މެންޗެސްޓާ ސިޓީއަށް މި ސީޒަންގައި، އެ ކްލަބުން ވާދަކުރާ ހަތަރު މުބާރާތުގެ ތަށިވެސް ނެގޭނެ ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިިނަލްގެ ފުރަތަމަ ލެގުގައި، މިރޭ ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ނުކުންނާނެއެވެ. ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި މިރޭގެ މެޗު އޮންނަ އިރު، މިއީ 1973 ވަނަ އަހަރަށްފަހު، ޔޫރަޕް މުބާރާތެއްގެ ކުއާޓާ ފައިނަލްގައި، އިނގިރޭސި ޓީމަކާ ދެކޮޅަށް ޓޮޓެންހަމް ނުކުންނަ ފުރަތަމަ ފަހަރެވެ.

ސިޓީންވެސް ކުއާޓާ ފައިނަލްގައި އިނގިރޭސި ޓީމަކާ ޖެހި، މިހާތަނަށް ސަލާމަތްވެފައެއް ނެތެވެ. މިރޭ ނުކުންނާނީ އެ ތާރީހު ބަދަލު ކުރުމަށެވެ.

"ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ކުޅުމަކީ ޝަރަފެއްގެ އިތުރުން ރަނގަޅު ބޯނަސްއެއް. ސިޓީން މިދިޔަ އަހަރުތަކުގައި ބިނާ ކުރަމުން އަންނަނީ ހުރިހާ މުބާރާތެއްވެސް ނެނގޭނެ ޓީމެއް. އެހެންވީމަ މިރޭގެ މެޗު ވަރަށް އުނދަގޫވާނެ. ސިޓީގެ ފެންވަރުން ހަތަރު މުބާރާތްވެސް ނެގިދާނެ. މިރޭގެ މެޗަކީ ހަޔާތުގެ އެންމެ މުހިއްމު މެޗު،" މިރޭގެ މެޗާ ގުޅިގެން ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ވަނީ ވަރަށް ބޮޑަށް ސިޓީގެ ކޯޗު ގާޑިއޯލާއަށް ތައުރީފް ކޮށްފައެވެ. ހާއްސަކޮށް ސިޓީގެ އެޓޭކިން ފުޓުބޯޅައަށް އޭނާ ވަރަށް ބޮޑަށް ތައުރީފް ކޮށްފައިވެއެވެ. އޭގެ އިތުރުން ޕޮޗެޓީނޯ ބުނެފައި ވަނީ ހުރިހާ މުބާރާތް ނެގޭނެ ފެންވަރުގައި މިހާރު އޮތް ޓީމަކީ ހަމައެކަނި ސިޓީ ކަަމަށެވެ.