ހާލާ ރާޝިދު އަބްދު އަލް އަތީގެ ގަޔަށް އިސްރާއީލުގެ ސްނައިޕަރަކު ބަޑި ޖެހުމުން އޭނާގެ ފުރާނަ ދިޔައީ މާމަ ދަރިފުޅާއި އެކު އަމާން ދީގެން ރައްކާތެރި ސަރަހައްދަކަށް ދިއުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

މިދިޔަ ނޮވެމްބަރު މަހު ހިނގި އެ ބިރުވެރި އަދި ހިތްދަތި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯ އެއް މިފަހުން ވަނީ އާންމު ވެފައެވެ.

އެހެން މީހުންނާއި ވެސް އެކުގައި އަލް ރިމާލު ސަރަހައްދުން ނުކުންނަން ހާލާ ދަތި އުނދަގޫ ދަތުރު ފެށީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހުން އަލް ވިއްދާ މަގާއި އަރައި ހަމަވި ތަނުން އިސްރާއީލު ސިފައިންގެ މީހަކު ފޮނުވާލި އުންޑައަކުން ހާލާގެ ފުރާނަ ވަކިވެގެން ދިޔައީއެވެ.

ކައިރި ސަރަހައްދެއްގައި ހުރި އިމާރާތަކުން އެ ވީޑިއޯ ކޮށްފައިވާ އިރު އެ ވަގުތު ވީޑިއޯ ކުރަން ހުރި މީހާގެ އަޑުވެސް އިވިގެން ދެއެވެ.

"އަންހެންމީހާގެ ގަޔަށް ބަޑި ޖަހައިފި. އެ ނުލަފާ މީހުން އެ އަންހެން މީހާ ގަޔަށް ބަޑި ޖަހައިފި." އެމީހާ ބުނެއެވެ.

ހާލާ ވެއްޓުމުން އޭނާ އުރައިގެން ހުރި މާމަދަރިފުޅުވެސް ވަނީ ބިންމައްޗަށް ވެއްޓިފައެވެ. އެ ދަރިފުޅުގެ އަތުގައި ހުދު ދިދައެއް އޮތެވެ. އެވަގުތު ކައިރީގައި ތިބި މީހުން ފަރާތުން ހާލާގެ މާމަ ދަރިފުޅަށް ރައްކާތެރިކަން ދިން އިރު، މީހަކު ދުވެފައި ހާލާ އަށް އެހީވުމަށް ދާ މަންޒަރު ފެނެއެވެ.

މިހާރު ޣައްޒާގެ އެކި ހިސާބު ތަކުގައި ތިބި ހާލާގެ އާއިލާގެ ދިރިތިބި މެމްބަރުން ބުނެފައިވަނީ ދަތުރަށް އެ މަގު އިހުތިޔާރު ކުރީ ވަރަށް ގިނަ ފަހަރު ރެޑް ކްރޮސް އާއި މަޝްވަރާކޮށް ވާހަކަ ދެއްކުމަށް ފަހުގައި ކަމަށެވެ.

ހާލާގެ ދަރިފުޅު ސާރާ ބައްސާމް ޚަރީސް ވަނީ ގެއިން ނުކުތުމުގެ އެއްދުވަސް ކުރިން އިސްރާއީލު ސިފައިން އެ ސަރަހައްދު ހިސޯރު ކޮށްފައި އޮތުމުން އާއިލާއިން ކަންކުރި ގޮތުގެ ކިޔައިދީފައެވެ. އެ ތަނުން ދިއުމަށް އެހީވުމަށް އެތައް ފަހަރަކު ރެޑް ކްރޮސްގައި އެދި، ކުރިމަތިވަމުން ދިޔަ ނުރައްކާތެރިކަން އިތުރުވަމުން ދިއުމާއި އެކު އެ އާއިލާއިން ވަނީ ގެދޮރު ދޫކޮށް ދިއުމުގެ އުނދަގޫ ނިންމުން ނިންމާފައެވެ.

ހާދިސާ ހިނގި ދުވަހުގެ ހެނދުނު، އިސްރާއީލުން އަޅަމުން ދިޔަ ބޮންތަކުގެ އަޑުތަކުގެ ތެރޭގައި އާއިލާ ވަނީ ފަތިސް ނަމާދުގެ ޖަމާއަތަށް އެއްވެފައެވެ. އަދި ގެއިން ނުކުތުމުގެ ކުރިން އާއިލާގެ އެހެން މެމްބަރުން ގުރުއާން ކިޔަވަން ތިބި އިރު ހާލާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރިއެވެ.

ހާލާގެ ދަރިފުޅު ހިބާ ބުނެފައި ވަނީ އެމީހުންނަށް ކުރިއަށް ވާނެ ގޮތުގެ އެއްވެސް ޔަގީން ކަމެއް ނެތް ހާލުގައި އެމީހުން ދިޔައި ޕާނާއި ޒައިތޫނި ތެޔޮ ހިފައިގެން ކަމަށެވެ. ހާލާ ޝަހީދު ކޮށްލުމުން އެ ހިތާމައިގެ އިތުރުން ހިބާ އާއި އޭނާގެ ފިރިމީހާ ވަނީ އެމީހުންގެ ފިރިހެން ދަރިފުޅު ތާއިމް އާއިވެސް ވަކިވެފައެވެ.

"އަހަރެމެންނަށް އިރުޝާދު ދެވުނީ ރެޑް ކްރޮސް އިން ދިން މައުލޫމާތަށް ބިނާކޮށް. އަހަރެމެން ކައިރީ ބުނެވުނީ ޣައްޒާގެ ދެކުނުގައި ރައްކާތެރިކަމުގެ ފެންޑާއެއް އޮންނާނެ ކަމަށް. އަހަރެންގެ މަންމަ ހުރީ އަހަރެންގެ ދަރިފުޅު ތާއިމް ގޮވައިގެން." ހިބާ ބުނެފައިވެއެވެ.

"ބަަޑި ޖެހި އަޑާއި އަހަރެންގެ ދައްތަ އާއި ދެބެންގެ ދެދަރި ކުއްޖެއްގެ ހަޅޭކުގެ އަޑު އިވުނު އިރު އަހަރެން ހުރީ ގޭގެ ދޮރުމަތީ ފިރިމީހާ ނުކުންނަން ދެން މަޑު ކޮށްގެން. އެމީހުން ދިޔައީ އެނބުރި ދާށޭ ބުނެ ހަޅޭލަވަމުން. ދެން އަހަންނަށް ފެނުނީ މަންމަގެ ފުރާނަ ނެތް ހަށިގަނޑު."

"އަހަރެންގެ 22 އަހަރުގެ ކޮއްކޮ މުހައްމަދު އޭނާގެ ފުރާނަ ނުރައްކަލަށް ހުށައެޅުމަށް ފަހު ގޮސް މަންމަގެ ހަށިގަނޑު މަގުމަތިން ނަގައިގެން ގެއަށް ގެނައި." ހިބާ ބުންޏެވެ.

ދަރިފުޅު ތާއިމް ހޯދަން ނުކުތް އިރު ފެނުނު ހަލަބޮލި މަންޒަރު ހިބާގެ ފިރިމީހާ ޔޫސުފު ވަނީ ސިފަ ކޮށްދީފައެވެ. މަރުވެފައި އޮތް މައިދައިތަ ގޭތެރެއިން ފެނުނު އިރު ތާއިމް އެއް އޭނާއަކަށް ނުފެނުނެވެ. މައިންބަފައިންނާއި އަލުން ދިމާވާނެ ކަމުގެ ޔަގީން ކަމެއް ނެތި ތާއިމް ގެންދެވުނީ ރަފަހް އަށެވެ.

އެ ހާދިސާ އާއި ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާ އާއި ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ޣައްޒާގެ ހާލަތު އޮތް ގޮތް ބަލައިގަންނަމުން ހާލާގެ ހަށިގަނޑު އެ މީހުންގެ ގެއާއި ކައިރީގައި ވަޅުލެވުން ކަމަށްޓަކައިވެސް އެ އާއިލާއިން ޝުކުރުވެެރިވެއެވެ.

އެތައް ހަށިތަކެއް ޣަައްޒާގެ ސުންނާފަތި ވެފައިވާ މަގުތައް މަތީގައި އުކާލެވިފައިވާ އިރު، އެ ހަށިތައް ވަޅުލާނެ ގޮތެއް ނެތި އިސްރާއީލުގެ އަސްކަރީ އުޅަނދުތަކާއި މަގުމަތީގައި އުޅޭ ކުއްތާތަކުގެ ޝިކާރައަށް ވެގެން ދާ ދިއުމުންވެސް ދޭހަ ކޮށްދެނީ ޣައްޒާގެ ހާލަތެވެ.

ޣައްޒާގައި އިސްރާއީލު ސިފައިން މެދުނުކެނޑި ދަނީ ހަމަލާތައް ދެމުންނެވެ. އެމީހުން ބުނަނީ ހަމަލާ ދެނީ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް ކަމަށެވެ. ނަމަވެސް އެ އަނިޔާ ތަކުގައި ޣައްޒާގެ ކުށެއް ނެތް އެތައް ހާސް ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި އެތައް ހާސް މައުސޫމު ކުޑަ ކުދިންވެސް ހިމެނެއެވެ. އެ ހަމަލާތަކުގައި މުޅި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.