އޭޝިއަން ކަޕް 2019ގެ ގްރޫޕް އޭގައި އިންޑިއާއިން ކުޅުނު ފުރަތަމަ މެޗުގައި ތައިލެންޑް ބަލިކޮށް، އެ ގައުމުން ތާރީހީ މޮޅެއް ހޯދައިފިއެވެ.

މިއަހަރުގެ އޭޝިއަން ކަޕަކީ ހަތަރުވަނަ އޭޝިއަން ކަޕެވެ. އެންމެފަހުން އެގައުމުން އޭޝިއަން ކަޕަށް ކޮލިފައިވެފައި ވަނީ 2011 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތަށެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އިންޑިއާ އަލްވަދާއުކީ ކުޅުނު ތިން މެޗުންވެސް ބަލިވެގެންނެވެ.

އޭގެ ކުރިން އޭޝިއަން ކަޕްގެ ފަސް މުބާރާތުގައިވެސް އިންޑިއާ ކުޅެފައިވާ އިރު، 2011ގެ ކުރިން އިންޑިއާއިން އޭޝިއަން ކަޕްގައި ކުޅެފައި ވަނީ 1984 ވަނަ އަހަރުގައެވެ. އެ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާއިން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވި ނަމަވެސް، އަނެއް ދެ މެޗުންވީ ބައްޔެވެ.

އިންޑިއާއިން އެ މުބާރާތުގައި ވަނީ އީރާނާ އެއްވަރު ކޮށްފައެވެ. އޭގެ ކުރިން އިންޑިއާއިން އޭޝިއަން ކަޕް ކުޅުނީ 1964 ވަނަ އަހަރުގައެވެ. އެ އަހަރު މުބާރާތް އޮތީ، އޭރު އޭޝިއާ ގައުމެއްގެ ގޮތުގައި އޮތް އިޒްރޭލުގައެވެ. އެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމު ވާދަކުރި އިރު، އިންޑިއާއިން ވަނީ ދެ މެޗުން މޮޅުވެ ރަނަރަޕް ހޯދާފައެވެ.

މިރޭގެ މެޗުގައި އިންޑިއާއިން ތައިލެންޑް ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ ގިނަ ބަޔަކު އުންމީދު ކުރިގޮތާ ހިލާފު، ތާރީހީ ނަތީޖާއެކެވެ.

އިންޑިއާގެ ކެޕްޓަން ބޭންޑްގައި މެޗަށް ނުކުތީ އިތުބާރު ގޯލްކީޕަރު ގްރަޕްރީތު ސިންހް ސަންދޫއެވެ. އިންޑިއާގެ ފަހަތުން ސަންދޭޝް ޖިންގަންއާއި ސުބަހުޝީސް ބޯޝް ފާހަގަކޮށްލެވުނު އިރު، ފޯވަޑް ލައިނުން ފާހަގަކޮށްލެވުނީ ސާފް ޗެމްޕިއަންޝިޕްގައިވެސް ކުޅުނު އާޝިގް ކުރުނާއިޔަންއާއި އުދަންތާ ސިންހް އަދި ސުނިލް ޗެތުރީއެވެ.

މެޗު ފެށިގެން ތައިލެންޑުން ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް، ލީޑު ނެގީ އިންޑިއާއިންނެވެ. ތައިލެންޑްގެ ޑިފެންޑަރު ތީރަތޫން އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނެލްޓީގައި އިންޑިއަށް ލީޑު ނަގައިދިނީ ސުނިލް ޗެތުރީއެވެ.

ގޯލަށްފަހު އިންޑިއާއިން ކުޅުން ރަނގަޅު ކުރި ނަމަވެސް، ހާފް ނިމުމުގެ ކުރިން ތައިލެންޑުން އެއްވަރު ކުރީ ލިބުނު ކޯނަރުގައެވެ. ތައިލެންޑަށް އެއްވަރުކޮށްދިނީ ތީރަސިލް ޑަންގާއެވެ.

ދެވަނަ ހާފް އިންޑިއާއިން ފެށީ ތަފާތު ރޫހެއްގައެވެ. އެޓީމުން ކުރިއަށް ޖެހި، އެޓޭކް ކުރަން ފެށުމުގެ ނަތީޖާ ފޮންޏެވެ. ހާފް ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި އުދަންތާ ސިންހް އަރިމަތިން ނަގައިދިން ބޯޅަ، ގޯލްގެ މަތީ ކަނަށް ނިންމާލީ ސުނިލް ޗެތުރީއެވެ. އޭނާ ގައުމީ ޓީމަށް ޖަހައިދިން 67 ވަނަ ގޯލާއެކު، ލިސްޓްގެ ދެވަނައިގައި މެސީގެ ކުރިން މިހާރު އޮތީ ސުނިލް ޗެތުރީއެވެ.

ދެވަނަ ގޯލަށްފަހުވެސް އިންޑިއާއިން އެޓޭކް ކުރުމަށް ހުއްޓުމެއް ނުގެނެސް، ހާފްގެ ކުޅުން ޑޮމިނޭޓް ކުރިއެވެ. މެޗުގެ 68 ވަނަ މިނެޓުގައި އަނިރޫދު ތާޕާ ޖަހައިދިން ގޯލާއެކު އިންޑިއާއިން މޮޅު ޔަގީންވެސް ކުރިއެވެ. ތާޕާއަކީ އިންޑިއާގެ ސްކޮޑުގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އޭނާއަށް އުމުރުން އެންމެ 21 އަހަރެވެ.

މެޗު ނިމެންދަނިކޮށް ޖޭޖޭ ލާލެޕެކްލޫވެސް ދަނޑު މައްޗަށް އެރިއެވެ. އަދި މެޗު ނިންމާލީ އޭނާގެ ހުނަރުވެރި ގޯލައަކުންނެވެ. އޭރިއާ ބޭރު ކައިރިން ބޫޓު ކޮޅުން ޖެހި ބޯޅަ، އޭނާ ނިންމާލީ ގޯލްގެ މަތީ ކަނަށެވެ.

އިންޑިއާއިން ކުޅޭ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު، ޔޫއޭއީއާ ދެކޮޅަށެވެ.