ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ އާސެނަލް އަދި ބަޔާން މިޔުނިކް ބައްދަލު ކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.

އާސެނަލްގެ ދަނޑު އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ކުރި ހޯދީ އާސެނަލުންނެވެ. ނަމަވެސް ބަޔާނުން ވަނީ ދެ ގޯލު ޖަހާ އެ ޓީމު ކޮޅަށް މެޗު އަނބުރާލާފައެވެ. އާސެނަލަށް މެޗުގެ ނަތީޖާ ހަމަހަމަ ވީ މެޗުން ނިމެން ގާތް ވެފައިވަނިކޮށެވެ.

އާސެނަލް އަދި ބަޔާން ބައްދަލު ކުރި މެޗުގެ ތެރެއިން

މެޗު ފަށައިގެން އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަކާޔޯ ސަކާއެވެ. އޭރިޔާ ތެރެއިން ބަޔާންގެ ދެ ޑިފެންޑަރުންގެ ދޭތެރެއިން ސަކާ ފޮނުވާލި ބޯޅަ ގޮސް އަމާޒުވީ ބަޔާންގެ ގޯލުގެ އަރިމަތީ ދާ ގަނޑާއެވެ. އޭގެ ދެ މިނެޓު ފަހުން ބަޔާނުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގްނޭބްރީއެވެ. މިއީ ގޮރެޓްޒްކާ އޭރިޔާ ތެރެއަށް ދުއްވާލި ބޯޅަ އަކުން ގްނޭބްރީ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށް އާސެނަލްގެ އޭރިޔާ ތެރެއިން ބަޔާންގެ ސާނޭއަށް، ސަލީބާ ކުރި ފައުލަކާއި ގުޅިގެން ބަޔާނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ބަޔާނުން ވަނީ މެޗުގައި ލީޑެއް ނަގައިފައެވެ. މި ޕެނަލްޓީ ބަޔާނަށް ކާމިޔާބުކޮށްދިނީ ހެރީ ކޭނެވެ. ފުރަތަމަ ހާފު ނިމިފައިވަނީ މި 2-1 އިން ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުންވެސް ވަނީ ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން މެޗުގެ 76 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލިބުނު ފުރުސަތެއްގައި ލަނޑެއް ކާމުޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭރިޔާ ތެރޭ ހުރި ގެބްރިއަލް ޖެސުސް ޖައްސާލި ބޯޅައަކުން މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލިއަންޑްރޯ ޓްރޮސާޑެވެ.

އާސެނަލް އަދި ބަޔާން ބައްދަލު ކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ އިތުރު މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަދި މުބާރާތުގެ އެންމެ ކާމިޔާޞު ކުލަބު ރެއާލް މެޑްރިޑް ބައްދަލު ކުރި މި މެޗުވެސް ވަނީ އެއްވަރުވެފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން އަދި އާސެނަލް ދެން ބައްދަލު ކުރާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި މެޗު ކުޅެވޭނީ ބަޔާނުގެ ދަނޑުގައެވެ. އެހެންކަމުން ހޯމް އެޑްވާންޓޭޖް އޮތީ ބަޔާނަށެވެ. މި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނެއެވެ. މި މެޗަކީ އެއްވަރު ވެއްޖެނަމަ ޕެނަލްޓީ ޖަހައިގެންވެސް ނަތީޖާ ނެރެން ޖެހޭނެ މެޗެކެވެެ.