ބައިނަލްއަގްވާމީ އެކި ބްރޭންޑްތަކުގައި ދިވެހި ޝެފުން ވިދާލާ މަންޒަރުތައް ދަނީ ފެންނަމުންނެވެ. ރާއްޖެއާ ރާއްޖެއިން ބޭރުގެ މަތީ ފަންތީގެ ރިސޯޓްތަކާއި ރެސްޓޯރެންޓްތަކުގައި ދިވެހި ޝެފުން ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކޮށް، ދުނިޔޭގެ އެކި ހިސާބުތަކުގެ އިސް މަގާމުގައިވެސް ދިވެހި ޝެފުން މަސައްކަތް ކުރަމުން ދެއެވެ.

ދިވެހި ޝެފް، އާދަމް ޝިހާބަކީ ޝެފެއްގެ ގޮތުގައި ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް ސައުދީ އަރަބިއްޔާގެ ރިޔާދުގެ ކުންފުންޏެއްގައި އިސްކޮށް މަސައްްކަތް ކުރަމުން ގެންދާ ޝެފެކެވެ.

އޭނާ ދަނީ ސައުދީގެ ފުޑް އެންޑް ބެވެރޭޖް ކުންފުންޏެއް ކަމަށްވާ މަފާޒް ޓްރޭޑިންގ ކޮމްޕެނީގެ 750 މުވައްޒަފުންނާއެކު މަސައްކަތް ކުރަމުންނެވެ. އޭނާގެ މަގާމަކީ އެގްޒެކެޓިވް ޝެފެެވެ. އޭނާއަކީ ދިރާސާތައް ކުރުމާއި، ޑެވެލޮޕްމެންޓް ކަންކަމުގައި އިސްކޮށް މަސައްކަތް ކުރާ ޝެފެކެވެ. އޭނާގެ ދަށުން 750 މުވައްޒަފުން މަސައްކަތް ކުރާއިރު، އޭނާގެ ދަށުގައި 23 ރެސްޓޯރެންޓް ބްރޭންޑެއް ހިމެނެއެވެ. އޭގެ ތެރޭގައި ބޭކަރީސްތަކާއި، ކޮފީ ޝޮޕް ޗެއިންސްތަކާއި، ބާގަރ ރެސްޓޯރެންޓްތަކާއި، ސެމީ ފައިން ޑައިން ރެސްޓޯރެންޓްތަކާއި، ޗޮކްލެޓް ބްރޭންޑްތައް ހިމެނެއެވެ.

23 އަހަރު ވަންދެން ދުނިޔޭގެ އެކި މަޝްހޫރު ބްރޭންޑްތަކުގައި މަސައްކަތް ކޮށްފައިވާ އުމުރުން 40 އަހަރުގެ ޝެފް އާދަމް އަކީ ޕޭސްޓްރީ ޝެފެކެވެ. އޭނާ މަސައްކަތް ކުރި ބައެއް ގައުމުތަކުގެ ތެރޭގައި އިޓަލީ، ރާއްޖެ، އިންޑޮނޭޝިއާ، އެމެރިކާ، މިޞްރު، ޕަޕުއާ ނިއުގިނީ، އޮސްޓްރޭލިއާ، ގަތަރު، ފިލިޕީންސް، އަދި އޮމާން ހިމެނެއެވެ. އޭގެ ތެރޭގައި، ފްރާންސްގެ ފޯ ސީޒަންސް، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ކޮންރެޑް ހިލްޓަން ޑުސިޓް ތާނީ، ރިޓްޒް ކާލްޓަން އަދި ރެލައިސް އެންޑް ޗެޓޮކްސް ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަސް ތަރީގެ ހޮޓާތަކާއި ރިސޯޓްތަކުގައި އޭނާ މަސައްކަތް ކޮށްފައި ވެއެވެ.

 

View this post on Instagram

 

A post shared by Official: Adam Schihab (@adamschihab)

 

ޝެފް ޝިހާބްގެ ގިނަ އަދަދެއްގެ ރެސިޕީ ހިމެނޭ ފޮތަށް ދުނިޔޭގެ ބާޒާރަށް!

މިއީ ހަމައެކަނި ޕެސްޓްރީ ޝެފެއް ނޫނެވެ. އޭނާއަކީ ފުޑް އިންފްލުއެންސަރެއްވެސް މެއެވެ. ކަލިނަރީ އުފެއްދުންތަކާ އެކު މަސައްކަތް ކުރުމާއި އަމިއްލަ ރެސިޕީތައް ޑިޒައިން ކުރުމާއި ރެސްޓޯރެންޓް ރޭޓިން ޕްރޮމޯޓް ކުރުމުގައިވެސް އޭނާ އުޅެއެވެ.

އޭނާ އަކީ އެ ދާއިރާއިން މާސްޓާސް ފުރިހަމަކޮށްފައިވާ ޝެފެކެވެ. އެގޮތުން އިންސްޓިޓިއުޓް އޮފް ހޮޓެލް އެންޑް ކޭޓަރިން ސަރވިސަސްއިން ކިޔަވާ، ޔުނިވާސިޓީ އޮފް ލިވަޕޫލުން އިންޓަނޭޝަނަލް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ވަނީ ހާސިލް ކޮށްފައެވެ. ފްރާންސްގެ ޕެރިސްގެ ޕޭސްޓްރީ ސްކޫލްތަކާއި އޭޝިއާގެ އެޗްޓީސީގެ ފްރެންޗް ކަލިނަރީ ސްކޫލުން އޭނާ ވަނީ ތަމަރީނުވެސް ކޮށްފައެވެ.

ޝެފް ޝިހާބްގެ "ދަ އައިލެންޑް ޝެފް ގްލޯބަލް" ލޯންޗިންގ ރަސްމިއްޔާތުގެ ތެރެއިން

"ވަގުތު" އާ ވާހަކަދައްކަވަމުން ޝެފް ޝިހާބް ބުނީ، އޭނާ ތައްޔާރު ކުރި އަމިއްލަ ދެވަނަ އިންޓަނޭޝަނަލް ރެސިޕީ ފޮތް ކަަމަށްވާ "ދަ އައިލެންޑާ ޝެފް ގްލޯބަލް" މިހާރު ބާޒާރަށް ނެރެފައިވާ ކަމަށެވެ.

އެގޮތުން އޭނާގެ މި ފޮތް މިހާރު އެމޭޒަން އިން ގަންނަން ލިބޭނެއެވެ. ފޮތުގެ އަގަކީ 36.36 ޑޮލަރެވެ.

 

View this post on Instagram

 

A post shared by Official: Adam Schihab (@adamschihab)

މި ފޮތް ނެރުމަށް ސައުދި އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހާއްސަ ހަފްލާއެއްވެސް އަންގާރަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. މި ފޮތް ރަސްމީކޮށް ނެރެ ދެއްވީ އެމްބެސެޑަރ މުހައްމަދު ޚަލީލެވެ.

ގދ. ވާދޫއަށް ނިސްބަތްވާ ޝިހާބް ބުނީ، މިއީ އޭނާގެ ދެވަނަ ފޮތް ނަމަވެސް، ކުރިން ފޮތުގައި މައްސަލަތަކެއް ދިމާވެގެން، އިތުރު ފޮތެއްގެ ގޮތުގައި ނެރުނީ ކަމަށެެވެ.

ޝެފް ޝިހާބްގެ "ދަ އައިލެންޑް ޝެފް ގްލޯބަލް" ލޯންޗިންގ ރަސްމިއްޔާތުގެ ތެރެއިން

އިންސްޓަގްރާމްގައި އެއްލައްކަށްވުރެ ގިނަ ފޮލޯވާސް ތިބި ޝިހާބް ބުނިގޮތުގައި، އޭނާގެ ރެސްޕީތައް ބޭނުން ވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް މެސެެޖްތައް ލިބެއެވެ. އެހެންވެ އޭނާ ނިންމީ އޭނާގެ ރެސިޕީތައް ހިމަނައިގެން އިނގިރޭސި ބަހުން ފޮތެއް ނެރުމަށެވެ.

"އެއީ އިންސްޓަގްރާމްގައި އަޅުގަނޑަށް ފޮލޯ ކުރާ ވަަރަށް ގިނަ މީހުން އަބަދުވެސް، ކޮމެންޓްކޮށް، ޑީއެމްކޮށްފައި ރެސިޕީ ދޭށޭ، ދެން އެހެންވެ ހިތައް އެރީ ފޮތެއް ލިޔަންވީއޭ، ފުރަތަމަ ފޮތް ލިޔެފައި އޭގައި ޕަބްލިޝާގައި މައްސަލަތަކެއް ހުުރުމުން، އެހެން ޕަބްލިޝާއެއް ހޯދައިގެން، އަމިއްލަ ދެވަނަ ފޮތް ލިޔެގެން، އެމެރިކާގެ ޕަބްލިޝާއެއް ލައްވާ ޕަބްލިޝް މި ކުރީ"

އޭނާ ބުނިގޮތުގައި، ކުޑައިރުވެސް އޭނާ ވަަރަށް ލިޔެ އުޅުނު ކަމަށެވެ. އަދި އިނގިރޭސި ބަހުން ނެރެން ނިންމީވެސް، ގިނަބަޔަކު އެހެން އަހާތީ، ގިނަބަޔަކަށް އެނގޭ ބަޔަކު އެ ފޮތް ލިބޭނެ ގޮތް ހެދުމަށް ކަމަށްވެސް ބުންޏެވެ.

"އެންމެން ރިކުއެސްޓް ކުރި ރެސިޕީތައް ހުންނާނެ މި ފޮތުގައި ލިޔެފައި".

ޝެފް ޝިހާބްގެ "ދަ އައިލެންޑް ޝެފް ގްލޯބަލް" ލޯންޗިންގ ރަސްމިއްޔާތުގެ ތެރެއިން

މިއީ 250 ސޮފްހާ ހިމެނޭ ފޮތެކެވެ. އޭގައި 200 އެއްހާ ގިނަ ރެސިޕީސް ހިމެނޭނެއެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް މަޝްހޫރު އެހެން 10 ޝެފެއްގެ ރެސިޕީތައްވެސް ހިމެނެއެވެ.

"މީގައި ގިނަ ވާނީ އަހަރެންގެ ރެސިޕީތައް، އެހެން ޝެފުންގެ ރެސިޕީތައް ހިމަނާފައި ވަނީ ފޮތް ސްޓްރޯންގ ކުރުމުގެ ބޭނުމުގައި".

މި ފޮތުގައި ހިމެނެނީ އިންޓަނޭޝަނަލް ރެސިޕީތަކެވެ. އޭގެ ތެރޭގައި ދިވެހި ރެސިޕީއެއްވެސް ހިމެނެއެވެ. އެއީ "ކޮކޮނަޓް ކޭކް" އެވެ. އޭގެ އިތުރުން ޕޭސްޓްރީގެ އެކި ވައްތަރުތަކާއި، ކްރޮސެންޓް، މަކްރޯންސް، ކޭކު، ސޭވޮރީ ޑީޝެސްގެ ލެބެނީސްގެ ކުޒީންތައްވެސް ހިމެނެއެވެ.

ދިވެެއްސެއްގެ މިފަދަ މަސައްކަތްތައް ފެނިފައި އެތައް ބަޔަކު ފަހުރުވެރިވާނެ އެވެ. މިހާރުވެސް ދުނިޔޭގެ އެކި މަންޒިލްތަކުގައި ދިވެހި ޝެފުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ހަމަ ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވާން ޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޞްރުﷲ

    އަލްޙަމްދު ލިއްލާހި!
    ވަރަށް އުފާވެއްޖެ!
    މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅުން، ދިވެހިންނަކީ ވަރަށް އަވަހަށް ކަންތައްތައް ދަސްކޮށްލުނާއި، ޢަމަލީ މައިދާނުގައި އެކަންތައްތަކަށް ޢަމަލުކުރުމުގައި ވަރަށް އާދަޔާއި ޚިލާފު ޤާބިލުކަމާއި ވިސްނުންތޫނުކަން ލިބިފައިވާ ބަޔެކެވެ.
    ދިވެހި ދައުލަތުން ދިވެހިންގެ ގައިގައި މިވާ ޤާބިލްކަން ކުރިއަރުވާން އިދާރާއެއް ހައްދަވައި އެކަމަށް ފަންޑުކުރާ ދުވަހަކުން މިކަމުގެ ނަތީޖާ މުޅި ދުނިޔެއަށް ފެނިގެންދާނެ ކަމުގައި ޤަބޫލު ކުރަމެވެ.

    27
    • ގައިދުރުނު

      ޖަޕާނު މީހުންނަށް ވުރެންވެސްތަ؟

      3
      1
  2. އަލީ

    މަރުހަބާ ޝިހާބް..

    21
  3. Anonymous

    މަރްޙަބާ ލޮބުވެތި ދިވެހިޝެފް
    ފުރިހަމަ ޞިއްޙަތާއި އިތުރު ކުރިއެރުމާއި ކާމިޔާބަށް އެދެން

    31