ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ އެއް ބާރު ކަމަށްވާ ރެއާލް މެޑްރިޑްގެ އެއް ނަމްބަރު ގޯލްކީޕަރު ތިބައު ކޯޓުއާއަށް އަނިޔާވެ އޭނާއަށް ދެން މި ސީޒަންގައި ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.

ކޯޓުއާއަށް އަނިޔާވެފައިވަނީ މި ސީޒަން ފެށުމުގެ ކުރިން އޭނާގެ ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނިކޮށެވެ. މި ސީޒަން ފެށުމުގެ ކުރިން ރެއާލްއާއެކު ފަރިތަކުރަނިކޮށް އަނިޔާ ލިބިފައިވަނީ ކޯޓުއާގެ ވާއަތު ކަކުލުގެ ލިގަމެންޓަށެވެ. އެއާއެކު އޭނާއަަށް ވަނީ އޮޕަރޭޝަނެއް ކުރަން ޖެހިއްފައެވެ.

އެ އަނިޔާއާއެކު ކޯޓުއާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެކަމަށް ބެލުވުނު ނަމަވެސް މިދިޔަ މަހު ވަނީ އޭނާ ފަރިތަކުރުންތަކަށް ދަނޑަށް ނިކުމެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމުގެ ސަބަބުން ފިޓްނަސް އިތުރު ކުރުމަށް ކޯޓުއާ ވަކިން ފިޓްނަސް ސެޝަންތަކެއް ނަގަމުން ދަނިކޮށް މިފަހަރު އަނިޔާ ލިބިފައިވަނީ އޭނާގެ ކަނާއަތު ކަކުލަށެވެ. އެހެންކަމުން މި ސީޒަނުގައި ރެއާލްގެ ގޯލު ބެލެހެއްޓީ ރެއާލްގެ ޒުވާން ކީޕަރު އެންޑްރީ ލުނިންއެވެ.

ކޯޓުއާ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާތީ މި ސީޒަންގެ ބާކީ އޮތް ބައިގައި އޭނާގެ ކުޅުން ފެންނާނެކަމަށް ރެއާލުން އުންމީދުކުރިއެވެ.

ރެއާލްއަށް ބާކީ ހުރި މެޗުތަކަކީ އެ ޓީމު މޮޅުވުން މަޖުބޫރު މެޗުތަކެކެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލަށް ވާދަކުރަން ޖެހެނީ އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއެވެ. އަދި ލީގުގެ އެއްވަނައިގައި އޮތް ރެއާލްގެ ފުލުގައި ބާސެލޯނާއިން ވަނީ ގަދަކޮށް ވިއްދައި ޕޮއިންޓު ފަރަގު ހަނިކޮށްފައެވެ. އެހެންކަމުން އެ ޓީމަށް ބާކީ ލީގުގައި އޮތް ނުވަ މެޗުން މޮޅުވުން މަޖުބޫރެވެ.

ޗެލްސީން 2011 ވަނަ އަހަރު ބެލްޖިއަމްގެ ގެންކަށް 10 މިލިއަން ޑޮލަރު ދީފައި ކޯޓުއާގެ ސޮއި ހޯދުމަށް ފަހު ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމުގައި ކާމިޔާބު ތިން އަހަރު ހޭދަކުރުމަށް ފަހު ޗެލްސީއާ އަލުން ކޯޓުއާ ގުޅުނީ 2014 ވަނަ އަހަރު އެވެ.

އޭނާ ރެއާލަށް ބަދަލުވީ 2018 ވަނަ އަހަރު 40 މިލިއަން ޑޮލަރުގެ ފީއަކަށެވެ. އެއަށް ފަހު އޭނާ އަންނަނީީ ރެއާލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ރެއާލާއި އެކު އޭނާ ވަނީ ލަލީގާ 2 ފަހަރު، ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ކުލަބު ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ކޮޕަޑެލްރޭ އެއް ފަހަރު އަދި ޔުއެފާ ސުޕާ ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.