އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން މިރޭ ކުޅުނު މެޗުވެސް ކާމިޔާބުކޮށް، އެޓީމުގެ އާ ކޯޗު، އޮލީ ގުނަ ސޮލްސްޖާގެ އިރުޝާދުގެ ދަށުން ކުޅުނު ހަތްވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.

މި ސީޒަންގެ ކުރީކޮޅުގައި ހޯޒޭ މޮރީނިއޯއާއެކު ޔުނައިޓެޑުން އައީ ދަށް ނަތީޖާތަކެއް ނެރެމުންނެވެ. އެކަންކަން ހައްލު ކުރުމަށް ޔުނައިޓެޑުގެ ބޯޑުން މޮރީނިއޯ ފޮނުވާލުމަށްފަހު، ވަގުތީ ގޮތުން ޓީމު ހަވާލުކުރީ، އެޓީމުގެ ލެޖެންޑު ސޮލްސްޖާއާއެވެ. އޭގެ ފަހުން ޔުނައިޓެޑުން ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައިވާ އިރު، އޭނާ ވަނީ ތާރީހީ ރެކޯޑެއްވެސް މުގުރާލާފައެވެ.

މިރޭގެ މެޗުގައި ޔުނައިޓެޑުން 2-1ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައިވާ އިރު، ސޮލްސްޖާ ވެފައި ވަނީ ފުރަތަމަ ހަ މެޗު ކާމިޔާބުކުރި ފުރަތަމަ ޔުނައިޓެޑްގެ ކޯޗަށެވެ.

މިރޭގެ މެޗުވެސް ޔުނައިޓެޑުން ފެށީ އެޓީމުގެ ރަނގަޅު ފޯމުގައެވެ. މެޗުގެ ކުރީކޮޅުގައި ލީޑު ނެގުމާއެކު ޔުނައިޓެޑަށް މެޗު ފަސޭހަވެސް ވިއެވެ. 27 ވަނަ މިނެޓުގައި ޕޮގްބާ ހޯދި ޕެނެލްޓީ ކާމިޔާބުކޮށް، ލީޑު ނަގައިދިނީވެސް އޭނައެވެ.

މެޗުގެ ހާފް ނިމުމުގެ ކުރިން ރަޝްފޯޑުގެ ތަފާތު ހުނަރަކާއެކު މެޗުގެ ނަތީޖާ 2-0އަކަށް ބަދަލުކޮށްލިއެވެ. ރޭގެ މެޗަކީ ރަޝްފޯޑު ޔުނައިޓެޑްގެ ޖާޒީގައި ކުޅުނު 150 ވަނަ މެޗެވެ.

ދެވަނަ ހާފްގައި ބްރައިޓަންއިން ކުރިއަށް ޖެހިލިއެވެ. އަދި ކުޅުން ގަނޑުވެސް ރަނގަޅު ކުރިއެވެ. ކުރިއަށް ޖެހި އެޓޭކް ކުރަން އެޓީމުން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ 72 ވަނަ މިނެޓުގައި އެޓީމުން ގޯލެއް ޖެހުމެވެ. ޔުނައިޓެޑްގެ އޭރިއާ ތެރެއިން ހުހަށް އޮވެ ޕަސްކަލް ގްރޮސް ފޮނުވާލި ހަމަލާ ގޯލަށް ވަނީ މަތީ ދަނޑީގައިވެސް ޖެހިފައެވެ.

ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީން މިރޭ އާސެނަލާ ދެކޮޅަށް ނުކުންނަ އިރު، ޔުނައިޓެޑް ވަނީ މިރޭ ހޯދި ތިން ޕޮއިންޓާއެކު ޗެލްސީއާ ތިން ޕޮއިންޓަށް ގާތް ކޮށްފައެވެ. އެޓީމަށް 23 މެޗުން ލިބެނީ 44 ޕޮއިންޓެވެ. މެޗުން ބަލިވި ބްރައިޓަން ތާވަލުގެ 13 ވަނައިގައި އޮތީ 23 މެޗުން 26 ޕޮއިންޓާއެކުގައެވެ.