން ފޮހެވޭ ވަރުގެ އުފަލަކަށް އެކަން ވާނެ ކަމަށް އޭނާ ދެކެއެވެ.

މަރުކަޒުގައި ދެން ތިބި މީހުންގެ ތެރެއިން، ދެކުނުގެ ރަށަކަށް އުފަން ހުސޭނަކީވެސް ހިތްދަތި އެތައް ތަޖުރިބާއަކާއި ކުރިމަތިލާފައި ހުރި ބައްޕައެކެވެ. ބަލިކަށިވެ ނިކަމެތިވީ ދުވަހު، ބޮޑެތިވެފައި ތިބި ދަރިން ތިބެމެ، އޭނާއާއި މެދު އިހުސާންތެރިވާނެ ކުއްޖެއް ނެތުމުން މިއަދު އެހުރީ ދައުލަތުގެ ބެލުމުގެ ދަށުގައެވެ. އޭނާ އެތަނުގައި ހުއްޓައި ބަލައި އަންނާނެ ކަމަށް ބުނެފައި "ގެއްލުނު" ދަރިން އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގައި، ދޮރުމަތީ ކިތަންމެ ދުވަހެއްވާންދެންވެސް ހުސޭނު ހުރެދާނެއެވެ. އޭނާ ހިތުގެ އަޑިން އެ ދަރިންނަށްކުރާ އިތުބާރާއި، ދަރިންނަށްޓަކައި ހިތުގައި އޮތް ކުލުނަށް ދުވަހަކުވެސް ބަދަލެއް ނާންނާނެތީއެވެ.

މީގެ އިތުރުން, ގުރައިދޫ މަރުކަޒުގައި އޮތް ބަލި މަންމައަކާއި މެދު ކަން ހިނގައިދިޔަ ހިތިގޮތް އެތަނުގެ މުވައްޒަފަކު "ވަގުތު 26" އާއި ހިއްސާކޮށްފައި ވެއެވެ. އޭނާ ކިޔައިދިން ގޮތުން, މަންމަގެ ހާލުވެސް ބަލައިލުމެއް ނެތި ދަރިން ގުރައިދޫ މަރުކަޒަށް ގުޅީ, މަންމައަށް ލިބިފައި އޮތް ގޯއްޗެއް ހޯދަން ކޯޓަށް މަންމަ ގެންގޮސްދިނުމަށް އެދި ކަމަށެވެ. އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް އެ މަންމަ މި ދުނިޔެއާއި ވަކިވެދިޔައިރުވެސް ދަރިންގެ ޚަބަރެއް ނެތްކަމަށް އޭނާ ކިޔައިދިނެވެ.

މައިންބަފައިންނަށް އަޅާލުމާއި މެދު ދީން ބުނަނީ ކީކޭ:

އަޅުގަނޑުމެންގެ މާތްވީ އިސްލާމްދީނުގައި، މައިންބަފައިންނަށް ކިޔަމަންތެރިވެ ހެޔޮކޮށް ހިތުމަކީ ވަރަށްވެސް ދަރަޖަ މަތިވެރި ވެގެންވާ އަޅުކަމެކެވެ. މިއީ އަޅުގަނޑުމެންގެ އިސްލާމީ ރިވެތި އަހުލާގާއި، އަދި ދިވެހިންގެ އިޖުތިމާއީ ފޭރާމުގައި ރަނުން ފެވިފައިވާ ރީތި އާދައެކެވެ. ނަމަވެސް ހިތާމައަކީ މަދުންނަމަވެސް މި މަތިވެރި ވާޖިބު, ބައެއް ދަރިންނަށް މައިންބަފައިންގެ މައްޗަށް އަދާ ނުކުރެވޭތީއެވެ.

މައިންބަފައިންނަށް އޯގާތެރިވެ އަޅާލުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ, މުހިންމު ކަމެކެވެ. މިއީ ދީނީ ގޮތުންނާއި ދުނިޔަވީގޮތުންވެސް ދަރިންގެ ބޮލުގައި އެޅިފައިވާ, ދަރިން އަދާކުރަންޖެހޭ ޒިންމާއެކެވެ. އެއީ މައިންބަފައިންނަކީ އިންސާނުން މިދުނިޔެއަށް ފޮނުއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ ސަބަބު ކަމުގައިވާތީއެވެ. ނަމާދަށްފަހު އެންމެ ބޮޑު ހެޔޮވެގެންވާ ކަމެއްގެ ގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވީވެސް މައިންބަފައިންނަށް ހެޔޮކޮށްހިތައި އަޅާލުމުގެ ވާހަކައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

)وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ( (سورة لقمان: 14)

މާނައީ: "އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއައިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ. އަދި(މަންމަގެ ގާތުން) ކިރުބުއިން ހުއްޓާލުން ވަނީ ދެއަހަރުގެ ތެރޭގައެވެ. ތިމަންއިލާހަށް ޝުކުރު އަދާކުރާހުށިކަމެވެ. އަދި ތިބާގެ މައިންބަފައިންނަށް ވެސްމެއެވެ. އަދި ތިޔަބައިމީހުން އެނބުރި އައުންވަނީ ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ."

އެއްދުވަހަކު ބޭކަލަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދުރުވެ ދެންނެވިއެވެ.

قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي قَالَ ‏"‏ أُمُّكَ ‏"‏ ‏.‏ قَالَ ثُمَّ مَنْ قَالَ ‏"‏ ثُمَّ أُمُّكَ ‏"‏ ‏.‏ قَالَ ثُمَّ مَنْ قَالَ ‏"‏ ثُمَّ أُمُّكَ ‏"‏ ‏.‏ قَالَ ثُمَّ مَنْ قَالَ ‏"‏ ثُمَّ أَبُوكَ ‏"‏ (رواه مسلم: 2548)

މާނައީ: "އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ އެމީހެއްގެ މައްޗަށް އޯގާތެރިވުމާއި އަޅާލުންދިނުން އެންމެ އަޢުލާކަން ބޮޑުވެގެންވަނީ ކާކުގެ މައްޗަށްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމައެވެ." އަނެއްކާވެސް އެބޭފުޅާ ސުވާލުކުރެއްވިއެވެ. "ދެންކާކުހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ. "ދެންވެސް ތިބާގެ މަންމައެވެ." އަނެއްކާވެސް ސުވާލުކުރެއްވިއެވެ. "ދެންކާކުގެމައްޗަށް ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ދެންވެސް ތިބާގެ މަންމައެވެ." އަނެއްކާވެސް ސުވާލުކުރެއްވިއެވެ. "ދެންކާކުގެމައްޗަށް ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. ތިބާގެ ބައްޕައެވެ."

ރުޤްޔާކޮށްގެން ސިހުރުން ސަލާމަތް ކުރެވިދާނެކަމުގެ އުންމީދު

ހަސީނާއަށް ޒުވާން އުމުރުން ފެށިގެން ދިމާވަމުން އައި ގިނަ ކަންކަން ގުޅިފައިވަނީ އޭނާއަށް ކުރިން ހަދާފައިވާ ސިހުރާއި ކަމަށް އާއިލާ އާއި އަދި އެނޫންވެސް އޭނާ ދަންނަ ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް އޭނާ އެކަމުން ސަލާމަތް ކުރުމަށްޓަކައި އޭރު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަން އެނގެއެވެ.

މިކަމާއި ގުޅޭގޮތުން، ރާއްޖޭގައި ޝަރުޢީ ރުޤްޔާގެ ހަމަތަކުގެ އަލީގައި މީގެ 11 ވަރަކަށް އަހަރު ކުރީން ފެށިގެން ގިނަ ބަޔަކަށް ފަރުވާކުރުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަލީ އާސިރު ބުނެފައިވަނީ، ކޮންމެ ސިހުރަކީވެސް އަނިޔާވެރިވުމުގެ ގޮތުން ހަދާ ސިހުރެއް ކަމަށެވެ. އަދި ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކޮންމެ ކަހަލަ ސިހުރެއް ހެދިޔަސް އެ ސިހުރެއް ޖެހޭނީ اللّٰه‎ ގެ އިޒުނަފުޅާއި ލައިގެން ކަމަށާއި، އެހެންކަމުން އެކަލާނގެ އިޒުނަފުޅާއެކު ސިހުރަށް ފަރުވާވެސް ކުރެވޭނެ ކަމަށެވެ.

އާސިރު ވަނީ މީގެ ކުރިންވެސް ސިހުރުގެ ސަބަބުން ސިކުނޑިއަށް އަސަރުކޮށް ނަފްސާނީގޮތުން އަނިޔާ ލިބިފައިވާ ގިނަ ބަޔަކަށް ވެސް ފަރުވާދީފައެވެ. އެހެންކަމުން ހަސީނާއަށް މެދުވެރިވެފައިވާ ޙާލަތަކީވެސް اللّٰه‎ ގެ އިރާދަފުޅުން ފަރުވާކުރެވިދާނެ، ވަރަށް ޢާންމުކޮށް މީހުންނަށް މެދުވެރިވާ ހާލަތެއްކަމަށް އޭނާ ބުނެއެވެ.

ހަމައެހެންމެ ބައެއް ކަހަލަ ސިހުރަކީ، އެ ސިހުރެއް ސީދާ ހަދާފައިވާ ގޮތެއް ނުވަތަ ސިހުރު ހަދާފައިވާ ވަކި އެއްޗެއް ހޯދޭނެ ސިހުރަކަށް ނުވާއިރު، ހަދާފައިވާ ސިހުރުގެ ހަޤީޤަތް ދެނެ ނުގަނެވުނަސް ރުޤްޔާއިން ފަރުވާ ލިބިގެންދާ ކަމަށް އާސިރު ބުނެއެވެ. އެހެންކަމުން ހަސީނާއަށް ހަދާފައިވާ ސިހުރަކީ ރުކަކަށް ޖެހި މޮހޮރެއްގައި ހަދާފައިވާ ސިހުރަކަށް ވިޔަސް، އަދި އެއީ ކަނޑުގެ ދިރުމަކަށް ކާންދީފައި އޮތް ތަވީދެއް ކަމުގައިވިޔަސް, ސީދާ އެތަކެތި ނުހޯދައިވެސް ސިހުރު ބާތިލްކުރެވޭނެ މަގު އޮންނާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.

"މީހަކު ދުނިޔެއިން މޮޔަކޮށްލުމަށް ހަދާ ސިހުރާއި އެނޫން ސިހުރާއި ވަރަށް ތަފާތުވާނެ. އެހެންވީމައި އެމީހަކު އެކަމުން ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްވެސް ތަފާތުވާނެ. ސިހުރެއްގެ ސަބަބުން ދުނިޔެއިން މޮޔަވެފައި ހުންނަ މީހަކަށް ބޭނުންވާނީ ކައިރީގައި ތިބޭ ބައެއްގެ އެހީތެރިކަން. އޭނާއަށް ޖެހިފައިވާ މުސީބާތުން ސަލާމަތްކޮށްދިނުމަށް އަމިއްލަ އިހުތިޔާރުގައި މަސައްކަތް ނުކުރެވޭ ހާލަތުގައި، އެހެން މީހުން އެކަމަށް މަގުފަހިކޮށްދީގެން މެނުވީ ސިހުރުން ސަލާމަތްވުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެގޮތުން ރުޤްޔާ ކުރުމުގައި ކިޔަވާ އާޔަތްތައް އޭނާއަށް އަޑުއިވޭ ހިސާބުގައި ކިޔައިދީ، ޤުރުއާނުގެ އާޔަތްތައް އޭނާއަށް އަޑުއިއްވައި ދިނުމަކީވެސް ވެދެވޭނެ އެހީއެއް،" އާސިރު ބުންޏެވެ.

އާސިރު ބުނާގޮތުން ރާއްޖޭގައި ސިހުރުގެ ކަންކަމަށް ގިނަ ބަޔަކު ހޭލުންތެރިވި ވަރަކަށް ސިހުރު ހަދާމީހުން އަންނަނީ ގިނަވަމުންނެވެ. އެގޮތުން އަނިޔާތަކަށް ހުށަހެޅިފައިވާ މީހުންނަށް ޝަރުޢީ ރުޤްޔާގެ ނަމުގައި ފަރުވާދިނުމަށް ކަމަށްބުނެ، اللّٰه‎ އަށް ޝިރުކުކޮށް ސިހުރުހަދާ މީހުން އިންތިހާއަށް އިތުރުވެފައިވާކަން، ކަންބޮޑުވުމާއެކު އޭނާ ފާހަގަކުރެއެވެ. އެހެންކަމުން އެފަދަކަންކަމަށް ސަމާލުވެ، އީމާންތެރިކަން ވަރުގަދަކުރުމަށް މަސައްކަތްކުރަންވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިދާރާތަކުން ބުނަނީ ކީކޭ:

ހަސީނާއަށް ލިބެމުންދިޔަ އަނިޔާތަކާއި ގުޅިގެން އާންމު ފަރާތަކުން ހިއުމަން ރައިޓްސް ކޮމިޝަނަށް އެ މައްސަލަ ލިޔެކިޔުމުން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ކޮމިޝަނުން ޖެހިގެން އައި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކަމަށް ޖަވާބުދާރީވެ ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ރަށު ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

އެމައުލޫމާތު ސާފުކުރުމަށް ސުވާލު ކުރުމުން ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ ހަސީނާއަށް ޖިންސީ އަނިޔާ ލިބެމުންދިޔަ ކަމުގެ މައުލޫމާތު ލިބިފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ ހަސީނާއަށް ޖިންސީ އަނިޔާ ލިބެމުންދިޔަ ކަމުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލިބުނު ކަމަށެވެ. އަދި "އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކޮށްފައި ވާނެ" ކަމަށާއި، އޭގެ ފަހުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާންމު މީހެއްގެ ފަރާތުންވެސް މިނިސްޓްރީގެ ސަމާލުކަމަށް އެ މައްސަލަ އައި ކަމަށެވެ. ޖެންޑާއިން ވިދާޅުވެފައި ވަނީ ހަސީނާއަށް ރައްކާތެރިކަން ފޯރުކޮށްދީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޭނާ ބަލަހައްޓާނެ މީހަކު އާއިލާ ތެރެއިން ހަމަނުޖެހުމުން ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ހަސީނާ ގެންދިޔައީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ނޯޓް: "ވަގުތު 26" އިން ކުރިޔަށް ގެންދިޔަ މި ތަހުގީގުން ހާމަވެގެންދިޔަ ކަންކަމާއި، އަލިއަޅުވާލެވިފައިވާ މައްސަލަތަކުގެ ބާވަތުން، ރިޕޯޓުގައި އަސްލު ނަންތައް ބޭނުންކުރެވިފައެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ށަވިޔަނި

    ޔާﷲ އެ ދައްތަގެ ފާފަ ފުއްސަވައި ބައްޔަށް އަވަސް ޝިފާއެއް ދެއްވާށި އަދި އުފާވެރި ދުވަސްތަކެއް ދައްކަވާށި. އާމީން

    159
    1
  2. Anonymous

    ރާއްޖޭގެ ހުރިހާ މުއައްސަސާއެއް ވަނީ ފެއިލްވެފައި. ޒިންމާދާރު މަޤާމުތަކުގައި ތިބި ގިނަ މީހުންނަކީ މުސާރައިގެ ބޭނުމުގައި ވަޒީފާއަށްދާ ބައެއް، ޒިންމާ އަދާނުކުރޭ. ނުވިތާކަށް

    83
    3
  3. ވަގުތު ނޫސް ކިޔުން ތެރިއެެއް

    ރިޕޯރޓް ފުރިހަމަ .....ކިޔާލެވުނީ ވަރަށް ވިސްނާގެން އިނދެ......ދެން މިވާހަކަ މި ލިޔަނީ ކޮންމެހެން މީގަހުރި ވާހަކަ ތަކަށް ފާޑު ކިޔާކަށް ނޫން.....އަޑު އިވޭގޮތުގައި...އަދި ބައެއް ފަހަރު އަމިއްލަ އަށް ފެނިފައިވާ ގޮތުގައި
    ގިނަ ފަހަރު ގައި މައިން ބަފައިންނަށް އެގޮތަށް ދިމާވަނީ....އެމީހުން އެމީހު ްްްން ގެ މައިންބަފައިންނަށް އެގޮތަށް ޢަމަލުކޮށްފައިވާތީ.......އަޅުގަނޑު ކީ ހަޤީގީ ވާހަކައެއްގެ ޚުލާސާ ކޮށްލާނަން...
    އެއްދުވަހަކު މިސްކިތެއްގެ ކައިރީގައި ދަރިޔަކު ބަފަޔަކު ގައިގާ ތަޅާތަން ފެނިފައި...އެތާގަ ތިބި ބަޔަކު އެ ކުއްޖާ އާއި ބައްޕަ ވަކި ކުރަން އުޅުމުން...މިސްކިތުގެ އިމާމު ވިދާޅުވިކަމަށް ވިއެވެ...."ކަލޭމޭން އެ ކުއްޖާ އެ ގޮތަށް ދޫކޮށްލާށެވެ....އަހަރެންގެ މި ދެލޮލުން މިތާގައި އެކުއްޖާ އެ ތަޅާ ބައްޕަ އޭނާ ގެ ބައްޕަގެ ގައިގައި ހަމަ ތި ގޮތަށް ތަޅާތަން ދުށީމެވެ..."
    މީ ކޮންމެހެން އެކަމަށް ބާރު އަޅަން ލިޔުނު އެއްޗެއްނޫން.....އިބުރަތަކަށް ފުދޭނެ ކަމަށް....

    64
    19
    • ޔައުގޫބު

      މިސްކިތުގެ އިމާމަކަށް ވިއަސް އެގޮތަކަށް ނުބުނެވޭނެ. ހާދަހާ ހަޔާތްކުޑަ އިމާމެކޭ ތީ. މައިންބަފައިން ކިތަންމެ ނުބަޔަސް ދަރިން އެމީހުންނަށް ހެޔޮކޮށް ހިތަން އަންގަވާފަ އޮތީ. އުމަރުގެފާނުގެ ބަސްފުޅެއްވެސް އޮންނާނެ. ދަރިޔަކު ބަފަޔައިގެން ޝަކުވާ ދެންނެވީމަ. ބަފާ ކިތަންމެ ނުބަޔަސް ހެޔޮކޮށް ހިތަން އެންގެވީ.

      55
      1
  4. Ahaan

    ހާދަ ލަދުކުނޑަ ދަރިންނޭ ދޯ.މަދަން އެމީހުން ގެ ދަރިން އެ މީހުންނަން އެހެން ހެދީޔާ ވިސްނޭނީ😡

    73
    4
  5. ޒަރީރު

    މިހާފުރިހަމަ އަސަރުގަދަ ރިޕޯޓެއް އަދި ނުކުޔަން ' އަސްލުގައިވެސް ރޮވިއްޖެ ، ވަގުތު ޓީމަށް ހިފެހެއްޓުމެއްނެތް ޝުކުރު އަދާކުރަން ، މިރިޕޯޓުން އެތައްބަޔަކު ހޭލައްވާލިކަން ހަމަޔަގީން

    81
    3
  6. Anonymous

    😢😢😢

    21
  7. 🙁🙁🙁

    ތީގަ ދެފަރާތުންވެސް ގޯސްތަކެއް އެބަހުރި. ޢެކަކު އެކަންޏެއްނޫން ވިކްޓިމަކީ.

    42
    3
  8. މަފާޒު

    ދައުލަތުގެ އިދާރާތަކުން އިންސާފު ލިބޭނީ އަޑުގަދަ ނުފޫޒުގަދަ މީހާއަށް.އޭރުން ވަގުތުން އެކްޓިވޭޓްވާނެ ރިއެކްޓްވެސް ކުރާނެ.ދެރަ މީހާގެ މައްސަލައިގައި ވާނީ ފުލުހުން އެބުނާހެން ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާނީ.
    ދަރިންގެ ވާހަކަތަކުން އެނގުނީ މަންމަ ބަލަން ބޭނުން ނުވާކަން އެކަމަކު ވެސް މަންމަ ނުބެލިޔޭ އެހެން މީހަކު އަނގައިން ބުނަން އެމީހުން ބޭނުން ނުވާކަން.މަންމަ ބަލަން ބޭނުން ނުވެ އެކަމަކު އަސްލު ނުބަލަނީކީ ނޫނޭ ބެލެން ނެތީއޭ ބުނެ އެކަން ޖަސްޓިފައި ކޮށްދޭން އެމީހުން ބޭނުންވަނީ.ގަބޫލުކުރަން ނުކުޅެދޭ މަންމައަކު ބެލުމުގަ އެމީހެއްގެ ލައިފް ޕާޓްނާ އޯކޭ ނުވަންޏާވެސް އެކަން ނުކުރެވޭނެ.ސިމްޕަލްކޮށް ބުނާނަމަ މެޖޯރިޓީ ފެމިލީސް ތަކުގެ ހާލަތު މިއީ.މައިންބަފައިން ބަލަން ވީމަ މަ ބިޒީ ،މަގޭ ޖޮބް

    38
    1
    • ހަސަނު

      ވަޒީފާޔާ ފިރިމީހާޔާ އޭނާގެ އާއިލާއާ އެންމެން އައީވެސް އެމަންމަޔަށްވުރެ ފަހުން ދޯ ތިމީހާގެ ހަޔާތަށް..ދެންއެމަންމަޔަށް އަޅާލާ ގެނެސްގޭގަ ގެންގުޅުމުން ހެޔޮލަފާ ފިރިޔަކުވިއްޔާ ހުންނާނެ އެއްބާރުލުންދޭނެ..އޭނަވަރިކުރިޔަސް އެގެއިންނެރެލިޔަސް އެ މަންމަޔަށްޓަކާ ާާާާާާާާާާވާގުރުބާނިގެ އަގު މާތްﷲދއެއްވަވާނެކަން ޝައްކު ުުނުކޮއްހުރީމަ މާރަނގަޅުވާނެ ފިރިޔަކު އަދިތިޔައްވުރެ ތަނަވަސް ދުވަހެއްވެސް ދެއްކެވުން ކުޅަދުންވަންތަ ކަމާމެދު ޝައްކުނުކޮއް ﷲއަށްވަކީލު ކުރީމަ ރަނގަޅުވާނީ..ދުނިޔެމީ އިމްތިހާނެއް މައިންބަފައިން ބަލަހަށްޓަން ލިބުން އެވެސްއެއީ ލިބޭނަސީބެއް..އެ ނަސީބުން އަމިއްލަޔަށް މަހުރޫމުނުވޭ...ފިރިޔަކު ލިބިދާނެ މަޔަކު ބަފަޔަކު ނުލިބޭނެ...

      34
      1
  9. މުރާނާއަ

    ވަރަށް ރަނގަޅު މަސައްކަތެއް . މިފަދަ ވަރަށް ގިނަ ކޭސްތައް ހަމައެކަނި ގުރައިދޫ މަރުކަޒުން ފެނޭ. މިފަދަ ރިޕޯޓްތައް ކޮންމެ މަހަކު އެއްފަހަރު ނަންތަކާއެކުގަ ނެރެދިނުން އެދެން. ދެން ވީޑިއޯ އެޑިޓިންގ އަށް ކޮއްކޮމެން ތަންކޮޅެއް އާ ކަމަށް ފެނޭ. ބެކްމިޔުޒިކާހުރެ ބައެއް ތަންތަނުން ވާނުވާ ނޭނގޭ

    15
    1
  10. ރައް

    ގައުމު ހަމަ ރަނގަޅައް ވެސް ފެއިލް.
    ފެއިލް ނުވާ އެއްވެސް ތަނެއް ނެތް،
    ވެރިމީހާ ހިސާބުން ފެށިގެން...

    35
    4
  11. އަހަރެންގެ ނަން ސިއްރު

    ހަސީނާގެ ދަރީންވަރުގެ ލަދު ހަޔާތްކުޑަ ބަޔެެއް މަނުދެކެން. އަދި އެމީހުން އިނދެގެން އުޅޭ މީހުންގެވެސް ލަދުހަޔާތެއްނެތް. މައިންބަފައިން ބަލަންވީމާ ހުސް އުޒުރު. ވަޒީފާބިޒީއޭ، ލާރިނެތޭ، ފިރިމީހާ ނުގަބޫލޭ، އަންހެނުން ނުގަބޫލުވީމާ މައިންބަފައިން ނުބަލަން މިތިބެނީ. ހަޔާތްކުޑަވިޔަސް ތަންފުކެއްބޮޑުވަރު.ދެން ހަސީނާގެ އެއްބަނޑު އެއްބަފާމީހުންނަށްވެސް މިތިބީ ހުސް ޖަނަވާރުން ކަހަލަ އިންސާނުން. ހަސީނާގެ އިންސާނީ ކަރާމަތް ގެއްލުވާލި ހައިވާނުންނަށް އެޅުނު ފިޔަވަޅެއްނެތް.ހަސީނާ އަށް ހެދުނު ގޯހަކީ ރަޝީދު ކައިރިން ދަރިން އުކާލާފައި ދިޔުން. ރަށްފުށުގައި މިއުޅޭމީހުންގެ އުޅުމާ އަހްލާޤު ހާދަ ގޯހޭ.

    54
    3
  12. ޓިއާރސްއޮފްބުލަޑް

    ހަސީނާއަށް ބައިޕޯލާ ޑިސްއޯޑާރ ގައި އަންނަ ހައިޕޮމޭނިއާ އެޕިސޯޑްތައް ކުރިމަތިވާން ފެށީ ވައްތަރު ޖަހާ ހައިޕޮމޭނިއާ ގެ ސަބަބުން މީހާއަށް ނުނިދެންޏާ ކިތަންމެ ވަރަށް ރުގުޔާ ކުރިޔަސް ރަނގަޅުނުވާނެ ނުނިދާ ނުހުރެވޭނެ ، މައިންނަށް އަނިޔާކުރާމީހުން އުމުރަށް ޖަލަށް ލާންވީ މައިމީހަ އިނގިލި ފިއްތާލި ސޮރު ވަކިން ހާއްސަކޮށް

    15
    1
  13. ވބ

    ހާއްސަ އެހީ އައް ބޭނުންވާ ތާކު ނަފްސާނީ ޑޮކްޓަރެއް ނެތި 6 އަހަރު ؟؟؟ މިކަން ބޮޑައްބަލާދީ!! ވަރައްބޮޑު މައްސަލައެއް

  14. ފަޒީލް

    އަސްލު ހުރިހާ ޒިންމާ އެއް އުފުލަން ޖެހޭނީ އެޗްއާރސީއެމް އިން. ގާބިލުކަމެއް ނެތް 5 މެންބަރަކު ތިބެގެން ކުރާއެއް ކަމެއްވެސް ނެތް. ވާނުވާ ނޭނގޭ މުވައްޒަފުން ލައިގެން ގަނޑަތެޅެނީ. މައްސަލަ އެއް ނުބެލޭ. ސިޔާސީ ތައްޕާހުން ފޯވެފަ.

  15. އަސްލަމް އަހްމަދު

    ހަގީގަތަކީ ދިވެހިރާއްޖޭގެ ކަންކަން ހުރީ ތިމާ ތިމާއަށް ކަންކަން ކުރުމުގެ އުސޫލުގައި. ކުއްޖާ ވިހާތަނުން ފެށިގެން ބޮޑުވުމާ ހަމައަށް ވެސް ތަރުބިއްޔަތު މިހާރު ވަމުން ދަނީ ނެތް އެއްޗެހި ހޯދުމަށާއި، ފޮނި ކެނޑުމަށާއި، ތިމާގެ އަމިއްލަ މަސްލަހަތު އިސްކުރުމަށް. މިހެން މިކަން ދިމާވަނީ މަތީ ފަޑީގައި ތިބޭ ބޭފުޅުން މިފަދަ ކަންކަމުގައި އެއްވެސް ތަޖުރިބާއެއް ނެތި އެފަދަ މަންޒަރުތައް ދައްކާތީ. ގައުމު އޮތީ އެމީހަކާ އެމީހަކު ވެފައި. ވެރިން ވެސް އުޅެނީ އެހެން. ދަރިން ވެސް ތަރުބިއްޔަތު ވަނީ އެހެން. ސަލާމަތެއް ވާން ބޭނުން މީހަކު ވެއްޖެޔާ މިތަނުން ނުކުންނަންވީ.

  16. Anonymous

    ރަމީޒު އަކީ މަންމަ ދެކެ ވަރަށް ރުޅިއަރާ މީހެކެވެ

  17. ނީޝާ

    ހަމަ ނުވެސް ކިޔުނު ހިތައް އަސަރުކުރާވަރުން ޔާﷲ މިދައްތައަށް ހެޔޮރަހުމަތް ލައްވާންދޭ.. އާމީން

    12
    1