އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަދި ޗެލްސީ ބައްދަލު ކުރި މެޗު ފަހަތުން އަރާ، އެސްޓަން ވިލާ މޮޅު ވިޔަ ނުދީ ޗެލްސީން ހިފަހައްޓައިފިއެވެ.

އެސްޓަން ވިލާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފަށް ޗެލްސީން ނިކުތީ ކުޅުން ރަނގަޅު ކޮށްގެންނެވެ. ނަތީޖާ އެއްގެ ގޮތުން ޗެލްސީން ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ރޭގެ މެޗު ފަށައިގެން ވަރަށް ކުރީ ކޮޅު އެސްޓަން ވިލާއިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ އެސްޓަން ވިލާގެ ޖޯން މެގިން ފޮނުވާލި ހަމަލާއެއް ޗެލްސީގެ ކުކުރެއްލާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި އެސްޓަންވިލާ އިން މި ލަނޑު ކާމިޔާބުކޮށްފައިވަނިކޮށް މެޗުގެ 16 ވަނަ މިނެޓުގައި ޗެލްސީގެ ޖެކްސަން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް އޭނާ އޮފްސައިޑު ޕޮޒިޝަނެއްގައި ހުރުމުން ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު އެސްޓަން ވިލާ އަށް ހިލޭ ޖެހުމަކަށް ދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެސްޓަން ވިލާ އިން ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޖާސްއެވެ.

އެސްޓަން ވިލާ މޮޅުވިޔަ ނުދީ ޗެލްސީން ހިފަހައްޓައިފި -- ފޮޓޯ ބީބީސީ

ދެވަނަ ހާފު ފަށައިގެން ޑޮމިނޭޓުކޮށްގެން ކުޅެފައިވަނީ ޗެލްސީންނެވެ. އެގޮތުން އެ ޓިމުން ވަނީ ގިނަ ހަމަލާތަކެއް ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ މަޑެކޭއެވެެ. މީގެ އިތުރުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނެޓަށްވެފައި ވަނިކޮށް ޗެލްސީގެ ގަލަގާ ވަނީ ރީތި ލަނޑެއް ކާމިިޔާބުކޮށްފައެވެ. އޭރިޔާ ބޭރުގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ގޮސް ވަނީ ގޯލުގެ މަތީ ކަނަށެވެ.

ރޭގެ ނަތީޖާ އާއި އެކު ވަގުތީ ގޮތުން އެސްޓަން ވިލާ އަށް ލީގު ތާވަލުގެ ގަދަ ހަތަރަކުން ޖާގަ ލިބުނު ނަމަވެސް އެ ޓީމާއި ފަސް ވަނައިގައި އޮތް ޓޮޓެންހަމް އާއި ދެމެދު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ. އެސްޓަން ވިލާ އިން ވަނީ ޓޮޓެންހަމަށް ވުރެ އިތުރަށް ތިން މެޗު ކުޅެފައެވެ. އެހެން ކަމުން އެ ޓީމަށް ގަދަ ހަތަރެއްގެ ފުރުސަތު ގެއްލުމަކީ ވެދާނެ ކަމެކެވެ. ރޭގެ މެޗުން ހޯދި ޕޮއިންޓާއި އެކީ ޗެލްސީން ވަނީ ލީގު ތާވަލުގައި އިތުރަށް މައްޗަށް ޖެހިލުމުގު ފުރުސަތު ބޮޑު ކޮށްފައެވެ. މިހާރު ޗެލްސީ އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. ނަމަވެސް ކުރިއަށް ހުރި މެޗުތައް ކާމިޔާބުކޮށްގެން ތާވަލުގެ ކުރިއަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.