އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގަ އޮތް އާސެނަލް އާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ މެޗުގައި މެންޗެސްޓާ ސިޓީގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

އަނިޔާގެ ސަބަބުން ސިޓީގެ އެއް ނަމްބަރު ކީޕަރު އެޑާސަން ވެސް ކުޅުމާ ދުރުގައި ވަނިކޮށް އެ ޓީމުވެ ފަހަތަށް ކުޅޭ މުހިންމު ތިން ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ. އެއީ އެ ޓީމުގެ ފަހަތުން ޖޯން ސްޓޯންސް އާއި މެނުއެލް އަކަންޖީ އަދި އަރިމަތިން ފަހަތަށް ކުޅޭ ކައިލް ވޯލްކާއެވެ.

ކައިލް ވޯލްކާ އަށް އަނިޔާވެފައިވަނީ ބްރެޒިލްއާ ދެކޮޅަށް އިނގިރޭސި ވިލާތުން ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. އެ މެޗުގައި ވޯލްކާގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ކުރިން ބެލެވުނު ނަމަވެސް ކުރިއަށް އޮތް މެޗުގައި އޭނާ އަށް ކުޅެވުމުގެ ފުރުސަތު ވަރަށް ހަންޏެވެ.

ޖޯން ސްޓޯންސް އަށް އަނިޔާވެގެން ދަނޑުން ފައިބަނީ

މެނުއަލް އަކަންޖީއަށް ސްވިޒަލޭންޑާއި ޑެންމާކު ކުޅުނު އެކުވެރިކަމުގެ މެޗުގައި އަނިޔާވިއިރު ޖޯން ސްޓޯންސް އަށް އަނިޔާވެފައިވަނީ ބެލްޖިއަމާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މި ދެ ކުޅުންތެރިންގެ އަނިޔާގެ އިތުރު ތަފްސީލެއް އިނގޭނީ މި ހަފްތާ ބަންދުގައި ކަމަށް ސިޓީން ބުނެފައިވެއެވެ.

ލީގު ތާވަލުވެ އެއްވަނައިގައި އޮތް އާސެނަލް ބަލިކޮށްގެން ސިޓީއަށް ތާވަލުވެ އެއްވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ތާވަލުވެ އެއްވަނައިގައި އޮތް އާސެނަލަށް 28 މެޗުން 64 ޕޮއިންޓު ލިބޭއިރު ސިޓީ އަށް ލިބެނީ 63 ޕޮއިންޓެވެ.