ސްޕެނިޝް ލަލީގާގެ މެޗުތައް އެމެރިކާގައި ކުޅުމުގެ ހުއްދަ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ލަލީގާ އިން ސްޕެއިންގެ ފުޓްބޯޅަ އިދާރާ އާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެމެރިކާގެ ރެލެވެންޓް ކުންފުންޏާއެކު ލަލީގާ އިން މިދިޔަ އޮގަސްޓު މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ކޮންމެ ސީޒަނެއްގެ ސްޕެނިޝް ލީގުގެ އެއް މެޗު އެމެރިކާގައި ކުޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި ސީޒަނުގައި އެމެރިކާގައި ކުޅެން ސްޕެނިޝް ލީގުން ކަނޑައަޅާފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ބާސެލޯނާ އައި ޖިރޯނާ ބައްދަލުކުރާ މެޗެވެ.

އެމެރިކާގައި މި މެޗު ކުޅެވޭނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ހުއްދަ ވެސް ލިބިގެން ކަމަށްވާއިރު މިކަމާއި މެދު އެ އިދާރާ އިން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ ސިވިލް ކޯޓަކަށް ލަލީގާ އިން މި މައްސަލަ ހުށަހެޅީ އެ މެޗު ކުޅުމުގެ ހުއްދަ ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން ދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުންނެވެ. ބެލެވޭ ގޮތުގައި މި މައްސަލައާ މެދު މި މަހުގެ މެދުތެރޭގައި ކޯޓުން ގޮތެއް ނިންމާނެއެވެ.

ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ އިތުރުން މި މެޗު ކުޅުމަށް އެމެރިކާގެ ފުޓްބޯޅަ އިދާރާ އާއި ޔުއެފާ އަދި ކޮންފެޑެރޭޝަން އޮފް ނޯތު ސެންޓްރަލް އެމެރިކަން އެންޑް ކެރީބިއަން އެސޯސިއޭޝަން ފުޓްބޯލް (ކޮންކަކަފް) ގެ ހުއްދަވެސް ހޯދަން ޖެހެއެވެ. އަދި ދާދިފަހުން ސްޕެނިޝް ޕްލެޔާސް ޔޫނިއަން (އޭއެފްއީ) އިން ވަނީ އެމެރިކާގައި މެޗު ކުޅުމަށް ދެކޮޅު ހަދާކަން ހާމަކޮށްފައެވެ.