ނޭމާ ޕީއެސްޖީ ގައި ހުރީ އުފަލުން ކަމަށް އެ ކްލަބުގެ ރައީސް ނަސީރް އަލް ހަލައިފީ ވިދާޅުވެއްޖެއެވެ.

ޕީއެސްޖީގެ ރައީސް މިހެން ވިދާޅުވެފައިމިވަނީ މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބައެއް މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ނޭމާ ގެނައުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ޝައުގުވެރިވެއެވެ.

ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ނޭމާ މިވަގުތު ހުރީ ބްރެޒިލްގައި ކަމަށްވާއިރު ޕީއެސްޖީގެ ރައީސް ވަނީ ނޭމާ އެ ކްލަބު ދޫކޮށްލަން އުޅޭ ވާހަކަތަށް ދޮގުކޮށްފައެވެ.

"ނޭމާ ޕީއެސްޖީގައި ހުރީ އުފަލުން. އޭނާ ހުރީ ވީހާވެސް އަވަހަކަށް އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ވަރަށް ބޮޑަށް ބޭނުންވެފައި. އަނިޔާ އިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައުމަށް ނޭމާ އަންނަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން. ސީޒަން ނިމުމުގެ ކުރިން ނޭމާގެ ކުޅުން އަދި ފެންނާނެ ކަމަށް އަހަރެން އުއްމީދު ކުރަން" މިވަގުތު ބްރެޒިލްގައި ހުންނެވި ހަލައިފީ ވިދާޅުވިއެވެ.

ނޭމާ އަށް ލިބުނު އަނިޔާ އާއި ގުޅިގެން ގާތްގަނޑަކަށް ދެ ތިން މަސްދުވަހަށް ވަނީ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ. ނޭމާ މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ފިޓުވުމަށެވެ.

ބްރެޒިލް އަށް އުފަން އުމުރުން 26 އަހަރުގެ ނޭމާ ބާސެލޯނާ ދޫކޮށްލުމަށްފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ނޭމާ ދައްކަމުން އަންނައިރު އޭނާ މި ސީޒަނުގައި އެޓީމަށް ކުޅެދިން 30 މެޗުގައި 29 ގޯލު ކާމިޔާބުކޮށްދީފައެވެ.