ޕްރިމިއާ ލީގުގެ ތަށްޓާ މެދު ވިސްނާނީ ލީގުގެ ގަދަ ހަތަރަކަށް ވަދެވުމުން ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ޔުނައިޓެޑް މިވަގުތު އޮތީ 17 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައި ކަމަށްވާއިރު، ޔުނައިޓެޑާއި ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައިނެވެ. ލީގުގައި މިއަދު ހަވީރު ބޯންމަތް އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ޔުނައިޓެޑަށް ލީގުގެ ގަދަ ހަތަރެއްގެ ޖާގަ އަކާއި ގާތަށް ޖެހިލެވޭނެއެވެ.

މިއަދުގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މޮރީނިއޯ ބުނީ ލީގުގެ ގަދަ ހަތަރަކުން ބޭރުގައި އޮންނައިރު ލީގު ތަށްޓައް ވާދަކުރާ ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި އެ ވާހަކަދައްކަނީ ގަދަ ހަތަރަކަށް ވަދެވުމުން ކަމަށެވެ.

"ލީގުގެ ގަދަ ހަތަރަކަށް ވަދެވުމުން އެހެން ޓީމުތަކާއި ދެމެދު ހުރި ފަރަގާއި ކުޅެންޖެހޭ މެޗުތަކާއި އަނިޔާ އާއި ސަސްޕެންޝަނާއި ޓީމުގެ ފޯމާ ހުރިގޮތް ބަލަންވީ. އެކަމަކު މިއީ މިވަގުތު ދައްކަން މުހިއްމު ވާހަކަތަކެއް ނޫން" މޮރީނިއޯ ބުންޏެވެ.

ގަދަ ހަތަރެއްގައި ޔުނައިޓެޑް މިވަގުތު ނެތުމުން އެޓީމު މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންވީ ވީހާވެސް ގިނަ ޕޮއިންޓުތަކެއް ހޯދާ އަންނަ މަސް ނިމޭއިރު ލީގުގެ ރަނގަޅު މަގާމެއްގައި އޮތުމަށް ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

"މިވަގުތު އަހަރުމެން މިތިބީ ގަދަ ހަތަރަކުން ބޭރުގައި. އެބަޖެހޭ ކަންކަން އިތުރަށް ރަނގަޅުކޮށް ވީހާވެސް ބުރަކޮށް މަސައްކަތް ކޮށްގެން ގަދަ ހަތަރަކަށް ވަންނަން. އަހަރެން ގަބޫލުކުރާ ގޮތުގައި ގަދަ ހަތަރަކަށް ޔުނައިޓެޑް ވަންނާނެ" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑާއި ބޯންމަތް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން 5:30 ގައެވެ.