ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވި ނަމަވެސް އުފާފާޅު ނުކުރާނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނެފައިވާއިރު އޭނާ ވަނީ މީގެކުރިން ޗެލްސީ އަށް ވެސް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން ޗެލްސީ އާއެކު މޮރީނިއޯ 8 ތަށްޓެއް ކާމިޔާބުކުރިއިރު އޭގެތެރޭގައި ތިން ޕްރިމިއާ ލީގު ވެސް ހިމެނެއެވެ. މޮރީނިއޯ އަކީ ޗެލްސީގެ ތާރީހުގައި ވެސް އެ ކްލަބުގެ އެންމެ ކާމިޔާބު ކޯޗު ވެސް މެއެވެ.

މިއަދުގެ މެޗު ކުޅޭނީ ޗެލްސީގެ ދަނޑުގައި ކަމަށްވާއިރު މޮރީނިއޯ ބުނީ ޔުނައިޓެޑުން މި މެޗުގައި ގޯލެއް ކާމިޔާބުކުރިއަސް އަދި މެޗުން މޮޅުވިޔަސް އުފާފާޅު ނުކުރާނެ ކަމަށާއި ޗެލްސީގެ ދަނޑަށާއި އެ ކްލަބުގެ ސަޕޯޓަރުންނަށް އިހުތިރާމް ކުރާނެ ކަމަށެވެ.

"ޗެލްސީގެ ދަނޑާށާއި ސަޕޯޓަރުންނަށް އިހުތިރާމް ކުރާނަން. އަހަރެންގެ ސަޕޯޓަރުންގެ ގޮތުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ޗެލްސީގެ ސަޕޯޓަރުން ތިބި. އެ ސަޕޯޓަރުންނާއި ދަނޑަށް އިހުތިރާމް ކުޑަވާ ކަމެއް އަހަންނަށް ކުރެވޭނީ އިމޯޝަނަލް ކޮންޓްރޯލް އެއްކޮށް ގެއްލިއްޖެ ހާލަތެއްގައި. އެއީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫން" މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ ދަނޑަށާއި އަދި އެ ކްލަބުގެ ސަޕޯޓަރުންނަށް އިހުތިރާމް ކުރުން ފިޔަވައި ދެން ހުރިހާ ފޯކަސްއެއް ހުރީ ޔުނައިޓެޑާއި ކުޅުންތެރިންނަށް ވީހާވެސް ރަނގަޅަށް ކަންތައްތައް ކޮށްދިނުމަށް ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

"މިއަދު އަހަންނަކީ 100 ޕަސެންޓް މެންޗެސްޓަރ ޔުނައިޓެޑްގެ މީހެއް" ޕޯޗުގަލް އަށް ނިސްބަތްވާ ކޯޗު ބުންޏެވެ.

މިއަދުގެ މެޗަށް ނިކުންނައިރު ޔުނައިޓެޑް އޮތީ ލީގުގެ އަށްވަނައިގައި 13 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. ޗެލްސީ އޮތީ 20 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.