މިއަހަރުގެ އޭޝިއަން ކަޕްގައި ނުކުތް އެންމެ ހައިރާން ކުރުވަނި އެއް ނަތީޖާއާއެކު، ކުއާޓާ ފައިނަލްގައި ގަތަރުން ދެކުނު ކޮރެއާ ބަލިކޮށްފިއެވެ.

ރޭ ކުޅުނު ކުއާޓާގެ މެޗުގައި ގަތަރުން ކޮރެއާ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މިއަހަރު އޭޝިއަން ކަޕް ވެގެންދާނީ ގަތަރުން ސެމީއަށް ދަތުރުކުރި ފުރަތަމަ މުބާރާތަށެވެ.

މީގެ ތިން އަހަރުފަހުން ވޯލްޑް ކަޕް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ގަތަރަށް ރޭގެ މެޗުގައި ގޯލް ޖަހައިދިނީ އަބްޑެލަޒީޒް ހާތިމެވެ. އޭނާގެ ގޯލް ފެނިގެން ދިޔައީ 78 ވަނަ މިނެޓުގައެވެ.

ދެކުނު ކޮރެއާގެ ކެޕްޓަން ހިއުން މިއުން ސޮން ޓީމާ ގުޅުނީވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗަށެވެ. އޭނާއާއެކު ކުޅެމުންދިޔަ ޓީމު ބަލިވެގެން ދިޔުމުން، ސޮން ފެނުނީ ހިތްދަތިކޮށެވެ. އިނގެރޭސިލީގުގައި ސޮންއަކީ ޓޮޓެންހަމްއަށް މުހިއްމު ކުޅުންތެރިއަކަށްވާ އިރު، އޭނާއާ ނުލާ ކުޅުނު އެފްއޭ ކަޕް މެޗުގައި ޗެލްސީ އަތުންވެސް ޓޮޓެންހަމް ވަނީ ބަލިވެފައެވެ.

ޓޮޓެންހަމްގެ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ ކެޕްޓަން ހެރީ ކޭންއާއި މިޑްފީލްޑަރު ޑެލީ އަލީވެސް އަނިޔާގައި ހުރި އިރު، ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރު ބެން ޑޭވިސްވެސް ފޭބީ އަނިޔާވެގެންނެވެ.

އޭޝިއަން ކަޕްގެ ސެމީ ފައިނަލް މެޗުތައް އަންނަ ހަފްތާގެ ހޯމަ އަދި އަންގާރު ދުވަހުގެ ރޭ އޮންނަ އިރު، ސެމީ ފައިނަލަށް ދަތުރުކުރީ މުބާރާތް ބާއްވާ ގައުމު ޔޫއޭއީއާއި ގަތަރު އަދި ޖަޕާނާއި އިރާނެވެ. ހޯމަ ދުވަހުގެ ރޭ ޖަޕާނުން އިރާނާ ދެކޮޅަށް ނުކުންނަ އިރު، އަންގާރަ ދުވަހުގެ ރޭ ގަތަރުން ނުކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަބްޑެލަޒީޒް ހާތިމެވެ....... މަ ހީކުރީ ހޮނޑަފުއްޓަށް ވެލައެއްހެން އެރި ބޭފުޅާކަމަށް! ރީއްޗަށް ބުނެވޭނެދޯ ޢަބްދުލްޢަޒީޒޭ!