ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވިއިރު، އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުން އަތުވެއްޖެއެވެ.

މިރޭގެ ނަތީޖާތަކާއެކު ޗެލްސީ މިހާރު އޮތީ 24 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އާސެނަލް އޮތީ 22 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި 26 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ.

ޗެލްސީ މިރޭ މޮޅުވީ ލީގުގެ 15 ވަނައިގައި އޮތް ބާންލީ އާއި ބައްދަލުކޮށް 4-0 އިންނެވެ.

ބާންލީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން ޗެލްސީގެ އެޑެން ހަޒާޑް ކުޅެފައިނުވާއިރު، މެޗުގެ 22 ވަނަ މިނެޓްގައި ބާކްލީ ދިން ޕާހަކުން އަލްވަރޯ މޮރާޓާ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު މޮރާޓާ އަށް ލިބިފައިވެއެވެ.

ޗެލްސީގެ ދެވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި، މި މެޗުގައި މޮޅު ކުޅުމެއް ބާކްލީ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިލިއަންއެވެ. އަދި އެޓީމުގެ ފަހު ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ލޮފްޓަސް ޗީކްއެވެ.

އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފައިވަނީ، ލީގުގެ 14 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސް އިންނެވެ. އެގޮތުން މި ދެ ޓީމު މިއަދު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިއަދުގެ މެޗުގެ ކުރިން އާސެނަލް އިން އެންމެފަހުން ކުޅުނު 11 މެޗުން ވެސް މޮޅުވެފައެވެ.

ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޕެލެސް އިންނެވެ. ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޕެލެސް އަށް މި ގޯލު ކާމިޔާބުކޮށްދިނީ ލޫކާ މިލިވޮޖެވިޗްއެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލް އިން ވަރަށް ކައިރިކައިރީ ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އަނބުރާލާފައެވެ. މި ދެ ގޯލު އާސެނަލް އަށް ކާމިޔާބުކޮށްދިނީ ޒާކާ އާއި އޮބަމަޔަންގްއެވެ.

މި ދެ ގޯލާއެކު އާސެނަލް މެޗުން މޮޅުވާން ދަނިކޮށް، މެޗުގެ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މިލިވޮޖެވިޗް ވަނީ ޕެލެސް އަށް ނަތީޖާ އެއްވަރުކޮށްދީ މި މެޗުން އެޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.