މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ، އިޓަލީގެ ގަދަބާރު ޔުވެންޓަސްއަށް ދާން އުޅޭ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

ސިޓީން ރޭ ޕްރިމިއާ ލީގުގައި ކުޅުނު މެޗުން 3-1ގެ ނަތީޖާއަކުން ވަޓްފޯޑްގެ މައްޗަށް ކުރިހޯދި އިރު، އެޓީމު މިވަގުތު އޮތީ ލީގުގެ އެއްވަނައިގައެވެ. ލިވަޕޫލަށްވުރެ މެޗެއް އިތުރަށް ކުޅެގެން ސިޓީއަށް ހަތަރު ޕޮއިންޓްގެ ލީޑެއް އޮތް އިރު، ލިވަޕޫލުން މިރޭ ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ.

ސިޓީން ރޭ ކުޅުނު މެޗުގައި ރަހީމް ސްޓާލިން ހެޓްރިކް ހެދި އިރު، ވަޓްފޯޑުގެ ހަމައެކަނި ގޯލް ޖަހައިދިނީ ޖެރާޑް ޑެލެފޭއޫއެވެ.

މެޗުގެ ކުރިން، ބައެއް މީޑިއާތަކުން ބުނެފައި ވަނީ އަންނަ ސީޒަންގައި ގާޑިއޯލާ ފެންނާނީ އިޓަލީ ލީގުން ކަމަށެވެ. އެހެން ނަމަވެސް ގާޑިއޯލާ ވަނީ އެކަން ދޮގު ކޮށްފައެވެ.

"އަހަންނަކަށް ނޭނގެ މީހުން އެކަހަލަ ވާހަކަ ދައްކަނީ ކީއްވެގެން ކަމެއްވެސް. އެކަމަކު އަހަރެން ބުނަން ބޭނުން ވަނީ އަހަންނަކީ ކުރިއަށް އޮތް ދެ އަހަރު ސިޓީގެ ކޮންޓްރެކްޓްގައި ހުރި ކޯޗެއްކަން. ނޫޅެން ސިޓީ ދޫކޮށް ދާކަށް، ސިޓީން ފޮނުވާ ނުލަނީސް ނުދާނަން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނެފައި ވަނީ ހަމަ ޔަގީނުންވެސް ސިޓީ ކޮންޓްރެކްޓްގައި ހުރެ، އޭނާ އެހެން އެއްވެސް ކްލަބަކަށް ނުދާނެ ކަމަށާއި، ދާނަމަ ދާނީ ސިޓީން ފޮނުވާލުމުން ކަމަށެވެ.