ޕްރިމިއާ ލީގުގައި އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު މެޗުގައި އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ ޓަޗްލައިންގައި ހުރެ ދެއްކި ވާހަކަތަކެއްގެ މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފިއެވެ.

އެފްއޭ އިން ތަހުގީގު ކުރަނީ ޕްރިމިއާ ލީގުގައި އެންމެފަހުން ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް 3-2 އިން ޔުނައިޓެޑް މޮޅުވި މެޗަށްފަހު ދަނޑުން ފައިބައިގެން ދަމުން މޮރީނިއޯ ޕޯޗުގީޒް ބަހުން ބުނި އެއްޗެއްގެ މައްސަލައެވެ.

މި މައްސަލަ ތަހުގީގު ކުރަން އެފްއޭ އިން ފަށާފައިވާއިރު މޮރީނިއޯ ގޯސް އެއްޗެއް ބުނެފައިވާކަން ސާބިތުވެއްޖެނަމަ ބެންޗުގައި ނުހުރެވޭ ގޮތަށް އޭނާ އަށް އަދަބެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ނިއުކާސަލް އަތުން ޔުނައިޓެޑް މޮޅުވި މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު 2-0 އިން ކުރީގައި އޮތީ ނިއުކާސަލްއެވެ. ނަމަވެސް ދެވަނަ ހާފްގައި ޔުނައިޓެޑުން ތިން ގޯލު ކާމިޔާބުކުރިއިރު، އެޓީމުން ތިންވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ އެންމެފަހު މިނެޓްގައެވެ. މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.

އެ މެޗުން ޔުނައިޓެޑް މޮޅުވިއިރު އެއީ ހަތަރު މެޗަށްފަހު ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑް މިހާރު އޮތީ 13 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. ލީގުގައި ޔުނައިޓެޑުން ދެން ބައްދަލުކުރާނީ ޗެލްސީއައެވެ.