ޓޮޓެންހަމްގެ އިނގިރޭސި ފޯވަޑް، ހެރީ ކޭން ފައިގެ ކުޑަހުޅަށް އަނިޔާވެއްޖެއެވެ.

މިދިޔަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެ ކްލަބުން ކުޅުނު މެޗުގައި ކޭންގެ ފައިގެ ކުޑަހުޅުގެ ލިގަމެންޓަށް ވަނީ އަނިޔާވެފައެވެ. ޑޮކްޓަރުން ބުނެފައި ވަނީ އުމުރުން 25 އަހަރުގެ އިނގިރޭސި ކެޕްޓަނަށް އަނބުރާ ފަރިތަކުރުންތަކަށް ނުކުމެވޭނީވެސް މާޗު މަހުގައި ކަމަށެވެ.

ސީޒަންގަށް ޓޮޓެންހަމްއަށް 20 ގޯލް ޖަހައިދީފައިވާ ކޭންއަށް ގެއްލޭނެ ބައެއް މުހިއްމު މެޗުތަކަށް ބަލާ އިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޑޯޓުމަންޑާ ދެކޮޅަށް އަނެއް މަހު ކުޅޭ ދެ މެޗު ހިމެނެއެވެ. އޭގެ އިތުރުން މިމަހު 24 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ލީގު ކަޕް ދެވަނަ ލެގުގައި ޓޮޓެންހަމްއިން ނުކުންނަ އިރުވެސް ކޭންއަށް ނުކުޅެވޭނެއެވެ.

ކޭންގެ އަނިޔާއާއެކު ޓޮޓެންހަމްއަށް ކުރިމަތިވާ އަނެއް ދަތިކަމަކީ އެޓީމުގެ ފޯވަޑަށް ކޭންއާއެކު ކުޅެމުން އަންނަ ހިއުން މިއުން ސޮންވެސް މިވަގުތު ދެކުނު ކޮރެއާ ޓީމާއެކު އޭޝިއަން ކަޕްގައި ހުުރުމެވެ.

ކޭންއަށް އިންގްލެންޑްގެ ޔޫރޯ 2020ގެ ކޮލިފިކޭޝަން ބައެއް މެޗުތައްވެސް ގެއްލޭ އިރު، ޓޮޓެންހަމްގެ މިޑްފީލްޑަރު މޫސާ ސިސޯކޯވެސް ހުރީ އަނިޔާގައެވެ. ކޭންގެ ބަދަލުގައި ޓޮޓެންހަމްއަށް ބޭނުން ކުރެވޭނެ ސްޓްރައިކަރުންނަކީ ފެނާންޑޯ ލޮރެންޓޭ އަދި ވިންސެންޓް ޔެންސަންއެވެ.

ލޮރެންޓޭ ވަނީ ކްލަބަށް އެންމެފަހުން ކުޅުނު 13 މެޗުން ހަތަރު ގޯލް ޖަހައިފައެވެ.