ފޯވަޑް ސާޖިއޯ އަގުއޭރޯ ޖެހި ގޯލާއެކު ބާންލީ ބަލިކޮށް، މެންޗެސްޓާ ސިޓީން އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސިޓީން ރަށުން ބޭރުގައި ކުޅުނު މެޗުން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. ލީގުގައި ބާކީ ދެ މެޗު އެޓީމަށް އޮތް އިރު، މިރޭގެ މެޗުން ތިން ޕޮއިންޓް އޮތީ މަޖުބޫރުވެފައެވެ. ފުލުގައި ވިއްދާފައި އޮތް ލިވަޕޫލްއަށް 36 މެޗުން 91 ޕޮއިންޓް ލިބިފައިވާ އިރު، މިރޭގެ މެޗުން މޮޅުވުމާއެކު ސިޓީއަށް ވަނީ 36 މެޗުން 92 މެޗު ލިބިފައެވެ. ތަފާތަކީ ހަމަ އެންމެ ޕޮއިންޓެކެވެ.

ސިޓީއަށް މަޖުބޫރު މޮޅެއް ހޯދުމަށް ނުކުތް އިރު، ޓީމުގެ ކުޅުމުންވެސް އެކަން ފާހަގަވިއެވެ. މުޅި ޓީމުވެސް ޕްރެޝަރުގައި ކުޅެމުންދިޔަ އިރު، ފުރަތަމަ ހާފް ނިންމާލި އިރުވެސް ފެނުނީ މާޔޫސީ މަންޒަރެކެވެ. އެތަކެއް ހަމަލާތަކެއް އުފައްދާވެސް ގޯލެއް ނުޖެހުމުން ސިޓީން ދެވަނަ ހާފަށް ކުރަން ޖެހުނު މަސައްކަތް ބޮޑުވިއެވެ. ފުރަތަމަ ހާފްގައިވެސް ބޯޅަ ގެންގުޅެ، ހަމަލާތައް އުފައްދަން ސިޓީން މަސައްކަތް ކުރި ނަމަވެސް، އެޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފް ސިޓީން ފެށީ އެއަށްވުރެވެސް ވަރުގަދަ ކޮށެވެ. ފުރަތަމަ ކޮޅުގައިވެސް ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދިއެވެ. އަގުއޭރޯ، ލަޕޯޓް އަދި ބާނާޑޯ ސިލްވާގެ ހަމަލާތައްވެސް ބާންލީ ގޯލްކީޕަރު ހުށިޔާރު ކަމާއެކު ދިފާއުކުރި އިރު، ސިޓީއަށް ބާންލީ ގޯލް ފޫއަޅުވާ ލެވުނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. އަގުއެރޯގެ ހަމަލާ ބާންލީ ގޯލްގެ ރޮނގު މަތީގައި ހުރި ޑިފެންޑަރު މެއިން ޖައްސާލުމަށްފަހު ފައިން ސާފު ކޮށްލި ނަމަވެސް، ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގައި ރެފްރީ ވަނީ ބޯޅަ ގޯލަށް ވަން ކަމަށް ނިންމާފައެވެ.

އޭގެ އިރުކޮޅެއް ފަހުން ގެބްރިއަލް ޖީސަސްގެ ހަމަލާއެއްވެސް ގޯލަށް ނުވަނީ ކިރިޔާއެވެ. ގޯލްކީޕަރުވެސް ނައްޓާލުމަށްފަހު ޖީސަސް ފޮނުވާލި ހަމަލާ ސާފުކޮށްލީ ބާންލީގެ ޑިފެންޑަރު ބެން މީއެވެ.