ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގެ ފަހު މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑަށް ވީއޭއާރްގެ އެހީގައި ރެފްރީ ދިން ޕެނެލްޓީ ރަނގަޅު ކަމަށް ޔޫއެފާއިން ބުނެފިއެވެ.

ޕީއެސްޖީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފަހު މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް، އެޓީމުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، ޕީއެސްޖީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އެ ޕެނެލްޓީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ހާއްސަކޮށް ޕީއެސްޖީގެ ތަރި ނޭމާ ވަނީ ރުޅިގަދަވެ، ރެފްރީންނަށް ހަޑިހުތުރު ބަހުންވެސް މުހާތަބު ކޮށްފައެވެ.

ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު ޑިއޯގޯ ޑަލޮޓް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ، އޭރިއާ ތެރޭގައި ހުރި ޕްރެންސެލް ކިމްޕެންބޭގައި އަތުގައި ޖެހުނު އިރު، އެ ބޯޅަ ކިމްޕެންބޭގެ އަތުގައި ޖެހުނީ ބްލޮކް ކުރަން އުޅެނިކޮށް، އޭނަ ފުރަގަސް ޖަހައިގެން ހުއްޓައެވެ. އޭނާ އަތް ގައިގައި ނުޖެހި ބޭރު އޮތް ނަމަވެސް، ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެއީ ގަސްދުގައި އަތުން ޖެއްސުން ނޫން ކަމަށާއި، އެ ބޯޅައަށް ޕެނެލްޓީއެއް ނުދެވޭނެ ކަމަށެވެ.

ޔޫއެފާއިން ބުނެފައި ވަނީ އެ ހަމަލާއަކީ ކިމްޕެންބޭގެ ގައިގެ ކައިރިން ފޮނުވާލި ހަމަލާއަކަށް ނުވުމުގެ އިތުރުން، އެ ބޯޅަ ގޮސް ކިމްޕެންބޭގެ އަތުގައި ޖެހުނު އިރު، އޭނާގެ އަތް އޮތީ ގަޔާ ދުރުގައި ކަމަށެވެ. އެހެންކަމުން އެ ހާލަތުގައި ބޯޅަ ކުރިއަށް ދިޔުމަށް ހުރަސް އެޅިއްޖެ ނަމަ، އެ ބޯޅައަށް ޕެނެލްޓީ ދެވިދާނެ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.

މެޗުގައި ރެފްރީކަން ކުރި ޑާމިރް ސްކޯމިއާ ޕެނެލްޓީ ދީފައި ވަނީ ވީއެއާރްވެސް ބެލުމަށްފަހުއެވެ. ޕެނެލްޓީ ދިނުމުގެ ކުރިން ގިނަ ވަގުތުތަކެއް ވަންދެން ރެފްރީ ވަނީ މަޑުވެސް ކޮށްފައެވެ.