ޕްރިމިއާ ލީގުގައި އާސެނަލް މޮޅުވެ، ތާވަލްގެ އެއްވަނަ އަށް އަލުން ޖެހިލިއިރު، މެންޗެސްޓާ ސިޓީ ކުޅުނު މެޗު ރޭ ކާމިޔާބުކޮށްފިއެވެ.

އާސެނަލް މޮޅުވީ ބްރައިޓަން އާ ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މެންޗެސްޓާ ސިޓީ މޮޅުވީ ކްރިސްޓަލް ޕެލެސް އަތުން 4-2 ގެ ނަތީޖާއަކުންނެެވެ. މި ނަތީޖާ އާއެކުގައި އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު 31 މެޗުން ލިބުނު 71 ޕޮއިންޓާ އެކުގައެވެ. ސިޓީ ކުޅުނު 31 މެޗުން ލިބުނު 70 ޕޮއިންޓާ އެކުގައި އެ ޓީމު އޮތީ ލަނޑުގެ ތަފާތުން ތިން ވަނައިގައެވެ. ދެވަނައިގައި އޮތީ 30 މެޗުން ލިބުނު 70 ޕޮއިންޓާ އެކުގައި ލިވަޕޫލެވެ.

ލިވަޕޫލް މިރޭ ވަރުގަދަ މެޗަކާ ކުރިމަތިލާނެއެވެ. އެ ޓީމުން ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ބްރައިޓަން ދަނޑުގައި ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ އާސެނަލްއެވެ. އާސެނަލް އިން މެޗުގެ ލީޑް ނަގާފައި ވަނީ މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބަކާޔޯ ސަކާއެވެ. މިއީ ޕެނަލްޓީ އޭރިއާގެ ތެރެއިން އާސެނަލްގެ ފޯވާޑް ގެބްރިއަލް ޖެސުސް އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފްގައި އާސެނަލް އިން ވަނީ އިތުރު ދެ ލަނޑު ޖަހައި ލީޑް ފުޅާކޮށްފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އާސެނަލް އަށް ލަނޑު ކާމިޔާބުކޮށް ދިނީ ކައި ހަވާޓްޒްއެވެ. އަދި މެޗުގެ 86 ވަނަ މިނެޓުގައި ލީޑް ފުޅާކޮށް ދިނީ ލިއަންޑްރޯ ޓްރޮސާޑެވެ.

ކްރިސްޓަލް ޕެލެސް އާއި ސިޓީ ބައްދަލު ކުރި މެޗު.

މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކްރިސްޓަލް ޕެލެސްއެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށް ދިނީ ޖީން ފިލިޕޭ މަޓެޓާއެވެ. އެކަމަކު، ސިޓީން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައި މެޗު އަނބުރާލައިފައެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ކެވިން ޑި ބްރޫންއެވެ. އެ ޓީމުން ލީޑް ނެގީ މެޗުގެ 47 ވަނަ މިނެޓުގައި ރިކޯ ލެވިސް ޖެހި ލަނޑުންނެވެ.

އަދި 66 ވަނަ މިނެޓުގައި އާލިން ހާލަންޑުގެ ލަނޑުން ލީޑް ފުޅާ ކުރިއިރު، 70 ވަނަ މިނެޓުގައި ކެވިން ޑި ބްރޫން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިފައެވެ. މެޗު 86 ވަނަ މިނެޓުގައި އޮޑްސަން އެޑުއާޑް ވަނީ ކްރިސްޓަލް ޕެލެސްގެ ދެވަނަ ލަނޑު ޖަހައިފައެވެ.